ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދު އިމާރާތަށް ވަޑައިގެން ދުބައިގެ ޙާކިމު ޝައިޚު މުޙައްމަދު ބިން ރާޝިދާ ބައްދަލު ކުރައްވައިފިއެވެ.
ބައްޝާރުގެ ފޭސްބުކް ޞަފްޙާ ބުނާގޮތުގައި ބައްޝާރާ މުޙައްމަދު ބިން ރާޝިދުގެ ބައްދަލު ކުރެއްވުން އޮތީ ދުބައިގެ މަރްމޫމު ސަރަޙައްދުގައި ހުންނަ އޭނާގެ އަރާމުޚާނާގައެވެ. އިމާރާތުގެ ނޫސް އޭޖެންސީން ވެސް ވަނީ ޝައިޚު މުޙައްމަދު ބިން ރާޝިދު ސޫރިޔާގެ ރައީސް އަސަދާ ބައްދަލު ކުރެއްވި ޚަބަރު ރޭ ޝާއިޢުކޮށްފައެވެ.
ޢަރަބި ޤައމުތައް ބައްޝާރާއެކު ގުޅުން އިޢާދަކުރުން
ރޮއިޓަރޒް ބުނާގޮތުގައި މިއީ ޢަރަބި ޤައުމުތަކުން ބައްޝާރާއެކު ގުޅުންތައް އިޢާދަކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ސިލްސިލާގެ ތެރޭގައި ހިމެނޭ ކަމެކެވެ.
އިމާރާތުން ބުނާގޮތުން ބައްޝާރާ ދުބައިގެ ވެރިޔާ ޝައިޚު މުޙައްމަދު ބިން ރާޝިދާ ދެމެދުގައި ބޭއްވުނު ވާހަކަދެއްކުންތަކުގައި ބަހުސް ކުރައްވައިފައިވަނީ އެ ދެ ޤައުމުގެ ދެމެދުގައި އިޤްތިޞާދީ މައިދާނުގައި އެއްބާރުލުން އިތުރުކުރުމާއި ސިޔާސީ ތަފާތު މަސްއަލަތަކާ ބެހޭގޮތުންނެވެ. މީގެއިތުރަށް ވިޔަފާރީގެ މައިދާނުގައްޔާއި ވުނަކުރުމުގެ މަޝްރޫޢުތައް ގުޅިގެން ހިންގުން ވަރުގަދަކުރުމާ ބެހޭގޮތުން ވެސް މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުވުމުގައި ދުބައިގެ ވަލީޢަހްދު ޙަމްދާން ބިން މުޙައްމަދާއި ދުބައިގެ ޙާކިމުގެ ނައިބު އަދި މާލީ ވަޒީރު މަކްތޫމު ބިން މުޙައްމަދު ބިން ރާޝިދާއި ރިޔާސީ ގަނޑުވަރާ ބެހޭ ވަޒީރު މަންޞޫރު ބިން ޒާއިދު އާލު ނަހަޔާނާއި ކެބިނެޓާ ބަހޭ ވަޒީރު މުޙައްމަދު ބިން ޢަބްދުﷲ އަލްޤަރްޤާވީއާއި އިމާރާތުގެ ރައީސްގެ ސިޔާސީ މުޝީރު ޑރ. އަންވަރު ބިން މުޙައްމަދު ޤަރްޤާޝާއި ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ އަމީން ޢާންމުގެ ނައިބު ޢަލީ ބިން ޙައްމާދުއް ޝާމިސީއާއި ދުބައިގެ ޤައުމީ ސަލާމަތާ ބެހޭ އިދާރާގެ ޑިރެކްޓަރ ޖެނެރަލް ޠަލާލު ޙަމީދު ހިމެނިވަޑައިގަންނަވައެވެ.
ރައީސް ބައްޝާރުގެ އަރިހުގައި ވަޑައިގެންނެވި ބޭފުޅުންނަކީ ޚާރިޖީ ވަޒީރު ޑރ. ފައިޞަލުލް މިޤްދާދާއި ރިޔާސީ އޮފީހުގެ ކަންތައްތަކާ ބެހޭ ވަޒީރު މަންޞޫރު ޢައްޒާމާއި ޚާރިޖީ ވަޒީރުގެ ނާއިބު ޑރ. ބައްޝާރުލް ޖަޢުފަރީއެވެ.
އެމެރިކާއިން ދެކޮޅަށް ފާޑު ކިޔައިފި
އަސަދު އިމާރާތަށް ކުރެއްވި ދަތުރުފުޅާ ބެހޭގޮތުން އެމެރިކާއިން ދެކޮޅު ހަދައި ފާޑުކިޔައިފައިވާ ކަން ފާހަގަ ކުރެވެއެވެ. އެމެރިކާގެ ޚާރިޖިއްޔާގެ ތަރްޖަމާނު ނެޑް ޕްރައިސް ނޫސްވެރީންނާ މުޚާޠަބު ކުރައްވާ ވިދާޅުވިއެވެ. "މިއީ އަހުރެމެން ވަރަށް ދެރަވާ ކަމެކެވެ. މި ކަމުގެ ސަބަބު ބައްޝާރުގެ ވެރިކަމަށް ޤާނޫނީ ސިފަ ލިބެމުންދާތީއެވެ."
ޕްރައިސް ވިދާޅުވިއެވެ. "ބައްޝާރުގެ ސަރުކާރާއެކު ގުޅުން ޤާއިމު ކުރާން މަސައްކަތްކުރާ ޤައުމުތަކަށް އެކަމާމެދު ފުންކޮށް ވިސްނުމަށް އަހުރެމެން ގޮވައިލަމެވެ. ވޭތުވެދިޔަ ދަހަރުގައި އެ ނިޒާމުން ވަނީ ލާއިންސާނީ ބިރުވެރި އެތައް ޢަމަލުތަކެއް ހިންގައިފައެވެ."
އެމެރިކާގެ އެކުވެރި ބައެއް ޢަރަބި ޤައުމުތަކުން ބައްޝާރުގެ ސަރުކާރާއެކު ގުޅުންތައް ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުންދާތީ ވޮޝިންގްޓަން ވަރަށް ކަންބޮޑުވެއެވެ. ސުޢޫދީ ޢަރަބިއްޔާއިން އިސްނަގައިގެން ސޫރިޔާއާއެކު ގުޅުންތައް ރަނގަޅު ކުރުމުގެ މަސްއަކަތްތަކެއް ވަނީ ފަށައިފައެވެ. މިޞްރުގެ ގޭސް ސޫރިޔާތެރެއިން ލައިފައި ލުބްނާނަށް މިހާރު ދަނީ ފޮނުވަމުންނެވެ.



advertisment