Support Us

ރައީސް އިލްހާމް ޙައިދަރު އުޣުލޫ ޢަލިޔޭވް ބީ.ބީ.ސީ އަށް އިންޓަވިއު ދެއްވަނީ

ކޮލަމް މާޒީ: އަޒަރުބައިޒާންގެ ރައީސް އިލްހާމް ބީބީސީއަށް ދެއްވި ރައްދު

އޮކްޓޯބަރ 31، 2003 އިން ފެށިގެން އަޒަރުބައިޖާންގެ ރައީސްގެ މަޤާމު ފުރުއްވަމުން ގެންދަވާ، ރައީސް އިލްހާމް ޙައިދަރު އުޣުލޫ ޢަލިޔޭވް އަކީ ހުޅަނގަށް ރައްދުދެއްވާ ވަރުގަދަ އިސްވާރެކެވެ. މި ފަދަ ކޮންމެ އިސްވާރަކަށް ހުޅަނގު މީޑިއާތަކުން ނަންދީފައި ހުންނަނީ ޚުދުމުޚުތާރު ވެރީން ކަމުގައެވެ. ކިތަންމެ ޚުދުމުޚުތާރަސް އިނގިރޭސީންނާއި އެމެރިކާއަށް ސަނާ ކިޔާ ނަމަ، އެއީ ހުޅަނގުގެ ނަޒަރުގައި އެންމެ ދީމުޤުރާޠީ ވެރިއެކެވެ. ދުނިޔޭގެ ކޮންމެ ދިމާއަކަށް ބަލައިލިޔަސް މި ހަގީގަތްތައް ވަރަށް ސާފުކޮށް ފެންނާން އެބަހުއްޓެވެ. މަޞްލަޙަތަށް ޓަކައި ވަކި ނަންތަކެއް އަޅުގަނޑެއް ނުދަންނަވާނަމެވެ.

ކޮންމެއަކަސް އިލްހާމު، 61، އަކީ ހުޅަނގަށް ގޮންޖައްސަވައި ރައްދުދެއްވާ ބޭފުޅެކެވެ. އެހެންކަމުން ރައީސް އިލްހާމަށް ހުޅަނގުގެ މީޑިއާއިން ތަފާތު ތުހުމަތުތައް ކުރެއެވެ. މީޑިއާއިން ތަފާތު ސުވާލުތައް ދަންނަވައެވެ. މި ހާމަކޮށްލަނީ ބީ.ބީ.ސީގެ އެފަދަ ސުވާލުތަކަކަށް، 15 ނޮވެމްބަރު 2020 ގައި އެމަނިކުފާނު ދެއްވި ވަރުގަދަ ރައްދެއްގެ ވާހަކައެވެ. މި ވާހަކަ ބަޔާންކޮށްލާން މި ފުރުސަތުގެ ބޭނުންކޮށްލާނަމެވެ.

ހުޅަނގުން ތުހުމަތުކުރާ ގޮތުގައި އަޒަރުބައިޖާނަކީ ޚުދުމުޚުތާޜު ވެރިކަމެއް ހިނގާ ގައުމެކެވެ. އެ މީހުން ބުނާ ގޮތުގައި އެ ގައުމުގައި މީޑިއާގެ މިނިވަންކަމެއް ނޯވެއެވެ. އިދިކޮޅު ޙަރަކާތަކަށް ފުރުޞަތެއް ނޯވެއެވެ. ސަރުކާރާ ޚިޔާލު ތަފާތުވެއްޖެ ކޮންމެ މީހަކު ޖަލަށްލެވެއެވެ. މިއީ ހުޅަނގުން ދެކޭ ގޮތެވެ. ހަގީގަތް ދެނެވޮޑިގެންވާނީ މާތް ﷲއެވެ.

އަޒަރުބައިޖާންގައި މީޑިއާގެ މިނިވަންކަމާއި އިދިކޮޅު ޙަރަކާތެއް ނޯންނަނީ ކީއްވެގެންތޯ ބީބީސީ ރިޕޯޓަރަކުން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން އެހެން ތިޔަ ބުނީ ކީއްވެތޯ އިލްހާމް ސުވާލުކުރެއްވިއެވެ.

އޭގެ ޖަވާބުގައި ރިޕޯޓަރު ދެންނެވީ އެއީ އެ ޤައުމުގެ (އިނގިރޭސި ވިލާތުގެ) މަސްދަރުތަކުން އޭނާއަށް ދީފައިވާ މަޢުލޫމާތުކަމަށެވެ.

އޭގެ ރައްދުގައި އިލްހާމް ސުވާލުކުރެއްވިއެވެ. "މިނިވަން ކޮން މަސްދަރަކުން ހެއްޔެވެ؟" ރިޕޯޓަރު ޖަވާބުދިނީ "އެތައްބައިވަރު މަސްދަރުތަކަކުން" ކަމަށެވެ.

އިލްހާމް ހިނިފުޅުވަޑުވަމުން ސުވާލުކުރައްވަނީ "ކޮން މަސްދަރަކުންކަން ބުނެދީބަލާށެވެ." ރިޕޯޓަރު ޖަވާބުދިނީ "އެ މަސްދަރުތަކުގެ ނަންތަކެއް ނުދެންނެވޭނެ ކަމަށެވެ."

އިލްހާމުގެ ރައްދު ވަރުގަދަކުރައްވަމުން ވިދާޅުވިއެވެ. "އިނބަށް މީޑިއާގެ ނަމެއް ނުބުނެވުނީމާ އޭގެ މާނައަކީ އިނބަ ހަމަ ވާހަކައެއް ހަދައިލީ ކަމަށެވެ."

އެ ހިސާބުން ރިޕޯޓަރު ކުޑަކޮށް އަނގަ ބެދޭ ގޮތްވެގެން ވާހަކަ އެހެން ގޮތަކަށް ބައްޓަންކޮށްލަމުން ސުވާލު ދެންނެވިއެވެ. "އެހެންވީމާ މަނިކުފާނު ތިޔަ ވިދާޅުވަނީ "(އަޒަރުބައިޖާންގައި) މީޑިއާ ވަނީ ދައުލަތުގެ ކޮންޓްރޯގެ ދަށުގައެއް ނޫނޭތޯއެވެ؟" އިލްހާމް ވިދާޅުވީ "އާނއެކޭ، މި ބުނަނީ އެހެންނެވެ." (އެއްވެސް ވަރަކަށް ދައުލަތުން މީޑިއާ ކޮންޓްރޯލެއް ނުކުރަމެވެ.) ދެން ރިޕޯޓަރު ސުވާލުކުރިއެވެ. "މަދަނީ ޖަމުޢިއްޔާތައް އުވައެއް ނުލައްވަމުތޯއެވެ؟" ރައީސް އިލްހާމް ޖަވާބުދެއްވިއެވެ. "އެއްވެސް ހާލެއްގައި އުވައެއް ނުލަމެވެ."

"ނޫސްތައް އުވައެއް ނުލައްވަންތޯއެވެ؟ ފާޑުކިޔުންތެރިން ޖަލަކަށް ނުލައްވަންތޯއެވެ؟ މިއިން އެއްވެސް ވާހަކައަކީ ތެދެއް ނޫންތޯއެވެ؟" ރިޕޯޓަރު އެތައް ސުވާލެއް މަތިމައްޗަށް އެއްފަހަރާ ދެންނެވިއެވެ.

ރައީސް އިލްހާމް ޙައިދަރު އުޣުލޫ ޢަލިޔޭވް ބީ.ބީ.ސީ އަށް އިންޓަވިއު ދެއްވަނީ

ހިނިތުންވެވަޑައިގެން އިންނަވައި މި ސުވާލުތަކުގެ ޖަވާބުދެއްވަމުން ރައީސް އިލްހާމް ވިދާޅުވިއެވެ. "ހުސްދޮގެވެ. އަހަރެމެންގެ މިނިވަން މީޑިއާއެއް އެބަ އޮތެވެ. ސިޔާސީ އިދިކޮޅު ޙަރަކާތްތައް ހިންގައެވެ. މިނިވަން އިންޓަރނެޓެއް އެބަ އޮތެވެ. އަދި އަޒަރުބައިޖާންގައި %80 މީހުން އިންޓަރނެޓް ބޭނުންކުރެއެވެ."

އިލްހާމް ވިދާޅުވި ގޮތުގައި މިނިވަންކަމާއެކު އިންޓަރނެޓް ބޭނުންކުރުމުގެ ހައްގު ފުޅާ ދާއިރާއެއްގައި ހުޅުވައިލެވިފައި އޮންނަ ގައުމެއްގައި މީޑިއާގެ މިނިވަންކަން ނެތް ވާހަކަ ދެއްކުމަކީ ޖޯކެކެވެ.

މި ހިސާބުން އިލްހާމް ރިޕޯޓަރާ ވަރަށް އާދަޔާ ޚިލާފު ސުވާލުތަކެއް ކުރެއްވިއެވެ.

"މރ. ޖޫލިއަން އަސާންޖަށް ވީ ގޮތް ތިޔަ ބައިމީހުން ވަޒަންކުރަނީ ކިހިނެއްހެއްޔެވެ؟ މިއީ ތިޔަބައިމީހުންގެ ގައުމުގައި މީޑިއާގެ މިނިވަންކަން ރިވެލިކޮށްދޭ ގޮތް ހެއްޔެވެ؟ އަސާންޖާ ބެހޭ ގޮތުން ވާހަކަދައްކައިލަމާ ހިނގާށެވެ! އޭނާ އީކުއޭޑޯ އެންބަސީގައި ކިތައް އަހަރު ހޭދަކުރާންޖެހުނުހެއްޔެވެ؟ އެއީ ކީއްވެގެންހެއްޔެވެ؟ ކޮން ސަބަބަކާ ހުރެހެއްޔެވެ؟ ނޫސްވެރިކަމުގެ (ޒިންމާދާރު ފަންނީ) ޢަމަލެއްގެ ސަބަބުންނެވެ. މިހާރު އޭނާ ކޮބައިހެއްޔެވެ؟ ތިޔަބައިމީހުން އިންސާނަކު ރަހީނުކުރީމުއެވެ؟ ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އޭނާއަށް އަނިޔާ ދިނީމުއެވެ. އެކަންކުރީ ތިޔަބައިމީހުންނެވެ. އަހަރެމެންނެއް ނޫނެވެ. މިހާރު އޭނާވީ ޖަލުގައެވެ. އެހެންވީމާ، މި ބާވަތުގެ ހަދިމުޑުދާރު ކަންތައް ކުރަމުން މީޑިއާގެ މިނިވަންކަމޭ ބުނެ އަނގަ ހުޅުވުމުގެ ހައްގެއް ވެސް (ސުލޫކީ ގޮތުން) ތިޔަބައިމީހުންނަކަށް ނޯންނާނެއެވެ."

އިލްހާމްގެ ސުވާލުތަކާއި ބަޔާނަށް ރައްދު ދޭނެ ގޮތެއް ރިޕޯޓަރަކަށް ނޭނގުނެވެ. ނޭނގޭނެތާއެވެ. އިލްހާމް އެ ހާމަކުރެއްވީ ހައްގެވެ. ހަގީގަތެވެ. އެއަށް ރައްދު ދެވޭން ނޯންނާނެ ތެދު ވާހަކަތަކެވެ. އެހެންކަމުން އިލްހާމް ޢަލިޔޭވް އެ ވިދާޅުވި އަސާންޖްގެ މައްޗަށް ޚުލާޞާ ގޮތެއްގައި ބަލައިލަމާ ހިންގަވާށެވެ!

ޖޫލިއަން ޕައުލް އަސާންޖް

ޖޫލިއަން ޕައުލް އަސާންޖް (އުފަންވީ 3 ޖުލައި 1971ގައި) އަކީ އޮސްޓްރޭލިއާގެ ރައްޔިތެކެވެ. އޭނާއަކީ ވަރަށް މަޝްހޫރު ނޫސްވެރިއެކެވެ. ނޫސް އެޑިޓަރެކެވެ. ޙަރަކާތްތެރިއެކެވެ. ދެހާސް ހައެއްގައި ވިލީކްސް އުފެއްދީ އޭނާއެވެ. ބައިނަލްއަޤުވާމީ ސަމާލުކަމަށް "ވިކިލީކްސް" އައީ އެމެރިކާގެ ވިޔާނުދާ ބައެއް ޢަމަލުތައް 2010ގައި ބޭޒާރުކޮށްލި ހިސާބުންނެވެ. އޭގެ ތެރޭގައި އެއްވެސް ޙައްގުން ކަމަކާ ނުލައި ބަޣުދާދަށް ދިން ވައިގެ ޙަމާލާތަކާއި އަފްޣާނިސްތާނު ހަނގުރާމައިގެ ރެކޯޑުތަކާއި ބަޣުދާދު ހަނގުރާމައިގެ ރެކޯޑްތައް ފަދަ ސީރިއަސް އެތައް ސިއްރުތަކެއް ހިމެނުނެވެ. މި ފަދަ އެތައް ސިއްރެއް ފުލުފުލުގައި ހާމާކުރުމުގެ ސިލްސިލާއެއް އަސާންޖް ކުރިއަށް ގެންދިޔައެވެ. ވިލީކްސް އިން 2010 ގައި މި ހާމަކުރި ހާމަކުރުންތަކާ ވިދިގެން އެމެރިކާއިން ވިކިލީކްސްއާ ބެހޭ ވަރުގަދަ ޖިނާއީ ތަހުގީގެއް ފެއްޓިއެވެ.

އެމެރިކާގެ 2016 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ތެރޭގައި "ޑިމޮކްރެޓިކް ޕާޓީ"ގެ ސިއްރު އީމޭލުތަކެއް ވިކިލީކްސްއިން ޝާއިޢުކުރިއެވެ. އެ އީމޭލުތަކުން ސާބިތުކޮށްދިނީ އެ ޕާޓީގެ ގައުމީ ކޮމިޓީއިން ހިލަރީ ކްލިންޓަންގެ ހެވަތަށް ޓަކައި މަސައްކަތް ކޮށްދިންކަމެވެ.

މި ކަންތައްގަނޑު މިހެން ހިނގަމުންދަނިކޮށް ސްވިޑްން ސަރުކާރުން އަސާންޖް ހައްޔަރުކުރުމުގެ ބައިނަލްއަގުވާމީ އަމުރެއް ނެރުނެވެ. އެއީ ޖިންސީ ފުރައްސާރައާއި ގޯނާގެ ތުހުމަތެއް އަޅުވައިފައެވެ.

އަސާންޖް އީކްއޭޑޯރ އެމްބަސީއިން ރައްކާތެރިކަން ހޯދިއެވެ. އަދި ފަހުން އީކުއޭޑޯއިން ސިޔާސީ ޙިމާޔަތް ވެސް އޭނާއަށް ލިބުނެވެ.

އެހެންނަމަވެސް އަސާންޖް ހާމަކުރަމުން ގެންދިޔަ އެތައް ސިއްރުތަކެއް، އަދި ފަސާދައަށް މަގުފަހިކޮށް ސަރުކާރުތަކުން ކޮށްފައި ހުރި އެތައް ކަންތައްތަކެއް ވިކިލީކްސްއިން ހާމަކުރުމުގެ ސިލްސިލާގެ ސަބަބުން އަސާންޖްވީ ހުޅަނގާއި އެމެރިކާގެ މަކަރުވެރި ރޭވުންތަކަށް ހުރި ގޮންޖެހުމަކަށެވެ. އެހެންކަމުން އީކުއޭޑޯއާ ދެބަސްވުންތަކެއް އުފެދުނެވެ. ނަތީޖާއެއްގެ ގޮތުން 2012ގައި އީކުއޭޑޯއިން އަސާންޖަށް ދީފައި އޮތް ސިޔާސީ ޙިމާޔަތް އުވައިލިއެވެ.

އެންމެ ފަހުން އެތައް ކުށްތަކެއް ބޮލުގައި އެޅުވުމަށްފަހު 2019ގައި ލަންޑަންގެ އެންމެ ސަލާމަތީ ކަންކަން ވަރުގަދަ މެލްމާރޝް ޖަލުގައި އޭނާ ބަންދުކުރިއެވެ. އާސަންޖްގެ ޚުލާޞާއަކީ މިއީއެވެ. އަޒަރުބައިޖާންގެ ރައީސް އިލްހާމް ޢަލިޔޭވް ބީބީސީ ރިޕޯޓަރާ ސުވާލުކުރެއްވީ މި ކަންތައްގަނޑާ ބެހޭ ގޮތުންނެވެ. ރިޕޯޓަރަށް ދޭނެ ޖަވާބެއް ނޭނގޭނެތާއެވެ. ހުޅަނގުގެ އިންސާފަކީ މިއީއެވެ.

އިންޓަވިއު ބައްލަވައިލެއްވުމަށް)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
ޚިޔާލު ފާޅުކުރައްވާ!

2 Responses

  1. މިފަދަ ކެރޭ ރައީސުން މުސްލިމު ޤައުމުތަކަށް ބޭނުންވަނީ. މާތް ﷲ، މިފަދަ ވެރީންނަށް ގަދަކަމާއި ސާބިތުކަން ދެއްވާށިއެވެ!

  2. ވިކިލީކުސް ގެ ކާފު އުބުފިލިން ރަމްޒު ކޮށްދެނީ އަހަރެން. އަހަންނަކީ ވިކިލީކުސް. އަސާންޖަކީ ވިކިލީކްސް. ކާފުގަ ސުކުން.
    އަސާންޖަކީ މޮޅު މީހެއް. ކުޅަދާނަ ނޫސްވެރިއެއް. މިއީ ވިކިލީކްސް އާ ވިކިލީކުސް ގެ ތަފާތު.
    އަޒީ! ރާއްޖޭގަވެސް މޮޅެތި ނޫސްވެރިން އުފެދުނު. އޭގެތެރެއިން އެކަކުވެސް މިހާރު ހެޔޮގޮތުގައި ނޫސްވެރިކަން ކުރާތަން ނުފެންނަ ކަހަލަ. އެއްބަޔަކު ކުލީ ކީބޯޑު ތަކަށްބަދަލުވި އިރުގަ އަނެއް ބަޔެއްގެ ދޫތައް ވަނީ ސިޔާސީ ބްލެކްމޭލަކުން ކަސްތޮޅު އެޅުވިފަ. ބޮޑުވަޒީރުކަން ނުވަތަ ރައީސްކަން ބޭނުންވިޔަސް ނޫސްވެރިކަމުގެގަލަން ހެޔޮގޮތުގައި ބޭނުން ކުރަން ޖެހޭނެ. އެހެންނޫނީ އެއީ ޖާހިލުކަން. ނޭނގުން..ލިބިފަވާ އިލްމުގެ ބޭނުން ހެޔޮގޮތުގައި ހިފަން ޖެހޭނެ. ހުޅަނގުން ޖަހާހާ ބެރަކަށް ނަށައިގެން ނުވާނެ. ރައީސް އިލްހާމްގެ މި ސިފަ އާއި ވިކިލީކްސް އަސާންޖުގެ ވާހަކަ ގެނެސްދިނީމަ ޢިބުރަތް ހާސިލުކުރަން ބޭނުންވާ މީހުންނަށް މި ކޮލަމް މަބޮޑަށްވެސް ފުދޭނެ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *