Support Us

އިސްރާއީލު- މިޞްރު- އިމާރާތުގެ ކުއްލި ސަމިޓެއް

މިޞްރުގެ ރައީސް ސީސީއާއި އިސްރާއީލުގެ ބޮޑުވަޒީރު ބެނެޓާއި އަބޫ ޡަބްއިގެ ވަލީ ޢަހްދު މުޙައްމަދު ބިން ޒާއިދުގެ ކުއްލި ސަމިޓެއް މިޞްރުގެ ޝަރްމުއްޝައިޚުގައި ރޭ ބާއްވައިފި އެވެ.

އިމާރާތުގެ ނޫސް އޭޖެންސީ ބުނިގޮތުގައި އަބޫ ޡަބްއިގެ ވަލީ ޢަހްދު ޝައިޚު މުޙައްމަދު ބިން ޒާއިދު އާލު ނަހަޔާން މިޞްރުގެ ރައީސް ޢަބްދުލް ފައްތާޙުއް ސީސީއާ ބައްދަލު ކުރެއްވުމަށް ޓަކައި އިއްޔެ މިޞްރުގެ ޝަރްމުއްޝައިޚަށް ވަނީ ވަޑައިގެންފިއެވެ. މި ވަގުތާ ދިމާވާ ގޮތަށް އިސްރާއީލުގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް ވެސް އިއްޔެ ވަނީ ޝަރްމުއްޝައިޚަށް ވަޑައިގެންފައެވެ.

އިސްރާއީލުގެ ރަސްމީ ޓީވީ ޗެނެލް ބުނާގޮތުގައި "މި ތިން ޒަޢީމުން ޝަރްމުއްޝައިޚުގައި ބައްދަލު ކުރައްވާ މަޝްވަރާ ކުރެއްވީ އީރާނުގެ ނިޔުކްލިއަރ ފައިލާ ބެހޭގޮތުންނެވެ." އިސްރާއީލުން އިތުރު ތަފްޞީލެއް ނުދެއެވެ.

އީރާނުގެ ނިޔްކްލިއަރ ފައިލާ ބެހޭގޮތުން ވިއެނާގައި ވާހަކަދެއްކުންތައް ބޭއްވެމުންދާތާ ދުވަސްތަކެއް ވެއްޖެއެވެ. ބޮޑެތި ޤައުމުތަކާއެކު 2015ވަނަ އަހަރު އީރާނުން ސޮއިކޮށްފައިވާ މި އެއްބަސްވުމުން 2018ގައި އެމެރިކާ ވަކިވުމުން އީރާނުން ވަނީ މި އެއްބަސްވުމުގެ ބައެއް މާއްދާތަކަށް ޢަމަލުކުރުން ހުއްޓައިލާ އެ ޤައުމުގެ ޔޫރޭނިއަމް މުއްސަނދި ކުރާން ފަށައިފައެވެ. މި އެއްބަސްވުމުގެ އަމާޒަކީ އީރާނުން އެ ޤައުމުގެ ނިޔުކްލިއަރ ޕްރޮގްރާމް ކުރިއަށް ގެންދިޔުން ހުއްޓުވައިލުމެވެ. އޭގެ ބަދަލުގައި އީރާނަށް ދަތިކުރުމަށް ޓަކައި ހުޅަގުނންނާއި އެމެރިކާއިން އަޅައިފައިވާ ފިޔަވަޅުތައް އުވައިލުމެވެ.

އިސްރާއީލުގައި ޢިބްރީ ބަހުން ނެރޭ ދުވަހު ނޫސް ބަދީޢޫތު އަޙްރަނޫތު ބުނާގޮތުގައި ޝަރަމުއްޝައިޚުގެ މި ސަމިޓަކީ އީރާނުގެ ނިޔުކްލިއަރ ފައިލާ ބެހޭ ވާހަކަދެއްކުންތައް ނިމުމަކާ ހަމައަށް އަންނަން ގާތްވަމުންދާތީ އެކަމާމެދު މަޝްވަރާކުރެއްވުމަށް ބޭއްވި ޚާޢްޞަ ބައްދަލުވުމެކެވެ. އިސްރާއީލު ދެކޭ ގޮތުގައި އެމީހުންގެ އެންމެ ބޮޑު ދުޝްމަނަކީ އީރާނެވެ.

އިސްރާއީލުގެ މި ނޫސް ބުނާގޮތުގައި އެމެރިކާއިން މިހާރު ވަނީ އީރާނުގެ އިންޤިލާބީ ފާރަވެރީންގެ ލަޝްކަރު ނިރުބަވެރީންގެ ލިސްޓުން އުނިކުރަން ކަނޑައަޅައިފައެވެ.އެއީ އީރާނުން އެ ސަރަޙައްދު ހޫނުކޮށް ނުތަނަސް ނުކުރުމަށް ޝަރްޠުކޮށްފައެވެ.

ޢަރަބި ޤައުމުތަކާއި ތައްލު އަބީބު ދެކޭގޮތުގައި މި ސަރަޙައްދަށް ނުފޫޒު ފޯރުވުމަށް ޓަކައި ވަރަށް ފުޅައު އެޖެންޑާއެއް އީރާނުން ގެންގުޅެއެވެ. އެހެނަސް އީރާނު ބުނާގޮތުގައި އެ ޤައުމުގެ ސިޔާސަތަކީ އަވަށްޓެރި ޤައުމުތަކާއެކު ރަނގަޅު ސިޔާސަތެއް ގެންގުޅުމެވެ.

އިސްރާއީލު ސަރުކަރުން އެމެރިކާއަށް ތަކްރާރުކޮށް ގޮވައިލަމުން ދަނީ އީރާނުގެ އިންޤިލާބީ ފާރަވެރީންގެ ލަޝްކަރު ނިރުބަވެރީންގެ ލިސްޓުން އުނި ނުކުރުމަށެވެ. އިސްރާއީލުން ދަނީ ބައިނަލްއަޤްވާމީ އެއްވެސް ފާރަލުމެއް ނެތް ނިޔުކްލިއަރ ޕްރޮގްރާމެއް ތަރައްޤީކުރަމުން ކަމަށް ތުހްމަތު ކުރެވެއެވެ. އީރާނު ބުނާގޮތުގައި އެ ޤައުމުގެ ނިޔުކްލިއަރ ޕްރޮގްރާމަކީ ޞުލްޙަވެރި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމު ކުރިއަށް ދަނީ ބައިނަލްއަޤްވާމީ ބެލެހެއްޓުމުގެ ދަށުންނެވެ.

ސީސީ ބެނެޓާ ބައްދަލު ކުރެއްވުން

ރޭ ސަމިޓްގެ ކުރިން ރައީސް ސީސީ އިސްރާއީލުގެ ބޮޑުވަޒީރު ބެނެޓާ ވަކިން ބައްދަލު ކުރެއްވިއެވެ. މިއީ ބެނެޓަށް ބޮޑުވަޒީރުކަން ލިބިވަޑައިގެން ފަހުން މިޞްރަށް ކުރެއްވި ދެވަނަ ރަސްމީ ދަތުރުފުޅެވެ.

އަދި ރައީސް ސީސީ އިމާރާތުގެ ޙަޤީޤީ ވެރިޔާ ޝައިޚު މުޙައްމަދު ބިން ޒާއިދާ ވެސް ބައްދަލު ކުރެއްވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *