ޕާކިސްތާނުގެ ބޮޑުވަޒީރު ޢިމްރާން ޚާން އެދިވަޑައިގަތުމުގެ މަތީން ޕާކިސްތާނުގެ ރައީސް އެ ޤައުމުގެ ސަރުކާރާއި ބަރްލަމާން މިއަދު އުވާލައްވައިފިއެވެ. މި ކަމާ ވިދިގެން 90 ދުވަހުގެ ތެރޭގައި ޕާކިސްތާނުގައި ޢާންމު އިންތިޚާބު ބޭއްވުމަށް ވެސް ރައީސް ޢާރިފު ޢަލަވީ ވަނީ ނިންމަވައިފައެވެ.
ޕާކިސްތާނުގެ އިންފޮރމޭޝަން ވަޒީރު ފުއާދު ޗޯދަރީއާ ޙަވާލާދީ ރޮއެޓަރޒް ބުނާގޮތުގައި ތިން މަސްދުވަހުގެ ތެރޭގައި ޢާންމު އިންތިޚާބެއް ބޭއްވޭނެއެވެ.
ޕާކިސްތާނު ސަރުކާރުގެ އިތުބާރު އޮތްތޯ ބެލުމަށް ޓަކައި ނަގަން ހަމަޖެހިފައިވާ ވޯޓު ނެގުން ބަރްލަމާނުގައި ނުނެގުމަށް ބަރްލަމާނުގެ ރައީސް ވަނީ އިއްޔެ ނިންމަވައިފައެވެ. ބަރްލަމާނުގެ ރައީސް މި ވޯޓުނެގުން ކެންސަލް ކުރެއްވީ ޕާކިސްތާނުގެ ޤާނޫނު އަސާސީގެ ފަސްވަނަ މާއްދާގެ މައްޗަށް ބައްލަވައިފައެވެ.
ބަރްލަމާނުގެ ނާއިބު ރައީސް ޤާސިމު ޚާން ސޫރީ ހާމަކުރެއްވި ގޮތުގައި ބޮޑުވަޒީރުގެ އިތުބާރު ނެތްކަމަށް އިދިކޮޅު ޕާޓީތަކުން ނަގަން އުޅުނު ވޯޓަކީ ޤައުމުގެ އެންމެ މަތީ މަޞްލަޙަތަށް ގެއްލުން ދިނުމަށް ޓަކައި ޤައުމުގެ ދުޝްމަނުން ހިތްވަރުދީގެން ކުރަން އުޅުނު މަސައްކަތެކެވެ. އާދީއްތަ ދުވަހުގެ ބަރްލަމާން ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ އޭނާއެވެ. އޭނާ ވިދާޅުވިގޮތުގައި އޭގައި ތެދުވެރިކަން ނުހިމެނޭ ޤަރާރުތަކަށް ވޯޓު ނުނެގޭނެ ކަމަށް ޤާނޫނު އަސާސީގެ ފަސްވަނަ މާއްދާ ބުނެއެވެ.
އިދިކޮޅު ޕާޓީތަކުން އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން އުޅުނީ އިޤްތިޞާދީ ފައިލާއި ޚާރިޖީ ސިޔާސަތާބެހޭ ފައިލް ބެލެހެއްޓުމުގެ ޤާބިލުކަން ސަރުކާރުގެ ކިބައިގައި ނެތްކަމަށް ބުނެއެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ޢިމްރާން ވިދާޅުވިގޮތުގައި އޭނާގެ ސަރުކާރު ވައްޓައިލުމުގެ މަސައްކަތަކީ ވޮޝިންގްޓަނުގެ މަސައްކަތެކެވެ. އޭނާ ވިދާޅުވިގޮތުގައި ޕާކިސްތާނުގެ ވެރިކަމުގެ ނިޒާމު ބަދަލުކުރާން އެމެރިކާއިން ކުރަމުންދާ މަސައްކަތްތަކަކީ އެ ޤައުމުގެ ދާޚިލީ ކަންތައްތަކާ ބެހުމެވެ.
އަނެއްކޮޅުން ބަލާއިރު ޕާކިސްތާނުގެ ބަރްލަމާނުގައި ސަރުކާރުގެ އިތުބާރު ނެތްކަމަށް ބުނެ ނަގަން އުޅުނު ވޯޓު ނެގުން ބަރްލަމާނުން ކެންސަލް ކުރުމުން އެ މަސްއަލަ އިދިކޮޅު ފަރާތްތަކުން ސުޕްރީމު ކޯޓަށް ހުށައަޅައިފިއެވެ.



advertisment