Support Us

ބެނެޓްގެ ސަރުކާރަށް އަޣްލަބިއްޔަތު ގެއްލިއްޖެ، ލިބިފައިވާ ޚިޔާރުތަކަކީ ކޮބާ؟

އިސްރާއީލުގެ ޔަމީނާ ޕާޓީގެ މެންބަރެއް ކަމުގައިވާ ޢީދީތު ސުލައިމާން އިސްރާއީލުގެ ކޯލިޝަން ސަރުކާރުން މިއަދު އިސްތިޢުފާ ދެއްވައިފިއެވެ.

އިސްރާއީލުގައި އެންމެ ފަހުން ބޭއްވި އިންތިޚާބުގައި އެއްވެސް ޕާޓީއަކަށް ވަނީ އަޣްލަބިއްޔަތު ނުލިބިފައެވެ. ބޮޑުވަޒިރުކަން ނަފްތާލީ ބެނެޓަށް ލިބިވަޑައިގަތީ ޔާއީރު ލެބިޑް އޭނާއާ ބައިވެރިވެ ވަޑައިފަތުމުގެ ސަބަބުންނެވެ. މި ދެ ބޭފުޅުން ސިޔާސީ މައިދާނުގައި ޚިޔާލު ތަފާތުވިޔަސް އަތުގުޅައިލެއްވީ ބޮޑުވަޒީރުކަމުގެ ގޮނޑިން ނަތަންޔާހޫ ވައްޓައިލައްވަން ވެގެންނެވެ.

އިސްރާއީލުގެ ސިޔާސީ މަސްރަޙު 2019ވަނަ އަހަރުން ފެށިގެން ވަނީ ބޮޑު ހަމަނުޖެހުމެއްގެ ތެރެއަށް ވެއްޓިފައެވެ. ބޭއްވި ހަތަރު އިންތިޚާބުގައި ވެސް އެއްވެސް ޕާޓީއަކަށް އަޣްލަބިއްޔަތު ލިބިފައެއް ނުވެއެވެ. ނަތަންޔާހޫގެ ބައިވެރިޔާ ލެބިޑް އެންމެފަހުން ނަތަންޔާހޫއާ ވަކިވެވަޑައިގަތީ އޭނާއަށް ނަތަންޔާހޫ ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދަވައިނުދެއްވުމުންނެވެ.

މިހާރުގެ ހާލަތަށް ބަލާއިރު އައު ސަރުކާރެއް އެކުލަވައިލެއްވުމުގެ ފުރްޞަތު  "އެތާނގައި ކުރިމަގެއް އެބައޮތް" ޕާޓީގެ ރައީސް ޔާއީރު ލެބިޑަށް ލިބިވަޑައިގަތުން ވަރަށް ދުރުކަމަށް ފެނެއެވެ. މިހާރުގެ ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީއަކީ އޭނާގެ ޕާޓީއެވެ.

އިސްރާއީލުގެ "ނޫ ހުދު ޕާޓީ" ގެ ރައީސް ބެނީ ގެންޓްސް ވެސް އައު ސަރުކާރެއް އެކުލަވައިލައްވަން ބޭނުންފުޅުވާތަން ފެނެއެވެ. ދައުރު ބަދަލުވާ ފަދަ ގޮތަކަށް ވިޔަސް އޭނާ މި ކަމަށް އެދިވަޑައިގަންނަވައެވެ. މި ސީނާރިޔޯއަކީ ނަތަންޔާހޫއާ އެކު ގަޔާވެފައިވާ ސީނާރިއޯއެއް ނޫނެވެ.

އައު އިންތިޚާބެއް

ޢީދީތު ސުލައިމާން އިސްތިޢުފާ ދެއްވުމުން ބެނެޓްގެ ސަރުކާރުގައި ރެނދުއެޅިގެން ހިނގައްޖެ ކަމަށް އެންމެން ވެސް އެއްބަސްވެއެވެ. އެހެންކަމުން އަލުން އިންތިޚާބަކަށް ދާންޖެހިދާނެ ކަމަށް ލަފާކުރެވެއެވެ. އޭރުން ވާނީ ތިން އަހަރުގެ ތެރޭގައި ބޭއްވޭ ފަސްވަނަ ޢާއްމު އިންތިޚާބަށެވެ. ނަތަންޔާހޫގެ ވެރިކަމުގައި ހަތަރު އިންތިޚާބު ބޭއްވިއެވެ. މިއިން އިންތިޚާބަކުން އެއްވެސް ޕާޓީއަކަށް އަޣްލަބިއްޔަތެއް ނުލިބުނެވެ. ނަތަންޔާހޫ އަބަދުވެސް ވިދާޅުވަމުން ގެންދަވަނީ ބެނެޓް– ލެބިޑް ސަރުކާރަކީ ހަމަޖެހުން ލިބިފައިނުވާ ސަރުކާރެއް ކަމަށެވެ.

އިސްރާއީލުގެ ސިޔާސީ ޕާޓީތަކުގެ އޮޅުންބޮޅުންތަކާއި ތަފާތު ފޭލިގެތަކުގެ ރައުޔު ތަފާތުވުން ބޮޑުކަމުން އައު އިންތިޚާބަކުން ރަނގަޅު ނަތީޖާއެއް ނުކުންނާނެ ކަމަކަށް ނުބެލެވެއެވެ. ނަތަންޔާހޫއަށް އަލުން ވެރިކަމަށް ވަޑައިގެންނެވޭނެ ފަދަ އަޣްލަބިއްޔަތެއް ލިބިވަޑައެއް ނުގަންނަވާނެއެވެ. އަދި އެއްވެސް ޕާޓީއަކުން ނަތަންޔާހޫއާ އެކު ކޯލިޝަނެއް ނަހަދާނެއެވެ. އޭނާއަށް އިތުބާރު ނުކުރެވޭތީއެވެ. މާޒީގައި އޭނާ ވަޢުދުތަކާ ޚިލާފުވެ ވަޑައިގެންފައިވާތީއެވެ.

އިސްރާއީލުގެ ބަރްލަމާނު ކަނީސަތުގެ މެންބަރު ސަރުކާރުން ވަޑައިގަތުމުން ދޭހަވަނީ ތަފާތު ފޭލިގެތަކާއި އޮޔިވަރުތަކުގެ ޚިޔާލު ތަފާތުކަން ބޮޑުކަމެވެ. ފަސާދައިގެ އެތައް ފައިލްތަކަކާ ހެދި ނަތަންޔާހޫ މިހާރު ދަނީ ކޯޓުތަކަށް ދަމަމުންނެވެ. އެހެނަސް އޭނާ އަދިވެސް ވެރިކަމަށް ވަޑައިގަންނަވަން ބޭނުންފުޅު ވެއެވެ. މިހާރުގެ ކޯލިޝަން ރޫޅައިލައްވަން މަސައްކަތް ކުރައްވައެވެ.

ބަރްލަމާނުގެ މި މެންބަރު ސަރުކާރުން ވަކިވެވަޑައިގަތުމުން ކަނީސަތުގައި ތިއްބެވި ސަރުކާރުގެ މެންބަރުންގެ ޢަދަދަކީ 60 އެވެ. އިދިކޮޅު ޕާޓީތަކުގެ މެންބަރުންގެ ޢަދަދަކީ ވެސް 60 އެވެ. ޢީދީތު ސުލައިމާނުގެ ޕާޓީން އިންތިޚާބު ކުރެވިފައިވާ ދެވަނަ މެންބަރު ޢާމީޙާއި ޝިކްލީ ވަނީ މިހާރުގެ ކޯލިޝަނަށް ތާއީދު ކުރެއްވުމާ ދެކޮޅު ހައްދަވައިފައެވެ. އޭނާ ބޭނުންފުޅު ވަނީ ބެނެޓްގެ ސަރުކާރުގައި ކަނާތު ފިޔައިގެ ބޭފުޅުންނާއި ޙައްދުފަހަނަޅައިފައިވާ ޔާހޫދީ ޖަމާޢަތެއް ކަމުގައި ޙަރީދީން ސަރުކާރުގައި ބައިވެރި ކުރުވުމަށެވެ.

ކަނީސަތުގައި ހިމެނޭ ޔަމީނާ ޕާޓީގެ ހަތް ގޮނޑީގެ ތެރެއިން ބެނެޓަށް ދެ ގޮނޑި ގެއްލުމުން އޭނާގެ ސަރުކާރު މިހާރު މި ވަނީ ހަތަރު އަނގޮޅިއެއްގެ ކުރިމައްޗަށް ނުކުމެ ލަނބައިލާންވީ ކޮން ފަރާތަކަށްކަން އޮޅިފައެވެ. ބެނެޓް މަސައްކަތް ކުރައްވަމުންދަނީ އޭނާގެ ޕާޓީ ރޫޅިގެން ދިޔަ ނުދެއްވުމަށެވެ.

ގޮންޖެހުންތަކާއި ދަތިތައް

ކަނީސަތުގައި ބެނެޓަށް އަޣްލަބިއްޔަތު ގެއްލުމުން އޭނާއަށް އެއްވެސް ޤަރާރެއް ފާހެއް ނުކުރެއްވޭނެއެވެ. އަންނަ އަހަރުގެ މާރިޗްގައި އައު ބަޖެޓެއް ބޭނުންފުޅު ވާނެއެވެ. އެހެންކަމުން އެ ހިސާބާ ޖެހެންދެން ސަރުކާރު ދެމިއޮންނާނެ ކަމަށް ލަފާކުރެވެއެވެ. ސަރުކާރު ވައްޓައިލެވޭނީ 61 މެންބަރުންގެ ވޯޓުންނެވެ. ރަބީޢު މޫސުމުގައި ކަނީސަތު ޗުއްޓީއަށް ދާނެއެވެ. މިއީ ގަނޑުތައް ތަރްތީބު ކުރައްވަން ބެނެޓަށް ލިބިވަޑައިގަންނަވާނެ ރަނުގެ ފުރްޞަތެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *