އިސްރާއީލުގެ ވެރިރަށް ތައްލު އަބީބަށް ސައިބަރާނީ ވަރުގަދަ ޙަމަލާއެއް ދީފި ކަމަށް އިސްރާއީލު ރަސްމީ ބްރޯޑްކާސްޓިންގް ކޯޕަރޭޝަނުން މިއަދު ހާމަކޮށްފިއެވެ.
މި ޙަމަލާގެ ސަބަބުން އިސްރާއީލު ސަރުކާރުގެ ރަސްމީ އިލެކްޓްރޯނިކް ސައިޓްތައް ވާވެގެންގޮސްފައި ކަމަށް މި ކޯޕަރޭޝަނުން ބުންޏެވެ. ސަރުކާރުގެ ސައިޓްތަކުގެ އިތުރަށް މުހިއްމު އެތައް މަންސާތަކެއްގެ މަސައްކަތް ވެސް ހުއްޓިފައިވާ ކަމަށް އިސްރާއީލުން ބުންޏެވެ.
މި ޙަމަލާއާ ވިދިގެން އިސްރާއީލުގެ ސައިބަރާނީ އަމްނާ ބެހޭ ޤައުމީ އިދާރާ ބުނާގޮތުގައި މި ޙަމަލާއާ ކުރިމަތިލުމަށް ޓަކައި މިހާރު ވަނީ "ކުއްލި ޙާލަތު" އިޢުލާން ކުރެވިފައެވެ. މި އިދާރާއިން ސިފަކުރިގޮތުގައި މިއީ އިސްރާއީލަށް ދެވުނު އެންމެ ވަރުގަދަ އަދި އެންމެ ނުރައްކާތެރި ސައިބަރާނީ ޙަމަލާއެވެ.
ޙަމަލާދިން ތަންތަނުގެ ތެރޭގައި އިސްރާއީލުގެ ދާޚިލީ ވުޒާރާއާއި ޞިއްޙަތާ ބެހޭ ވުޒާރާއާއި ބޮޑުވަޒީރުގެ އޮފީހާއި ޖުޑީޝަރީއާއި އިޖްތިމާޢީ ފާގަތިކަމާ ބެހޭ ވުޒާރާ ހިމެނެއެވެ.
މި ޙަމަލާއާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށާއި އަޅަންޖެހޭ ފިޔަވަޅުތައް ދިރާސާ ކުރެއްވުމަށް ޓަކައި އިސްރާއީލުގެ މުވާޞަލާތީ ވަޒީރު ޔޫޢާޒު ހަންދަލް މިއަދު ބައްދަލުވުމެއް ބޭއްވެވިއެވެ. އޭނާ ހާމަކުރެއްވި ގޮތުގައި އިސްރާއީލުގެ ލަޝްކަރީންނާއި ސަލާމަތާ ބެހޭ ހުރިހާ ގުނަވަންތަކަކުން މިހާރު ދަނީ "މި ޙަމަލާއަށް ހުރަސްއެޅުމަށް" މަސައްކަތް ކުރަމުންނެވެ.
އިސްރާއީލުގެ ސައިބަރާނީ ޤައުމީ އިދާރާތަކުން ބުނާގޮތުގައި ދެވުނު ސައިބަރާނީ މި ޙަމަލާގެ ސަބަބުން ސަރުކާރުގެ ޚިދްމަތްތައް މުޅިން ވަނީ ކުޑަ ވަގުތުކޮޅަކަށް ކެނޑިފައެވެ. އަދި ޢާންމު ޚިދްމަތްތަކަށް ވަނީ ބުރޫއަރައިފައެވެ. އިސްރާއީލު ސަރުކާރުން ބުނާގޮތުގައި "ސަރުކާރުގެ ހުރިހާ ސައިޓްތަކެއް މިހާރު ވަނީ އަނބުރާ ޚިދްމަތަށް ގެނެވިފައެވެ."
އިސްރާއީލުގެ ސަލާމަތީ ކަންތައްތައް ދިރާސާ ކުރައްވާ ޔޫސީ މެލްމަން ވިދާޅުވާ ގޮތުގައި މިއީ އީރާނުން ދިން ޙަމަލާއެއް ކަމަށް ބެލެވެއެވެ. އޭނާ ވެސް ވިދާޅުވި ގޮތުގައި މިއީ އިސްރާއީލަށް ދިން އެންމެ ވަރުގަދަ ސައިބަރާނީ ޙަމަލާއެވެ.
އިސްރާއީލުން ބުނާގޮތުގައި އިސްރާއީލުގެ ޖާސޫސީ އިދާރާ (މޯސާދު) އާއި ސިއްރު ފުލުހުންގެ އިދާރާ (ޝަބާކް) އާއި ސިފައިންގެ މުހިއްމު މަރްކަޒުތަކަށް މި ޙަމަލާގެ އެއްވެސް ނުބައި އަސަރެއް ނުފޯރައެވެ.
މި ޙަމަލާ ދީފައި ވަނީ އިސްރާއީލަށް ތާއީދު ކުރާ ހަތަޔަކުން ދެކުނު ޠަހަރާނުގައި ހުންނަ ނިޔުކްލިއަރ މަރްކަޒަކަށް ޙަމަލާދޭން ކުރި މަސައްކަތެއް ނައްތައިލެވިއްޖެ ކަމަށް އީރާނުން ހާމަކުރިތާ އިރުކޮޅެއް ފަހުންނެވެ. އީރާނުން ބުނާގޮތުގައި މި ހަތަޔަކީ އިސްރާއީލުން ތަމްރީނުދީ ފައިސާ ދީފައިވާ ބަޔެކެވެ.



advertisment