Support Us

ރަޝިޔާގެ އައު ހަތިޔާރުތަކެއް ޔުކްރޭން ހަނގުރާމައިން ފެންނަން ފަށައިފި

ރަޝިޔާއިން ޔުކްރޭނަށް ދެމުންގެންދާ ޢަސްކަރީ ޚާއްޞަ ޙަމަލާތަކުގައި އެ ޤައުމުގެ އަތުގައި ހުރި މިސައިލްގެ އައު ޖީލުތައް ދައްކަން ފަށައިފިއެވެ. މޮސްކޯ ބުނާގޮތުގައި އެއީ "ބަލިކޮށްނުލެވޭނެ" ހަތިޔާރުތަކެކެވެ. އެއީ އަޑަށްވުރެ ދުވެލި ބާރު، ބޭނުން ދުރުމިނަކަށް ދަތުރު ކުރެވޭނެ، ރާޑަރަށް ދެނެނުގެނެވޭނެ، ވިސްނުންތޫނު ހަތިޔާރުތަކެކެވެ. ރައީސް ޕޫޓިން ވަނީ މި ހަތިޔާރުތައް މީގެ ހަތަރު އަހަރު ކުރިން ހާމަކުރައްވައިފައެވެ.

ރޫސީ ލަޝްކަރު ބުނާގޮތުގައި ޔުކްރޭނިޔާގެ ހަތިޔާރު ގުދަނެއް ހަލާކުކޮށްލުމަށް ޓަކައި ފުރަތަމަފަހަރަށް "ކިންޒާލް" މިސައިލް ވަނީ ބޭނުން ކޮށްފައެވެ. މިއީ ޕޮލެންޑް ސަރަޙައްދު ކައިރީގައި ހުރި ވަރަށް ބޮޑު، ވަރަށް ގިނަ ހަތިޔާރު ހުރި ގުދަނެއް ކަމަށް ރަޝިޔާއިން ބުންޏެވެ. ރަޝިޔާގެ ދިފާޢީ ވުޒާރާ ބުނާގޮތުގައި މިއީ ބިމު އަޑީގައި ހުރި ގުދަނެކެވެ. ހުޅަނގު ޔުކްރޭންގެ އިވަނޯ ފްރޭންކިވްސްކް ސަހަރުގެ މި ގުދަނުގައި މިސައިލާއި މަތިންދާބޯޓު ސާމާނާއި ހަނގުރާމައަށް ބޭނުންވާ ވަރަށް ގިނަ އާލަތްތައް ހުށްޓެވެ.

ރަޝިޔާގެ ދިފާޢީ ވުޒާރާގެ ތަރްޖަމާނު އީގޯރު ކޮނަޝިންކޯފް ހާމަކުރެއްވި ގޮތުގައި ކިންޒާލް (މާނައަކީ ޚަންޖަރު) ބޭނުން ކުރީ މިދިޔަ ހުކުރު ދުވަހުއެވެ.

އިނގިރޭސިވިލާތުގެ އިންޑިޕެންޑެންޓް ދުވަހު ނޫސް ބުނާގޮތުގައި ޔުކްރޭންގެ ވައިގެ ދިފާޢީ ބާރުތަކުން މި ހަމަލާ ދީފައިވާ ކަމަށް ވަނީ އެއްބަސްވެފައެވެ. ޔުކްރޭން ބުނާގޮތުގައި މި ޙަމަލާގެ އަމާޒަކީ ޔުކްރޭންގެ އާޓިލަރީ ހަތިޔާރުތަކާއި ހަތިޔާރުތަކަށް ބޭނުންވާ އުނދަނަ (ފިއޫލް) އެވެ. ރަޝިޔާގެ ދިފާޢީ ވުޒާރާ ބުނާގޮތުގައި ކްރިމިޔާގެ ވައިގެ ސަރަޙައްދު ތެރެއިން ލައިފާ މި ދިން ޙަމަލާގައި ޔުކްރޭންގެ އުނދަނައިގެ ވަރަށް ގިނަ އަދި ވަރަށް ބޮޑެތި ތާނގީތަކެއް ގޮއްވައިލެވުނެވެ.

ރަޝިޔާގެ  މި ޙަމަލާއަށް  ކޮމެންޓް ކުރައްވަމުން ޔުކްރޭންގެ ވައިގެ ދިފާޢީ ބާރުތަކުގެ ތަރްޖަމާން ޔޫރީ އިގްނަޓް ވިދާޅުވިގޮތުގައި ރަޝިޔާގެ އައު މިސައިލްތައް  ތަޖްރިބާކުރުމުގެ މައިދާނަކަށް ޔުކްރޭން ހެދުމަކީ އެކަމާމެދު ވަރަށް ހިތާމަކުރައްވާ ކަމެކެވެ.

ހަތިޔާރާ ބެހޭ ދިރާސާތައް ކުރައްވާ ބޭފުޅުން ވިދާޅުވާ ގޮތުގައި މިއީ ފަސްވަނަ ޖީލުގެ ބޮލިސްޓިކް މިސައިލެކެވެ. މި މިސައިލްގެ ބަރުދަނަކީ 200 ޓަނެވެ. މި މިސައިލް ހަދައިފައި ވަނީ ދިފާޢީ މިސައިލްތަކަށް  އަތުލައި ނުގަނެވޭނެފަދަ ގޮތަކަށެވެ. މި މިސައިލްގެ ރާސްތާގެ މިންވަރަކީ 11 ހާސް ކީލޯ މީޓަރެވެ. ރައީސް ޕޫޓިން ވިދާޅުވެފައިވާ ގޮތުގައި މި މިސައިލަށް އުތުރު ތަނޑިއާއި ދެކުނު ތަނޑިމަތިން އެ ދެ ބައްރު ހުރަސްކޮށް ދަތުރު ކުރެވޭނެއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *