Support Us

ކޮލަމް މާޒީ: ހަނގުރާމައިގެ ވަޅުގަނޑަކަށް ޔޫކްރެއިން ވައްޓައިލީ ނޭޓޯއިންހެއްޔެވެ؟

ކޮންމެ ވާހަކައެއްގައި ވެސް ނުވަތަ ކޮންމެ ކަމެއްގައި ވެސް ދެ ފަރާތެއް ނުވަތަ ދެ ކޮޅެއް އޮވެއެވެ. ކަމަކާ ގުޅޭ ގޮތުން ޚިޔާލެއް ފާޅުކުރާ ނަމަ، ދެ ފަރާތަށް ބަލާންޖެހެއެވެ. މައްސަލައެއް ނަމަ ދެ ފަރާތުގެ ވާހަކަތައް އަޑުއަހާންޖެހެއެވެ. ކޮންމެ ކަމެއްގައި ވެސް ދެކޮޅު ބަލައި ހޯދާން ޖެހެއެވެ. ކަމަކާ ގުޅޭ ގޮތުން ފެންނަ އެންމެ ފެނުމެއްގެ މައްޗަށް ނުވަތަ އިވޭ އެންމެ އަޑެއްގެ މައްޗަށް ނުވަތަ މީހަކު ބުނެލާ ބަހެއްގެ މައްޗަށް ގޮތް ކަނޑައެޅުމަކީ ބޭއިންސާފުގެ އިންތިހާއެވެ.

މިހާރު ހިނގަމުންދާ ރޫސީ-ޔޫކްރޭން ހަމަނުޖެހުމުގެ މައްޗަށް މި ގޮތުގެ މަތީން ނަޒަރެއް ހިންގައިލަމާތޯއެވެ! އެއްވެސް ހާލެއްގައި އަޅުގަނޑު މި އުޅެނީ ރޫސީން ހިމާޔަތްކުރާކަށް ނުވަތަ އެހެން ގައުމެއް ކުށްވެރިކުރާކަށް ވެސް ނޫނެވެ. އެއްވެސް ޝައްކެއް ނެތް ގޮތުގައި މިނިވަން މުސްތަޤިއްލު ގައުމަކަށް އަރައިގަނެ ޢުދުވާނީ ޙަމަލާ ދިނުމަކީ ޖަރީމާއެކެވެ. އެ ކަމަށް ދެއްކޭނެ އެއްވެސް ބަހަނާއެއް ނޯންނާނެއެވެ. ނަމަވެސް އަޅުގަނޑުމެންނަކީ ކަންކަމާމެދު ވިސްނައި ފިކުރުކުރާ ބަޔެއްގެ ހައިސިއްޔަތުން ދެ ފަރާތުގެ ހަގީގަތްތަކަށް ނަޒަރެއް ދިނުމަކީ ވެސް ނެތް ކަމެއް ނޫނެވެ.

ރޫސީ އިސްވާރުން ބުނާ ގޮތުގައި އެ މީހުންނަކީ އަނިޔާވެރީންނެއް ނޫނެވެ. އެ މީހުންނަކީ ހިތާމައާއި އަނިޔާ ލިބެމުންދާ މީހުންނެވެ. މަޒުލޫމުންނެވެ. އެ މީހުން ހަމަ އެކަނި އެ ކުރާކަމަކީ އަމިއްލަ ޤައުމު ދިފާޢުކުރުމުގެ މަސައްކަތެވެ. އެ މީހުން އެ އަޅަނީ ޤައުމީ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި އަޅާ ފިޔަވަޅުތަކެވެ. ރޫސީ އިސްވާރުން މިހެން މި ބުނަނީ ކީއްވެގެންހެއްޔެވެ؟

ވޭތުވެ ދިޔަ ފަންސަވީހަކަށް އަހަރު ދުވަހުގެ ތެރޭގައި ނޭޓޯއިން ގެންދިޔައީ ރޫސީ ސަރަހައްދީ ރޮނގާ ކައިރިއަށް ޖެހެމުންނެވެ. ރޫސީ ފެދުރާލުން ވަކިވި ހުރިހާ ގައުމުތަކަކަށް ވިސްނައި ބާރުއަޅައިދީގެން ނަމަވެސް ގެންދިޔައީ އެ ގައުމުތައް ނޭޓޯގެ މެންބަރުންނަށް ހަދަމުންނެވެ. ރޫސީ ވިލާތުގެ ސަލާމަތީ ސަރަހައްދަށް ނޭޓޯ އައީ ފެތުރެމުންނެވެ. ޖަރުމަނުވިލާތަކީ ނޭޓޯގެ މެންބަރަކަށް ވާ ހިސާބުން ނޭޓޯ ފުޅާކުރުން ހުއްޓައިލާނެކަމަށް ކުރީން ވައުދުވެފައި އޮތް ނަމަވެސް އެހަނދާނެއް ނެތެވެ. އެހެނަސް ރޫސީވިލާތުގެ ބާރު އެތައް ތަނެއް ކުޑަވެ، މީހުން މަދުވެ ބިންކުޑަވެ ހަތިޔާރު މަދުވެ ބާރު ކުޑަވެފައިވާއިރު ނޭޓޯ ފުޅާކޮށް ރޫސީވިލާތުގެ ވަށައިގެން ނޭޓޯއިން ރޫސީވިލާތާ ދިމާއަށް ހަތިޔާރުތައް އަމާޒުކުރަނީ ކީއްކުރާންބާވައެވެ؟ އެއީ ޞުލްޙަ ދަމަހައްޓާން ނުވަތަ ޞުލްޙަ ނައްތައިލާން ކުރާ ކަމެއްބާވައެވެ؟

ރޫސީވިލާތުގެ ވަށައިގެން ފަންނީ ގޮތުން ރޫސީ ސަލާމަތީ ރޮނގުގައި ނޭޓޯގެ "ފައުޖުތައް" ރުކުރުވައިލުމަކީ ނުރައްކަލެއް ކަމަށް ރޫސީން ގެންދިޔައީ އިންޒާރުދީ އެކަމަށް އިޙުތިޖާޖު ކުރަމުންނެވެ. ނަމަވެސް އެމެރިކާގެ ޝާނާއި ޝައުކަތު ބޮޑުކުރާން ބޭނުންވާތީ ނޭޓޯއަކުން އެ އަޑެއް ނާހައެވެ. ރޫސީން ފިޔަވައި، ކުރީގެ ވޯސޯ ޕެކްޓްގެ މެންބަރު ހުރިހާ ގައުމަކާއި ރޫސީ ފަދުރާލުން ވަކިވެ މިނިވަންވި ހުރިހާ ގައުމަކަށް ނޭޓޯގެ މެންބަރުކަންދީ ނޭޓޯގެ އަސްކަރީ އިޚުތިޞާސް ގެންދިޔައީ ފުޅާކުރަމުންނެވެ. ތަޖުރިބާކާރުންގެ ލަފާތަކަށް ބީރު ކަންފަތެއް ދެމުންނެވެ. ނޭޓޯއެއް އޮތުމުގެ ބޭނުމެއް ނެތް އިރު ވެސް އެންމެ ބާރު އިސްޕީޑުގައި ނޭޓޯ ގެންދިޔައީ ފުޅާކުރަމުންނެވެ. އެހެންކަމުން ހަނގުރާމައެއްގެ ތެރެއަށް ޔޫކްރޭން ވައްޓައިލީ ނޭޓޯއިން ކަމަށް ބައެއް ތަޖުރިބާކާރުން ބުނެއެވެ. ރޫސީން ވެސް ބުނަނީ އެ ވާހަކައެވެ.

އެހެންވީއިރު ތަޖުރިބާކާރުންނާއި ރޫސީން ނޭޓޯގެ މައްޗަށް ކުރާ ތުމަތުތަކާއި އޭގެ ހަގީގަތްތަކުގެ މައްޗަށް ބަލައިލުން މުހިންމެވެ. އެންމެ ފުރަތަމަ، ނޭޓޯއަކީ ކޮބައިތޯ ބަލައިލާނަމެވެ. ނޭޓޯއަކީ، "ދި ނޯތު އެޓްލާންޓިކް ޓްރީޓީ އޮގަނައިޒޭޝަން" މި ނަން ކުރުކޮށް ކިޔާ ގޮތެވެ. އެއީ އުތުރުއެމެރިކާއާއި ވިލާތާ ދެމެދު އެކުލަވައިލެވުނު ޙިމާޔަތުގެ އިއްތިޙާދެކެވެ. މަޤުޞަދެއް ކަމަށް ބުނެފައިވަނީ "ދީމުޤްރާޠީ މިނިވަންކަން" ރައްކާތެރިކުރުމެވެ. އުތުރު އެޓްލާންޓިކް މުޢާހަދާ (ދި ނޯތު އެޓްލާންޓިކް ޓްރީޓީ)ގައި 1949 އޭޕްރީލް 4 ގައި ސޮއިކުރެވުނެވެ. މިއީ ހަގީގަތުގައި ކުރީގެ ރޫސީވިލާތުގެ ފަދުރާލީ ދައުލަތް (USSR)ގެ ސިޔާސަތާއި ބާރާ އިދިކޮޅަށް އެކުލަވައިލެވުނު އިއްތިޙާދެކެވެ. މި އިއްތިޙާދުގެ އަޞްލު މެންބަރުންނަކީ ބެލްޖިއަމާއި ކެނެޑާއާއި ޑެންމާކާއި ފަރަސްސޭސިވިލާތާއި އައިސްލޭންޑާއި އިޓަލީވިލާތާއި ލެގްޒެމްބާރގާއި ނެދަރލޭންޑާއި ނޯވޭއާއި ޕޯޗުގަލާއި އިނގރޭސިވިލާތާއި އެމެރިކާއެވެ. މަޤުޞަދަކީ ކުރިމަގުގައި ރޫސީ ފަދުރާލުން ހިންގައިފާނެ ހަމަނުޖެހުމަކާ ކުރިމަތިލައި ގައުމުތައް ޙިމާޔަތްކުރުމެވެ. ދުނިޔޭގެ ބާރުގެ ތިލަފަތް ހަމަކޮށް، ޞުލްޙަ ގާއިމުކުރާން ކަމަށް ބުނެއެވެ. މި އެއްބަސްވުން މެންބަރު ހުރިހާ ގައުމުތަކަށް ޔަގީންކަން ދީފައިވަނީ ގައުމުތަކުގެ ޙިމާޔަތަށް ޓަކައި ގުޅިގެން މަސައްކަތްކުރާނެކަމަށެވެ. މި މުޢާހަދާގެ ފަސްވަނަ މާއްދާގައި ބުނެފައިވަނީ ވިލާތާއި އުތުރުއެމެރިކާގައި ހިމެނޭ އެއް ގައުމަކަށް ނުވަތަ ގިނަ ގައުމުތަކަކަށް އަސްކަރީ ހަމަލާއެއް ދެވިއްޖެ ނަމަ އެއީ އެ މުއާހަދާގައި ހިމެނޭ ހުރިހާ ގައުމަކަށް ދެވުނު ހަމަލާއެއްކަމަށް ބެލޭނެކަމަށެވެ. މާނައަކީ ނޭޓޯގެ އެއްވެސް ގައުމަކަށް ހަމަލާއެއް ދީފި ނަމަ އެ ކަމާ ދެކޮޅަށް މެންބަރު ހުރިހާ ގައުމަކުން ތެދުވާންޖެހޭނެއެވެ. އެއީ މިނިވަން ފިކުރުގެ ގައުމުތަކެއްގެ އިއްތިހާދެކެވެ. އަދި އެއީ ދީމުޤްރާޠީ އިންޖީނެއްކަމަށް އެ މީހުން ދެކެއެވެ. އެ އިއްތިޙާދުން ކުރިއަށް ނެރޭނީ އެންމެން ގަބޫލުކުރާ އާންމު ހަމަތަކާއި އިޖުތިމާއީ އަގުތަކެވެ. އަދި ކޮމިޔުނިޒަމާ އިދިކޮޅަށް މަސައްކަތްކުރުމެވެ.

ޠަބީޢީ ގޮތުން މިއީ ރޫސީ އިއްތިޙާދުގެ ޝައުޤާއި އެ މީހުންގެ ފަލްސަފާއާ އިދިކޮޅަށް އުފެއްދުނު ޙަރަކާތެވެ. އެހެންކަމުން ނޭޓޯއަށް ރައްދު ދިނުމުގެ ގޮތުން މި ޙަރަކާތާ އިދިކޮޅަށް 1955ގައި ރޫސީ ފަދުރާލުގެ އިސްނެގުމުގެ މަތީން ވޯސޯ ޓްރީޓީ އޮގަނައިޒޭޝަންގެ ނަމުގައި ޖަމުޢިއްޔާއެއް (ވޯސޯ ޕެކްޓް) އުފެއްދިއެވެ. މިއީ ރޫސީ ފަދުރާލާއި މެދުތެރޭ އަދި އިރުމަތީ ވިލާތުގެ ސޯޝަލިސްޓް ހަތް ގައުމެއްގެ މެދުގައި ކުރި މުއާހަދާއެއްގެ ދަށުން ދުނިޔޭގެ ފިނި ހަނގުރާމައިގެ ތެރޭގައި އުފެދުނު ޖަމުޢިއްޔާއެކެވެ.

މި މުޢާހަދާއަށް ވޯސޯ ޕެކްޓް ކިޔުނީ އެ މުޢާހަދާގައި ސޮއިކުރީ ޕޮލަންޑްގެ އެންމެ ބޮޑު ސިޓީ ކަމުގައިވާ ވޯސޯގައި ކަމަށްވާތީއެވެ. މި މުޢާހަދާގައި ރޫސީ ފަދުރާލުގެ އިތުރަށް ސޮއިކުރި ގައުމުތަކަކީ އަލްބޭނިޔާއާއި ޕޮލަންޑާއި ޗެކޮސްލާވާކިއާއާއި ހަންގޭރީއާއި ބަލްގޭރިއާއާއި ރޫމޭނިއާއާއި ޖަރުމަން ޑިމޮކްރެޓިކް ޖުމްހޫރިއްޔާ (އިރުމަތީ ޖަރުމަން)އެވެ. މި ޖަމްޢިއްޔާގެ މަގުޞަދަކީ ވެސް ހަމަ ނޭޓޯއާ އެއް ފަދަ މަޤުޞަދެކެވެ. "ވޯސޯ ޕެކްޓް" އެއްބަސްވުމުން، މެންބަރު ހުރިހާ ގައުމުތަކަށް ޔަގީންކަން ދީފައިވަނީ ގައުމުތަކުގެ ޙިމާޔަތަށް ޓަކައި ގުޅިގެން މަސައްކަތްކުރާނެކަމަށެވެ. މި މުޢާހަދާގައި ހިމެނޭ އެއް ގައުމަކަށް ނުވަތަ ގިނަ ގައުމުތަކަކަށް އަސްކަރީ ހަމަލާއެއް ދެވިއްޖެ ނަމަ އެއީ އެ މުއާހަދާގައި ހިމެނޭ ހުރިހާ ގައުމަކަށް ދެވުނު ހަމައެއްކަމަށް ބެލޭނެ ކަމަށެވެ.

ރޫސީ ތާރީޚީ ހަނދާނަށް ބަލާއިރު މި ފަދަ މުޢާހަދާއެއް ހެދުމުގެ މުހުތާދެއް އެބަ އޮތް ކަމުގެ ހަމަ ދެއްކިދާނެއެވެ. މި ގޮތުން ބަލާއިރު މި ފަދަ ޖަމްޢިއްޔާއެއް އުފައްދާންޖެހޭ ކަމަށް ދައްކާނެ ފަސް ސަބަބެއް އެބަ އޮތެވެ. އެއީ ހުޅަނގުން ރޫސީންނަށް ބިރުވެރިކަން ކުރިމަތިކުރި އިސްތިޢުމާރުކުރުންތަކެކެވެ. އެހެނީ 17 ވަނަ ގަރުނުގެ ކުރީކޮޅުން ފެށިގެން ރޫސީނަށް ނުރައްކާ ކުރި މި ފަދަ މައިގަނޑު ފަސް ހާދިސާއެއް ތާރީޚުގައި ވަނީ ހިނގައިފައެވެ. މިއިން ކޮންމެ ފަހަރަކު ރޫސީ ދައުލަތަށް އެތައް ގެއްލުމަކާއި ބިރުވެރިކަމެއް ކުރިމަތިވިއެވެ.

ޖަރުމަނުގެ ބާރލިން ބޮޑުފާރު 1989ގައި ނައްތައިލައި ދެ ޖަރުމަނު އެއްކޮށްލުމާއެކު ކުރީން ވޯސޯ ޕެކްޓްގެ ގައުމެއްގެ ގޮތުގައި އޮތް އިރުމަތީ ޖަރުމަނު ވެސް އޮޓަމެޓިކުން ނޭޓޯއަށް ވަނީއެވެ. އަނެއްކޮޅުން އެމެރިކާގެ މަކަރުވެރިކަމާއެކު 1991ގައި ރޫސީ ފަދުރާލު ރޫޅި އެ ފަދުރާލުގައި ހުރި ތަފާތު ޖުމްހޫރިއްޔާތަކަކީ ވަކިވަކި މިނިވަން ދައުލަތްތަކެއްކަމަށް ބަދަލުވިއެވެ. ރޫސީ ފަދުރާލު، ރޫސީވިލާތަކަށް ކުޑަވީއެވެ. މި ހިސާބުން އުފެދޭނެ ސުވާލަކީ ދެ ޖަރުމަނު އެއްކޮށްލުމާއެކު ޖަރުމަނުވިލާތް ގުޅޭން ޖެހޭނީ ނޭޓޯއާތޯ ނުވަތަ ވޯސޯޕެކްޓާތޯއެވެ!

އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިޔޫ ބުޝް އާއި ރޫސީވިލާތުގެ ކުރީގެ ރައީސް މީކާއީލް ގަރްބަޗޯވް (ކ)

އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިޔޫ ބުޝްގެ ޒަޢާމަތުގައި ރޫސީވިލާތުގެ ކުރީގެ ރައީސް މީކާއީލް ގަރްބަޗޯވަށް ވަޢުދެއްވެވަޑައިގަތެވެ. އެއީ ޖަރުމަނުވިލާތުން ނޭޓޯއާ ގުޅިއްޖެ ނަމަ، ނޭޓޯ ފުޅާކުރުން (ނޭޓޯއަށް މެންބަރުން އިތުރުކުރުން) ހުއްޓައިލާނެ ކަމުގެ ވަޢުދެވެ. މި ކަމަށް ބާރުލިބޭ ލިޔެކިޔުންތައް ރޫސީ އަރުޝީފުގައި ހުރި ކަމަށް ރޫސީން ބުނެއެވެ. ކޮންމެއަކަސް އެމެރިކާގެ ހުށަހެޅުން ގަރުބަޗޯވް ގަބޫކުރައްވައި ރޫސީ ފަދުރާލު ރޫޅައިލެއްވިއެވެ. އަދި ވޯސޯޕެކްޓް ވެސް އުވައިލެއްވިއެވެ. ދުނިޔޭގެ ބާރުގެ ވާދަވެރިކަމުގެ ތިލަފަތް ހަމަކުރާން އުފެދުނު ދެ ޖަމުޢިއްޔާގެ ތެރެއިން އެއް ޖަމުޢިއްޔާއެއް އުވައިލެވުނީމާ ހަގީގަތުގައި އަނެއް ޖަމުޢިއްޔާ ވެސް (ނޭޓޯ) އުވޭންވާނެތާއެވެ. އެ ޖަމުޢިއްޔާގެ ބޭނުން ކެނޑިފައިވާތީއެވެ. ނަމަވެސް އެކަމެއް އެހެންނެއް ނުވިއެވެ. އަދި ނޭޓޯގެ އަސްކަރީ އިޚުތިޞާސް ފުޅާކުރުމުގެ މަސައްކަތަށް ހުއްޓުމެއް ވެސް ނުގެނައެވެ. ވޯސޯޕެކްޓް އުވައިލައި ޖަރުމަނުން ނޭޓޯއާ ގުޅުމުން ވެސް ނޭޓޯއަށް ވަނުމުގެ ފުރުޞަތު އޮތީ ގައުމުތަކަށް ތަންމިނަށް ހުޅުވައިލައިފައެވެ. މެންބަރުން އިތުރުކޮށް އަސްކަރީ އިޚުތިޞާސް ފުޅާކުރުމުގެ މަސައްކަތް ގެންދިޔައީ ހަލުވިކަމާއެކު ކުރިއަށެވެ. ރަޝިއާއަށް ޖެހުނީ މި ކަމުގެ ފަހަތުގައި މަޑުކޮށްލައިގެން ބަލާން އޮންނާށެވެ.

ނޭޓޯ އުފެދުނު އިރު މެންބަރުންގެ ގޮތުގައި ތިބީ 12 މެންބަރުން ކަމަށް ވީ ނަމަވެސް 1952ގައި ގްރީކާއި ތުރުކީވިލާތް މި އިއްތިހާދާ ގުޅި އިއްތިހާދު އިތުރަށް ފުޅާކުރެވުނެވެ. އަދި 1955ގައި ހުޅަނގު ޖަރުމަން އަދި 1982ގައި ސްޕޭން ވެސް ނޭޓޯއާ ގުޅުނެވެ. ހަމަ އެފަދައިން 1999ގައި ޕޮލަންޑާއި ހަނގޭރީއާއި ޗެޗް ރިޕަބްލިކް ވެސް ނޭޓޯއާ ގުޅުނެވެ. އަދި 2004 އާއި 2009 އާ ދޭތެރޭގައި ބަލްގޭރިއާއާއި އެސްތޯނިއާއާއި ލެތުވިއާއާއި ރޫމޭނިއާއާއި ލިތުއޭނިއާއާއި ކްރޮއޭޝިއާއާއި ސްލޮވާކިއާއާއި ސްލޮވޭނިއާއާއި އަލްބޭނިއާ ވެސް ނޭޓޯގެ މެންބަރުންނަށްވިއެވެ. މީގެ ތެރެއިން ގިނަ ގައުމުތަކަކީ ކުރީން ވޯސޯ ޕެކްޓްގައި ހިމެނުނު ނުވަތަ ރޫސީ ފަދުރާލުން ވަކިވެ މިނިވަންކަން ލިބުނު ގައުމުތަކެވެ. އަދި 2017 އާއި 2020 އާ ދޭތެރޭ އުތުރު މެސަޑޯނިއާއާއި މޮންޓެނޭގްރޯ ވެސް ނޭޓޯއާ ގުޅުނެވެ. މިއީ ރޫސީ ވިލާތާ އިންވެގެން ހުރި ގައުމުތަކެވެ. މިހާ ހިސާބަކުން ވެސް ނޭޓޯ ފުޅަކުރުމަކަށް ހުއްޓުމެއް ނުގެނެއެވެ. މި ދިޔަ އަހަރު އިތުރު ތިން ގައުމަކަށް ނޭޓޯގެ މެންބަރުކަން ދީ ނޭޓޯގެ އަސްކަރީ އިޚުތިޞާސް އިތުރަށް ފުޅާކުރިއެވެ. ބޮސްނިއާހެޒަގޮވީނާއާއި ޖޯޖިއާއަކީ ނޭޓޯގެ މެންބަރު ގައުމުތަކުގެ ގޮތުގައި ނޭޓޯއިން ގަބޫލުކުރިއެވެ. އަދި ޔޫކްރޭނަށް ވެސް ވަނީ މެންބަރުކަން ދީފައި ކަމަށް މަޢުލޫމާތު ލިބެއެވެ. ނުވަތަ އޮތީ މެންބަރަކަށް ވުމުގެ މަގުމަތީގައެވެ. އަދި މިހާރު ވެސް ފިންލެންޑާއި ސުވިޑްނާއި ސާބިއާއަށް މެންބަރުކަން ދިނުމުގެ ވާހަކަތައް ކުރިއަށް ދަނީއެވެ. މި ކަން ނުކުރާން އިލްތިމާސްކޮށް އިންޒާރުކުރަމުން ގެންދަނިކޮށެވެ. ރޫސީވިލާތުން ވަރަށް "ރަހުމަތްތެރި" އިންޒާރެއް 2007 ގައި ވެސް ނޭޓޯއަށް ދިނެވެ. ރައީސް ޕޫޓިން ވިދާޅުވިއެވެ. "ނޭޓޯގެ އަސްކަރީ ފައުޖުތައް ވަނީ އަހަރެމެންގެ އިންސަރަހައްދުގައި ރުކުރުވައިލައިފައެވެ. މިއީ އަހަރެމެން ރުޅިއަރުވައި ދެ ފަރާތުގައި އޮތް އިތުބާރު ކުޑަކުރުމުގެ ޢަމަލެކެވެ. އަހަރެމެންނަށް މި ސުވާލުކޮށްލުމުގެ ހައްގު އެބަ އޮތެވެ. 'އަސްކަރީ އިޚުތިޞާސް މި ގޮތަށް މި ފުޅާކުރުމުގެ ނިޔަތް އޮތީ ކޮން ބަޔަކާ ދެކޮޅަށް ހެއްޔެވެ؟ ވޯސޯޕެކްޓް އުވައިލުމާއެކު އަހަރެމެންގެ ހުޅަނގުގެ ބައިވެރީން ދިން އިތުބާރާއި ޔަގީންކަމަށް ވާނީ ކިހިނެއްހެއްޔެވެ؟'

މި އިންޒާރުތައް ދީފައިވަނީ ހަމައެކަނި ރޫސީވިލާތަކުން ނޫނެވެ. އެމެރިކާގެ ބޭރުގެ ސިޔާސަތުތަކާބެހޭ އެންމެ އިސް 50 ތަޖުރިބާކާރަކު 1999 ޖޫންމަހު ސޮއިކުރި ހުޅުވައިލެވިފައިވާ ސިޓީއެއްގައި ނޭޓޯ ފުޅާކުރުމަކީ ސިޔާސީ ގޯހެއް ކަމަށާއި އެކަން ހުއްޓުވާން މަސައްކަތްކުރައްވާން އޭރުގެ ރައީސް ބިލް ކްލިންޓަނަށް ދަންނަވައިފައިވެއެވެ. އަދި ފިނިހަނގުރާމައިގެ ދުވަސްވަރު އެމެރިކާގެ ބޭރުގެ ސިޔާސަތުތަކާބެހޭ ބައްޕަ ކަމަށް ބެލުނު ޖޯޖް ކެނަން ވެސް ވިދާޅުވެފައިވެއެވެ. "އަހަރެން ދެކެނީ ނޭޓޯ ފުޅާކުރުމަކީ މިއީ ވަރަށް ސީރިއަސް އަދި ނުރައްކާތެރި ގޯހެއް ކަމަށެވެ. މި ކަންކަން މިހެން ކުރާންޖެހޭ އެއްވެސް ސަބަބެއް ނެތެވެ. އެއްވެސް ބަޔަކަށް ނުރައްކަލެއް ކުރިމަތިވެފައެއް ނެތެވެ." އަދި ރޫސީވިލާތަށް އެމެރިކާއިން ކަނޑައަޅައިފައި ހުންނެވި ސަފީރު ވިލިއަމް ޖޭ ބާރންސް 2008 ގައި އެމެރިކާގެ ޚާރިޖީ ވުޒާރާއަށް ފޮނުއްވި ސިޓީއެއްގައި ވެސް ޔޫކްރޭނަށް ނޭޓޯ މެންބަރުކަން ދިނުމަކީ ރޫސީންނަށް ކަނޑައެޅިގެން ކުރާ ޖެއްސުމެއް ކަމަށާއި އެއީ އެ މީހުންނަށް ޖަހާ ގޮންޖެހުމެއް ކަމަށާއި އެއީ ރަތް ރޮނގު ހުރަސްކުރުންކަމަށް ވިދާޅުވެ އިންޒާރުކުރައްވައިފައިވެއެވެ. އަދި ހަމަ މި ފަދައިން އޮބާމާއާއި ބުޝްގެ ރިޔާސަތުގައި ވެސް ދިފާޢީ ވަޒީރަކަށް ހުންނެވި ރޮބަރޓް އެމް ގޭޓްސް ވެސް އެމެރިކާއަށް އިންޒާރުކުރެއްވި ގޮތުގައި ޖޯޖިއާއާއި ޔޫކްރޭން ނޭޓޯއަށް ވެއްދުމަކީ ރޫސީ ޤައުމީ ސަލާމަތަށް ކުރިމަތިކުރާ ގޮންޖެހުމެއްކަމަށާއި އެއީ މާ ދުރަށް އަތްބޭނުންކަމަށް ބަޔާންކުރައްވައިފައިވެއެވެ. ކުރީގެ ޚާރިޖީވަޒީރުގެ ނާއިބު ސްޓްރޯބް ޓެލްބެޓް ވިދާޅުވެފައިވަނީ "ރޫސީން ނޭޓޯ ސިފަކުރަނީ ފިނި ހަނގުރާމައިގެ ބައެއްކަމަށެވެ. އެ މީހުން ފާހަގަކުރާ ގޮތުގައި އެމީހުން ވޯސޯ ޕެކްޓް އުވައިލި އިރު، އެ މީހުން ސުވާލުކުރަނީ ހުޅަނގުން (ނޭޓޯ އުވައިލުމުގައި) އެ ގޮތަށް ޢަމަލު ނުކުރީ ކީއްވެހެއްޔެވެ؟" މާނައަކީ ފިނި ހަނގުރާމައިގެ ދުވަސްވަރު ދުނިޔޭގެ ބާރުގެ ތިލަފަތް ހަމަކުރުމަށް ޓަކައި އުފެއްދި ދެ ބާރެއްގެ ތެރެއިން އެއްބާރު އުވައިލެވި ފިނި ހަނގުރާމަ ނިމިފައިވާއިރު ފިނި ހަނގުރާމައިގެ އެއް ބާރު އިތުރަށް ފުޅާ ކުރުމަކީ ދުނިޔޭގެ ޞުލްޙައަށް އޮތް ނުރައްކަލެއް ކަމަށެވެ.

ނޭޓޯ ފުޅާކޮށް ރޫސީވިލާތުގެ ވަށައިގެން ހުރި ގައުމުތަކުގައި ނޭޓޯގެ ފައުޖުތައް ރުކުރުވައިލާން ރޫސީން ދެކޮޅުހަދައި އިންޒާރުދޭދިނުމަށް ބާރުދީ ހުޅަނގުގެ ތަޖުރިބާކާރުންގެ ކިތަންމެ އަޑުތަކެއް އެމެރިކާ ސަރުކާރާއި ނޭޓޯއަށް އިއްވައިފައި އެބަ ހުއްޓެވެ. މި ފަދަ އެތައް ތަޖުރިބާކަރުންނެއް ވެސް ވަނީ ނޭޓޯ ފުޅާކުރަމުން ގެންދާ ގެންދިޔުމަކީ ދުނިޔޭގެ ޞުލްޙައަށް އޮތް ނުރައްކަލެއް ކަމަށް އެމެރިކާ ސަރުކާރަށް އިންޒާރުދެއްވައިފައެވެ. ނަމަވެސް ބުޝް ވެސް ކްލިންޓަން ވެސް އަދި އޮބާމާއާއި ޓްރަމްޕްގެ ސަރުކާރުން ވެސް މި އިންޒާރުތަކަށް ވަނީ ބީރު ކަންފަތެއް ދެއްވައި ހިމޭންކަން އިޚުތިޔާރުކުރައްވައިފައެވެ. އެއީ ސަލާމަތީ ކުޑައިގެ ދަށުގައި އެ ކުޑައިގެ ހިޔާ ބޮޑުކުރުމަށް ޓަކައެވެ. އެމެރިކާގެ ޝާނާއި ޝައުކަތު، ނުފޫޒާއި ބާރު އިތުރުކުރާށެވެ. މުޅި ދުނިޔޭގައި އެ މީހުން ވަކިހިއްޕާށެވެ.

އެއްވެސް ޝައްކެއް ނެތެވެ. މިނިވަން މުސްތަޤިއްލު ޤައުމެއްގެ މިނިވަންކަމާއި ސިޔާދަތު ދިފާޢުކުރުމަކީ އެ ޤައުމަކަށް އޮންނާނެ ޙައްގެކެވެ. އެހެންނަމަވެސް އެހެން ބަޔެއްގެ ބާރުއެޅުމާއެކު އެފަދަ އެހެން ބަޔެއްގެ މިނިވަންކަމަށް ނުރައްކާ ކުރުމަކީ އެ މީހުންނަށް އޮންނާނެ ޙައްގެއް ނޫނެވެ.

ރޫސީވިލާތުން ޔޫކްރޭނަށް އަރައިގަތް އަރައިގަތުމަކީ އެއްވެސް ހާލެއްގައި ގަބޫލުކުރެވޭނެ ކަމެއް ނޫނެވެ. އެއީ ޖަރީމާއެކެވެ. ނަމަވެސް މި ހާލަތަށް އެ ސަރަހައްދު ގެންދިޔުމުގައި ހުޅަނގަކީ މަޢުޞޫމު ބަޔެއް ނޫނެވެ. އަދި މިކަމުގައި އެމެރިކާގެ އިހުމާލު ވަރަށް ބޮޑެވެ. ނޭޓޯ ފުޅާކޮށް ރޫސީވިލާތުގެ ވަށައިގެން ހުރި ގައުމުތަކުގައި ނޭޓޯގެ ފައުޖުތައް ރުކުރާލުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ ދުނިޔޭގެ ސުލްޙައަށް ޓަކައި ނޭޓޯގެ ބޭނުމެއް މިއަދު އެބަ އޮތް ހެއްޔެވެ؟ ރޫސީގެ ފަދުރާލު މިހާރުވަނީ ނެތިފައެވެ. ޔޫއެސްއެސްއާރު އުވުމާއެކު ރޫސީ ވިލާތުގެ ބިމުގެ ތިންބައިކުޅަ އެއްބައި ވަނީ ގެއްލިފައެވެ. އާބާދީގެ ދެބައިކުޅައެއްބައި ވަނީ މަދުވެފައެވެ. ކުރީން ރޫސީވިލާތުގައި ހުރި އަސްކަރީ ބާރުތައް ހުރީ މިނިވަންވި ޖުމްހޫރިއްޔާއަކަށް ބެހިފައެވެ. ވީމާ ފިނި ހަނގުރާމައިގައި ދުނިޔޭގެ ތިލަފަތް ހަމަކުރާން އުފެއްދި ނޭޓޯ ވުޖޫދުގައި އޮތުމުގެ ބޭނުމެއް ދުނިޔެއަށް އެބަ އޮތްހެއްޔެވެ؟ ވީމާ ރޫސީން ޔޫކްރޭނަށް އަރައިގަންނާން މަޖުބޫރުކުރުވީ އަދި ޔޫކްރޭނަށް މި ނުރައްކާ ކުރިމަތިކުރުވީ އެމެރިކާގެ ޖާހު ބޮޑުކުރުމަށް ޓަކައި އެމެރިކާގެ ބައިވެރިވުމާއެކު ނޭޓޯއިން ނޫންހެއްޔެވެ؟ އަދި ހަނގުރާމައިގެ ތެރެއަށް ޔޫކްރޭން ވައްޓައިލީ އެމެރިކާއާއި ނޭޓޯގެ އިހުމާލުން ނޫންހެއްޔެވެ؟

ބައެއް ލަފުޒުތައް މި ލިޔުމުގައި ބޭނުންކޮށްފައިވާ މާނަ:

ފަދުރާލު: އެ ގައުމެއްގެ ސަރުކާރުގައި އެތައް ބައިވަރު ދައުލަތްތަކެއް ހިމެނޭ، އަދި އެއިން ކޮންމެ ދައުލަތަކަށް ދާޚިލީ ފުރިހަމަ މިނިވަންކަން ލިބިފައި އޮންނަ ދައުލަތްތަކެއްގެ މައްޗަށް އެކުލެވިފައިވާ ސަރުކާރެއްގެ ނިޒާމު.

ފަދުރާލީ: ފަދުރާލެއްގެ ސިފަ ނުވަތަ އެ ހައިސިއްޔަތު ލިބިގެންވާ

ޖަރީމާ: ބޮޑެތި ކުށް

އިސްވާރު: (1) ވެރިޔާ،  (2) އިސްވެ ހުންނަ މީހާ، (3) ޒައީމު

ފިނިހަނގުރާމަ: ފަލްސަފީ ޚިޔާލު ތަފާތުވުމުގެ ސަބަބުން ދެ ޤައުމެއްގެ ދެމެދުގައި އޮންނަ ދެބަސްވުމާއި އަރައިރުން. މި ފަދަ އަރައިރުމުގައި ގިނަ ފަހަރަށް ޑިޕްލޮމެޓިކް ގުޅުން ވެސް ނުކެނޑި ދެމި އޮވެއެވެ.

އަސްކަރީ އިޚުތިޞާސް: އަސްކަރީ ބާރު ހިނގާ ސަރަހައްދު

މުހުތާދު: ކަމެއްގެ މުހިންމުކަމަށް ޓަކައި ނުވަތަ ޒަރޫރީ ސަބަބަކަށް ޓަކައި ބޭނުންވާ ބޭނުންވުން. ނުވަތަ ކޮންމެހެން ބޭނުންތެރިވާ ބޭނުންތެރިކަން

މަޒުލޫމު: އަނިޔާއެއް ނުވަތަ ކުށެއްގެ ސަބަބުން ނިކަމެތިކަމެއް ނުވަތަ ގެއްލުމެއް ލިބުނު މީހާ. މި ގޮތުން ލިބޭ ގެއްލުމަކީ އެ މީހެއްގެ ހައްގުތަކެއް ގެއްލިދިޔުން ނުވަތަ އެ މީހެއްގެ ހަށިގަނޑާއި މުދަލަށް ގެއްލުންތަކެއް ލިބުން، ނުވަތަ މަރުވުން ކަމަށް ވެސް ވެދާނެއެވެ.

ބަހަނާ: ތިމާގެ ބޭނުމާ އެއްގޮތަށް ކަމެއް އަނބުރައިލާންވެގެން ދައްކާ ވާހަކައާއި މެދުވެރިކުރާ ސަބަބު

 

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
211
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *