ޔުކްރޭނަށްފަހު އެހެން ޤައުމުތަކަކަށް ވެސް ޙަމަލާދިނުމަށް ރަޝިޔާއިން ރާވައިފައިވާ ކަމަށް ޔުކްރޭނުގެ ރައީސް ޒިލެންސްކީ ތުހްމަތު ކުރައްވައިފިއެވެ. ދެކުނު ކޮރެއާގެ ބަރްލަމާނުގައި ދާދިވަރުކޮށް ވީޑިއޯ މެދުވެރިކޮށް ވާހަކަފުޅު ދައްކަވަމުން ޒިލެންސްކީ ވިދާޅުވި ގޮތުގައި ރަޝިޔާއިން ރާވައިފައިވާ ގޮތުގައި ޔުކްރޭން ފުޑުފުޑުކޮށްލުމަށްފަހު އަވަށްޓެރި ޤައުމުތަކަށް ވެސް ޙަމަލާދޭނެއެވެ.
ދެކުނު ކޮރެއާގެ ޤާނޫނުއަސާސީއަށް އިޞްލާޙު ގެނެސް ޔުކްރޭނަށް ބޭނުންވާ ހަތިޔާރު ތަނަވަސްކޮށް ދިނުމަށް ޒިލެންސްކީ ދެކުނު ކޮރެއާއަށް ގޮވައިލެއްވިއެވެ.
ރައީސް ޒިލެންސްކީ ތުހްމަތު ކުރެއްވިގޮތުގައި ރަޝިޔާއިން މަދަނީންނަށް ވެސް ދަނީ ޙަމަލާތައް ދެމުންނެވެ. މި ކަމުގެ ސަބަބުން ތަޢުލީމުދޭ 900 މުއައްސަސާއަކާއި 300އަށްވުރެ ގިނަ ބޭސް ގުދަންތައް ހަލާކުވެގެން ނެތިގެން ގޮސްފައިވާ ކަމަށް ޒިލެންސްކީ ވިދާޅުވިއެވެ.
އެމެރިކާގެ އަތްގަދަކުރުން މަނާކުރުން
އަނެއްކޮޅުން ރޫސީ ޚާރިޖީ ވަޒީރު ސަރގީ ލެވްރޯފް ވިދާޅުވާ ގޮތުގައި ރަޝިޔާއިން ޔުކްރޭނަށް ދެމުންގެންދާ ޢަސްކަރީ ޚާއްޞަ ޙަމަލާތަކުގެ އަމާޒަކީ އެމެރިކާއާއި ހުޅަނގުގެ ޤައުމުތަކުން ދުނިޔެ ކޮންޓްރޯލް ކުރުމަށް ރާވައިފައިވާ ރޭވުންތައް ނިމުމަކަށް ގެނައުމެވެ. އޭނާ ވިދާޅުވިގޮތުގައި މި ޤައުމުތަކުގެ ބޭނުމަކީ ދުނިޔެ އަލުން އިސްތިޢުމާރުކޮށް ބައިނަލްއަޤްވާމީ މަންސަތަކާއި މުންތަދާތައް އެ ޤައުމުތަކުގެ އަޅުވެތިކަމުގެ ދަށުގައި ބޭއްވުމެވެ.ލެވްރޯފް ރޫސީ ޓީވީއަށް ދެއްވި ބަޔާނެއް ބުނާގޮތުގައި ޞުލްޙައާ ބެހޭ ވާހަކަދެއްކުމުގެ މިއަންނަ ބުރުގެ ކުރީން ރަޝިޔާގެ ޢަސްކަރީ ޙަމަލާތައް ހުއްޓުމަކަށް ނާންނާނެއެވެ. އެހެނަސް އޭނާ ވިދާޅުވިގޮތުގައި ޞުލްޙައާ ބެހޭ ވާހަކަދެއްކުންތައް ބޭއްވުމަށް ހުރަސްއަޅައި ކަމެއް ނެތެވެ.
ރޫސީ ޚާރިޖީ ވަޒީރު ލެވްރޯފް ހާމަކުރެއްވި ގޮތުގައި ޞުލްޙައާ ބެހޭ ވާހަކަދެއްކުންތަކުގެ ފުރަތަމަ ބުރު ފެބްރުވަރީގައި ކުރިއަށް ދިޔައިރު ރައީސް ޕޫޓިން ވަނީ ޙަމަލާތައް ވަގުތީގޮތުން ހުއްޓައިލަން އަމުރު ކުރައްވައިފައެވެ.އެހެނަސް ޔުކްރޭނުން ޞުލްޙަ ބޭނުންނުވާ ކަން ކަށަވަރުވުމުން ރަޝިޔާއިން ވަނީ އަލުން ޙަމަލާތައް ފަށައިފައެވެ. އޭނާ ވިދާޅުވިގޮތުގައި ޔުކްރޭނުގެ މަޤްޞަދަކަށް ވެފައި ވަނީ ހުޅަނގުން ހަތިޔާރު އެތެރެ ކުރުމަށް ޓަކައި ވަގުތު ހޯދުމެވެ.
ހޯމަ ދުވަހު ދުރަށްދެއްކި ލެވްރޯފްގެ މި ބަސްދީގަތުން ބުނާގޮތުގައި ޔޫރަޕްގެ އިއްތިޙާދުގެ ޚާރިޖީ ސިޔާސަތާއި އަމްނާބެހޭ މަސްއޫލުވެރިޔާ ޖޯޒިޕް ބޮރެލް ކިޔޭފަށް ހަތިޔާރު ތަނަވަސްކޮށްދިނުމަށް ޓަކައި މި އިއްތިޙާދު އެކަތިގަނޑަކަށް ވުމަށް ގޮވައިލެއްވި ގޮވައިލެއްވުމަކީ "ވަރަށް ނުރައްކާތެރި ގޯޅިއެޅުމެކެވެ."
ރޫސީވިލާތުގެ މި މަސްއޫލުވެރިއާ ހާމަކުރެއްވި ގޮތުގައި ޔުކްރޭނާއެކު ބޭއްވެމުންދާ ޞުލްޙައިގެ ވާހަކަދެއްކުންތައް އެމީހުން އެދޭހައި ބާރަކަށް ކުރިއަކަށް ނުދާނެއެވެ. ރޫސީ ސިފައިން އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ޔުކްރޭނުގައި ހިންގަމުންދާ ކަމަށް ބުނެ ހުޅަނގުން ފަތުރަމުންދާ ޕްރޮޕެގެންޑާތަކަކީ މި ވާހަކަދެއްކުންތައް ކުރިއަށް ގެންދިޔހުމަށް އެޅިފައިވާ ހުރަސްތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އިރުމަތީ ސަރަޙައްދުގައި ހަނގުރާމަ
ހަނގުރާމައާ ބެހޭގޮތުން ޔުކްރޭން ބުނާގޮތުގައި ރަޝިޔާއިން މިހާރު ތައްޔާރުވަމުންދަނީ ޔުކްރޭންގެ އިރުމަތީ ސަރަޙައްދު ހިފުމަށެވެ. މިހެންވެ އެ ހިސާބުތަކުން ޢާންމުން ބޭލުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައެވެ.
ލޮގަންސްކް ސަރަޙައްދުގެ ޢަސްކަރީ އިދާރާގެ ވެރިޔާ ސަރގީ ގަޔިޑޭ ވިދާޅުވާ ގޮތުގައި ރޫސީ ސިފައިންގެ އަމާޒަކީ މުޅި ޑޮންބާސް ސަރަޙައްދު އެކަށް ހިފުމެވެ. ރޫސީ ސިފައިން މި ކަމަށް ޓަކައި ސިފައިންނާއި ހަތިޔާރު އެ ސަރަޙައްދަށް ޖަމާކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޔުކްރޭންގެ ރައީސްގެ މުޝީރެއް ކަމުގައިވާ އެލެކްސީ އެރިސްޓޯވިޗް ވިދާޅުވާގޮތުގައި ޔުކްރޭންގެ އުތުރު މިހާރު އޮތީ ޔުކްރޭން ސިފައިންގެ ބާރުގެ ދަށުގައެވެ.
ރަޝިޔާގެ ދިފާޢީ ވުޒާރާ ބުނާގޮތުގައި ރޫސީ ސިފައިން މިހާރު ވަނީ ޔުކްރޭންގެ ކޮމިންކާ ސަރަޙައްދު ހިފައިފައެވެ. މިއީ ރަޝިޔާ ބުނާގޮތުގައި ޔުކްރޭންގެ އިޒިޔޮމް ސަރަޙައްދުގައި ޔުކްރޭން ސިފައިންގެ ދިފާޢީ ރޮނގެވެ. އިޒިޔޮމް ސަރަޙައްދުގެ ޓޮޕްލޮސްކީ ރަށުގައި ހިނގަމުންދާ ހަނގުރާމައިގެ ފޮޓޯތައް އިއްޔެ ރަޝިޔާ ޓީވީން ދުރަށް ދެއްކިއެވެ. ރޫސީ ދިފާޢީ ވުޒާރާގެ ތަރްޖަމާނު ވިދާޅުވިގޮތުގައި އެސް 300 މަރުކާގެ ދިފާޢީ ނިޒާމުގެ ހަތަރު ބޭހަކާއި ޔުކްރޭންގެ ޢަސްކަރީ 78 މަރްކަޒެއް ހަލާކުކޮށްލެވުނެވެ. އޭނާ ވިދާޅުވިގޮތުގައި ސޯމީ ސަރަޙައްދުގައި ޔުކްރޭން ސިފައިން އިނގިރޭސިވިލާތުގެ ޚާޢްޞަ ބާރުތަކާއެކު ތައްޔާރުވަމުންދަނީ ރޫސީ ސިފައިންނަށް ޖެއްސުންކުރުމުގެ ކަންތައްގަނޑެއް ހިންގުމަށެވެ. އޭގެތެރޭގައި ޔުކްރޭން ސިފައިންގެ ޙަމަލާތަކުން މަރުވާ އެ ޤައުމުގެ މީހުންނަކީ ރަޝިޔާ ސިފައިން މަރަމުންދާ ބައެއްކަން ދެއްކުން ވެއެވެ.



advertisment