Support Us

ޝަރްމުއްޝައިޚާއި ތައްލު އަބީބާ ދެމެދުގައި ވައިގެ ދަތުރުތައް ފަށައިފި

އިސްރާއީލުގެ އެއަރލައިން އަލްޢާލް އިން މިއަދު މިޞްރުގެ ރެސޯޓު ރަށެއް ކަމުގައިވާ ޝަރްމުއްޝައިޚަށް ވައިގެ ސީދާ ދަތުރުތައް މިއަދު ފަށައިފިއެވެ.

މި ކުންފުނިން ބުނިގޮތުގައި އެ އެއަރލައިންގެ ފްލައިޓް ނަންބަރު 5193 މިއަދު ހެނދުނު 7:00 (މާލޭ ގަޑިން 12:00) ގައި ބެންގޯރިއަން ވައިގެ ބަނދަރުން މިޞްރުގެ ޝަރްމުއްޝައިޚު ރިސޯޓަށް ކުރި ދަތުރަކީ ސީދާ ވައިގެ ދަތުރުތައް ފެށުމަށް ބޭއްވުނު ރަސްމީ ފްލައިޓެވެ. މި ދަތުރު ރަސްމީކޮށް ފެށުމަށް ޓަކައި ޚާއްޞަ ރަސްމިއްޔާތެއް ވެސް އިސްރާއީލުން ބޭއްވިއެވެ.

އިސްރާއީލުގެ ރަސްމީ ޓީވީ ޗެނެލް ކާން ބުނާގޮތުގައި އިސްރާއީލުގެ އަރްކިޔާޢު އެއަރލައިނުންނާއި ޔިސްރާއީރު އެއަރލައިނުން ވެސް ޝަރްމުއްޝައިޚަށް ދަތުރުތައް މިއަދު ފަށާނެއެވެ. އިސްރާއީލުގެ އެއަރލައިންތަކުން ދަތުރުތައް ފެށިގޮތަށް މިޞްރުގެ އެއަރލައިނުން ވެސް ހަމަ އެ މަގުގައި ދަތުރުތައް ފަށާނެއެވެ. ތައްލު އަބީބުން ޝަރްމުއްޝައިޚަށް ކުރާ ދަތުރުގެ ދިގުމިނަކީ އެއް ގަޑިއިރެވެ. މި ވަގުތު އެއްބަސްވެފައިވާ ގޮތުގައި ހަފުތާއަކު ނުވަ ދަތުރު ބޭއްވޭނެއެވެ. ސަރުކާރުން މި ގުޅުން ޤާއިމު ކުރިއަސް ޢާންމު ރައްޔިތުން މިކަމަށް ތަރްޙީބެއް ނުދެއެވެ.

ވައިގެ ދަތުރުތައް ފެށުމަށް މިޞްރާއި އިސްރާއިލު އެއްބަސްވީ މި ހުސްވި މާރިޗު މަހުގައެވެ. މި ކަމަށް މިޞްރާއި އިސްރާއީލު އެއްބަސްވީ އިސްރާއީލުގެ ބޮޑުވަޒީރު ބެނެޓް މިޞްރަށް ކުރެއްވި ރަސްމީ ދެ ޒިޔާރަތެއްގެ ތެރޭގައެވެ.

ޤާހިރާއާއި ތައްލު އަބީބާ ދެމެދުގައި ވެސް ވައިގެ ދަތުރުތައް ބޭއްވެއެވެ. އެހެނަސް މި ދަތުރުތައް ކުރަނީ މިކަމަށް ޓަކައި އުފެއްދުނު ސީނާ އެއަރލައިން މެދުވެރިކޮށެވެ. މި ކުންފުނިން މި ދަތުރުތައް އިސްރާއީލަށް ކުރާނީ މިޞްރުގެ ޤައުމީ ދިދަ ނުޖަހާ ބޯޓުތަކެއްގައެވެ.

ޢަރަބި 22 ޤައުމުގެ ތެރެއިން އިސްރާއީލާއެކު ގުޅުންތައް ޠަބީޢީކޮށްފައި ވަނީ ހަމައެކަނި ހަ ޤައުމަކުންނެވެ. އެއީ މިޞްރާއި އުރްދުނާއި އިމާރާތާއި ބަޙްރައިނާއި ސޫދާނާއި މަޣްރިބެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *