އިސްރާއީލު ސިފައިން ފަލަސްޠީނު މީހުންނަށް ކުރަމުންގެންދާ ޖެއްސުންކުރުމުގެ ޢަމަލުތައް ހުއްޓައިނުލައި ކުރިއަށް ގެންދިއުމުގެ ތެރޭގައި ޚަލީލު ސަހަރަށް އަރައި އެ ސަހަރުގެ އެންމެ ބޮޑު މިސްކިތް، އިބްރާހީމީ މިސްކިތް މިއަދު ބަންދުކޮށްފިއެވެ.
އިސްރާއީލު ސިފައިން މި ދިޔަ ހުކުރު އަޤްޞާ މިސްކިތުގެ ޙުރްމަތްކަނޑައި އެތައް ބަޔަކު ޒަޚަމުކޮށް އެތައް ބަޔަކު ހައްޔަރުކުރުމަށް ފަހު ފަލަސްޠީނު މީހުން އިސްރާއީލާ ދެކޮޅަށް ތެދުވުމުން މި ޙަރަންފުޅުން ވަނީ ފައިބައިފައެވެ.
ރަމަޟަން މަހަށް ހަނދުބެލުމާއެކު އިސްރާއީލު ސިފައިންނާއި ޔަހޫދީ ވަޒަންވެރީން ފަލަސްޠީނު މީހުންނަށް ދަނީ ޢުދްވާނީ ޙަމަލާތައް ދެމުންނެވެ. ޖެއްސުންކުރުމުގެ ޢަމަލުތައް ދަނީ ހިންގަމުންނެވެ. އިސްރާއީލު ސިފައިންގެ ޙިމާޔަތާއި ރައްކައުތެރިކަން ލިބިގެން އުޅޭ ޔަހޫދީ ވަޒަންވެރިން މިދިޔަ ހުކުރުވިލޭރޭ ފަތިސްނަމާދު ވަގުތުގައި އަޤްޞާ މިސްކިތުގެ ގޯތިތެރެއަށް ވަދެ 40 މީހުން ޒަޚަމުކޮށްލައި 400 އެއްހާ މީހުން ހައްޔަރުކުރިއެވެ. އޭގެ ކުރިން އިސްރާއީލު ސިފައިން ވަނީ ޖަނީނު ފޭލިގެއަވަށަށް އަރައި ފަލަސްޠީނުގެ ތިން މީހަކު ޝަހީދުކޮށްލައި އެތައް ބަޔަކު ހައްޔަރުކޮށްފައެވެ. އިސްރާއީލުގެ މި ޢަމަލުތައް މުސްލިމުންދަނީ ކުށްވެރި ކުރަމުންނެވެ.
ޔަހޫދީންނަށް މަނައެއްނޫން
އިބްރާހީމީ މިސްކިތަށް މުސްލިމުންނަށް ނުވަދެވޭ ގޮތަށް ބަންދު ކުރިނަމަވެސް އެ މިސްކިތަށް ޔަހޫދީންނަށް ވަނުން މަނައެއް ނުކުރެއެވެ. މި މިސްކިތުގެ ޑިރެކްޓަރު ޣައްސާނުލް ރަޖަބީ ވިދާޅުވާ ގޮތުގައި މިއަދާއި މާދަން މުސްލިމުންނަށް މި މިސްކިތަށް ނުވަދެވޭނެ ކަމަށް އިސްރާއީލު ސިފައިން އެންގިއެވެ. އެއީ ޔަހޫދީންގެ ފަޞްޙު ޢީދު ފާހަގަކުރުމަށް ޓަކައި ޔަހޫދީންނަށް މިސްކިތް ހުސްކޮށްދޭންވެގެން ކަމަށް އިސްރާއީލު ސިފައިން ބުންޏެވެ. ރަޖަބީ ވިދާޅުވި ގޮތުގައި ޔަހޫދީންގެ މި ޢީދުގެ އިޙްތިފާލުތައް ބޭއްވުމަށް ޓަކައި މި މިސްކިތުގެ ހުރިހާ ބައިތަކެއް ޔަހޫދީންނަށް ހުޅުވައިލަދެވޭނެއެވެ.
އިބްރާހީމީ މިސްކިތަކީ އަދި މި މިސްކިތުގެ ވަށައިގެން އޮތް ބިމަކީ މުސްލިމުންގެ ވަޤްފު ބިމެކެވެ. ރަޖަބީ މި ކަން ކުށްވެރިކުރައްވައި ވިދާޅުވިއެވެ. "ޔަހޫދީން މުސްލިމުންގެ މުޤައްދަސް ތަންތަނުގެ ޙުރްމަތް ކަނޑަމުން މިދަނީ ފާޅުގައި ޖެއްސުންކުރުމުގެ ޢަމަލުތަކާއެކުގައެވެ."
ޔަހޫދީންގެ ފަޞްޙު ޢީދު ފެށުނީ މިދިޔަ ހުކުރު ދުވަހުއެވެ. މި ކުޅިގަނޑު ނިމޭނީ މި އަންނަ ބުރާސްފަތި ދުވަހުއެވެ.
އިބްރާހީމުގެފާނު ފަސްދާނުލެވިފައިވާތަން ކަމަށް ބުނެވޭ އިބްރާހީމީ މިސްކިތް 1994ގައި ވަނީ ދެ ބައިކޮށްފައެވެ. އެއްބައި މުސްލިމުންނަށެވެ. އަނެއްބައި ޔަހޫދީންނަށެވެ. މިގޮތަށް އިސްރާއީލުން ހަމަޖެއްސީ އެ އަހަރުގެ ފެބްރުވަރީގައި ޙައްދުފަހަނަޅައިވާ ޔަހޫދީއަކު މި މިސްކިތަށް ވަދެ ނަމާދު ކުރަން ތިބި މުސްލިމުންގެ ތެރެއިން 29 މުސްލިމަކު މަރައިލި ޙާދިސާއާ ވިދިގެންނެވެ. އިސްރާއީލުން ވަނީ ޔަހޫދީންގެ ޢީދުތަކުގައި އިބްރާހީމީ މިސްކިތުގެ ހުރިހާ ބައިތަކަށް ޔަހޫދީންނަށް ވަދެވޭނެ ކަމަށް އިޢުލާންކޮށްފައެވެ. އެހެނަސް މުސްލިމުންނަށް ޔަހޫދީންގެ ބަޔަކަށް ނުވަދެވޭނެއެވެ.
އިބްރާހީމީ މިސްކިތް ހުންނަނީ ޚަލީލު ސަހަރުގެ ޤަދީމީ ބައިގައެވެ. އިސްރާއީލުން މި ބައި ވަނީ އިސްރާއީލުގެ ބާރުގެ ދަށުގައި އޮންނަ ތަނަކަށް ހަދައިފައެވެ. މި ބައިގައި އިސްރާއީލުން ވަނީ 400 ޔަހޫދީން ވަޒަންވެރި ކުރުވައިފައެވެ. މި މީހުންނަށް ރައްކައުތެރިކަން ދިނުމަށް ޓަކައި އިސްރާއީލުގެ 1،500 ސިފައިން ތިބެއެވެ.



advertisment