Support Us

އެމެރިކާގެ ވަޠަނީ ޖާސޫސީ އިދާރާގެ ޑިރެކްޓަރ އެވްރިލް ހޭންޒް

ފިޔަވަޅުތައް ކިތަންމެ ގިނަކުރިއަސް ޕޫޓިން ދުލެއްނުދެއްވާނެ: އެމެރިކާގެ ޖާސޫސީ އިދާރާ

ރަޝިޔާގެ ރައީސް ޕޫޓިނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް ކިތަންމެ ގިނައިން އެޅިޔަސް އޭނާ ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށާއި އޭނާ ގެންދަވާނީ ޙަމަލާތައް ކުރިއަށް ކަމަށް އެމެރިކާގެ ވަޠަނީ ޖާސޫސީ އިދާރާގެ ޑިރެކްޓަރ އެވްރިލް ހޭންޒް ރޭ ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ޓީވީ ޗެނެލަކަށް އޭނާ ދެއްވި ބަޔާނެއް ބުނާގޮތުގައި ޕޫޓިނާ ދެކޮޅަށް ކިތަންމެ ފިޔަވަޅުތަކެއް އެޅިޔަސް އޭނާ ޔުކްރޭނަށް ދެއްވަމުން ގެންދަވާ ޙަމަލާތައް މަދެއް ނުކުރައްވާނެއެވެ. މި ޙަމަލާތައް ދާނީ އިތުރަށް ކުރިއަށެވެ.

ހޭންޒް ވިދާޅުވި ގޮތުގައި ރަޝިޔާއަށް ވަނީ ޔުކްރޭންގެ ރައްޔިތުންގެ ކުރިމަތިލުން ރަނގަޅަށް ވަޒަން ނުކުރެވިފައެވެ. ރަޝިޔާއަށް އަވަސް ނަޞްރެއް ލިބުމުން މަޙްރޫމު ކުރީ ޔުކްރޭންގެ ރައްޔިތުން ރަޝިޔާއަށް ދޫނުކޮށް ހަނގުރާމައިގެ މައިދާނުގައި ސާބިތުވެ ތިބުމުގެ ސަބަބުންނެވެ. އޭނާ ހާމަކުރެއްވި ގޮތުގައި " އެމެރިކާއިން ދަނީ ޔުކްރޭން ރައްޔިތުންނަށް އެހީވަމުންނެވެ. ރަޝިޔާގެ މަތިންދާބޯޓުތަކުގެ ކުރިމަތީގައި ޔޫރަޕްގެ ވައިގެ ސަރަޙައްދު ވަނީ ބަންދު ކުރެވިފައެވެ."

ޕޫޓިން މާޔޫސްވެ ވަޑައިގެންފައި

އަނެއްކޮޅުން އެމެރިކާގެ މަރްކަޒީ ޖާސޫސީ އިދާރާ (ސީއައިއޭ)ގެ ޑިރެކްޓަރ ވިލިޔަމް ބަރންޒް ވިދާޅުވާ ގޮތުގައި ރައީސް ޕޫޓިން މިހާރުވަނީ ދުނިޔެއާ އެކަހެރިކޮށްލެވިފައެވެ. މިކަމާ ހެދި ޕޫޓިން ވަނީ ކޯފާވެފައެވެ. ބަރންޒް މި ކަން ހާމަކުރެއްވީ މި ދިޔަ ބުދަވިލޭރޭ އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ބަރންޒަކީ ރަޝިޔާގައި އެމެރިކާގެ ސަފީރުކަން ކުރައްވައިފައިވާ ރަޝިޔާގެ މަސްއަލަތައް ދެނެވަޑައިގަންނަވާ ބޭފުޅެކެވެ. އޭނާ ވިދާޅުބވި ގޮތުގައި ރަޝިޔާއިން މަދަނީންނަށް ލިބިދާނެ ގެއްލުމަކަށް ނުބަލައި ޔުކްރޭންގެ ޢަސްކަރީ ބާރުތައް ފުޑައި ކުދިކުދިކޮށްލާނެއެވެ. ސީއައިއޭގެ ޑިރެކްޓަރު ވިދާޅުވި ގޮތުގައި ރަޝިޔާއިން ޔުކްރޭނަށް ޙަމަލާދެމުން ދަނީ ވޭތުވެދިޔަ އެތައް އަހަރުތަކެއްގައި ރަޝިޔާއަށް ތަޙައްމުލު ކުރަން ޖެހުނު ކަމަށް ޕޫޓިން ދެކެވަޑައިގަންނަވާ އަނިޔާތަކަކާއި ޕޫޓިންގެ އުންމީދުތަކެއްގެ ސަބަބުންނެވެ.

ކެމިކަލް ހަތިޔާރު ބޭނުންކޮށްފާނެތީ ލަންޑަން ކަންބޮޑުވޭ

އަނެއްކޮޅުން ބަލާއިރު އިނގިރޭސި ޚާރިޖީ ވަޒީރާ ލިޒް ޓްރޭސް ރޭ ސީއެންއެނަށް ވިދާޅުވި ގޮތުގައި ރަޝިޔާއިން ޔުކްރޭންގައި ކެމިކަލް ހަތިޔާރު ބޭނުންކޮށްފާނެތީ ލަންޑަން ވަރަށް ކަންބޮޑުވެއެވެ. އެފަދަ ކަމެއް ނުކުރެއްވުމަށް އޭނާ ރައީސް ޕޫޓިނަށް އިންޒާރު ދެއްވިއެވެ.

ރަޝިޔާއިން ތުހްމަތު ކުރާ ގޮތުގައި އެމެރިކާއިން ޔުކްރޭންގައި ބަޔޮލޮޖިކަލް ހަތިޔާރު އުފައްދާ އެތައް ލެބޯޓަރީތަކެއް ޤާއިމުކޮށްފައި އެބަ ހުށްޓެވެ. އެމެރިކާއިން ދަނީ މި ތުހްމަތާ އިންކާރު ކުރަމުންނެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް