އިތުބާރުނެތް ކަމުގެ ވޯޓު ނަގައި، ޕާކިސްތާނުގެ ބޮޑުވަޒީރުކަމުން އިމްރާން ޚާން ދުރުކޮށްފިއެވެ. މިއީ ޕާކިސްތާނުގެ ބޮޑުވަޒީރެއްގެ މައްޗަށް އިތުބާރުނެތް ކަމުގެ ވޯޓެއް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.
ރޭ ދަންވަރު ނެގި މި ވޯޓުގައި ބައިވެރިވި ޕާލަމަންޓުގެ 174 މެމްބަރުން ވެސް ވޯޓު ދިނީ އިމްރާން ޚާނާ ދެކޮޅަށެވެ.
ޕާކިސްތާނުގެ 22 ވަނަ ބޮޑުވަޒީރުގެ މަގާމާ 2018 ވަނަ އަހަރު ހަވާލުވެވަޑައިގެން އިމްރާން ޚާން، 69، ގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓު މި ނެގީ މިދިޔަ ހަފުތާގައި ނަގަން އުޅުނު ވޯޓު ނެގިޔަނުދީ ފަސްކޮށް، ފަހުން ޕާލިމަންޓުވެސް އުވާލައިފައި ވަނިކޮށް، އެއީ ގާނޫނު އަސާސީއާ ޚިލާފު ނިންމުމެއް ކަމަށް ކަނޑައަޅައި ވޯޓު ނަގަން ފުރުސަތު ދިނުމަށް ސުޕްރީމު ކޯޓުން އިއްޔެ ކަނޑައެޅުމުންނެވެ.
އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ ކުޑަ އިރުކޮޅެއް ކުރިން ޕާލަމްންޓުގެ ސްޕީކަރު އައްސަދު ގައިސަރު މަގާމުން އިސްތިއުފާ ދެއްވިއެވެ. ވޯޓު ނެގި ބައްދަލުވުން ކުރިއަށް ގެންދެވީ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފުގެ ޕާޓީގެ މެމްބަރު ސަރުދާރު އަޔާޒު ސާދިގު ރިޔާސަތުގައި އިންނަވައިގެންނެވެ.
#PakistanPoliticalCrisis | Imran Khan Loses Midnight No-Trust Vote, Removed As Pakistan PM https://t.co/KypJ0JhY6V pic.twitter.com/zQqmxf6XQX
— NDTV (@ndtv) April 9, 2022
އިނގިރޭސީންގެ އަތުން މިނިވަންވި ފަހުން ޕާކިސްތާނުގެ ބޮޑުވަޒީރު ކަމަށް މިހާތަނަށް ވަޑައިގެންނެވި 22 ބޮޑު ވަޒީރުންގެ ތެރެއިން އެއްވެސް ބޭފުޅަކަށް ފަސް އަހަރުގެ ދައުރެއް ފުރިހަމަކުރެއްވިފައެއް ނުވެއެވެ.




advertisment