އިސްރާއީލުގެ ސިފައިންގެ ޗީފް އޮފް ސްޓާފް ލެފްޓްނަންޓް ޖެނެރަލް އެވީވް ކޯޚާވީ ރޭ ބަޙްރައިނަށް ވަޑައިގެންފިއެވެ.
މިއީ އޭނާ ބަޙްރައިނަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. މި ދަތުރުފުޅުގައި އޭނާ ބަޙްރައިންގެ ޢަސްކަރީ އިސް ބޭފުޅުންނާއި އެމެރިކާގެ ފަސްވަނަ ފްލީޓްގެ ކޮމާންޑަރާ ބައްދަލު ކުރައްވާނެއެވެ.
ބަޙްރައިނުން ޚަބަރުދޭ ގޮތުގައި އިސްރާއީލުގެ ޗީފް ސްޓާފަށް ބަޙްރައިނުގެ ވައިގެ ބަނދަރުން މަރްޙަބާ ދެންނެވީ ބަޙްރައިނުގެ ޗީފް ސްޓާފް ލެފްޓްނަންޓް ޖެނެރަލް ޛިޔާބު ބިން ޞަޤްރުއް ނުޢައިމީއެވެ. އިސްރާއީލުން ސިފަކުރި ގޮތުގައި މިއީ ވަރަށް "ތާރީޚީ" ދަތުރުފުޅެކެވެ. އިސްރާއީލުން ހާމަކުރި ގޮތުގައި އިސްރާއީލުގެ ޗީފް އޮފް ސްޓާފް ކޯޚާވީ ރޭ ބަޙްރައިނުގެ ޤައުމީ ސަލާމަތާ ބެހޭ މުޝީރު ނާޞިރު ބިން ޙަމަދު އާލު ޚަލީފާއާ ބައްދަލުކުރެއްވިއެވެ.
އިސްރާއީލުގެ ޢަސްކަރީ ވެރިޔާ މި ދަތުރުފުޅުގައި ބަޙްރައިންގެ ޢަސްކަރީ މުއްސަސާގެ އިސް މަސްއޫލުވެރީންނާ ބައްދަލު ކުރެއްވުމުގެ އިތުރަށް އެމެރިކާގެ ފަސްވަނަ ފްލީޓްގެ ކޮމާންޑަރު އެޑްމިރަލް ޗާލްޒް ބްރެޑް ކޯޕަރާ ވެސް ބައްދަލު ކުރައްވާނެއެވެ.
ކޯޚާވީގެ މި ދަތުރުފުޅުގެ މުއްދަތެއް ހާމައެއް ނުކުރެއެވެ. އޭނާގެ އަރިހުގައި އީރާނުގެ ފައިލް ގެންގުޅުއްވާ އިސްރާއީލުގެ މަސްއޫލުވެރިޔާ ތާލް ކާލްމަނާއި ޚާރިޖީ ކަންތައްތަކާބެހޭ ބްރިގޭޑްގެ ވެރިޔާ އިވީ ދަފްރީނާއި ޖާސޫސީ ދިރާސާތަކާބެހޭ ބައިގެ ވެރިޔާ ޢަމީތު ސާޢާރު ވަޑައިގަތެވެ.
"އިޒްރޭލް ޓުޑޭ" ނޫސް ބުނާގޮތުގައި މި ދަތުރުފުޅުގައި އީރާނުގެ ނިޔުކްލިއަރ ފައިލުގެ މަސްއަލައާމެދު ބަހުސްކުރައްވާނެއެވެ. މި ފައިލާ ބެހޭގޮތުން އީރާނާ ބޮޑެތި ބާރުތަކާ ދެމެދުގައި ބޭއްވެމުންދާ ވާހަކަދެއްކުންތަކުން އެއްބަސްވުމަކާ ހަމައަށް އާދެވިދާނެތީ އިސްރާއީލު ވަރަށް ކަންބޮޑުވެއެވެ.
މި ހުސްވި ފެބްރުވަރީ މަހުގެ 14 ވަނަ ދުވަހު އިސްރާއީލުގެ ބޮޑުވަޒީރު ބެނެޓް ބަޙްރައިނަށް ޒިޔާރަތް ކުރެއްވިއެވެ. އެ ދަތުރުފުޅުގައި ބަޙްރައިނުގެ ރަސްގެފާނު ޙަމަދު ބިން ޢީސާ އާލު ޚަލިފާއާ ބައްދަލު ކުރެއްވިއެވެ.
އިސްރާއީލާއި ބަޙްރައިނާ ދެމެދުގައި ގުޅުންތައް ޠަބީޢީ ކުރުމަށް އެއްބަސްވެވުނީ ސެޕްޓެންބަރު 2020ގައެވެ.



advertisment