ރަޝިޔާއިން ޔުކްރޭނަށް ދެމުންދާ ޢަސްކަރީ ޙަމަލާތަކާއި މި ޙަމަލާތަކާ ވިދިގެން ރަޝިޔާއާ ދެކޮޅަށް ހުޅަނގުން އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރު ބޮޑު ގަޑުބަޑުކަމެއްގެ ތެރެއަށް ވެއްޓިގެން ހިނގައްޖެ ކަމަށް ބްލޫމްބަރގް ބުނެފިއެވެ.
މި ކަމުގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް ވަރަށް ނުބައި އަސަރުތަކެއް މިހާރު ވެސް ކުރަން ފަށައިފި ކަމަށް މި ޞަފްޙާ ބުންޏެވެ. އެއީ މި ދިޔަ ސައްތައިގެ ހަތްދިހައިގެ އަހަރުތަކުގެ ތެރޭގައި ތެލުގެ އަގު ކުއްލިއަކަށް މައްޗަށް ދިޔުމުން ކުރިމަތިވި ނުރައްކާތެރި ޙާލަތާ އެއްފަދަ ކަމެއްކަމަށް ބްލޫމްބަރގުން ބުންޏެވެ.
ހަތްދިހައިގެ އަހަރުތަކުގައި ޢަރަބީންނާ އިސްރާއީލާ ދެމެދުގައި ހިނގި ހަނގުރާމައިގައި ސުޢޫދީ ރަސްގެފާނު ފައިޞަލް ބިން ޢަބްދުލްއަޒީޒު ވަނީ ޢަރަބީންނަށް ތާއީދު ކުރެއްވުމުގެ ގޮތުން ސުޢޫދީން އުފައްދާ ތެޔޮ އުފެއްދުން މަދުކޮށްލައްވައިފައެވެ.
ބްލޫމްބަރގް ބުނާގޮތުގައި ބޯޓުދެލީގެ އަގު ވަނީ ބާޒާރުގައި ދުވަހަކުވެސް މައްޗަށް ނުދާ މިންވަރަށް މިއަދު މައްޗަށް ގޮސް 80% އަގު ބޮޑުވުމެއް ހޯދައިފައެވެ. ހަމަ އެ ގޮތަށް ގޭސް ވަނީ ޔޫރަޕްގައި ރެކޯޑް މިންވަރަކަށް މައްޗަށް ގޮސްފައެވެ. ހަމައެފަދައިން ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފައެވެ.
Goldman Sachs Group ގެ މުދަލާ ބެހޭ ދިރާސާތައް ކުރާ ބައިގެ ޑިރެކްޓަރު ޖެފް ކޯރީ ވިދާޅުވާ ގޮތުގައި ދުނިޔޭގައި އެންމެ ގިނައިން ތެޔޮ އުފައްދާ ދެވަނަ ޤައުމަށް (ރަޝިޔާ އަށް) ތެޔޮ ބޭރުކުރުން މަނާކުރުމުން ނުރަނގަޅު ކަންތައްތަކެއް ހިނގާނެކަން ޤަބޫލު ކުރާން ޖެހޭނެއެވެ.
ބްލޫމްބަރގް ބުނާގޮތުގައި ކުއްލިއަކަށް ރަޝިޔާގެ މައްޗަށް އިޤްތިޞާދީ އެކަހެރިކަން ވެރިކުރުވުމުން ކުރިއަރާފައިވާ ޤައުމުތަކަށް ހަކަތައިގެ ވަރަށް ބޮޑު ތަދަކާ ކުރިމަތިވާނެއެވެ. އަދި ވަރަށް ތޫނު ލާދަ (އިންފްލޭޝަން) އެއް ކުރިމަތިވާނެއެވެ. ރަޝިޔާއަކީ ހަކަތައާއި މަޢުދަނާއި ދަނޑުވެރިކަމުގެ އުފެއްދުންތަކުގައި ބައިނަލް އަޤްވާމީ އަސާސީ މަޞްދަރެކެވެ. ރަޝިޔާގެ ސިޔާދަތަށް ނުރައްކާވެދާނެ ފަދަ ގޮތަކަށް އެ ޤައުމަށް ދަތިކުރުމުން އޭގެ އަސަރު ދުނިޔޭގެ އެންމެންނަށް ކުރާނެއެވެ. ޔޫރަޕްގެ ޤައުމުތަކަށް ބޭނުންވާ ތެލުގެ ދެ ބައިކުޅަ އެއްބަޔަށް ބޮޑު މިންވަރެއް ހޯދަނީ ރަޝިޔާއިންނެވެ.
IHS Market Ltd ގެ ނާއިބު ރައީސް ޑެނިއަލް ޔަރްގެން އާ ހަވާލާދީ ބްލޫމްބަރގް ބުނާގޮތގައި މި ދިޔަ ސައްތައިގެ ނުވަދިހައިގެ އަހަރުތަކުގެ ތެރޭގައި ރަޝިޔާ ދުނިޔޭގެ އިޤްތިޞާދުގެ ތެރެއަށް ވަނުމަށް ކުރި މަސައްކަތްތަކަށް ހުޅަނގުން މާ ބޮޑު އަޅައިލުމެއް ވަނީ ނުދީފައެވެ. އެކަމުގެ ސަބަބުން ރަޝިޔާ ވަރަށް ނާއުއްމީދީ ވިއެވެ.
މިއަދު ރަޝިޔާގެ އެތައް މިލިއަން ތެޔޮ ފީފާތަކެއްގައި "ކޮޅުފައިން ޖެހުމުން" ދުނިޔޭގެ ހަކަތައިގެ ބަޒާރުވަނީ ގަޑުބަޑުވެފައެވެ. ހުޅަނގުން ރަޝިޔާއަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅީ މި ތެޔޮ ލިބޭނެ މަގުތަކާއި ވަސީލަތްތައް ތަނަވަސް ނުކޮށެވެ.
ދުނިޔެއަށް ދަތިކަން ފޯރީ ހަމައެކަނި ތެލަކުން ނޫނެވެ. އަދި 2008ން ފެށިގެން މައްޗަށް ނުދާ މިންވަރަކަށް ގޮދަނުގެ އަގު ވަނީ މައްޗަށް ގޮސްފައެވެ. މިއަދު ޕެރިހުގައި ގޮދަން ޓަނެއްގެ އަގަކީ 550 ޑޮލަރެވެ. ޔުކްރޭން ހަނގުރާމައިގެ ސަބަބުން ދުނިޔޭގައި އުފައްދާ ގޮދަނުގެ 25% ވަނީ ބޭރުކުރުން ހުއްޓިފައެވެ.
ދުނިޔޭގެ ބާޒާރުގައި އެލިމިނިއަމްގެ އަގު ވެސް ވަނީ މައްޗަށް ގޮސްފައެވެ. ލަންޑަންގެ މަޢުދަނުގެ ބާޒާރުގައި އެލިމިނިއަމް ޓަނެއް ވަނީ 3800 ޑޮލަރަށް މައްޗަށް ގޮސްފައެވެ. ހަމަ އެ ގޮތަށް ލޮއި ގެ އަގުވެސް ވަނީ ވަރަށް ބޮޑަށް މައްޗަށް އުފުލިފައެވެ.
ޔޫރާޝިޔާ ގްރޫޕްގެ މުޙައްލިލެއް ކަމުގައިވާ ހެނިންގް ގްލޮސްޓައިން ވިދާޅުވާ ގޮތުގައި މިފަދަ މިންވަރަކަށް ބާޒާރުގައި މުދަލުގެ އަގު މީގެ ކުރީން މައްޗަށް ގޮސްފައެއް ނުވެއެވެ. މުދަލުގެ އަގުތައް މައްޗަށް ދިޔައީ ދަތިކުރުމުގެ ފިޔަވަޅުތަކާއި މުވާޞަލާތީ ވަސީލަތްތަކާއި ނަޤްލުކުރުމުގެ ވަސީލަތްތަކަށް އެޅުނު ކުއްލި ހުރަސްތަކެއްގެ ސަބަބުންނެވެ.
ރަޝިޔާއިން ބޭރުކުރާ ތެޔޮ މަދުވުމުގެ ސަބަބުން އެ ބާޒާރަށް ވަރަށް ބޮޑު ލޮޅުމެއް އަންނާނެކަމަށް މުޙައްލިލުން ވިދާޅުވެއެވެ. މި ބޭފުޅުން ވިދާޅުވާ ގޮތުގައި އީރާނާއި ރަޝިޔާއާ އެއްވަރެއް ނުކުރެވޭނެއެވެ. އީރާނަށް ހުރަސްއެޅި ގޮތަށް ރަޝިޔާއަށް ހުރަސްއެޅުމުގެ ޤާބިލުކަން ހުޅަނގަށް ލިބިގެން ނުވެއެވެ.



advertisment