Support Us

ދެކުނު ގަޑުބަޑުގެ ވަގުތުފީތާ- ކުރުކޮށް

1 ޖެނުއަރީ 1959: ދެކުނު ތިން އަތޮޅު (އައްޑު އަތޮޅާއި ފުވައްމުލަކާއި ހުވަދު އަތޮޅު) ގުޅިގެން "ޔުނައިޓެޑް ސުވައިދީބު އައިލެންޑްސް"ގެ ނަމުގައި ވަކި ދައުލަތެއް އުފެއްދި. މި ދައުލަތުގެ ވެރިޔަކީ އައްޑު އަތޮޅު ހިތަދޫ ޢަބްދުﷲ ޢަފީފް.

16 ފެބުރުވަރީ 1959: ހަވަރު ތިނަދޫގައި ފުރަތަމަ ފަހަރަށް ބަޣާވާތް އިޢުލާންކުރި.

13 މާރިޗު 1959: ދިވެހި ދައުލަތުން ވަކިވެ، ދިވެހިރާއްޖޭގެ ސަރަހައްދުގައި އާ ދައުލަތެއް އުފެއްދި ޚަބަރު ބޭރުގެ ރޭޑިއޯތަކުން ފޮނުވި.

21 މާރިޗު 1959: ބޮޑުވަޒީރު އިބްރާހީމް ނާޞިރުގެ ބަޔާނެއް "ވިޔަފާރި މިއަދު" ނޫހުގައި ޝާއިޢުކުރި.

"ދިވެހި ދައުލަތުން ނެއްޓި ވަކި ދައުލަތެއް އުފެއްދި އަތޮޅުތަކުގެ އަމަން ސަލާމަތްކުރަން އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް ގެންދަވަނީ އަޅުއްވަމުން"

29 މާރިޗު 1959: އަމަން ގާއިމުކުރުމަށް އެލިޒަބަތު ބޯޔާގައި ސިފައިންނާއި ސަރުކާރުގެ ވަފުދެއް މާލެއިން ފުރި.

30 މާރިޗު 1959: އެލިޒަބަތު ބޯޔާގައި ދިޔަ މީހުން ފުވައްމުލަކަށް އަރަންކުރި މަސައްކަތް ނާކާމިޔާބުވި. މި ދަތުރުގެ ވަޑައިގެންނެވި ސިފައިންގެ ވެރިޔާގެ ނާއިބު ދައްޕަރު މޫސާމަނިކު ދަތުރަށްފަހު "އިސްތިޢުފާ" ދެއްވި.

04 އެޕްރީލް 1959: ހައްދުންމަތީގައި ސިފައިން ބޭއްތިބުމަށް ފުރަތަމަ ފޮނުވި 11 މީހުންގެ ޓީމު މާލެއިން ފުރި.

ދެކުނު ގަޑުބަޑު ނިމުމަކަށް ގެންނެވުމަށް އޭރުގެ ރަސްގެފާނު އައްސުލްޠާން މުޙައްމަދު ފަރީދު ފަތްކޮޅަކުން ބޮޑުވަޒީރު އިބްރާހީމް ނާޞިރަށް އެންގެވި.

ދެކުނު ގަޑުބަޑު ހަމަޖެއްސުމަށް ވެރިއަކު އިންތިޚާބުކުރުމަށް ރައްޔިތުންގެ ސިއްރު ވޯޓެއް ނެގުމަށް އިޢުލާންކުރި. ރައްޔިތުންގެ އާންމު ވޯޓުގެ 86 އިންސައްތައިން ބޮޑުވަޒީރު ނާޞިރު އިންތިޚާބުކުރި.

26 އެޕްރީލް 1959: ހުވަދު އަތޮޅު އަތޮޅުވެރިޔާ ނތ. ޙަސަންދީދީ، ތިނަދޫގައި ހުންނަވަނިކޮށް ވަރަށް ބޮޑަށް އަނިޔާކުރި. ހިލިހިލާ ޖަހައި ހައްޔަރުކުރި.

 

06 ޖުލައި 1961: "ފެނިވަޑައިގަންނަވާ ގޮތަކަށް މައްސަލަ ހަމަޖެއްސުމުގެ އިޚުތިޔާރު" ރައްޔިތުންގެ މަޖިލިހުން ބޮޑުވަޒީރު ނާޞިރަށް އެރުވި.

13 ޖުލައި 1959: މައްސަލަ ހަމަޖެއްސުމަށް މޯލްޑިވްސްޓާރާއި އިތުރު 15 ގަނޑެތީގައި 700 މީހުން މާލެއިން ފުރި.

15 ޖުލައި 1959: ގައްދޫއަށް މޯލްޑިވްސްޓަރ ދިޔަ. ގައްދޫ ދިވެހި ދައުލަތުގެ ބާރުގެ ދަށަށް ގެންނެވި.

17 މާރިޗު 1959: ތިނަދޫއަށް މޯލްޑިވްސްޓަރ ދިޔަ. ތިނަދޫއަށް ބަޑިޖެހުމުން ރުކަކަށް އަރާއޮތް މުޅަދޫ ބެއްޔާ (އަބޫބަކުރު)ގެ ފަޔަށް ވަޒަންއެރި.

އަތޮޅުވެރިޔާ ނތ. ޙަސަން ދީދީ ސަލާމަތްކުރައްވައި ތިނަދޫ ސަރުކާރުގެ ބާރުގެ ދަށަށް ގެންނެވި. ކުށްވެރިންގެ ގޮތުގައި ބަޔަކު ހައްޔަރުކުރި.

20 ޖުލައި 1959: މޯލްޑިވްސްޓަރ ހުވަދުއަތޮޅަށް ކުރި ދަތުރު ނިންމާލާފައި ބޮޑުވަޒީރު މާލެ ވަޑައިގެންނެވި.

15 ޖޫން 1961: ދިވެހި ދިދަ ބާލައި ދެވަނަ ފަހަރަށް ތިނަދޫގައި ބަޣާވާތުގެ ސަރުކާރުގެ ދިދަ ނެގި. އޭރު ތިނަދޫގައި ތިބި ސިފައިންގެ 10 ބޭކަލުންނާއި ސަރުކާރުން ފޮނުއްވާފައި ތިބި ބޭކަލުންނަށް އަނިޔާކޮށް ހިފާ ހައްޔަރުކޮށް ރޯނުން ބަދެގެން އައްޑު އަތޮޅަށް ގެންދިޔަ. އެ ރޭ ވަރަށް ބޮޑެތި އަނިޔާތައް ސިފައިންނަށް ލިބުނު. ބޯފެޅުނު މީހުންގެ ތެރެއިން ސިފައިންގެ ބޭކަލެއް ކަމަށްވާ ޢަބްދުއްލަތީފް މުޙައްމަދު ފަރުވާކުރަމުން ދަނިކޮށް ނިޔާވި.

16 ޖޫން 1961: ތިނަދޫ އާއި ހުވަދު އަތޮޅުގެ އެހެން ބައެއް ރަށްރަށުން އެރި ބަޣާވާތުގެ ސަރުކާރުގެ ބަޔަކު ގައްދޫގައި ހުޅުޖަހައި އެ ރަށް ލޫޓުވައި މީހުންނަށް އަނިޔާކޮށް އޮޑިހަރުގެތަކާއި ބައެއް ގެތަކުގައި ހުޅުޖެހި.

17 ޖޫން 1961: ދެ ވަނަ ފަހަރަށް ފުވައްމުލަކާއި ހުވަދު އަތޮޅުގައި ބަޣާވަތް ފެށިކަން ސަރުކާރަށް އެނގުނު. މި މަޢުލޫމާތު ލިބުނީ ގައްދޫން މާލެއައި ދޯންޏަކުން.

3 ޖުލައި 1961: އައްޑު އާއި ފުވައްމުލަކާއި ހުވަދު އަތޮޅު ގުޅިގެން އުފެއްދި 'ޔުނައިޓެޑް ސުވައިދީބު އައިލެންޑްސް’ގެ ސިޓީއެއް ހިފައިގެން ތިން ބޭކަލުންގެ ވަފުދެއް މާލެ ވަޑައިގެންނެވި.

06 ޖުލައި 1961: ރައްޔިތުންގެ މަޖިލިހުގެ ޚާއްޞަ ޖަލްސާއަކުން އައްޑޫ މައްސަލަ ނިންމުމުގެ ފުރިހަމަ އިޚްތިޔާރު ބޮޑުވަޒީރު ނާޞިރަށް އެރުވުމަށް ފާސްކުރެއްވި.

"މިލިޔުން އެއްވެސް ހަމައަކުން އެއްވެސް ރޮނގަކުން، އެއްޗަކަށް ނުވެއެވެ. އަދި ދެކުނުގެ ތިން އަތޮޅުގެ ބަޣާވާތް ހަމަޖެއްސުމަށް ވަޒީރުލްއަޢުޡަމަށް ރާއްޖޭގެ ރައްޔިތުންގެ އާންމު ވޯޓަކުން ދީފައިވާ އިޚުތިޔާރުގެ މަތީން އައްޑު އަތޮޅުގެ މައްސަލައާއި އަދި މިހާރު ހުވަދު އަތޮޅުގައާއި ފުވައްމުލަކުގައި އުފެދިގެން އުޅޭ ބަޣާވާތް ހަމަޖެއްސުމުގެ ފުރިހަމަ އިޚްތިޔާރު ވަޒީރުލްއަޢުޡަމަށް ރައްޔިތުންގެ މަޖިލީހުން ދީފީމެވެ."

28 ޖަނަވަރީ 1962: ތިނަދޫ ދެވަނަ ފަހަރަށް ދިވެހި ދައުލަތުގެ ބާރުގެ ދަށަށް ގެންނެވުމަށް ސިލްވަރ ކްރެސްޓްގައި ބޮޑުވަޒީރު ނާޞިރު މާލެއިން ފުރާވަޑައިގެންނެވި.

30 ޖަނަވަރީ 1961: ހަވީރު 03:00 ހާއިރު ހަވަރު ތިނަދޫއަށް ސިލްވަރ ކްރެސްޓް ދިޔަ. ރައްޔިތުންނަށް ނަސޭހަތްތެރިވެ ބަޣާވާތުގެ ދިދަ ބާލައި ދިވެހި ދިދަ ނެގުމަށް ނަސޭހަތް ދޭންފެއްޓެވި. ތިނަދޫގައި ބަޣާވާތުގެ ސަރުކާރުގެ "ސިފައިން" ހަރަކާތްތެރިވަމުންދިޔަ.

31 ޖަނަވަރީ 1962: ކުޑަ ދޯންޏެއްގައި ތިނަދޫއާ ކައިރިކޮށް، ތިނަދޫ ރައްޔިތުންނަށް އަޑުގަދަކުރާއިން ތަކުރާރުކޮށް ނަސޭހަތްދެއްވުމުން ވެސް ދިވެހި ދިދަ ނުނެގުމުން އިންޒާރުދީ ފުރަތަމަ ވައިގެ ތެރެއަށް ބަޑިޖަހަން ފެށި. އެއަށްފަހު ރަށުތެރެއަށް ބަޑިޖެހި. ބައެއް އޮޑިހަރުގެ ތަކާއި ބައެއް ގެތަކުގައި ހުޅުޖެހި.

ބަޑިޖަހަން ފެށުމުން ތިނަދޫ ޑައިމަންޑްވިލާ ޢަލީ ރަޝީދު ސުވައިދީބު ސަރުކާރުގެ ދިދަ ބާލައި ދިވެހި ދިދަ ތިނަދޫގައި ނެގި.

އެ ދުވަހު ބަޑީގެ ވަޒަން އަރައިގެން ނިޔާވީ ތިނަދޫ އަބުހަރީގޭ ޙުސައިން ތަކުރުފާނު. އޭނާގެ އިތުރުން ވަޒަން އަރައިގެން ތިން މީހަކު ޒަޚަމުވި. އަދި އެ ދުވަހު ބަޑިޖަހަން ފެށުމުން ބިރުގޮސް ހޮޑުލެވި ހާލުދެރަވެގެން ތިނަދޫގައި އެރަށު ލައިނޫފަރުގޭ ސަންފާ ނިޔާވި. ނިޔާވި ދެ މީހުންގެ ޖަނާޒާ ތިނަދޫން މީހުން ފައިބަމުން ދިޔަ ވަގުތު ކުޑަކަތީބު ޤާސިމު ރަޝާދުގެ ބެއްލެވުމުގެ ދަށުން ބޭއްވި.

އެ ދުވަހު އިރު އޮއްސުމުގެ ކުރިން ހުރިހާ ރައްޔިތުން ތިނަދޫން ފޭބުމަށް އަމުރުކުރެއްވި. މިކަންވީ އިންސާނީ ވަރަށް ވަރަށް ބޮޑު ކާރިސާއަކަށް. މިކަމުގެ ސަބަބުން ހާލުގައި ޖެހި، ނިޔާވެދިޔަ މީހުންނާއި ކުޑަކުދިންގެ އަދަދެއް ނޭނގެ.

 

ދެ ވަނަ ފަހަރަށް ހަވަރު ތިނަދޫ ސަރުކާރުގެ ބާރުގެ ދަށަށް ގެންނެވި. ކުށްވެރިންގެ ގޮތުގައި ބަޔަކު ހައްޔަރުކުރި. ބައެއް މީހުންގެ މުދާ ސަރުކާރަށް ނެންގެވި. ތިނަދޫގެ ކަމުވޮށިވެގެންވާ އާއިލާތަކުގެ އަންހެނުންނާއި ކުޑަކުދިން ވެސް ކުށްވެރިންގެ ގޮތުގައި ދައުލަތުގެ ބާރުގެ ދަށަށް ގެންނެވި. ކުށްވެރިންގެ ގޮތުގައި މާލެ ގެނައި ފިރިހެނުން ބައިތިއްބީ ހެންވޭރު ޖަލުގައި. ފަހުން މާލެ އަތޮޅު ވިލިނގިލި ޖަލަށް ބަދަކުކުރި. ޖަލުތަކުގައި ގިނަ ބަޔަކު ނިޔާވި. އަންހެނުންނާއި ކުޑަކުދީން ބޮޑެތި ކުށްވެރީންގެ ގޮތުގައި އުތުރުގެ ރަށްރަށް ފޮނުވާލެއްވި.

04 ފެބުރުވަރީ 1962: ތިނަދޫއަކީ ފަޅުރަށެއް ކަމަށް ސަރުކާރުން ހަމަޖެއްސެވި.

07 ފެބުރުވަރީ 1962: ހުވަދު އަތޮޅު ދެބައިކުރެއްވި.

30 ސެޕްޓެންބަރު 1963: ބަޣާވާތުގެ ސަރުކާރުގެ ވެރިޔަކަށް ހުންނެވި ޢަބްދުﷲ ޢަފީފު އިނގިރޭސީން ސީޝެލްސް އަށް ގެންދިޔަ.

22 އޮގަސްޓް 1966: ތިނަދޫގައި ދެ ވަނަ ފަހަރަށް މީހުން ވަޒަންވެރިވުމުގެ ހުއްދަ ސަރުކާރުން ދެއްވި.

 * މައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން ނަގައިފައި

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *