Support Us

ޔޫކުރޭނުގެ ހަމަނުޖެހުމުގެ މުހިންމު ނުކުތާތަކާމެދު އެމެރިކާއިން ރޫސީންނާ މަޝްވަރާކުރާންޖެހޭ: ޝީ

ރޫސީ-ޔޫކުރޭން މައްސަލައިގައި ރޫސީންނާ ވާހަކަދައްކައި މަޝްވަރާކުރުމުގައި އެމެރިކާއިން ބައިވެރިވާންޖެހޭ ކަމަށް ސީނުކަރައިގެ ރައީސް ޝީޖިންޕިންގ ވިދާޅުވެއްޖެވެ. އަދި މި މައްސަލަގަނޑު ފެށޭން ދިމާވި ހަގީގީ ސަބަބު ހޯދައި މި ކަމަށް ދީބްލޫމާސީ ހައްލެއް ހޯދާންޖެހޭ ކަމަށް ވެސް ޝީ ވިދާޅުވިއެވެ.

އެމެރިކާގެ ރައީސް ޖޯބައިޑްން އާއި ޝީޖިންޕިންގ ރޭ ބޭއްވެވި މަޝްވަރާ ބައްދަލުވުމުގައި ސީނުން އެންމެ ބޮޑަށް ފާހަގަކުރީ އަބަދު ވެސް ބެއިޖިންގ އޮންނާނީ ޞުލްޙަ ގާއިމުކުރުމާ އެއްކޮޅަށް ހަނގުރާމައާ ދެކޮޅު ސިޔާސަތުގައި ކަމަށެވެ.

"ރޫސީންނާއި ޔުކުރޭނާ ދެމެދު ވާހަކަދެއްކުންތައް ބާއްވާން ހުރިހައި ފަރާތަކުން ވެސް ތާއީދުކޮށް އެކަމަށް ބާރުއެޅުމަކީ ކޮންމެހެންވެސް ބޭނުންތެރިކަމެކެވެ." އެމެރިކާއާއެކު ބޭއްވި ބައްދަލުވުމަށްފަހު ސީނުކަރައިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. މީގެ އިތުރަށް ރައީސް ޝީ، ރައީސް ބައިޑްނަށް ދަންނަވައިފައިވަނީ މިހާރު ހިނގަމުންދާ ހަމަނުޖެހުން ޙައްލުކުރުމުގައި އެހެން ފެންވަރެއްގައި މަސައްކަތްކުރުމަކީ ވެސް ކޮންމެހެން ބޭނުން ކަމެއްކަމަށެވެ. އަދި ރޫސީ-ޔޫކްރޭން ހަމަނުޖެހުމުގެ މުހިންމު ނުކުތާތަކާ މެދު އެމެރިކާއާއި ނޭޓޯއިން ރޫސީންނާ ވާހަކަދައްކާން ޖެހޭ ކަމަށް ވެސް ޝީޖިންޕިންގ ވިދާޅުވިއެވެ.

މި މައްސަލައިގެ ދީބުލޫމާސީ ޙައްލަކަށް ބައިޑްން ތާއީދުކުރައްވާ ތާއީދުކުރެއްވުން ބައިޑްން ފާހަގަކުރެއްވިއެވެ. އަނެއްކޮޅުން މި މައްސަލަގަނޑުގެ ތެރޭގައި ސީނުކަރައިން ރޫސީންނަށް މާއްދީ ގޮތުން އެއްވެސް އެހީތެރިކަމެއް ދީގެންނުވާނެކަމަށް އެމެރިކާ އިންޒާރުކުރިއެވެ. ސީނުކަރައިން ރޫސީ ވިލާތަށް މާއްދީ އެހީތެރިކަން ފޯރުކޮށްދޭކަމަށް މީޑިއާ ރިޕޯޓްތައް ކުރާ ތުހުމަތުތައް އަބަދު ވެސް ރޫސީންނާއި ސީނުކަރައިން ދޮގުކޮށް އެ ކަމަށް އިންކާރުކުރެއެވެ. ރޫސީން މިހާރުވަނީ ހުޅަނގުން "ވަރިވެގެން" ސީނުކަރައާ ރަޙުމަތްތެރިކަން ބަދަހިކޮށްފައެވެ.

އަނެއްކޮޅުން އެމެރިކާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ސީނުކަރައާއެކީ ފިނި ހަނގުރާމައަކަށް ދާކަށް އެމެރިކާއަކުން ނުވިސްނާ ކަމަށެވެ. އަދި ސީނުކަރައިގެ ނިޒާމު ބަދަލުކުރުމަކީ އެ މީހުންގެ ނިޔަތެއް ވެސް ނޫންކަމަށެވެ. ހަމަ އެފަދައިން އެމެރިކާގެ އިސްލާހީ އިއްތިހާދަކީ ސީނަށް އަމާޒުކުރެވިފައިވާ އިއްތިހާދެއް ނޫންކަމަށް ވެސް އެމެރިކާގެ ބަޔާނުގައިވެއެވެ. އަދި ތައިވާނުގެ މިނިވަންކަމަށް ވެސް އެމެރިކާއިން ތާއީދު ނުކުރާ ކަމަށާއި އަދި ސީނުކަރައާއި އަރައިރުންވުމަކީ އެމެރިކާގެ މަގުސަދެއް ވެސް ނޫންކަމަށް ބަޔާންކޮށްފައިވެއެވެ. އެހެންނަމަވެސް އެމެރިކާއިން ފާހަގަކޮށްފައިވާ ގޮތުގައި ތައިވާނާމެދު އެމެރިކާއިން ގެންގުޅޭ ސިޔާސަތު ބައިޑްން ދަމަހައްޓަވާނެކަމަށް ވެސް އެމެރިކާއިން ބުނެއެވެ. ތައިވާން މިހާރު އޮތް ދަރަޖައަށް ބަދަލެއް ގެނައުމަކީ އެމެރިކާއިން ތާއީދުކުރާނެ ކަމެއް ނޫންކަމަށް ވެސް ވައިޓްހައުސްއިން ނެރުނު ބަޔާންގައި ބުނެފައިވެއެވެ.

ތައިވާންގެ މައްސަލައަކީ އެމެރިކާ-ސީނުގެ ގުޅުމަށް އެންމެ ބޮޑަށް އަސަރު ފޯރާ އެއް މައްސަލައެވެ. މި ކަން ވަނީ އެތައް އަހަރެއް ވަންދެން ދެމިގެން ގޮސްފައެވެ. ސީނުން ގަބޫލުކުރަނީ ތައިވާނަކީ އެ ގައުމުން ވަކިވެގަނެގެން އުޅޭ ދާޚިލީ ސަރަހައްދެއް ކަމުގައެވެ. ނަމަވެސް ސީނުކަރައިގެ ދާޚިލީ ހަނގުރައިގައި އެ ޖަޒީރާ ސީނުކަރައިގެ އިދާރިއްޔަތުން ވަކިވެގަނެގެން އުޅޭތާ މިހާރު އެތައް ދަހަރެއް ވަނީވެފައެވެ.

މި ކަންކަން މިހެން ހިނގަމުންދާއިރު ތައިވާނުން ގެންދަނީ އެމެރިކާގެ ހިޔަނީގައި ގުޅުންތައް ބަދަހިކުރަމުންނެވެ. އަދި ޚާއްސަކޮށް އަސްކަރީ އެއްބަރުލުމުގައި ދެ ގައުމުގެ ގުޅުން އަންނަނީ ބަދަހިކުރަމުންނެވެ. މި ކަންކަން ބޭޖިންގއިން ދެކެނީ އެއީ އެމެރިކާއިން ވެސް ގަބޫލުކޮށްފައިވާ "އެއް ސީނު" ސިޔާސަތާ ޚިލާފުވުންކަމަށެވެ. އަދި މިއީ ވަކިގަނެގެން އުޅޭ މީހުންގެ ޙަރަކާތައް ތެޔޮއަޅައިދީ އެހީތެރިވެދިނުން ކަމަށާއި އެއީ ސީނުކަރައިގެ ދާޚިލީ ކަންކަމާ ބެހުން ކަމަށް ވެސް ސީނުކަރައިން ދެކެއެވެ.

ސީނުކަރައިން ވަރަށް އާންމުކޮށް ތައިވާން ސަރަހައްދުގައި އަސްކަރީ ތަމްރީނުތައް ބާއްވައެވެ. އަދި ބޮޑެތި އަސްކަރީ މަތީންދާބޯޓުތައް ވެސް ތައިވާނުން އެ މީހުންގެ ސަރަހައދު ކަމަށް ގަބޫލުކުރާ ސަރަހައްދަށް ފޮނުވައެވެ.

މި ލިޔުމުގައި ބޭނުންކޮށްފައިވާ ލަފުޒެއްގެ މާނައާއި ފުރޮޅޭ ގޮތް:

ދަހަރު: ދިހަ އަހަރު (decade)

ދަހަރު، ދަހަރާއި، ދަހަރަކީ، ދަހަރުން، ދަހަރަށް، ދަހަރާއި، ދަހަރީ، ދަހަރެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

2 Responses

  1. އެމެރިކާގެ އުދުވާނަކީ ގައުމުތަކަށް ބިރުދެއްކުން މިވީތަނުގައި ބިރުދަށްކައި ގެން ކުރެވުނީ ކޮންކަމެއް އިރާން އަފުއާނިސްތާން ސޫރިއާ މިގައުމުތަކުގެ ވެރިންލާފައިވާ ކޯޓު ބައިޑަންގެ ކޯޓައްވުރެން ރީތިވެފައި މާސަޅިހެން ހީވަނީ

  2. ހުޅަނގުގެ ގައުމުތަކަކީ ދުވާލަށް ރޭގަނޑޭވެސް ބުނާ ގައމުތައް. މިދުނިޔެމަތީގައި އެހާ ޖަނަވާރު އުސޫލު ގެންގުޅޭ ބަޔަކުވެސް ނުތިބޭނެ. މުއާހަދާތަކޔގަ ސޮއިކުރާނެ އަނެއް ދުވަހު އޭގެން ވަކިވާނެ އެމީހުން ބެނުންވާ ކަންތައް ހަސިލުވީމަ. ހިވާކަހަކަލަ އެއްވެސް އެގްރީމެންޓެއް އެމީހުންގެ މައްޗަށް ނުހިނގާނެ ބައެއްގެ ގޮތުގައޭ އެމެރިކާ އާ ފަރަންސޭސީންނާ ކެނެޑާ އަދި ޑެންމާކާ އިގިރޭސިވިލާތު މީހުންނައެންމެހަ ޔަހޫދީންފޮނުވާފަތިބީ. ވަރަށް ސާފު ރަތް ރޮނގެއް ދަމަންޖެހޭ ޔަހޫދީންނާ ހުޅަނގު އަދި މަކަރުވެރި އެމެރިކާނުންގެ ބައިގަނޑާ އަހަރުމެނާ ދޭތެރޭގަ. އެމެރިކާ އާ ހުޅަނގަކީ ޓެރަރިސްޓުން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *