Support Us

ނިޔުކްލިއަރ ފައިލް ހިއްޕަވައިގެން އީރާނުގެ ޚާރިޖީ ވަޒީރު މާދަމާ މޮސްކޯއަށް

އީރާނުގެ ޚާރިޖީ ވަޒީރު ޙުސައިން އަމީރު ޢަބްދުﷲޔާން އީރާނުގެ ނިޔުކްލިއަރ ފައިލް ހިއްޕަވައިގެން މާދަމާ މޮސްކޯއަށް ވަޑައިގަންނަވާނެ ކަމަށް ޠަހަރާނުން ބުނެފިއެވެ. އެމެރިކާ ކިބައިން ލިޔުމަކުން ޖާމިނުވުންތަކަކަށް ރަޝިޔާ އެދުމާ ވިދިގެން މި ވާހަކަދެއްކުންތައް ވަނީ މެދުކަނޑައިލައިފިއެވެ.

އެހެނަސް އީރާނުގެ ޚާރިޖިއްޔާގެ ތަރްޖަމާނު ސަޢީދު ޚަޠީބު ޒާދާ ވިދާޅުވާ ގޮތުގައި މި ވާހަކަދެއްކުންތަކުގައި ބައިވެރިވާ ތަފާތު ފަރާތްތަކުގެ މެދުގައި މަޝްވަރާތައް އެބަ ކުރިއަށް ދެއެވެ. އޭނާ ހާމަކުރެއްވި ގޮތުގައި އީރާނުގެ ޚާރިޖީ ވަޒީރު މި ކަމާބެހޭގޮތުން މޮސްކޯއާއެކު މަޝްވަރާކުރެއްވުމަށް ޓަކައި މާދަމާ މޮސްކޯއަށް ވަޑައިގަންނަވާނެއެވެ. މި ދަތުރުފުޅުގައި ވިއެނާ ވާހަކަދެއްކުންތަކަށް އިސްކަން ދެއްވާނެއެވެ. މީގެ އިތުރަށް އެ ދެ ޤައުމުގެ ގުޅުންތަކާއި އެއްބާރުލުންތަކާއެކު މެދުގައި ވެސް މަޝްވަރާ  ކުރެވޭނެއެވެ.

ބޮޑެތި ޤައުމުތަކާއި އީރާނާ ދެމެދުގައި 2015ވަނަ އަހަރު އެއްބަސްވެފައިވާ މުޢާހަދާއިން އެމެރިކާ ވަނީ އެކަހެރި ގޮތަކަށް 2018ގައި ވަކިވެފައެވެ.

ނިޔުކްލިއަރ މަސްއަލައާ ބެހޭގޮތުން އެންމެ ފަހު ނުކުތާއާ ހަމައަށް ދެވިފައިވަނިކޮށް ރަޝިޔާއިން ހުށައެޅި މަސްއަލައެއްގެ ސަބަބުން ވާހަކަދެއްކުންތައް ވަނީ މަޝްވަރާއަކާ ހަމައަށް  ދާން ޖެހިފައެވެ. ރަޝިޔާއިން ހުށައަޅަނީ ޔުކްރޭން ހަނގުރާމަޔާ ހެދި ރަޝިޔާއާ ދެކޮޅަށް ހުޅަނގުން އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އީރާން ރަޝިޔާ އިޤްތިޞާދީ އަދި ޢަސްކަރީ އެއްބާރުލުމަށް އެއްވެސް ނުބައި އަސަރެއް ނުފޯރާނެކަމުގެ ޖާމިނުވުން އެމެރިކާއިން ރަޝިޔާއަށް ދޭން ޖެހޭނެއެވެ.

ރޫސީ ޚާރިޖީ ވަޒީރު ސަރގީ ލެވްރޯވް ވިދާޅުވާގޮތުގައި ރަޝިޔާއާ ދެކޮޅަށް ހުޅަނގުން އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަކީ 2015ގައި ސޮއިކޮށްފައިވާ މުޢާހަދާ  އަލުން ދިރުވުމަށް ހުރަސްއަޅާ ކަމެކެވެ.

ރަޝިޔާގެ މި އެދުމާ ވިދިގެން ޔޫރަޕްގެ އިއްތިޙާދު ބުނާގޮތުގައި "ބޭރުގެ ބަހާތަކަކާ ހެދި" ވާހަކަދެއްކުންތައް މިހާރު ވަނީ ހުއްޓައިލެވިފައެވެ. މި އިއްތިޙާދުގެ މެންބަރުން ބުނާގޮތުގައި މި އެއްބަސްވުމާ ބެހޭގޮތުން ދެން މަޝްވަރާތައް އޮންނާނީ ވިއެނާއިން ބޭރުގައެވެ.

އީރާނުގެ ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ އަމީން ޢާންމު ޢަލީ ޝަމްޚާނީ މިއަދު ވިދާޅުވިގޮތުގައި އީރާނުގެ އެދުންތަކަށް އިޖާބަ ލިބެންދެން އީރާނުން ވާހަކަދެއްކުންތައް ކުރިއަށް ގެންދާނެއެވެ. އޭނާ ވިދާޅުވި ގޮތުގައި ނިޔުކްލިއަރ އެއްބަސްވުން ދިރުވުމަށް ޓަކައި އެމެރިކާގެ "ސިޔާސީ ޤަރާރަކަށް" ވަނީ ބޭނުންވެފައެވެ.

ޚަޠީބު ޒާދާ ވިދާޅުވި ގޮތުގައި "އަޅުގަނޑުމެން މި ތިބީ އިންޓަރވަލެއްގައެވެ. މުޢާހަދާ އިޢުލާން ކުރެވޭ ހިސާބަކަށް އަދި ނުދެވެއެވެ." މި އެއްބަސްވުމުން އެމެރިކާ ވަކިވީ 2018ގައި ރައީސް ޓްރަމްޕްގެ ވެރިކަމުގައެވެ. ވިއެނާގައި ބޭއްވެމުންދާ ވާހަކަދެއްކުންތަކުގެ އަމާޒަކީ އެމެރިކާ މި އެއްބަސްވުމަށް އަނބުރާ ގެނައުމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް