ޔުކްރޭން ހަނގުރާމަ ހުއްޓުމަކަށް ގެނެވޭތޯ ރަޝިޔާއާއި ޔުކްރޭނާ ދެމެދުގައި ބޭއްވެމުންދާ ޞުލްޙައިގެ ވާހަކަދެއްކުންތައް އައު އުދަރެހަކާ ހަމައަށް ވާޞިލުވެވިދާނެ ކަމުގެ އުއްމީދު އިތުރުވެއްޖެކަމަށް ޚަބަރުފަތުރާ ވަސީލަތްތަކުން ބުނެފިއެވެ.
ކްރެމްލިން މިއަދު ބުނިގޮތުގައި އޮސްޓްރިއާއާއި ސްވިޑްންފަދަ ވަކި ފަރާތަކަށް ނުޖެހޭ ޤައުމެއްގެ ގޮތުގައި ޔުކްރޭނަށް އޮވެވިދާނެއެވެ. އެ ޤައުމަށް ޚާއްޞަ ލަޝްކަރެއް އޮންނާނެއެވެ. ރަޝިޔާގެ މި ހުށައެޅުން ޤަބޫލުނުކުރާނެ ކަމަށް ޔުކްރޭނުން އަދި ދަނީ ބުނަމުންނެވެ.
މަސްއަލައަށް ޙައްލެއް ހޯދުން
ރަޝިޔާގެ ރިޔާސީ ގަނޑުވަރުގެ ތަރްޖަމާނު ޑިމިޓްރީ ބިސްކޯފް ވިދާޅުވާގޮތުގައި "މިހާރު ވާހަކަދެކެވެމުން މި ދަނީ މި ބަދީލީ ޙައްލާމެދުއެވެ. އެއީ ދޭތެރެމެދުގެ ޙައްލެއް ކަމުގައި ބެލެވިދާނެއެވެ."
ވާކަދެއްކުންތަކުގައި ބައިވެރިވާ ރަޝިޔާ ވަފްދުގެ ރައީސް ވްލެޑިމީރު މެޑެންސްކީއާ ޙަވާލާ ދެއްވާ ކްރެމްލިންގެ ތަރްޖަމާނު ބިސްކޯވް އިޝާރާތް ކުރެއްވި ގޮތުގައި ރަޝިޔާއިން ޔުކްރޭނަށް ހުށައަޅަނީ އޮސްޓްރިއާއާއި ސްވިޑްން ފަދަ ވަކިފަރާތަކަށް ނުޖެހޭ ނަމޫނާއެކެވެ. އެ ޤައުމުގައި ޙަމަލާ ދެވޭވަރުގެ ހަތިޔާރެއް ނުހުންނާނެއެވެ. އެހެނަސް އެ ޤައުމަށް ޚާއްޞަ އެއްގަމުގެ ލަޝްކަރަކާއި ކަނޑުގެ ލަޝްކަރެއް އޮންނާނެއެވެ."
ރަޝިޔާގެ މި ހުށައެޅުމާ ބެހޭގޮތުން ޔުކްރޭނުން ވާހަކަދައްކަން އެއްބަސްވެފައިވާ ކަމެއް ނޭނގެއެވެ. އެހެނަސް ޔުކްރޭން ބުނާގޮތުގައި ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ޓަކައި ވާހަކަދެއްކުންތައް ކުރިއަށް ގެންދިޔުމަށް ޔުކްރޭން އޮތީ ތައްޔާރަށެވެ. ޔުކްރޭން ބުނާގޮތުގައި އެ ޤައުމުން އަމާނެއް ނުދޭނެތެވެ. އަދި ރަޝިޔާގެ އިންޒާރުތައް ޤަބޫލެއް ވެސް ނުކުރާނެއެވެ.
ވާހަކަދެއްކުންތައް ފަސޭހައެއްނޫން
ރަޝިޔާގެ ޚާރިޖީވަޒީރު ލެފްރޯފް އާރު.ބީ.ސީ ޓީވީ ޗެނެލަށް ދެއްވި ބަޔާނެއް ބުނާގޮތުގައި "ވާހަކަ ދެއްކުން ފަސޭހައެއް ނޫނެވެ. އެހެނަސް ދޭތެރެމެދުގެ ޙައްލަކަށް ދެވިދާނެ ކަމުގެ އުންމީދު މިހާރު އެބަ ފެނެއެވެ."
އޭނާ ވިދާޅުވިއެވެ. "ވަކިފަރާތަކަށް ނުޖެހި އޮތުމުގެ މަސްއަލައާ މެދު ވާހަކަދެކެވެމުންދަނީ ސަމާސާކަނޑައިފައެވެ. ސަލާމަތީ ޖާމިނުވުންތަކަކީ ވެސް ވާހަކަދެކެވެމުންދާ ކަމެކެވެ. އެއްބަސްވުމަކާ ހަމައަށް ދިޔުން ގާތްވަމުން އެބަ އާދެއެވެ." ލެފްރޯފް ވިދާޅުވިއެވެ. "ރަޝިޔާއިން އެދެނީ ޔުކްރޭން ވަކި ފަރާތަކަށް ނުޖެހި އޮންނަ ޤައުމަކަށް ވުމަށެވެ. ޔުކްރޭން ނޭޓޯއަށް ވަނުމާ މޮސްކޯ ދެކޮޅު ހަދާ ހެދުމަކީ ކިޔޭފްގެ އަމްނާއަމާންކަމާ ދެކޮޅު ހެދުމެއްނޫނެވެ."
ލެފްރޯފް މި ބަޔާން ދެއްވީ ތުރްކީގެ ޚާރިޖީ ވަޒީރު މައުލޫދު އޮގްލޫއާއި ޔުކްރޭންގެ ޚާރިޖީ ވަޒީރު ޑިމިޓްރީ ކޮލީބާއާ އެކު ބޭއްވެވި ބައްދަލުވުމެއް ނިންމަވާލެއްވުމަށް ފަހުގައެވެ.
ޔުކްރޭންގެ ރައީސް ޒިލެންސްކީ މިއަދު ވިދާޅުވިގޮތުގައި ހުޅަނގުގެ ޖާމިނުވުންތައް ޤަބޫލު ކުރަން ކިޔޭފް އޮތީ ތައްޔާރަށެވެ. މި ޖާމިނުވުމަކީ ޔުކްރޭން ނޭޓޯއަށް ވަނުމަށް މަގުފަހިކޮށްދޭނެ ކަމަކަށް ނުވެހިނގައިދާނެއެވެ.
ރަޝިޔާ ބުނާގޮތުގައި ޔުކްރޭން ނޭޓޯގެ މެންބަރަކަށް ވުމަކީ ރަޝިޔާގެ އަމްނަށް އޮތް ބޮޑު ބިރެކެވެ. ރަޝިޔާއިން ބުނާގޮތުގައި ޔުކްރޭން ނޭޓޯއަށް ނުވަންނާނެކަމުގެ ޖާމިނުވުމާއި ކަށަވަރުކަން ލިބެން ޖެހޭނެއެވެ.
ކްރެމްލިންގެ ތަރްޖަމާނު ވިދާޅުވާގޮތުގައި ވާހަކަދެއްކުންތަކަށް ކުރިއެރުމެއް ލިބުމާ ބެހޭގޮތުން އަދި އެއްޗެއް ވިދާޅުވެވޭކަށް ނެތެވެ. އޭނާ ވިދާޅުވިގޮތުގައި ވާހަކަދެއްކުންތައް ނުހުއްޓި ކުރިއަށް ދިޔުމަކީ ހެޔޮ ފާލެކެވެ.



advertisment