ރަޝިޔާއިން ޔޫކްރޭނަށް އަރައިގަތް އަރައިގަތުމާ ގުޅިގެން ހުޅަނގުން އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަކީ (ރަސްމީ ގޮތުން) "ހަނގުމާއެއް އިޢުލާންކުރުމާ އެއް ފަދަ ކަމެއް" ކަމަށް ރައީސް ވްލަޑަމީއު ޕޫޓިން ވިދާޅުވެއްޖެއެވެ. ޕޫޓިން އިންޒާރު ދެއްވި ގޮތުގައި "ޔޫކްރޭންގައި އުދުހުން މަނާ ސަރަހައްދެއް ގާއިމުކުރާން އިތުރަށް މަސައްކަތްކޮށްފި ނަމަ، އެއީ މި އަސްކަރީ ހަމަނުޖެހުމުގައި (ހުޅަނގުން) ބައިވެރިވުން ކަމަށް ބެލޭނެ" އެވެ. މި މޭރުމުން ވާހަކަފުޅުދައްކަވަމުން އޭނާ ވިދާޅުވިއެވެ. "ނަމަވެސް ކަލާނގެއަށް ޙަމްދުހުއްޓެވެ! އަދި އެ ޙާލަތަކަށް ނާދެއެވެ."
އަދި ޕޫޓިން ވަނީ ކުއްލި ޙާލަތު އިޢުލާނުކުރުން ނުވަތަ މާރުސައްލޯ ހިންގާން ގާނޫނީ މާހިރުން އެރުވި ލަފާ ގަބޫލުފުޅު ނުކުރައްވައި ރައްދުކުރައްވައިފައެވެ. އޭނާގެ މި ވާހަކަފުޅުތައް އައިސްފައިވަނީ މޮސްކޯއާ ކައިރީގައި ހުންނަ "އެއަރޯފްލޮޓް ތަމްރީނު މަރުކަޒު"ގައި މަތީންދާބޯޓުގެ އަންހެން ފަޅުވެރީންގެ ގްރޫޕަކާ މުޚާޠަބުކުރައްވައި ދެއްކެވި ވާހަކަފުޅެއްގައެވެ.
މީގެ ދިހަވަރަކަށް ދުވަސްކުރީން ރޫސީވިލާތުން ޔޫކްރޭނަށް އަރައިގަތުމާއެކު ހުޅަނގުންވަނީ ރޫސީންނަށް ދަތިކުރުމުގެ އެތައް ބައިވަރު ހަރުކަށި ފިޔަވަޅުތަކެއް އަޅައިފައެވެ. އޭގެ ތެރޭގައި ބޭރު ގައުމުތަކުގައި ހުރި ޕޫޓިންގެ ހުރިހާ މުދަލެއް ހިފެހެއްޓުމާއި އަދި އަދި ރޫސީވިލާތުގެ ގިނަ ޢަދަދެއްގެ ބޭންކްތަކަށް ބައިނަލްއަޤުވާނީ ފައިސާ ދެއްކުމުގެ ނިޒާމެއްކަމުގައިވާ "ސްވިފްޓް" (ދަ ސޮސައިޓީ ފޮރ ވަރލްޑްވައިޑް އިންޓަރބޭންކް ފިނޭންޝަލް ޓެލެކޮމިޔުނިކޭޝަން) ނިޒާމު ބޭނުންނުކުރެވޭ ގޮތް ހެދުން ހިމެނެއެވެ.
ރޫސީ އިސްވާރު ވިދާޅުވި ގޮތުގައި ޔޫކްރޭނުގައި އުދުހުން މަނާ ސަރަހައްދެއް ކަނޑައަޅާން ބާރުއަޅާ ބާރުއެޅުން ރޫސީވިލާތުން ސިފަކުރާނީ އެއީ އަސްކަރީ އަރައިރުމުގެ ތެރެއަށް ވަނުމަށްޓަކައި އަޅާ ފިޔަވަޅެއްގެ ގޮތުގައެވެ. އަދި އެއީ ދުޝްމަނުން ފަދައިން އަހަރެމެންނަށް ބިރު ދައްކާ ބަޔެއްކަމުގައެވެ.
"އެ މީހުން ކުރަމުން އެ ގެންދާ ކަންތައް ކުރުން ހުއްޓައިނުލައި ކުރަމުން ގެންދާނަމަ ޔޫކްރޭނުގެ ދައުލަތްވަންތަކަމަށް ކުރިމަގުގައި އެކަމުގެ ހިރާސް ވަރަށް ބޮޑުވާނެކަމަށް މިހާރުގެ ޒަޢާމަތުން ދެނެގަންނާންޖެހޭނެއެވެ." އޭނާ އިތުރުކޮށްލެއްވިއެވެ. އަނެއްކޮޅުން އުދުހުން މަނާ ސަރަހައްދެއް ކަނޑަނާޅާން ނޭޓޯއިން ނިންމި ނިންމުމަށް ޔޫކްރޭނުގެ ރައީސް ވޮލޮޑީމިއާ ޒެންސްކީ ވަރަށް ބޮޑަށް ފާޑުވިދާޅުވެ އެ ނިންމުން ކުށްވެރިކުރެއްވިއެވެ. އެހެންނަމަވެސް ހުޅަނގުގެ އިސްވާރުން ދެކެވަޑައިގަންނަވަނީ އުދުހުން މަނާ ސަރަހައްދެއް ކަނޑައެޅުމަކީ އަނދަމުންދާ އަލިފާންގަނޑަށް އިތުރަށް ދަރުއަޅައި ހުޅުގަނޑު ބޮޑުކުރުން ފަދަ ކަމެއް ކަމުގައެވެ.
ޕޫޓިން ވެސް ވިދާޅުވަނީ ރޫސީވިލާތުގައި މާރުސައްލޯ އިއުލާމުކުރުމުގެ އެއްވެސް ރޭވުމެއް އަދި އެ ފަދަ ނިޔަނެއް ވެސް އޭނާގެ ނެތްކަމުގައެވެ. އަދި އޭނާ ގަބޫލުފުޅު ކުރައްވަނީ އެފަދަ ޙާލަތެއް ވެސް ނެތްކަމަށެވެ. މި ވާހަކަ އައިސްފައި މިވަނީ ރޫސީވިލާތުގައި މާރުސައްލޯ އިއުލާނުކުރައްވާން ޕޫޓިން ގަސްތުކުރައްވައިފައިވާ ކަމަށް އިތުބާރު ނުހިފޭ ވާހަކަތަކެއް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން މާރުސައްލޯ ހިންގުމަކީ މަދަނީ ގާނޫނުތަކަށް ޢަމަލުކުރުން ހުއްޓުވައިލައި ސަރުކާރުގެ ހުރިހާ ކޮންޓްރޯލެއް ސިފައިންގެ އަތްމައްޗަށް އަންނާނޭ ކަމެކެވެ.
ޕޫޓީން ވިދާޅުވި ގޮތުގައި ބޭރުގެ ބިރުދެއްކުންތަކާއި ފިއްތުންތައް ފުޅާ ދާއިރާއެއްގައި އިތުރުވެއްޖެ ނަމަ، މާރުސައްލޯ ނުހިންގައި ޢަމަލުކުރެއްވޭނެ އެހެން ޚިޔާރުތައް ވެސް އެބަހުއްޓެވެ. މިސާލަކަށް ޚާއްޞަ ކުއްލި ޙާލަތު އިޢުލާނުކުރުން އޭނާ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް އެ ކަން ކުރައްވާކަށް ވެސް އޭނާ ތަދުބީރުކުރައްވައިފައި ނެތްކަމަށް ވަރަށް ސާބިތުކަމާއެކު އޭނާ ވިދާޅުވިއެވެ.
މި ކަންކަން މިހެން ހިނގަމުންދާއިރު އަނެއްކޮޅުން ޑިޕްލޮމެޓިކް ޙަރަކާތްތަކެއް ވެސް މި ކަމުގެ ހަވާސާގައި ކުރިއަށް އެބަދެއެވެ. މި ގޮތުން އިސްރާއީލުގެ ބޮޑުވަޒީރު ނަފްތާލީ ބިނީތު މި ދިޔަ ހޮނިހިރު ދުވަހު ވަނީ މޮސްކޯގައި ރައީސް ޕޫޓިނާ ބައްދަލުކުރައްވައި، ހަނގުރާމައާ ބެހޭ ގޮތުން ތިން ގަޑިއިރު ވަންދެން މަޝްވަރާތަކެއް ބާއްވައިފައެވެ. އެ ބައްދަލުވުމަށް ފަހު ޖަރުމަނުވިލާތަށް ޒިޔާރަތްކުރައްވައި އެ ޤައުމުގެ ޗާންސެލާރ (ވެރިޔާ) އޮލާފް ޝޯލްޒާއެކު ވެސް ވަނީ މަޝްވަރާކުރައްވައިފައެވެ.
އިސްރާއީލަކީ އެމެރިކާގެ އެންމެ ޚާއްޞަ މިތުރު ކަމަށް ވިޔަސް ބޮޑުވަޒީރު ބިނީތު ވަނީ ރޫސީވިލާތާއެކު ގާތް ގުޅުމެއް ބާއްވާން ވެސް މަސައްކަތްކުރައްވައިފައެވެ. މި ކަންކަން މިހެން ހިނގަމުންދާއިރު، މި ހަމަނުޖެހުމާއި ދެބަސްވުންތައް ޙައްލުކުރުމަށްޓަކައި މެދުވެރިއެއްގެ ދައުރު އަދާކޮށްދޭން ޔޫކްރޭންގެ ރައީސް ޒެލެންސްކީ ވަނީ އިސްރާއީލް ކިބައިން އެދިވަޑައިގެންފައެވެ. (ރައީސް ޒެލެންސްކީއަކީ ވެސް އަޞްލު ޔަހޫދީއެކެވެ.)
ޑިޕްލޮމެޓިކް މަސައްކަތްތަކުގެ ތެރެއިން އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން ވަނީ ޕޮލަންޑާއި ޔޫކްރޭންގެ ސަރަހައްދީ ރޮނގު ކައިރީގައި ޔޫކްރޭންގެ ޚާރިޖީ ވަޒީރު ދިމިތުރޯ ކުލެބާއާ ބައްދަލުކުރައްވައި ރޫސީންނާ ދެކޮޅަށް ދައްކާ ސާބިތުކަމަށް ހިތްވަރު ދެއްވައި އެމެރިކާ އޮތީ އެ މީހުންނާ އެކުގައި ކަމަށް ވިދާޅުވެފައެވެ. އަދި ނޭޓޯއިން އިތުރު އެހީތެރިކަން ލިބޭން ބޭނުންވާކަން ވެސް ހާމަކުރައްވައިފައެވެ. މި އެހީތެރިކަމުގެ ތެރޭގައި ޔޫކްރޭނުގައި އުދުހުން މަނާ ސަރަހައްދެއް ކަނޑައެޅުން ވެސް ހިމެނެއެވެ. ނަމަވެސް އެކަން ނުކުރާން ނޭޓޯއިން މިހާރު ވަނީ ނިންމައިފައެވެ.
ބައެއް ލަފުޒުގެ މާނަ:
އިސްވާރު: (1) ވެރިޔާ (2) އިސްވެހުންނަ މީހާ
މާރުސައްލޯ: ޤައުމުގެ އަމަން ހިފެހެއްޓުން ދަތިވުމުގެ ސަބަބުން، ޤައުމުގެ އެންމެ މަތީވެރިޔާގެ އަމުރަށް ވަގުތީގޮތުން ހިންގާ ސިފައިންގެ ވެރިކަން.
އިއުލާމު: ރަސްމީ ގޮތުން ވަކި ގޮތެއް ކަނޑައާލއިފިކަން ބަޔާންކޮށް އިޢުލާނުކުރާ އިޢުލާނުކުރުން. (އިއުލާމު މި ލަފުޒު ބަސްފޮތުން ފެނުނަސް ނަސީބު ދެރަކަމުން މާނައެއް އަޅުގަނޑަކަށް އަދި ނުހޯދެއެވެ. އެހެންވެ މާނަ ބަޔާންކޮށްފައި އެ ވަނީ އަޅުގަނޑުގެ އަމިއްލަ ޢިބާރާތުންނެވެ.)



advertisment