ފަލަސްޠީނުގެ ބިންތަކުގައި ވަޒަންވެރިކުރުވައިފައިވާ ޔަހޫދީން އަޤްޞާ މިސްކިތުގައި ޤުރްބާނީތައް ކަތިލުމަށް ރާވަމުންދާ ދިޔުމަކީ ރަތް ރޮނގު ހުރަސްކުރުން ކަމަށް ފަލަސްޠީނުގެ ފިދާއީ ޖަމާޢަތްތަކުން ބުނެފިއެވެ. ޖަޒީރާއާ ވާހަކަދައްކަމުން މި ޖަމާޢަތްތަކުގެ ތަރްޖަމާނަކު ބުނިގޮތުގައި ވަޒަންވެރިވެގަނެގެން އުޅޭ ޔަހޫދީންގެ މި ޢަމަލަކީ "އަލިފާނާ ކުޅުން" ފަދަ ކަމެކެވެ. އޭނާ ބުނިގޮތުގައި މިއީ މުސްލިމުންނާއި ޢަރަބީންގެ "އިޙްސާސްތަކަށް ގަނާކުރުން" ފަދަ ކަމެކެވެ. އޭނާ ހާމަކުރި ގޮތުގައި މިފަދަ ކަމެއް ކޮށްފިނަމަ އިސްރާއީލަށް ކަޅު ދުވަސްތަކަކާ ކުރިމަތިލާން ޖެހޭނެއެވެ.
ވަޒަންވެރި ކުރުވައިފައިވާ ޔަހޫދީންގެ ޖަމާޢަތެއް ކަމުގައިވާ "ހައިކަލް ޖަމާޢަތްތައް" ރާވައިފައި ވަނީ މި ޤުރްބާނީތައް ކަތިލުމަށްފަހު މި ޤުރްބާނީތަކުގެ އަޅިތައް އަލްއަޤްޞާގެ ޤުއްބަތުއް ޞަޚްރާގެ ތެރޭގައި ފެތުރުމަށް ޓަކައި އަޤްޞާ މިސްކިތުގެ ބުރާޤު މައިދާނުގެ ދެކުނުގައި ޖަހާ ދެ ފޭލިގެއަކަށް މި އަޅިތައް ޖަމާކުރުމަށެވެ.
ހައިކަލް ޖަމާޢަތްތައް ބުނާގޮތުގައި ޤުރްބާނީ ކަތިލުމަށް ޓަކައި ގެނެވޭ ބަކަރިތަކާއި ކަންބަޅިތައް އިއްޔެ ގެނެވިއްޖެއެވެ. ޔަހޫދީންގެ ފަޞްޙު ޢީދުގައި ކަތިލަން ގެނެވޭ ޤުރްބާނީތައް ގެނެސް އެންދުމުގެ މަސައްކަތް ވަނީ އިއްޔެ ފެށިފައެވެ. އިއްޔެ ފެށުނު މި ޢީދުގެ އެންމެ ބޮޑު ދުވަހަކީ މި އަންނަ ހުކުރު ދުވަހެވެ.
ޔަހޫދީ ހައިކަލް ޖަމާޢަތްތަކުން އަޤްޞާގައި ނަމާދު ކުރާ މީހުންނަށާއި އަޤްޞާގެ ރަށްވެހީންނަށް ޖެއްސުންކުރުމާއި ފުރައްސާރަކުރުމުގެ ޢަމަލުތައް ނުހިންގާ ދުވަހެއް ނުދެއެވެ
ޖަނީނަށް ވަފާތެރިވުމުގެ ހުކުރު
އަނެއްކޮޅުން ބަލާއިރު ޣައްޒާގެ އިސްލާމީ އަދި ޤައުމީ ބާރުތަކުން މި އަންނަ ހުކުރު ދުވަސް ޖަނީނަށް ވަފާތެރިވުމުގެ ދުވަހެއްގެ ގޮތުގައި ފާހަގަ ކުރުމަށް މިހާރު ވަނީ ނިންމައިފައެވެ. މިއީ މި ސަހަރަށް އިސްރާއީލުން ދެމުންގެންދާ ޢުދްވާނީ ޙަމަލާތަކާއި އެ ސަހަރާ ދެކޮޅަށް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ކުށްވެރި ކުރުމަށް ޓަކައި ފާހަގަ ކުރާ ދުވަހެކެވެ.
މި ބާރުތަކުން ނެރުނު ބަޔާނުގައި ޖަނީނުގެ ރައްޔިތުންނަށް ތާއީދުކޮށް ވާގިވެރިވުމަށް ޓަކައި ފަލަސްޠީނުގެ ހުރިހާ ރައްޔިތުން ތެދުވެ އެކަތިގަނޑަކަށް ވުމަށް ގޮވާލައިފާ ވެއެވެ. މި ބަޔާން ބުނާގޮތުގައި އިސްރާއީލުން ދެމުންގެންދާ ޢުދްވާނީ ޙަމަލާތަކާއި ޖެއްސުންކުރުންތަކުގެ ކުރިމަތީގައި ފަލަސްޠީނު ރައްޔިތުން ދެއަތް އުރާލައިގެން ތިބެގެން ނުވާނެއެވެ.
ޖަނީނަށް އިސްރާއީލުން އަރައިފާނެކަމުގެ ބިރު އިތުރުވެއްޖެ
ފަލަސްޠީނުން ބުނާގޮތުގައި މީގެ 20 އަހަރު ކުރިން އިސްރާއީލުން ޖަނީނަށް އަރައި ދިން ޢުދްވާނީ ޙަމަލާއާ އެއްފަދަ ޙަމަލާއެއް ދީފާނެކަމުގެ ބިރު ވަނީ ބޮޑުވެފައެވެ. ފަލަސްޠީނުގެ މީޑިއާ މަރްކަޒު ބުނާގޮތުގައި ހުޅަނގު އއްސޭރީގެ ޖަނީން ފޭލިގެ އަވަށުގެ މިސްކިތްތައް މިހާރު ވަނީ ޢާންމެ ތައްޔާރީ ޙާލަތަކަށް ގެނެސްފައެވެ. އެއީ އިސްރާއީލު ސިފައިން މި އަވަށަށް އަރައިފާނެތީއެވެ. އިސްރާއީލުގެ ވެރިރަށް ތައްލުއަބީބަށް ފަލަސްޠީނުގެ ފިދާއީއެއް ކަމުގައިވާ ރަޢުދު ޙާޒިމުއަރައި ޙަމަލާއެއް ދިނުމާ ވިދިގެން އިސްރާއީލުން އޭނާގެ ބައްޕައަށް ވަނީ އަމާންދީ ހައްޔަރުވުމަށް އަންނަން އަންގައިފައެވެ. އިސްރާއިލުން ޝަހީދު ރަޢުދުގެ ބައްޕައަށް ދީފައިވާ ދެ ގަޑިއިރުގެ މުހްލަތު ވަނީ ރޭ ހަމަވެފައެވެ. މި ޙަމަލާއާ ވިދިގެން އިސްރާއީލު ސިފައިން ދަނީ ހުޅަނގު އައްސޭރީގެ ބައެއް ރަށްތަކަށް އަރައި ޢުދްވާނީ ޙަމަލާތައް ދެމުންނެވެ. ޚަލީލު ސަހަރާއި ބައިތު ލަޙްމުގެ ޙައުސާން ނަމަކަށް ކިޔާ ރަށަށް އިސްރާއީލު ސިފައިން އަރައި ފަލަސްޠީނުގެ ހަތަރު މީހަކު ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެތެރޭގައި ދެ އަންހެނަކު ވެސް ހިމެނެއެވެ.
އިސްރާއީލު ސިފައިން ޝަހީދުކޮށްލި އެކަކު ޝަހީދުކޮށްލައިފާ ވަނީ ޚިޟްރު ނަމަކަށް ކިޔާ ރަށުގައެވެ. އެއީ އޭނާ އިސްރާއީލު ސިފައިންނާ ދިމާއަށް އަލިފާން ބޮމެއް އެއްލައިގެންނެވެ.
އިސްރާއީލުން ޝަހީދުކޮށްލި ފަލަސްޠީނުގެ ދެވަނަ މީހާ ޝަހީދުކޮށްލައިފައި ވަނީ ޖަނީނުގައެވެ. އޭނާ ޝަހީދުކޮށްލީ އިސްރާއީލަށް ޙަމަލާދިން ރަޢުދު ޙާޒިމުގެ ޢައިލާއަށް އެހީވެދީފައޭ ކިޔައިފައެވެ.



advertisment