އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓަނީ ބްލިންކެނާއި މިޞްރާއި އިމާރާތާއި މަޣްރިބާއި ބަޙްރައިނާއި އިސްރާއީލުގެ ޚާރިޖީވަޒީރުންގެ އާދަޔާ ޚިލާފު ސަމިޓެއް މިއަދު ނަޤަބުގައި ބާއްވައިފިއެވެ. އިސްރާއީލާއެކު ގުޅުންތައް ޠަބީޢީކޮށްފައިވާ ޢަރަބި ހަތަރު ޤައުމުގެ ވަޒީރުންގެ މި "ސަމިޓް" ފަލަސްޠީނުން ކުށްވެރި ކުރިއެވެ.
އިސްރާއީލުގެ ރަސްމީ ރޭޑިއޯ ބުނިގޮތުގައި މި އާދަޔާޚިލާފު ސަމިޓްގައި ބަހުސްކުރެވުނު ތަފާތު މަސްއަލަތަކުގެ ތެރޭގައި އީރާނުގެ ނިޔުކްލިއަރ ފައިލް ހިމެނެއެވެ.
ނަޤަބު ޞަހަރާގެ ރިޒޯޓެއްކަމުގައިވާ ބޫކީރަށް ވަންނަ ދޮރޯށި މަތީގައި މި ސަމިޓް ތަމްސީލު ކުރާ ޤައުމުތަކުގެ ދިދަ ނަގައިފާ ވެއެވެ. އިސްރާއީލުގެ ޚާރިޖީ ވަޒީރު ޔާއީރު ލެޕިޑް މި ސަމިޓްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. "އަހުރެމެން މިއަދު އެންމެންނަށް ދޮރު ހުޅުވައި މި ލަނީ ނިރުބަވެރިކަން ނައްތައިލުމަށް މަސައްކަތް ކުރުމަށާއި ބިނާކުރުމުގައި ޙިއްޞާވުމަށެވެ."
މި ބައްދަލުވުމުގައި ބައިވެރިވާ ހަ ޤައުމުގެ ގުޅިފައިވާ ނޫސް ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ލެޕިޑް ވިދާޅުވިއެވެ. "އަހަރެމެންގެ ގުޅިފައިވާ ދުޝްމަނަކީ އީރާނެވެ. އަދި އީރާނުގެ އޭޖެންޓުންނެވެ."
އެމެރިކާގެ ޚާރިޖީ ވަޒީރު ބްލިންކެން ވިދާޅުވިއެވެ. "މިއީ މި ބާވަތުގެ ފުރަތަމަ ބައްދަލުވުމެވެ. އެހެނަސް މި ބައްދަލުވުން އެންމެ ފަހު ބައްދަލުވުމަކަށް ނުވާނެއެވެ. މިއީ އަހުރެމެންގެ ރަޙްމަތްތެރީންނާއި އެކުވެރީންގެ ދާއިމީ މަންސައެކެވެ. މި ގުޅުން މިއަށްވުރެ ބޮޑަށް ރަނގަޅު ކުރުމަށް އަހުރެމެން މަސައްކަތް ކުރާނަމެވެ."
އޭނާ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "އީރާނާއި އެމީހުންގެ އެކުވެރީންގެ ފުށުން ކުރިމަތިވަމުންދާ ސަލާމަތީ ގޮންޖެހުންތަކާ ކުރިމަތިލާނީ ގުޅިގެން އެއްބައެއްގެ ގޮތުގައެވެ."
ބަޙްރައިނުގެ ޚާރިޖީ ވަޒީރު ޢަބްދުއްލަޠީފުއް ޒައްޔާނީ ވިދާޅުވިއެވެ. "އިއްޔެ އިސްރާއީލުގެ ދެ މީހަކު މަރައިލި ޚުޟައިރާ ޙާދިސާ އަހުރެމެން ކުށްވެރި ކުރަމެވެ. އެ ދެމީހުންގެ ޢާއިލާތަކަށް އަހުރެމެން ތަޢުޒިޔާ ކިޔަމެވެ."
މިޞްރުގެ ޚާރިޖީ ވަޒީރު ސާމިޙު ޝުކްރީ ވިދާޅުވިއެވެ. "އަހުރެމެން ބޭއްވި ވާހަކަދެއްކުންތައް ވަރަށް ފުނެވެ. އަދި އެއީ ވަރަށް ބިނާކުރަނިވި ވާހަކަދެއްކުންތަކެކެވެ. އަހުރެމެންގެ ސަރަޙައްދާ ކުރިމަތިވެފައިވާ ތަފާތު ގޮންޖެހުންތަކާ ބެހޭގޮތުން އަހުރެމެން މަޝްވަރާ ކުރީމެވެ." އޭނާ އިތުރަށް ވިދާޅުވިއެވެ. "އަހުރެމެންގެ ގުޅިފައިވާ މާރެސް ތަރައްޤީ ކުރުމާ ބެހޭގޮތުން ޚިޔާލު ބަދަލު ކުރެވުނެވެ. ދެ ދައުލަތުގެ ޙައްލަށް ތާއީދު ކުރުން މަތީގައި އަހުރެމެން ދެމިތިބޭނަމެވެ."
މަޣްރިބުގެ ޚާރިޖީ ވަޒީރު ނާޞިރު ބޫރައިޠާ ޚުޟައިރާ ޙަމަލާ ކުށްވެރި ކުރައްވަމުން ވިދާޅުވިއެވެ. "މަޣްރިބު މި ބައްދަލުވުމަށް މި ޙާޒިރުވީ އިސްރާއީލާއެކު ގައި މަޣްރިބު އޮތްކަން ސާބިތުކޮށްދޭށެވެ."
އިމާރާތުގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ބިން ޒާއިދު ވިދާޅުވިއެވެ. "މިއީ މި މާލަމުގައި ތިބި މީހުންނަށާއި މި މާލަމުން ބޭރުގައި ތިބި އެންމެންނަށް ވެސް ވަރަށް ތާރީޚީ ވަގުތުކޮޅެކެވެ. އަހުރެމެން މި މަސައްކަތް ކުރަނީ ތަފާތު ކުރިމަގެއް ބިނާކުރުމަށެވެ. އަހުރެމެން އެކުގައި ތެދުވެ މިތިބީ ނިރުބަވެރިކަމާއި ބިރުގެންނެވުމާއި ހަރުކަށި ޢަމަލުތަކާ ދެކޮޅަށެވެ. މި ކަމަށް ޓަކައި އޮތް މަގަކީ ރައްޔިތުންނާއި ކުންފުނިތައް އަތުގުޅައިލައިގެން މަސައްކަތް ކުރުމެވެ."
ޚާރިޖީ ވަޒީރުންގެ ސަމިޓުގެ ކުރިން އެމެރިކާގެ ޚާރިޖީ ވަޒީރު ބްލިންކެން ކަށަވަރުކޮށް ދެއްވި ގޮތުގައި އެމެރިކާއާއި އިސްރާއީލު ޢަހްދު ކަށަވަރު ހިފާފައި ވަނީ އީރާނަށް ނިޔުކްލިއަރ ހަތިޔާރު ލިބުނަ ނުދިނުމަށް ޓަކައި އެކުގައި މަސައްކަތް ކުރުމަށެވެ.
ބްލިންކެން ވިދާޅުވިއެވެ. "މުހިއްމު ކަންތައްތަކާ ކުރިމަތިވެއްޖެނަމަ އަހުރެމެންގެ މެދުގައި އެއްވެސް ދެބަސްވުމެއް ނޯންނާނެއެވެ. އީރާނަށް ނިޔުކްލިއަރ ހަތިޔާރު ލިބުނަ ނުދިނުމަށް އަހުރެމެން މިތިބީ ޢަޒްމު ކަނޑައަޅައިގެންނެވެ."
ފަލަސްޠީނުން ކުށްވެރިކުރުން
މި ސަމިޓާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ފަލަސްޠީނުގެ ބޮޑުވަޒީރު ޢަރަބި – އިސްރާއީލު ޠަބީޢީ ޖަމާޢަތުގެ ބައްދަލުވުން ކުށްވެރި ކުރެއްވިއެވެ.ފަލަސްޠީނުގެ ކެބިނެޓް ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. "އިސްރާއީލުން ފަލަސްޠީނުގެ ބިން ހިފައިގެން އޮތްއޮތުން ނިމުމަކަށް ނުގެނެސް މިފަދަ ބައްދަވުމެއް ބޭއްވުމަކީ އިސްރާއީލަށް ދެވޭ އިނާމެކެވެ."
ފަލަސްޠީނުގެ ޙަމާސް ޖަމާޢަތުން ވެސް މި ސަމިޓް ކުށްވެރި ކުރިއެވެ. ޙަމާސުން ބުނިގޮތުގައި މިފަދަ ބައްދަލުވުންތަކުން ޤާނޫނުވެގެން ދަނީ އިސްރާއީލުން ހިންގާ ޖަރީމާތަކެވެ. "ހިތްވަރު ދެވެނީ ފަލަސްޠީނުގެ ބިންތައް އިތުރަށް ހިފުމަށެވެ."



advertisment