ފަރަންސޭސި ވިލާތުގެ ރިޔާސި ރޭހުގެ ފުރަތަމަ ބުރުގައި ރައީސް މެކަރޯނާއި ކަނާތު ފިޔައިގެ ހައްދުފަހަނަޅައިފައިވާ ޕާޓީގެ ޒަޢީމާ މެރީން ލޮޕޭން ކާމިޔާބު ހޯއްދަވައި ދެވަނަ ބުރަށް ވަޑައިގެންފިއެވެ.
ރިޔާސީ ފުރަތަމަ ބުރުގައި މެކަރޯނަށް ލިބިވަޑައިގަތީ ވޯޓުލީ މީހުންގެ 28.5 % ވޯޓެވެ. ލޮޕޭނަށް 23.6 % ވޯޓު ލިބިވަޑައިގެންފައި ވެއެވެ. ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ބޭއްވޭނީ މި މަހުގެ 24ވަނަ ދުވަހުއެވެ.
އިއްޔެ ބޭއްވުނު ރިޔާސީ ރޭހުގެ ފުރަތަމަ ބުރުގައި ތިންވަނަ ހޯއްދަވައިފައި ވަނީ ވާތުފިޔައިގެ ޒަޢީމު ޖޭން ލުކް މެލަންޝަން އެވެ. އޭނާއަށް 21.1 % ވޯޓު ލިބިވަޑައިގެންފައި ވެއެވެ.
ރިޔާސީ އިންތިޚާބުގެ ޙަމަލާގައި މި ފަހަރު އެންމެ އިސްކަންދެވިފައި ވަނީ ޔުކްރޭން ހަނގުރާމައަށާއި ސަރަޙައްދީ މަސްއަލަތަކަށެވެ. މި އިންތިޚާބުގައި 12 ބޭފުޅަކު ވާދަކުރެއްވިއެވެ.
ފަރަންސޭސިވިލާތުގެ ދާޚިލީ ވުޒާރާ ބުނާގޮތުގައި މި އިންތިޚާބުގައި ވޯޓުލައިފައި ވަނީ ވޯޓު ލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ އެންމެ 65 % އެވެ. ދެހާސް ސަތާރަ ވަނަ އަހަރުގެ އިންތިޚާބާ އަޅައިބަލާއިރު ވޯޓުލީ މީހުންގެ ޢަދަދުން 4.4 % ވަނީ މަދުވެފައެވެ.
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ނާކާމިޔާބު ލިބިވަޑައިގަތުމާ ވިދިގެން މި އިންތިޚާބުގައި ވާދަކުރެއްވި ކަނާތު ފިޔައިގެ ޖުމްހޫރީ ޕާޓީއާއި ފެހި ޕާޓީއާއި ކޮމްޔުނިސްޓް ޕާޓީއާއި އިޝްތިރާކީ ޕާޓީގެ ޒަޢީމުން މިހާރުގެ ރައީސް މެކަރޯނަށް ވޯޓު ދެއްވުމަށް އެ ޕާޓީތަކުގެ މީހުންނަށް ގޮވައިލެއްވިއެވެ. ޖުމްހޫރީ ޕާޓީގެ ޒަޢީމު ޖޭން ލުކް މެލަންޝަން ވިދާޅުވިއެވެ. "ތިޔަބޭފުޅުން އެންމެ ވޯޓެއްވެސް ލޮޕޭނަށް ނުދެއްވާށެވެ!" ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން ބޭރަށް ވަޑައިގެންނެވި ހުރިހާ ކެންޑިޑޭޓުން ވެސް ޙައްދުފަހަނަޅައިފައިވާ ޕާޓީގެ ޒަޢީމާއަށް ވޯޓު ނުދިނުމަށް ގޮވައިލެއްވިއެވެ.



advertisment