ޔުކްރޭނަށް "ދައުލަތެއްގެ ސިފަ ލިބުމުން" މަޙްރޫމު ކުރެވިދާނެކަމުގެ އިންޒާރު ރޫސީ ރައީސް ޕުޓިން ދެއްވައިފިއެވެ. އޭނާ ސިފަކުރެއްވި ގޮތުގައި ރަޝިޔާއާ ދެކޮޅަށް އަޅަމުންދާ ބައިނަލްއަޤްވާމީ ޢުޤޫބާތްތަކަކީ ރަޝިޔާއާ ދެކޮޅަށް "ހަނގުރާމަ އިޢުލާން" ކުރުމެވެ.
ޖަޒީރާ ފަދަ މީޑިޔާތައް ބުނާގޮތުގައި ރަޝިޔާއިން މިހާރު ވަނީ ޔުކްރޭންގެ ދެކުނު ސަރަޙައްދު މުޅިން ކަހަލަ ގޮތަކަށް ހިފައިފައެވެ. އެ ސަރަޙައްދުން ބާކީ އޮތީ ހަމަ އެކަނި އޮޑީސިޔާ ސަހަރެވެ. ޔުކްރޭންގެ ސިފައިންގެ ގުޅިފައިވާ ބާރުތަކުގެ ޗީފް އޮފް ސްޓާފުގެ އޮފީހުން މި އޮފީހުގެ ފޭސްބުކް ޞަފްޙާގައި ޝާއިޢު ކުރަމުންދާ ޚަބަރުތައް ބުނާގޮތުގައި ރަޝިޔާގެ ލަޝްކަރުތަކުން މިހާރުދަނީ ވެރިރަށް ކިޔޭފާއި ޚާރުކޭފާއި މިކޮލައިފަށް ވަށައިގެން ވަރުގަދަ ޙަމަލާތަކެއް ދެމުންނެވެ. ކިޔޭފަށް ވަނުމަށް ޓަކައި ދަނީ އިރްބީނަށް އަރަމުންނެވެ.
ޕޫޓިން ޔުކްރޭނަށާއި ހުޅަނގަށް އިންޒާރެއް
ރޫސީ ރައީސް ޕޫޓިން ވިދާޅުވާ ގޮތުގައި ރަޝިޔާގެ އެދުންތަކަށް ޔުކްރޭނުން އިޖާބަނުދީފިނަމަ އެ ޤައުމު ދައުލަތުގެ ސިފައިން މަޙްރޫމުވެގެން ހިނގައިދާނެއެވެ. ރަޝިޔާއިން ޔުކްރޭނަށް ގޮވައިލަމުން ދަނީ ވަކި ފަރާތަކަށް ނުޖެހޭ ޤައުމަކަށް ވުމަށާއި ނިޔުކްލިއަރ ހަތިޔާރު އުފެއްދުމަށް މަސައްކަތް ނުކުރާ ޤައުމަކަށް ވުމަށާއި ޙަމަލާދެވޭވަރުގެ ހަތިޔާރުނެތް ޤައުމަކަށް ވުމަށެވެ. އަދި ނޭޓޯއަށާއި ޔޫރަޕްގެ އިއްތިޙާދުގެ މެންބަރަކަށް ވުމަށް ކުރާ މަސައްކަތް ހުއްޓައިލުމަށް ވެސް ޕޫޓިން ގޮވައިލައްވައެވެ. އަންހެނުންގެ ދުވަހުގެ (8 މާރިޗްގައި) މުނާސަބާތާ ގުޅިގެން ރަޝިޔާގެ އެއަރލައިންސް ކުންފުނިތަކުގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުންނާ ބައްދަލު ކުރައްވަމުން ރޫސީ ރައީސް ވިދާޅުވިގޮތުގައި ޔުކްރޭނުން މިހާރު އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ކުރިމަގުގައި ޔުކްރޭނަށް ދައުލަތުގެ ސިފަ ގެއްލިގެން ހިނގައިދާނެ ކަން ދަންނަން ޖެހޭނެއެވެ. ޕޫޓިން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "ހުޅަނގުން ރަޝިޔާއާ ދެކޮޅަށް އަޅައިފައިވާ ފިޔަވަޅުތަކަކީ "ހަނގުރާމަ އިޢުލާން ކުރުން" ފަދަ ކަމެކެވެ. ރަޝިޔާއިން ޔުކއރޭނަށް ދެމުން ގެންދާ ޙަމަލާތައް ދިފާޢު ކުރައްވަމުން ޕުޓިން ވިދާޅުވިއެވެ. "ޔުކްރޭންގެ އިރުމަތީގައި ދިރިއުޅޭ ރޫސީ ބަހުން ވާހަކަދައްކާ މީހުން ޙިމާޔަތް ކުރުމަކީ ރަޝިޔާގެ މަސްއޫލިއްޔަތެކެވެ. ހަމަ އެފަދައިން ރަޝިޔާގެ ޤައުމީ މަޞްލަޙަތުތައް ވެސް ދިފާޢ ކުރުމަކީ މޮސްކޯގެ މަސްއޫލިއްޔަތެކެވެ."
ކިޔޭފް އެދޭގޮތަށް ޔުކްރޭނަކީ އުދުހުން މަނާ ސަރަޙައްދަކަށް ހެދުމަށް ހުޅަނގުން މަސައްކަތް ނުކުރުމަށް ރޫސީ ރައީސް އިންޒާރު ކުރެއްވިއެވެ. ނޭޓޯއިން ދަނީ މިކަމާ ދެކޮޅު ހަދަމުންނެވެ.އެއީ ރަޝިޔާއާއެކު ސީދާ ކުރިމަތިލުމަކަށް ދާން ޖެހިދާނެތީއެވެ.ޕޫޓިން އިންޒާރު ކުރެއްވި ގޮތުގައި "އެއްވެސް ޤައުމަކުން މި އަރާރުމުގެ ތެރެއަށް ވަނުމަކީ ރޫސީ ސިފައިންނަށް ހުރި ބިރެކެވެ. ރަޝިޔާއިން އެ ޤައުމަކާ ދެކޮޅަށް ހަނގުރާމަ އިޢުލާނު ކުރާނެއެވެ."



advertisment