ޔޫކްރޭނާއި ރޫސީންނާ ދެމެދު ހިނގަމުންދާ އަސްކަރީ ކުރިމަތިލުންތަކުގައި މި ހުރިހާ ލޭ އޮހޮރުވުމެއް މި ހިނގާން ދިމާވީ އެމެރިކާ އިސްވެ އޮވެ ހިންގާ ނޭޓޯގެ ބޯހަރުކަމުންނާއި އެ ޖަމުޢިއްޔާގެ އިހުމާލުންކަމަށް ވިދާޅުވެ، ދެކުނު އެފްރިކާގެ ރައީސް ވަރަށް ބޮޑަށް ނޭޓޯ ކުށްވެރިކުރައްވައި ވާހަކަފުޅުދައްކަވައިފިއެވެ. އޭނާ ވިދާޅުވި ގޮތުގައި އެމެރިކާ އިސްވެ އޮވެ ހިންގާ ނޭޓޯގެ ހަންފެތުރުން ފުޅާ ނުކުރި ނަމަ މި ހަމަނުޖެހުމެއް ނުހިނގީހެވެ.
ޔޫކްރޭނު-ރޫސީވިލާތުގެ މައްސަލައިގައި ކުރިމަގުގައި މެދުވެރިއެއްގެ ދައުރު އަދާކުރައްވާން ހުންނެވި، ރައީސް ސިރީލް ރަމަޕޯސާ ވިދާޅުވީ އިރުމަތީން މޮސްކޯގެ ދޮރު ބުޑުދޮށަށް ނޭޓޯ ފުޅާކުރަމުން ގެންދިޔަ ގެންދިޔުމަކީ ކުރީގެ ރޫސީ ފަދުރާލާއެކު ހަނގުރާމައެއް ފަށާން ގަސްތުގައި މަގު ފަހިކުރި ކަމެއް ކަމަށެވެ. ދެކުނު އެފްރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރަކާ ވާހަކަފުޅުދައްކަވަމުން ރައީސް ސިރީލް ވިދާޅުވި ގޮތުގައި އެތައް އަހަރެއް ވަންދެން ޚުދު ނޭޓޯގެ އެކިއެކި އިސްވާރުން ދެއްވި އިންޒާރުތަކަށް ނޭޓޯއިން ކަންފަތެއް ދިންނަމަ، އެއްވެސް ވަރަކަށް އަޑުއެހި ނަމަ، މި "ހަނގުރާމަ" ވުޖޫދަކަށް ނައީހެވެ. އަދި އެތައް އަހަރެއް ވަންދެން ނޭޓޯ އިތުމައްޗަށް ފުޅާކުރަމުން ގެންދިޔަ ގެންދިޔުމަކީ މުޅި ސަރަހައްދުގެ ހަމަޖެހުމަށް ބުރޫއަރުވައިލި ކަމެކެވެ. ކުޑަކޮށެއް ނޫނެވެ. އެކަމަކު ވަރަށް ބޮޑަށެވެ.
ދެކުނުއެފުރިކާގެ ރައީސް ވިދާޅުވި ގޮތުގައި މި މައްސަލައިގައި ނޭޓޯ ކުށްވެރިކޮށް ވާހަކަދެއްކުމުގެ މާނައަކީ މިނިވަން މުސްތަޤިއްލު ޤައުމަކާ ދެކޮޅަށް ޢުދުވާނު ހިންގާން ދެކުނު އެފުރިކާއިން ތާއީދުކުރުމުމެއް ނޫނެވެ. އެއީ ޖަރީމާއެއްކަމަށް އޭނާ ވެސް ގަބޫލުކުރައްވައެވެ. ނަމަވެސް ކަންކަމާމެދު ވާހަކަދައްކާއިރު އެ ކަމެއް ހިނގާން މެދުވެރިވާ ސަބަބުތައް ދެނެގަންނާން ޖެހޭ ކަމަށާއި ކަމުގެ ސަބަބު ދެނެގަނެގެން ނޫނީ އެ ކަމެއް ޙައްލު ނުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެނގިވަޑައިގަންނަވާނޭ ފަދައިން ނޭޓޯ އުފެދުނު އިރު މެންބަރުންގެ ގޮތުގައި ތިބީ 12 މެންބަރުން ކަމަށް ވީ ނަމަވެސް މިހހާރު ތިރީހަކަށް މެންބަރުން އެ އިއްތިޙާދުގައި އެބަތިއްބެވެ. ނޭޓޯ ފުޅާކުރަމުން މި ގެންދަނީ ދުނިޔޭގެ ސުލްހައަށް މިކަމުގެ އެއްވެސް ބޭނުމެއް ނެތް އިރު މި ކަން ނުކުރާން ރޫސީ ސަރުކާރުންނާއި ޚުދު ނޭޓޯގެ ތަޖުރިބާކާރުން އިލްތިމާސްކޮށް އިންޒާރުކުރަމުން ގެންދަނިކޮށެވެ. ރޫސީވިލާތުން ވަރަށް "ރަހުމަތްތެރި" އިންޒާރެއް 2007 ގައި ވެސް ނޭޓޯއަށް ދިނެވެ. ރައީސް ޕޫޓިން ވިދާޅުވިއެވެ. "ނޭޓޯގެ އަސްކަރީ ފައުޖުތައް ވަނީ އަހަރެމެންގެ އިންސަރަހައްދުގައި ރުކުރުވައިލައިފައެވެ. މިއީ އަހަރެމެން ރުޅިއަރުވައި ދެ ފަރާތުގައި އޮތް އިތުބާރު ކުޑަކުރުމުގެ ޢަމަލެކެވެ. އަހަރެމެންނަށް މި ސުވާލުކޮށްލުމުގެ ހައްގު އެބަ އޮތެވެ. 'އަސްކަރީ އިޚުތިޞާސް މި ގޮތަށް މި ފުޅާކުރުމުގެ ނިޔަތް އޮތީ ކޮން ބަޔަކާ ދެކޮޅަށް ހެއްޔެވެ؟ ވޯސޯޕެކްޓް އުވައިލުމާއެކު އަހަރެމެންގެ ހުޅަނގުގެ ބައިވެރީން ދިން އިތުބާރާއި ޔަގީންކަމަށް ވާނީ ކިހިނެއްހެއްޔެވެ؟'
މި އިންޒާރުތައް ދީފައިވަނީ ހަމައެކަނި ރޫސީވިލާތަކުން ނޫނެވެ. އެމެރިކާގެ ބޭރުގެ ސިޔާސަތުތަކާބެހޭ އެންމެ އިސް 50 ތަޖުރިބާކާރަކު 1999 ޖޫންމަހު ސޮއިކުރި ހުޅުވައިލެވިފައިވާ ސިޓީއެއްގައި ނޭޓޯ ފުޅާކުރުމަކީ ސިޔާސީ ގޯހެއް ކަމަށާއި އެކަން ހުއްޓުވާން މަސައްކަތްކުރައްވާން އޭރުގެ ރައީސް ބިލް ކްލިންޓަނަށް ދަންނަވައިފައިވެއެވެ. އަދި ފިނިހަނގުރާމައިގެ ދުވަސްވަރު އެމެރިކާގެ ބޭރުގެ ސިޔާސަތުތަކާބެހޭ ބައްޕަ ކަމަށް ބެލުނު ޖޯޖް ކެނަން ވެސް ވިދާޅުވެފައިވެއެވެ. "އަހަރެން ދެކެނީ ނޭޓޯ ފުޅާކުރުމަކީ މިއީ ވަރަށް ސީރިއަސް އަދި ނުރައްކާތެރި ގޯހެއް ކަމަށެވެ. މި ކަންކަން މިހެން ކުރާންޖެހޭ އެއްވެސް ސަބަބެއް ނެތެވެ. އެއްވެސް ބަޔަކަށް ނުރައްކަލެއް ކުރިމަތިވެފައެއް ނެތެވެ." އަދި ރޫސީވިލާތަށް އެމެރިކާއިން ކަނޑައަޅައިފައި ހުންނެވި ސަފީރު ވިލިއަމް ޖޭ ބާރންސް 2008 ގައި އެމެރިކާގެ ޚާރިޖީ ވުޒާރާއަށް ފޮނުއްވި ސިޓީއެއްގައި ވެސް ޔޫކްރޭނަށް ނޭޓޯ މެންބަރުކަން ދިނުމަކީ ރޫސީންނަށް ކަނޑައެޅިގެން ކުރާ ޖެއްސުމެއް ކަމަށާއި އެއީ އެ މީހުންނަށް ޖަހާ ގޮންޖެހުމެއް ކަމަށާއި އެއީ ރަތް ރޮނގު ހުރަސްކުރުންކަމަށް ވިދާޅުވެ އިންޒާރުކުރައްވައިފައިވެއެވެ. އަދި ހަމަ މި ފަދައިން އޮބާމާއާއި ބުޝްގެ ރިޔާސަތުގައި ވެސް ދިފާޢީ ވަޒީރަކަށް ހުންނެވި ރޮބަރޓް އެމް ގޭޓްސް ވެސް އެމެރިކާއަށް އިންޒާރުކުރެއްވި ގޮތުގައި ޖޯޖިއާއާއި ޔޫކްރޭން ނޭޓޯއަށް ވެއްދުމަކީ ރޫސީ ޤައުމީ ސަލާމަތަށް ކުރިމަތިކުރާ ގޮންޖެހުމެއްކަމަށާއި އެއީ މާ ދުރަށް އަތްބޭނުންކަމަށް ބަޔާންކުރައްވައިފައިވެއެވެ. ކުރީގެ ޚާރިޖީވަޒީރުގެ ނާއިބު ސްޓްރޯބް ޓެލްބެޓް ވިދާޅުވެފައިވަނީ "ރޫސީން ނޭޓޯ ސިފަކުރަނީ ފިނި ހަނގުރާމައިގެ ބައެއްކަމަށެވެ. އެ މީހުން ފާހަގަކުރާ ގޮތުގައި އެމީހުން ވޯސޯ ޕެކްޓް އުވައިލި އިރު، އެ މީހުން ސުވާލުކުރަނީ ހުޅަނގުން (ނޭޓޯ އުވައިލުމުގައި) އެ ގޮތަށް ޢަމަލު ނުކުރީ ކީއްވެހެއްޔެވެ؟" މާނައަކީ ފިނި ހަނގުރާމައިގެ ދުވަސްވަރު ދުނިޔޭގެ ބާރުގެ ތިލަފަތް ހަމަކުރުމަށް ޓަކައި އުފެއްދި ދެ ބާރެއްގެ ތެރެއިން އެއްބާރު އުވައިލެވި ފިނި ހަނގުރާމަ ނިމިފައިވާއިރު ފިނި ހަނގުރާމައިގެ އެއް ބާރު އިތުރަށް ފުޅާ ކުރުމަކީ ދުނިޔޭގެ ޞުލްޙައަށް އޮތް ނުރައްކަލެއް ކަމަށެވެ.
ނޭޓޯ ފުޅާކޮށް ރޫސީވިލާތުގެ ވަށައިގެން ހުރި ގައުމުތަކުގައި ނޭޓޯގެ ފައުޖުތައް ރުކުރުވައިލާން ރޫސީން ދެކޮޅުހަދައި އިންޒާރުދޭދިނުމަށް ބާރުދީ ހުޅަނގުގެ ތަޖުރިބާކާރުންގެ ކިތަންމެ އަޑުތަކެއް އެމެރިކާ ސަރުކާރާއި ނޭޓޯއަށް އިއްވައިފައި އެބަ ހުއްޓެވެ. މި ފަދަ އެތައް ތަޖުރިބާކަރުންނެއް ވެސް ވަނީ ނޭޓޯ ފުޅާކުރަމުން ގެންދާ ގެންދިޔުމަކީ ދުނިޔޭގެ ޞުލްޙައަށް އޮތް ނުރައްކަލެއް ކަމަށް އެމެރިކާ ސަރުކާރަށް އިންޒާރުދެއްވައިފައެވެ. ނަމަވެސް ބުޝް ވެސް ކްލިންޓަން ވެސް އަދި އޮބާމާއާއި ޓްރަމްޕްގެ ސަރުކާރުން ވެސް މި އިންޒާރުތަކަށް ވަނީ ކަންފަތެއް ނުދެއްވައި ހިމޭންކަން އިޚުތިޔާރުކުރައްވައިފައެވެ. އެއީ ސަލާމަތީ ކުޑައިގެ ދަށުގައި އެ ކުޑައިގެ ހިޔާ ބޮޑުކުރުމަށް ޓަކައެވެ. އެމެރިކާގެ ޝާނާއި ޝައުކަތު، ނުފޫޒާއި ބާރު އިތުރުކުރާށެވެ. މުޅި ދުނިޔޭގައި އެ މީހުން ވަކިހިއްޕާށެވެ.
އަނގަބަހުން އެތައް އިންޒާރެއް ދިމުމަށްފަހު އެއްވެސް ފަރާތަކުން އެކަން ސީރިއަސްކޮށް ނުނެގުމުން ނުވަތަ ފަހި އިޖާބައެއް ނުދިނުމުން މި ދިޔަ ފެބްރުވަރީމަހު 24 ގައި ވަރުގަދަ އިންޒާރެއް ރޫސީ ރައީސް ޕޫޓިން ދެއްވިއެވެ. އެއީ ޔޫކްރޭން ލާއަސްކަރީކުރުމާއި ޣައިރުނާޒިއްޔަތު ކުރާނެކަމުގެ އިންޒާރެވެ. އެހެން ގޮތަކަށް ދަންނަވާނަމަ، އަސްކަރީ ބާރާއި ނާޒިއްޔަތު ފުނޑުފުނޑުކޮށްލާނެކަމުގެ އިންޒާރެވެ.
މި ހިސާބުން ވެސް ނޭޓޯ އަޅައެއް ނުލިއެވެ. އެންމެ ފަހުން މި އަސްކަރީ އަރައިރުން ފެށި ވިލާތުގައްޔާއި މުޅި ދުނިޔޭގައި ބޮޑު މައްސަލަގަނޑަކަށް މި ކަންތައްވީއެވެ. ދެކުނު އެފުރިކާގެ ރައީސް ވެސް ނޭޓޯ ކުށްވެރިކުރައްވައި ވާހަކަފުޅު ދައްކަވަނީ އެ ވާހަކަފުޅުގައި ހަގީގަތްތަކެއް ވެސް ހުރީމައެވެ.



advertisment