Support Us

ޚާރިޖީ ވަޒީރުންގެ ނަޤަބު ސަމިޓުގައި އުރްދުނާއި ސުޢޫދީ ޢަރަބިޔާ ބައިވެރިނުވީ ކީއްވެ؟

އެމެރިކާއާއި އިސްރާއީލާއި މިޞްރާއި އިމާރާތާއި މަޣްރިބާއި ބަޙްރައިންގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ސުޢޫދީ ޢަރަބިއްޔާއާއި އުރްދުން ބައިވެރިނުވާތީ އެކަމާމެދު ކުރެވޭ ސުވާލުތައް ވަރަށް ގިނައެވެ. މެދުއިރުމަތީގައި ޚާއްޞަކޮށް ގަލްފް ސަރަޙައްދަކީ މި ދެ ޤައުމާ ދުރުގައިވާ ސަރަޙައްދެއް ނޫނެވެ. ނަޤަބު ސަމިޓްގައި ބަހުސް ކުރެވުނު މަސްއަލަތަކަކީ މި ދެ ޤައުމާ ވެސް ގުޅުން ހުރި މަސްއަލަތަކެކެވެ.

އުރްދުން ޙާޒިރުވުމާ ދެކޮޅު

އުރްދުންގެ ސަޤާފީ މަރްކަޒުގެ ޤާނޫނީ މުޝީރު މުޙައްމަދު އަޙްމަދު އައްރައުސާން ހާމަކުރެއްވި ގޮތުގައި މީގެ ދެތިން ދުވަސް ކުރީން ބޭއްވުނު ޝަރަމުއްޝައިޚު ސަމިޓަށް ވެސް އުރްދުނަށް ދަޢުވަތު ލިބުނެވެ. މިއީ މިޞްރުގެ ރައީސް ސީސީއާއި އިސްރާއީލުގެ ބޮޑުވަޒީރު ބެނެޓާއި އިމާރާތުގެ ވަލީޢަހްދު މުޙައްމަދު ބިން ޒާއިދު ބައިވެރިވެވަޑައިގެންނެވި ސަމިޓެކެވެ. އޭނާ ވިދާޅުވި ގޮތުގައި އުރްދުނުން މި ސަމިޓްގައި ބައިވެރިނުވީ "މި ސަމިޓްގެ އަމާޒު ނޭނގޭތީއެވެ."

އޭނާ ހާމަކުރެއްވި ގޮތުގައި އުރްދުން ވަނީ މިޞްރާއި އިސްރާއީލާއި އިމާރާތާ ތަންކޮޅެއް ފޭއަށް ޖެހިލައިފައެވެ. އެއީ އޭނާ ވިދާޅުވިގޮތުގައި "އެއިން އުރްދުނަށް ގެއްލުން ލިބިދާނެ ކަންތައްތަކެއް ރާވަމުންދާތީއެވެ."

ރައުސާން ވިދާޅުވިގޮތުގައި މިއީ "އައު ޝާމު ކަރަ" އާ ބެހޭ މަޝްރޫޢު ފުރިހަމަކުރުމާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ބޭއްވުނު ބައްދަލުވުމެކެވެ. މި މަޝްރޫޢު ކައްސައިލައިގެން ވެއްޓިފައި ވަނީ ކޮރޯނާގެ ސަބަބުންނާއި މިހާރު ހިނގަމުންދާ ޔުކްރޭން ހަނގުރާމައިގެ ސަބަބުންނެވެ. ޢަޤަބާ ސަމިޓާ ނަޤަބު ސަމިޓް އެއްފަސްނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނަޤަބު ސަމިޓްގެ މަޤްޞަދުތަކުގެ ތެރޭގައި "ސައްތައިގެ ޑީލް" އަށް ދިރުން ގެނައުމާއި މިކަމުގައި ޢައްމާން ބައިވެރި ކުރުން ވެއެވެ. އޭނާ ވިދާޅުވިގޮތުގައި އުރްދުންގެ ރަސްގެފާނު މި ޑީލާ ދެކޮޅު ހައްދަވައެވެ. އޭނާ ވިދާޅުވިއެވެ. "އުރްދުންގެ ރަސްގެފާނުގެ ސިޔާސަތު ބިނާ ކުރައްވައިފައިވަނީ ޙަޤީޤަތުގެ މަތީގައެވެ. އެއީ ޚިޔާލުތަކެއްގެ މަތީގައި އޮތް އެއްޗެއް ނޫނެވެ. އުރްދުނުން މި ޑީލާ ދެކޮޅު ނަހަދާކަމަށް އަރުވާ އަޑުތަކަކީ ޙަޤީޤަތާ ތަޢާރުޟުވާ ކަމެކެވެ."

ނަޤަބު ސަމިޓާ ފަލަސްޠީނު ޤަޟިއްޔާ

ސިޔާސީ މުޙައްލިލެއް ކަމުގައިވާ ރިޟްވާން ޤާސިމު ވިދާޅުވާ ގޮތުގައި މި ސަމިޓަށް ބަލާއިރު އޭގެ އަމާޒުފަތްގަނޑަކީ އުރްދުން އަތުގައި އޮތް ފަލަސްޠީނު ކާޑު އަތުލުމެވެ. އެއީ އުރްދުންގެ މަޞްލަޙަތަށް ގެއްލުން ހުރި ކަމެކެވެ.

ފަލަސްޠީނުގެ ވަރަށް ގިނަ ރައްޔިތުންތަކެއް އުޅެމުންދަނީ އުރްދުންގައެވެ. އެހެންކަމުން ފަލަސްޠީނުގެ ޤަޟިއްޔާގެ ކާޑުތަކުގެ ތެރެއިން ޢައްމާން އަތުގައި އޮތް މުހިއްމު ކާޑު ޢައްމާނު އަތުން ދަމައިގަންނަން ކުރާ މަސައްކަތަކީ އުރްދުންގެ މަޞްލަޙަތާ އަރާރުންވާ ކަމެކެވެ. އޭގެ އަސަރު އުރްދުންގެ މަގުމައްޗަށް ކުރާނެއެވެ. އެހެންކަމުން ޢައްމާން އެ މަގުން ހިނގާކަށް ބޭނުމެއް ނުވެއެވެ.

އުރްދުންގެ ރަސްގެފާނު ޢަބްދުﷲ (ދެވަނަ) ވިދާޅުވާގޮތުގައި އުރްދުނާ އިސްރާއީލާ ދެމެދުގައި ޞުލްޙައިގެ އެއްބަސްވުމެއް އޮތަސް މި ސަމިޓްގައި ބައިވެރިވުމަކީ ފަލަސްޠީނުގެ ފައިލް މުޅިން ކޮށާއި ވަށިގަނޑަށް ވައްޓައިލުމެވެ. ޢަބްދުﷲ ރަސްގެފާނު މި ސަމިޓްގައި ބައިވެރިވެ ވަޑައިނުގެންނެވީ މިހެން ވެގެންނެވެ.

އުރްދުނުން ފަލަސްޠީނަށް ތާއީދު

ނަޤަބު ސަމިޓް ބޭއްވެމުން ދިޔަ ވަގުތު އުރްދުންގެ ރަސްގެފާނު ޢަބްދުﷲ، ރާމަﷲއަށް ވަޑައިގެން ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސާ ބައްދަލު ކުރެއްވިކުރެއްވުމުން އުރްދުނުން ފަލަސްޠީނުގެ ޤަޟިއްޔާއަށް ތާއީދުކުރާ މިންވަރު  ހާމަވެއެވެ. ރައުސާން ވިދާޅުވާ ގޮތުގައި މިދިޔަ ހޮނިހިރު ދުވަހު ފަލަސްޠީނުގެ ރައީސް ޢައްމާނަށް ވަޑައިގެންނެވިއެވެ. އެހެނަސް ރައީސް ޢައްބާސަށް ރާމަﷲއަށް ވަޑައިގެންނެވުމަށާއި ޢަބްދުﷲ ރަސްގެފާނު ހޯމަދުވަހު ރާމަﷲއަށް ވަޑައިގަންނަވާނެ ކަމަށް ދެންނެވުނެވެ. އުރްދުންގެ ރަސްގެފާނު ރާމަﷲއަށް ވަޑައިގެންނެވީ މި ދުވަސްވަރު އަމިއްލަ ނަފްސު ކޮންޓްރޯލް ކުރަން ޖެހިފައިވާ ކަމަށާއި މި ދުވަސްވަރު ޖައްވު ހޫނުކުރުން ރަނގަޅު ނުވާނެކަން ހާމަކުރެއްވުމަށް ޓަކައެވެ.

މަޣްރިބު މި ސަމިޓްގައި ބައިވެރިވުމުން އުރްދުން ކަންބޮޑުވިއެވެ. އުރްދުނުން ތުހްމަތު ކުރާ ގޮތުގައި އިސްރާއީލާ މަޣްރިބު ގުޅިގެން އުރްދުނާ ދެކޮޅަށް "އިސްލާމީ-ޢަރަބި ކުޑައެއް" އުފައްދަން ދަނީ މަސައްކަތް ކުރަމުންނެވެ. އެއީ ޤުދްސުގައި ހުންނަ އިސްލާމީ އަދި މަސީޙީ މުޤައްދަސް ތަންތަން ބެލެހެއްޓުން އުރްދުން އަތުން ނަގައި އެ ތަންތަން މަޣްރިބާ ޙަވާލު ކުރުމަށް ރޭވެމުންދާ ނުބައި ރޭވުމެކެވެ. އެހެނަސް އިސްރާއީލާ އުރްދުނާ ދެމެދުގައި ސޮއިކޮށްފައިވާ ވާދީ ޢަރަބާ އެއްބަސްވުން ބުނާގޮތުގައި ޤުދްސުގައި ހުންނަ އިސްލާމީ އަދި މަސީޙީ މުޤައްދަސް ތަންތަން ބަލަހައްޓާނީ އުރްދުނުންނެވެ.

ބައިނަލްއަޤްވާމީ މަސްއަލަތައް ދިރާސާކުރައްވާ ބޭފުޅެއްކަމުގައިވާ ރިޟްވާން ޤާސިމު ވިދާޅުވާ ގޮތުގައި ނަޤަބު ސަމިޓްގައި ބައިވެރިވި ޤައުމުތަކަކީ އީރާނާއެކު ޑިޕްލޮމެޓިކް ގުޅުން އޮތް ޤައުމުތަކެއްނޫނެވެ. އޭނާ ވިދާޅުވި ގޮތުގައި މި ސަމިޓްގެ މޭސްތިރިއަކީ އިސްރާއިލެވެ. އޭނާ ވިދާޅުވި ގޮތުގައި އެމެރިކާ މި ސަމިޓްގައި ބައިވެރިވި ބައިވެރިވުމަކީ ޕްރޮޓްކޯލީ ކަމެކެވެ. އެމެރިކާއިން އެއްވެސް ދައުރެއް އަދައެއް ނުކުރެއެވެ.

އިސްރާއީލު ދެކޭގޮތުގައި މެދުއިރުމަތީގައި އެމެރިކާގެ މާ ދިގު އަތެއް މިއަދަކު ނެތެވެ. އީރާނުގެ ނިޔުކްލިއަރ ފައިލްގެ މަސްއަލައިގައި އިސްރާއީލާ އެމެރިކާ ޚިޔާލު ވަރަށް ތަފާތެވެ. އީރާނާ ދެކޮޅަށް އެމެރިކާއިން އަޅައިފައިވާ  ފިޔަވަޅުތައް ދެމެހެއްޓުމަށް އިސްރާއީލުން ގޮވައިލަމުން ދިޔަ ނަމަވެސް އެމެރިކާއިން އިސްކަންދެނީ އެ ޤައުމުގެ މަޞްލަޙަތަށެވެ.މި ދުވަސްވަރަށް ބަލާއިރު އީރާނާއެކު ގުޅުންތައް ރަނގަޅު ކުރުމަކީ އެމެރިކާގެ މަޞްލަޙަތު ނިޔާކުރާ ކަމެކެވެ. އެއީ ރަޝިޔާއިން ތެލާއި ގޭސް ގަތުން ހުއްޓައިލުމަށް ޓަކައި އީރާނުގެ ތެލަށާއި ގޭހަށް މި ވަގުތު އެމެރިކާއަށް ބޭނުންވާތީއެވެ.

އުރްދުންގެ ރަސްގެފާނު ރާމަﷲއަށް ވަޑައިގަތީ ފަލަސްޠީނު– އިސްރާއީލު ވާހަކަދެއްކުންތައް އަލުން ފެށުމާ ބެހޭގޮތުން ކަންތައްތައް ވިލަރެސް ކުރައްވާށެވެ. ޢަބްދުﷲ ރަސްގެފާނު ވިދާޅުވާ ގޮތުގައި އިސްރާއީލުގެ މިއަދުގެ ސަރުކާރުން ވާހަކަދެއްކުންތައް ކުރިއަށް ގެންދާން ޝައުޤުވެރިވެއެވެ. މި ވާހަކަދެއްކުންތަކުގައި ހިމެނޭ ވަރަށް ގިނަ ފައިލްތަކަކީ އުރްދުންގެ މަޞްލަޙަތާ ގުޅިފައިވާ ފައިލްތަކެކެވެ.އޭގެތެރޭގައި ސަރަޙައްދީ އިމާއި ފެނާއި ހަކަތަޔާއި މުޤައްދަސް ތަންތަން ހިމެނެއެވެ.

އުރްދުނުން އީރާނާ ޢަދާވަތްތެރިވުމަކަށް ނޭދޭ

ނަޤަބު ސަމިޓްގައި ބަހުސްކުރެވުނު އެންމެ މުހިއްމު އެއް ފައިލަކީ އީރާނުގެ ނިޔުކްލިއަރ ފައިލެވެ. މި ފައިލަށް ބަލާއިރު އެމެރިކާއާއި އީރާނު އޮތީ ދެ ޤައުސުގެ މިންވަރުގައެވެ. ނުވަތަ އެއަށްވުރެވެސް ކައިރީގައެވެ. ވަރަށް އަވަހަށް އީރާނުގެ އިންޤިލާބީ ފާރަވެރީންގެ ލަޝްކަރު އެމެރިކާގެ ނިރުބަވެރީންގެ ލިސްޓުން އުނިކުރެވޭނެއެވެ. މި ސަމިޓްގައި ބަހުސްކުރެވުނު ދެވަނަ ފައިލަކީ ޔުކްރޭން ހަނގުރާމައެވެ.

އުރްދުނަށް ބަލާއިރު އެ ޤައުމަކީ އީރާނާއެކު ސިޔާސީގުޅުން އޮތް ޤައުމެކެވެ. ޢައްމާނުން ޠަހަރާނާއެކު ގެންގުޅެނީ މަޑުމައިތިރި ސިޔާސަތެކެވެ. އެހެންކަމުން މި ސަމިޓްގައި ބައުވެރިވުމަކީ އުރްދުންގެ ސިޔާސަތާ އރާރުންވާ ކަމެކެވެ.

ސުޢޫދީ ޢަރަބިއްޔާ ބައިވެރިނުވުން

ސިޔާސީ މުޙައްލިލުން ވިދާޅުވާގޮތުގައި ރިޔާޟު މި ސަމިޓްގައި ބައިވެރިނުވީ މި ސަމިޓްގެ ނިންމުންތަކުގައި ރިޔާޟަށް ދައުރެއް އަދާނުކުރެވޭނެތީއެވެ. ސުޢޫދީ ޢަރަބިއްޔާއަކީ އިސްރާއީލާއެކު ގުޅުންތައް ޠަބީޢީކޮށްފައިވާ ޤައުމެއްނޫނެވެ. ދާރިސުން ވިދާޅުވާ ގޮތުގައި މި ސަމިޓު ވާނީ ފަލަސްޠީނު ފައިލް ވީދާ ކުދިކުދިކޮށް އުކައިލުމުގައި މުހިއްމު ދައުރެއް ކުޅޭނެ ބައްދަލުވުމަކަށެވެ. މިއީ ސަޢޫދީން ކުޅެން ބޭނުންވާ ދައުރެއްނޫނެވެ. އިސްލާމީ ދުނިޔޭގައި އިސް ދައުރެއް ކުޅެމުންދާ ސުޢޫދީ ޢަރަބިއްޔާއަށް މި ދައުރު އަދާއެއް ނުކުރެވޭނެއެވެ. ފާޅުގައި އިސްރާއީލާއެކު މި ދައުރު ރިޔާޟުން އަދާއެއް ނުކުރާނެއެވެ.

ސުޢޫދީން ބުނާގޮތުގައި ފަލަސްޠީނު މަސްއަލަ ޙައްލު ކުރަން ޖެހޭނީ ޢަބްދުﷲ ރަސްގެފާނުގެ ވެރިކަމުގައި ޢަރަބި ސަމިޓުން ނިންމާފައިވާ މަޝްރޫޢާ އެއްގޮތަށެވެ.

މީގެއިތުރަށް ރައީސް ބައިޑްން ވެރިކަމަށް ވަޑައިގަތުމާއެކު ރިޔާޟާ ވޮޝިންގްޓަންގެ ގުޅުން ވަނީ ވަރަށް ބޮޑަށް ފިނިވެފައެވެ. ސުޢޫދީން ދޭން ބޭނުންވާ މެސެޖަކީ މި ސަރަޙައްދުގައި ސުޢޫދިޔާއަކީ އަސާސީ ކުޅުންތެރިއެކެވެ. ސުޢޫދިޔާއާ ނުލައި އިސްރާއީލަށް އަސާސީ ދައުރެއް އަދާއެއް ނުކުރެވޭނެއެވެ.

ބައެއް ދާރިސުން ވިދާޅުވާގޮތުގައި ސުޢޫދީ ޢަރަބިއްޔާ ޝަޚްޞީކޮށް ޙާޒިރު ނުވިޔަސް ބަޙްރައިނާއި އިމާރާތު މި ސަމިޓްގައި ބައިވެރިވުމަކީ ސުޢޫދީގެ ދައުރެއް އޮތްކަން ހާމަކޮށްދޭ ކަމެކެވެ. އެހެންކަމުން ރިޔާޟު މި ސަމިޓްގެ ނިންމުންތަކާ ދުރުގައިވާ ކަމަކަށް ނުބުނެވޭނެއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް