Support Us

ރޫސީ-ޔުކްރޭން ހަމަނުޖެހުމުން ގެއްލުމާއި ފައިދާ ލިބޭނީ ކޮންކޮން ބަޔަކަށް؟

ޔޫކްރޭންގައި ރޫސީން މިހާރު ހިންގަމުންދާ ހަމަނުޖެހުންތަކުގައި މަޢުޞޫމު އެތައް ބަޔެއްގެ ފުރާނަ ގެއްލިގެން ދަނީއެވެ. އެތައް އަހަރަކުން ގާއިމުކުރި ބިނާރު ފުނޑުފުނޑުވަނީއެވެ. ދުނިޔޭގެ ޖުޣުރާފީ-ސިޔާސިއްޔަތަށް ލޮޅުންއަރަނީއެވެ. ސިޔާސީންގެ ޢަމަލުތަކަށް ދަތިކުރުމުގެ ފިޔަވަޅު މުޅި އާބާދީއަށް އަޅަނީއެވެ. ހުރިހާ ވެސް ގެއްލުމެއް ކުށެއް ނެތް މަޢުޞޫމު ރައްޔިތުންނަށެވެ. އެހެންވީއިރު، މި ކަމުން ފައިދާ ލިބޭނެ ބަޔަކު ވަކި ތިބޭނެހެއްޔެވެ؟

ޔޫކްރޭންގެ އެތައް ހާސް ބަޔަކު މަރުވަނީއެވެ. އެތައް ލައްކަ ބަޔަކު ގައުމު ދޫކޮށް ހިޖުރަކުރަނީއެވެ. މަޒުލޫމުންގެ ޢަދަދު ވިޔަކުރާން ނޭނގޭހާ ގިނައެވެ. މި ހަނގުރާމަ ފެށުމުގެ ކުރީއްސުރެ ޔުކްރޭނަކީ ވިލާތުގައި ދެވަނައަށް އެންމެ ފަގީރު ގައުމެވެ. ހަމަނުޖެހުމުގެ ސަބަބުން މުދަލުގެ އަގުތައް ވަނީ އެތައް ގުނައެއް އުފުލިފައެވެ. އެތައް ބަޔެއްގެ ގެދޮރުވަނީ ވީރާނާވެފައެވެ. އާމްދަނީ ހޯދާނެ މަގުތައް ވަނީ ބަންދުވެފައެވެ. އެތައް ބަޔަކު ވަނީ ހުވަފަތްވެފައެވެ. އެތައް ކުދީންނެއް ވަނީ ޔަތީމްވެފައެވެ. އެހެންވީއިރު، މި ހަމަނުޖެހުމުގެ ސަބަބުން ޔޫކްރޭނަށް ލިބެމުން އަންނަ ގެއްލުންތައް ގުނައި ޢަދަދުކުރާން ވެސް ނޭނގޭނެއެވެ.

ހުޅަނގާއި އެމެރިކާ ގުޅިގެން ރޫސީވިލާތައް ވަނީ ދަތިކުރުމުގެ އެންމެ ހަރުކަށި ފިޔަވަޅުތައް އަޅައިފައެވެ. ގިނަ ގައުމުތަކެއްގެ ވައިގެ ސަރަހައްދު ވަނީ ރޫސީންނަށް ބަންދުކޮށްފައެވެ. މި ގައުމުތަކަށް ރޫސީ ވައިގެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ. އޭގެ މާނައަކީ ވިލާތުގެ ވައިގެ އުދުހުންތަކަށް ބުރޫއެރުމެވެ. ހުރިހާ ގެއްލުމެއް ރައްޔިތުންނަށެވެ. އަދި ރޫސީ މަހުޖަނުންގެ ޔޮޓްފަހަރު ދިމާވިތާކުން އަތުލައި ހިފަހައްޓަނީއެވެ. އެ މީހުން ކުރި ކުށެއް ނެތްކަމަށް ވީނަމަވެހެވެ.

ޔޫކްރޭނަކީ "ދަ ނޯތު އެތުލާންޓިކް ޓްރީޓީ އޮގަނައިޒޭޝަން" (ނޭޓޯ)ގެ މެންބަރެއް ނޫނެވެ. އަދި "ޔޫރަޕިއަން ޔޫނިއަން" (އީޔޫ)ގެ މެންބަރެއް ވެސް ނޫނެވެ. އެހެންކަމުން މިއިން އެއްވެސް ޖަމާޢަތަކުން މި ހަނގުރާމައިގެ ތެރެއަށް ވަންނާކަށް ބޭނުމެއް ނޫނެވެ. އަދި ނޭޓޯއިން ވަނީ އެކަން އިޢުލާނު ވެސް ކޮށްފައެވެ. ވަދެއްޖެ ނަމަ ލިބޭނެ ގެއްލުންތައް މާ ބޮޑުވާނެކަމަށް ބުނެއެވެ. އަނެއްކޮޅުން އެމެރިކާއިން އިޢުލާންކޮށްފައިވަނީ ރޫސީންނާ ދެކޮޅަށް ދުވަހަކު ވެސް ހަނގުރާމައެއްގައި ބައިވެރިނުވާނެ ކަމަށެވެ. އެހެންނަމަވެސް ރޫސީންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގައި އެންމެ އިސްކޮށް އުޅެނީ އެމެރިކާއެވެ. އަދި އަނެއްކޮޅުން ރޫސީންނަށް އަމާންނުދީ ދޫނުކޮށް ހިފަހައްޓާން ޔޫކްރޭނަށް ހިތްވަރު ދެނީ ވެސް އެމެރިކާއިންނެވެ. ތިމަންމެން މި ތިބީ ޔޫކްރޭނާ އެކުގައި ކަމަށް ބުނެއެވެ. ޔުކްރޭނަށް އެހީވާން އެކި ދިމަދިމާއިން ފައިސާ ހޯދައިދެނީ އެމެރިކާ އިސްވެ އޮވެއެވެ. އެ ފައިސާގެ ބޮޑު ބައެއް ޚަރަދުކުރާންޖެހެނީ ދިފާޢީ ހަތިޔާރު ހޯދާށެވެ. ހަތިޔާރު ފޯރުކޮށްދެނީ އެމެރިކާއިންނެވެ. އެކަމަކު ހިލެއަކު ނޫނެވެ. ފަހުން ނަމަވެސް އަގު ދައްކާ ގޮތަށެވެ. އެމެރިކާގެ ހިއްސާގެ ބާޒާރުގައި ދިފާޢީ އާލާތް ތައްޔާރުކުރާ ކުންފުނިތަކުގެ ހިއްސާގެ އަގުވަނީ އުފުލިފައެވެ. ވީމާ ޔޫކްރޭން-ރޫސީ ކުރިމަތިލުންތައް ދިގުލައިގެން ދިޔަވަރަކަށް އެމެރިކާގެ ހަތިޔާރުގެ ވިޔަފާރިއަށް ބިލިއަން ބިލިއަނުން ފައިދާ ލިބޭނެއެވެ.

އަނެއްކޮޅުން ރޫސީންގެ އިޤްތިޞާދުގައި ބޮޑު ޙިއްސާއެއް އަދާކުރާ ގޭސް، ބޭރުގެ ގައުމުތަކަށް ބޭރުކުރުން ވަނީ ހުއްޓުވައިފައެވެ. މިކަމުން ފައިދާ ކުރާނީ އެމެރިކާއަށެވެ. މި ހަމަނުޖެހުމުގެ ސަބަބުން ރޫސީންގެ ހަނގުރާމަމަތީ އެތައް އުޅަނދަކާއި އާލަތެއް ވަނީ ހަލާކުވެފައެވެ. އެތައް ސަތޭކަ ސިފައިންނެއް ވަނީ މަރުވެފައެވެ. ދިފާޢީ ބަޖެޓުގެ ބޮޑު ބައެއް މި ކަމަށް ރޫސީން ޚަރަދުކުރާންޖެހޭނެއެވެ. އެމެރިކާގެ ބާރުގެ ވާދަވެރިޔާއަށް ލިބޭ މި ފަދަ ކޮންމެ ގެއްލުމަކީ ބާރުގެ ތިލަފަތް އެމެރިކާ ކޮޅަށް ބަރުވާނެ ކަމެކެވެ.

އަނެއްކޮޅުން ބަލާއިރު ފަންނިއްޔާތުގެ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ރޫސީންނާ ދެކޮޅަށް ހުޅަނގާއި އެމެރިކާއިން އަޅައިފައިވާ ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ސީނުކަރައަށް ކުރިމަގަށް ވިސްނާން މަގުފަހިވާނެއެވެ. އެ ކަމަށް މަޖުބޫރުވާނެއެވެ. އަދި ރޫސީ ވިލާތާއި ސީނުކަރައަކީ ވެސް ދުނިޔޭގައި ފަންނިއްޔާތުގެ ގޮތުންނާއި ޢިލްމީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ވެސް ކުރިއަރައިފައިވާ ދެ ގައުމު ކަމަށް ވާތީ، ތަފާތު ރޮނގުރޮނގުން އިތުރު ޤާބިލުކަން ހޯދާން އެ ދެ ގައުމު ގުޅިގެން މަސައްކަތްކުރާނެއެވެ. އެކަމުގެ ސަބަބުން ފަންނީ ދާއިރާއިން އިތުރު ކުރިއެރުންތައް ސީނުކަރައާއި ރޫސީވިލާތުން ހޯދާނެއެވެ. މި ކަން ރޫސީ ރައީސް ޕޫޓިން ހުކުރު ދުވަހު ދެއްކެވި ވާހަކަފުޅުން ވެސް ދޭހަވެއެވެ. އެހެންވީމާ ސީނުކަރައަށް ވެސް މި ހަނގުރާމައިގެ ސަބަބުން ލިބޭނެ މާބޮޑު ގެއްލުމެއް ނެތެވެ. ލިބޭނީ މާނަވީ އަދި މާއްދީ ފައިދާތަކެކެވެ.

ހަގީގަތުގައި މި ހަނގުރާމަ ދިގުލައިގެން ދިޔަ ދިޔަހެން އެކަމުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ފޯރާނީ ވިލާތުގެ ގައުމުތަކަށާއި ރޫސީންނަށެވެ. ދެން، ދިވެހިރާއްޖެ ފަދަ، ފަތުރުވެރިކަމަށް އިޤްތިޞާދު ބަރޯސާވެފައިވާ ޤައުމުތަކަށެވެ. މި ކަމާ ގުޅިގެން އދ.ގައި ނެގި ވޯޓުގައި ދިވެހިރާއްޖެއިން މި ވަނީ ރޫސީންނާ އިދިކޮޅަށް ވޯޓުދީ ބަސް ބުނެފައެވެ. އުތުރުކަރައިން ބުނާ ގޮތަކާ އިދިކޮޅަށް ދިވެހިރާއްޖެއިން ވޯޓު ދޭން ނުކެރޭނެކަން ސައްތައިން ސައްތަ އެނގޭއިރު، އުތުރުކަރައިން ވަކި ކޮޅަކަށް ވޯޓު ނުދީ ރޫސީންނާ އިދިކޮޅަށް ދިވެހިރާއްޖެ ލައްވައި ވޯޓުލެއްވީ ކޮން ނިޔަތެއްގައި ކަމެއް އަޅުގަނޑަށް ދަންނަވާކަށް ނޭނގެއެވެ. ތިޔަ ބޭފުޅުން އަމިއްލަފުޅަށް ޖަވާބުދެއްވާށެވެ. އަދި ބާރުގަދަ ސީނުކަރައިން ވެސް އދ.ގައި މި މައްސަލައިގައި ވަކި ކޮޅަކަށް ވޯޓެއް ނުދެއެވެ. ސީނުކަރައިން ރާއްޖެ އަންނަ ފަތުރުވެރީން މަދުވެފައިވާ ދަނޑިވަޅުގައި ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރީން އަންނަ ގައުމަކީ ރޫސީވިލާތެވެ. އެހެންކަމުން ދިވެހި ސަރުކާރު ރޫސީވިލާތާ ދެކޮޅަށް ވޯޓު ދިނުމަކީ އޭގެ ގެއްލުން ވަރަށް ނޭދެވޭ ގޮތެއްގައި ފެނިދާނެ ކަމެކެވެ.

ވީމާ ފެންނަ ފެނުމަށް ބަލާއިރު، ޔޫކްރޭން- ރޫސީ ހަމަނުޖެހުން ނުވަތަ ހަނގުރާމައިގެ ހުރިހާ ވެސް ގެއްލުމެއް އެންމެ އަސަރުވެރި ގޮތެއްގައި ކުރާނީ ޔޫކްރޭނަށް ކަމާ މެދަކު ޝައްކެއް ނެތެވެ. ދެން ވިލާތުގެ ގައުމުތަކަށެވެ. އަދި ރޫސީވިލާތަށެވެ. ނަމަވެސް ސީނުކަރައަށް މި ކަމުން މާ ބޮޑު ގެއްލުމެއް ލިބޭނެ ކަމަކަށް ލަފައެއް ނުކުރެވެއެވެ. ހުރިހާ ގޮތަކުން ވެސް ޚާއްޞަކޮށް މާލީ ގޮތުންނާއި ސިސާސީ ގޮތުންނާއި އަސްކަރީ ގޮތުން އެންމެ ބޮޑު ފައިދާއެއް ކުރާނީ ހަމައެކަނި އެމެރިކާއަށެވެ. މިއީ ހަމައެކަނި އަޅުގަނޑުގެ ޚިޔާލެވެ.

 

މި ލިޔުމުގައި ބޭނުންކޮށްފައިވާ ބައެއް ލަފުޒުތަކުގެ މާނަ:

ބިނާރު: ގައުމަކަށް ނުވަތަ ރަށަކަށް ނުވަތަ ސަރަހައްދަކަށް ބޭނުންވާ މާއްދީ ތަރައްގީގެ އަސާސީ އޮނިގަނޑު. މީގެ ތެރޭގައި މަގުތަކާއި އިމާރާތް ތަކާއި ބަނދަރުތަކާއި ކަރަންޓު ނިޒާމު ފަދަ މި ބާވަތުގެ ހުރިހާ ޚިދުމަތްތަކެއް ދިނުމަށްޓަކައި ގާއިމްކުރާ މާއްދީ ވަސީލަތްތައް ހިމެނެއެވެ.

މަޒުލޫމު: އަނިޔާއެއް ނުވަތަ ކުށެއްގެ ސަބަބުން ނިކަމެތިކަމެއް ނުވަތަ ގެއްލުމެއް ލިބުނު މީހާ. މި ގޮތުން ލިބޭ ގެއްލުމަކީ އެ މީހެއްގެ ހައްގުތަކެއް ގެއްލިދިޔުން ނުވަތަ އެ މީހެއްގެ ހަށިގަނޑާއި މުދަލަށް ގެއްލުންތަކެއް ލިބުން، ނުވަތަ މަރުވުން ކަމަށް ވެސް ވެދާނެއެވެ.

ސިޔާސީން: ސިޔާސިއްޔަތުގެ ދާއިރާގައި ޙަރަކާތްތެރިވާ މީހުން.

  • މި މާނަތައް ހޯދީ https://www.basfoiy.com މި ވެބްސައިޓުންނެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *