ރަޝިޔާގެ ރައީސް ޕޫޓިން ވިދާޅުވެފައި އޮވެއެވެ. ފަރަންސޭސި ވިލާތް ކަހަލަ ކުޑަ ގައުމެއް އެފްރިކާގެ ސާދަ ގައުމު ކޮންޓުރޯލުކޮށް އެ ގައުމުތަކުގެ މައްޗަށް ބާރު ހިންގާތީ ތިމަން ހައިރާންވެ ވަޑައިގަންނަވަމެވެ. އެކަން އެ ގޮތަށް ވުމުގެ ސިއްރު ކަލޭމެންނަށް އެނގޭ ހެއްޔެވެ؟ އެއީ ފަރަންސޭސީންގެ އަތުގައި ނިޔުކިލަރ ހަތިޔާރު ހުރެގެން ހެއްޔެވެ؟
އެކަމުގެ ސިއްރަކީ ފަހަރެއްގައި ވެސް، ފަރަންސޭސީންގެ އަތުގައި ނިޔުކިލަޔަރ ހަތިޔާރު ހުރުމެއް ނޫނެވެ. ނިޔުކިލިޔަރު ހަތިޔާރަށް ވުރެ ވެސް ބާރު ގަދަ އެއްޗެއް އެމީހުންނަށް ލިބިގެން ވެއެވެ. ތިމާމެންގެ އަމިއްލަ ގައުމަށް ޚިޔާނަތްތެރިވެ، ފަރަންސޭސިންގެ މަސްލަހަތު އިސްކޮށްގެން، ފަރަންސޭސިންނަށް މަސައްކަތްކޮށްދޭނޭ އެފްރިކާގެ ގައުމުތަކުގެ އަޅުން ފަދަ ބަޔަކު ފަރަންސޭސީންނަށް ލިބިފަިއ އޮތުމެވެ. މިނަންގަތް އަޅުން ފަދަ މީހުންގެ ނާރުތަކުގައި ހިނގަނީ ނިކަމެތިވެގަތުމުގެ ލެޔެވެ. މި އަޅުން ފަދަ މީހުން، އެމީހުންގެ ގައުމުތަކުގެ މީހުން މަރައި ދުވަސް ދުއްވާލައެވެ. އެމީހުންގެ ގައުމުތަކުގެ އިގުތިސާދު ހަލާކުކޮށް، ފުނޑުކޮށްލައެވެ. އަދި، އެމީހުންގެ ގައުމުތަކުގެ މުއްސަނދިކަން ފޭރިގަނެ، އަތުލައިގެން ގޮސް، އެއިން ކުޑަ މިންވަރެއް ވެސް އުނިނުކޮށް، އެ މީހުންގެ ފަރަންސޭސި ސާހިބުންނާއި ހަވާލުކުރެއެވެ.
މި ވާހަކަ ފާހަގަކޮށްލަން ޖެހުނީ ދާދި ފަހުން ފެންމަތިވި އުތުރު ތިލަފަޅުގެ އެއްބަސްވުން ކިޔާލުމުންނެވެ. އެފްރިކާގެ ބައެެއް ގައުމުތައް ކޮންޓުރޯލުކުރުމަށްޓަކައި ފަރަންސޭސީންގެ އަޅުންފަދަ ބަޔަކު ތިބިހެން، ރާއްޖޭގައި ވެސް، ބޭރު ގައުމުތަކުގެ މަސްލަހަތުތަކަށް އިސްކަންދޭ އެ ބޭރުގައުމުގެ އަޅުން ފަދަ ބަޔަކު ތިބިހެން ހީވުމުންނެވެ. އެ މަޝްރޫއުގެ އެންމެ ނުކުތާއަކުން ވެސް މިކަން ފާހަގަކޮށްލެވިދާނެއެވެ. މިސާލަކަށް، އެ މަޝްރޫއުގެ ހުރިހާ ޚަރަދެއް ކުރަން ޖަހެނީ ދިވެހި ރައްޔިތުންނަށެވެ. ދިވެހި ރައްޔިތުންގެ ނަމުގައި ނެގޭ ލޯނުންނެވެ. އެތަން ހިންގުމާއި ބެލެހެއްޓުމާއި މަރާމާތުކުރުމާއި މި ހުރިހާ ޚަރަދެއްގެ ބޮޑު ބައި އަދާކުރަން ޖެހެނީ ވެސް ހަމަ ދިވެހިންނަށެވެ. ނަމަވެސް، އެތަނުގެ ބާރާއި ކޮންޓުރޯލު އޮންނަނީ އެހެން ބަޔެއްގެ ބާރުގެ ދަށުގައެވެ. އާދެ، އުތުރު ތިލަފަޅު ދިވެހިންނަށް ލިބިފައި މއޮންނާނީ މޮހޮނަށް ދޯނި ދެވިފައި އޮންނަ ފަދައިންނެވެ. ދެން، ފަސްދޮޅަސް އަހަރަށް އެތާގައި ކުރާކަމެއް ކުރަން ހަމަޖެހިފައި އޮތް އިރު، މިކަމަށް ހިނގާނޭ ޚަރަދު ހިތަށް ގެންނާށެވެ! މިސާލަކަށް ހަމައެކަނި އެތަނަށް އަންނަ އެކި ވައްތަަރުގެ އުޅަނދު ފަހަރުތަކެވެ. ކަނޑުގެއާއި ވައިގެއެވެ. ދެން، އެތަނުގައި ތިބޭ ބައެއްގެ ޚަރަދުތަކެވެ. މި ހުރިހާ ޚަރަދުތަކަކީވެސް 'ހިއްސާކުރަން ޖެހޭ' ޚަރަދުތަކެއް ކަމުގައި އެއްބަސް ވުމުގައި ލިޔެވިފައ އެބައޮތެވެ! މިހުރިހާ ކަމެއް ސިއްރުކުރެވިފައި އޮންނަން ޖެހެނީ މިކަންކަންވެސް އެނގިދާނެތީތާއެވެ! މީހަކަށް މުދަލެއް ވިއްކާލާއިރު، މުދަލަށް ދައްކަން ޖެހޭ ފައިސާ ވެސް ދޭން މި ޖެހެނީ މުދަލުގެ ވެރިފަރާތުންނެވެ!!



advertisment
One Response
އެހެންވީމަތާ އންޑިއާ އައުޓޭ ކިޔަން މިޖެހެނީ. ރާއްޖެ ވިއްކާލައިފި. ދުވަސްކޮޅަކުން މަލިކަށް ވީހެން މިތަނަށް ވެދާނެތީ ބިރުގަނޭ. ސަރުކާރުން މިތަން ފަސާދަ އަށް ދޫކޮށްލައިގެން ނުވާނެ. އަނެއްކޮޅުން ރޯދަމަސް މިބޯމަތިވީ. ސަރުކާރަށް މުހިއްމުވީ ނިކަމެތި ރައްޔިތުންގެ މެޖޯރިޓީ ފެންކަޅިކޮށްލަން. ސަރުކާރަކީ ހަމައެކަނި ވަޒީފަތަކުގަ އުޅޭ މީހުންނަށް ރޯދަ އަށް އެލަވަންސް ދޭން އޮތްތަނެއް ވީމަ ވަރަށްބޮޑު ބޭއިންސާފެއް އެއީ.އަހަރެމެންނަށް އެއްވެސް އެއްޗެއް ނެތް. ވަޒީފަގަނޑެއްވެސް ނެތް. ބެންކުން ލޯނެއްވެސް ނުލިބޭ. ފިނޭންސުން އަހރުމެންނަށް ރޯދަ އިނާޔަތެއް ރޯދަ ލޯނެއްވެސް ނުދިން ވަޒީފާގަނުޅޭ މުސްލިމަކަށް ވީތީ. މިކުޅިގަނޑު ހުއްޓުވަން އެބަޖެހޭ.