Support Us

ރަޝިޔާ-ޔޫކްރޭނު ހަނގުރާމަ ނިމުމަކަށް އަންނަނީ؟!

ރޫސީން މިހާރު ޔޫކްރޭނުގައި ހިންގަމުންގެންދާ "އަސްކަރީ އޮޕަރޭޝަން" (ހަނގުރާމަ) ކައިރި މުސްތަގުބަލެއްގައި ނިމިދާނެ ކަމަށް މޮސްކޯ އުންމީދުކުރާ ކަމަށް އިއްޔެ ބުނެފިއެވެ. ކުރިއަށް އޮތް ދުވަސްތަކުގައި މި ކަންތައް ވާނެކަމަށް، ކްރެމްލިންގެ ތަރުޖަމާނު ޑްމިޓްރީ ޕެސްކޯވް "ސްކައި ނިއުސް"އަށް އިއްޔެ ދިން ބަސްދީގަތުމެއްގައި ބުންޏެވެ.

ޕެސްކޯވް އިތުރަށް ބުނެފައިވާ ގޮތުގައި "ރަޝިއާގެ ފައުޖުތަކުން އެ މީހުންގެ އަމާޒަށް ވާޞިލުވެގެން، ނުވަތަ މިހާރު ކުރެވެމުން އަންނަ މަޝްވަރާތަކުގައި ކްޔީވްއަށް އެއްބަސްވުމަކާ ހަމައަށް ވާޞިލުވެވިގެން ނަމަވެސް (ކޮންމެވެސް އެއް ގޮތަކުން) މިކަންތައް ނިމޭނެއެވެ."

ޕެސްކޯވް ބުނާ ގޮތުގައި "މިހާރު ހުށަހެޅިފައިވާ ޞުލްޙައިގެ އެއްބަސްވުން މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ ޔުކްރޭނުގެ މަގާމާއި ރޫސީންގެ ހުށަހެޅުންތަކަށް ޔުކްރޭނުން އެއްބަސްވާ ގޮތެއްގެ މައްޗަށެވެ." އޭނާ ޚާއްޞަ ގޮތެއްގައި ބާރުލައިފައިވަނީ ޑޮންބާސްގެ ދެ ޖުމްހޫރިއްޔާގައި މަދަނީންނާ ދެކޮޅަށް ހިންގޭ ޖަރީމާތަކަށް ޒިންމާވާންޖެހޭ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންނާންޖެހޭނެކަމުގެ މައްޗަށެވެ.

ކްޔީވްއާ ކައިރި އަވަށްތަކުގައި ރޫސީ ފައުޖުތަކުން މަދަނީން ކަތިލަމުންގެންދާކަމަށް ކްޔީވްއިން ކުރާ ތުހުމަތުތަކާ ބެހޭ ގޮތުން ސުވާލުކުރުމުން ޕެސްކޯވް ބުނެފައިވަނީ އެއީ ފާޅުވެގެންވާ "ބޮޑު ދޮގެއް" ކަމަށެވެ.

ރޫސީން އާންމުކޮށް މީހުން ގަތުލުކޮށް އެ މީހުންގެ ހަށިތައް "ބުޗާ"ގެ މަގުތައްމަތީގައި އުކައިލެވިފައިވާ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރަމުން "ސްކައި ނިއުސް"ގެ ނޫސްވެރިޔާ މާކް އޮސްޓިންއަށް ޖަވާބުދެމުން ޕެސްކޯވް ބުނީ "އަހަރެމެން މި ދިރިއުޅެނީ ދޮގުހެދުމާއި އޮޅުވައިލުމުގެ ދުވަސްވަރެއްގައި(ކަން ހަނދާންކުރާންޖެހޭނެ)"ކަމަށެވެ.

ޔޫކްރޭނުގައި ހިނގާކަމަށް ބުނާ ޖަރީމާތައް ބެލުމަށް ޓަކައި "ހަގީގީ މިނިވަން އަދި ސާފު މަގުސަދެއް އޮތް ފުރިހަމަ ތަހުގީގެއް" ހިންގާން ރޫސީން ވަރަށް ބޮޑަށް ޝައުގުވެރިވާކަމަށް ވެސް ޕެސްކޯވް ބުންޏެވެ.

ޕެސްކޯވް ބުނާ ގޮތުގައި ރޫސީން ޔޫކްރޭނުގައި ހިންގާ "އޮޕަރޭޝަން"ގެ އެއް އަމާޒަކީ ކުރިމަތިވެދާނެ "ބޮޑު އަރައިރުމެއް" ހުއްޓުވުމެވެ. ބޮޑުއަރައިރުމެއްކަމަށް އޭނާ ސިފަކުރީ، އޭގައި ނިޔުކްލިއަރ ހަތިޔާރު ވެސް ހިމެނުން އެކަށީގެންވާ ތިންވަނަ ބޮޑު ހަނގުރާމައަކަށެވެ.

ބޮޑު ހަނގުރާމައެއް ފެށިދާނެ ގޮތުގެ ތަޞައްވުރެއް ވެސް ޕެސްކޯވް ވަނީ ކިޔައިދީފައެވެ. "ނޭޓޯ ފުޅާކުރަމުން އައިސް ޔޫކްރޭން ނޭޓޯއަށް ވައްދާ ހިސާބުން އަސަކަރީ ބާރު ބޭނުންކޮށްގެން ކްރައިމީއާ އެ މީހުންނަށް އިތުރުކޮށްލަށް މަސައްކަތްކުރާނީއެވެ. ނޭޓޯގެ މެންބަރުން އެ ކަން ދިފާޢުކުރާން ނިޔުކްލިއަރ ހަތިޔާރު ބޭނުންކުރާންވީއެވެ. ދެން މިކަން ފުޅާވެގެން އައިސް މުޅި ދުނިޔޭގެ އަރައިރުމަކަށް ފުރޮޅިގެން ދާނީއެވެ."

ކްރެމްލިންގެ ތަރުޖަމާނު ބަޔާންކުރާ ގޮތުގައި 2014 ވަނަ އަހަރުން ފެށިގެން ޔޫކްރޭން ވެފައިވަނީ "ރޫސީވިލާތާ އިދިކޮޅު މަރުކަޒަކަށެވެ."

"ނޭޓޯއަކީ (އެއްވެސް ޙާލެއްގައި) ސުލްޙަވެރި އިއްތިޙާދެއް ނޫނެވެ. އެ އިއްތިޙާދު ބޭނުންކޮށްފައިވަނީ ކުރިމަތިލުމަށެވެ. އަދި އެ އިއްތިޙާދު ވުޖޫދުގައި ބޭއްވުމުގެ މައިގަނޑު ބޭނުމަކީ އަހަރެމެންގެ ގައުމާ ކުރިމަތިލުމެވެ. (އަހަރެމެންނަށް ދުއްތުރާކުރުމެވެ.)" ޕެސްކޯވް ބުނެފައިވެއެވެ.

ރޫސީވިލާތުން ޔޫކްރޭނުގައި މި ހިންގާ "އަސްކަރީ ހަރަކާތް" ފުޅާ ދާއިރާއެއްގައި ރަސްމީކޮށް ފަށައިގަތީ މި އަހަރު ފެބްރުއަރީ މަސް ނިމެމުންދަނިކޮށެވެ. އެއީ 2014 ގައި ސޮއިކުރެވުނު މިންސްކް އެއްބަސްވުން ތަންފީޒުކުރުމުގައި ޔޫކުރޭން ނާކާމިޔާބުވުމާއި ޑޮންބާސްގެ ދެ ޖުމްހޫރިއްޔަތެއް ރޫސީން ރަސްމީކޮށް ގަބޫލުކުރުމާ ވިދިގެން ރޫސީންނާއި ޔުކްރޭނާ ދެމެދު ހިނގަމުންދިޔަ އަރައިރުން އިތުރަށް ބޮޑުވެ ހުޅުފަޅައިގެން ދިޔައީއެވެ.

މިހާރު ރޫސީން ޔޫކްރޭނަށް ބާރުއަޅަމުން ގެންދަނީ އެއީ ވަކި ފަރާތަކަށް ނުޖެހޭ ގައުމެއްކަމަށާއި ނޭޓޯގެ މެންބަރަކަށް ނުވާނެކަމަށް ރަސްމީކޮށް ޔޫކްރޭން ސަރުކާރުން އިޢުލާނުކުރާށެވެ. ނޭޓޯގެ މެންބަރަކަށް ވުމުގެ ޝައުގުވެރިކަމެއް މިހާރު ނެތްކަމަށް ޔޫކްރޭނުގެ ރައީސް ވިދާޅުވެފައިވީ ނަމަވެސް އެކަން ރަސްމީ ގޮތެއްގައި އަދި އިޢުލާނެއް ނުކުރެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *