Support Us

ޢިރާޤުގެ އިރްބީލުގައި ހުންނަ އެމެރިކާ ކޮންސަލްއަށް ހަމަލާތަކެއް ދީފި

ޢިރާޤުގެ ކުރްދިސްތާނުގެ ވެރިރަށް އިރްބީލަށް މިސައިލް ޙަމަލާތަކެއް ދީފިއެވެ. ޖަޒީރާ ބުނާގޮތުގައި މި ޙަމަލާގެ އަމާޒަކީ އިރްބީލުގައި ހުންނަ އެމެރިކާގެ ކޮންސަލްގެ އައު ޢިމާރާތެވެ.

އެމެރިކާއިން މި ކަމުގައި ތުހްމަތު ކުރަނީ އީރާނެވެ. އެމެރިކާގެ ޚާރިޖިއްޔާއިން ނެރުނު ބަޔާން ބުނާގޮތުގައި މި ޙަމަލާތަކުގެ ސަބަބުން މީހަކަށް ވެސް އަދި އެއްޗަކަށް ވެސް ގެއްލުމެއް ނުލިބެއެވެ. ނަމަވެސް ޢިރާޤުގެ ދާޚީލީ ވުޒާރާ ބުނާގޮތުގައި މި ޙަމަލާގެ ސަބަބުން އެކަކު ޒަޚަމުވިއެވެ.

އެމެރިކާއިން މި ޙަމަލާ ކުށްވެރި ކުރަމުން ބުނިގޮތުގައި ޢިރާޤު ސަރުކާރުންނާއި ކުރްދިސްތާނުގެ އިދާރާތަކުން ދަނީ މި ޙަމަލާ ތަޙްޤީޤު ކުރަމުންނެވެ.

ކުރްދިސްތާނުން ބުނާގޮތުގައި މި ޙަމަލާގައި 12 މިސައިލެއް ފޮނުވައިލައިފައި ވެއެވެ. މި ޙަމަލާ އައިސްފައި ވަނީ ޢިރާޤުން ބޭރުން ކަމަށް ވެސް ކުރްދިސްތާނުން ބުންޏެވެ.

ރޮއިޓަރޒް ބުނާގޮތުގައި އެމެރިކާގެ ކޮންސަލަށް ދިން ޙަމަލާއަކީ އީރާނުން ދިން ޙަމަލާއެކެވެ.

ވޮޝިންގްޓަން ޕޯސްޓް ދުވަހު ނޫސް ޢިރާޤުގެ މަސްއޫލުވެރިއަކާ ޙަވާލާދީ ބުނިގޮތުގައި މިއީ އީރާނުން ދިން ޙަމަލާއެކެވެ. އިރްބީލުގެ ގަވަރުނަރު އޫމީދު ޚޫޝްނާވު ހާމަކުރެއްވި ގޮތުގައި އިރްބީލަށް އެތައް މިސައިލްތަކެއް އެރިއެވެ. ކުރްދިސްތާނު ސަރަޙައްދުގެ ޞިއްޙަތާ ބެހޭ ވަޒީރު ސާމާން ބަރްޒަންޖީ ހާމަކުރެއްވި ގޮތުގައި މި މިސައިލްތައް ގޮވުމުގެ ސަބަބުން އެއްވެސް މީހަކަށް ވެސް ތަނަކަށް ވެސް ގެއްލުމެއް ނުލިބެއެވެ.

ޢިރާޤުގެ ބޮޑުވަޒީރު މުޞްޠަފަލް ކާޡިމީ ވެސް މި ޙަމަލާ ކުށްވެރި ކުރެއްވިއެވެ. ކުރްދިސްތާނު ސަރަޙައްދުގެ ބޮޑުވަޒީރު މަސްރޫރު އަލް ބަރްޒާނީ އާ ގުޅުއްވާ މި ޙަމަލާ ރަނގަޅަށް ތަޙްޤީޤު ކުރެއްވުމަށް އެންގެވިއެވެ.

އެންމެ ފަހުން އެމެރިކާގެ ސިފައިންނަށް ޢިރާޤުގައި ޙަމަލާއެއް ދީފައި ވަނީ ޖަނަވަރީ 2020 ގައެވެ. އެއީ އީރާނުގެ އިންޤިލާބީ ފާރަވެރީންގެ ލަޝްކަރުގެ ވެރިޔާ ޤާސިމު ސުލައިމާނީ އަވަހާރަކޮށްލުމުން ދިން ރައްދު ޙަމަލާއެކެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް