ރަޝިޔާއިން ޔުކްރޭނަށް ދެމުންގެންދާ ޢަސްކަރީ ޙަމަލާތަކުގެ ބޭނުންތައް ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރގީ ލެފްރޯފް ހާމަކުރައްވައިފިއެވެ. ޖަޒީރާއަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި އޭނާ ވިދާޅުވިގޮތުގައި ހުޅަނގުގެ ފިއްތުންތަކާ ކުރިމަތިލުމުގެ ޤާބިލުކަން ރަޝިޔާއަށް ފުރިހަމައަށް ލިބިގެން ވެއެވެ. އޭނާ ތުހްމަތު ކުރެއްވިގޮތުގައި ޔޫރަޕަކީ މިނިވަން ތަނެއްނޫނެވެ. އެއީ އެމެރިކާއަށް ތަބާވާ ގޮނޑިކޮއްކޮތަކެކެވެ.
ލެފްރޯފް ވިދާޅުވިގޮތުގައި ކޮންމެ ދުވަހަކު ހިނގަމުންދިޔަ ކަންތައްތަކުން މޮސްކޯއަށް އެނގެމުން ދިޔައީ ރަޝިޔާ ވަށައިގެން ބަނދެލުމަށް ޓަކައި ބޭނުންކުރާ ހަތުރުވެރި ކަމަރަކަށް ޔުކްރޭން ހެދުމަށް ހުޅަނގުން މަސައްކަތް ކުރަމުންދާ ކަމެވެ. ލެފްރޯފް ވިދާޅުވިގޮތުގައި އެމެރިކާއާއި އިނގިރޭސިވިލާތުގެ ސިއްރު ޕްރޮގްރާމުތަކުން ރަޝިޔާއަށް ފެނުނީ ކުރީގެ ސޮވިއެޓް ޔުނިއަންގެ ޖުމްހޫރިއްޔާތުތަކުގައި އެމީހުންގެ ޢަސްކަރީ ބޭސްތައް ޤާއިމުކުރުމަށް ނިންމައިފައިވާ ތަނެވެ.
ރަޝިޔާގެ ވަޒީރު ވިދާޅުވިގޮތުގައި ވޭތުވެދިޔަ އަހަރުތަކުގައި ހުޅަނގުން ޔުކްރޭނަށް ހަތިޔާރު ދެމުން ދިޔައީ ވަރަށް މަކަރުވެރިކަމާއި ޙީލަތްތެރިކަމާއެކުގައެވެ. އެމީހުން މި ކަން ކުރުމަށް ޓަކައި ވަރަށް ބޮޑެތި ބުރަތައް އުފުއްލައިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ލެފްރޯފް ވިދާޅުވި ގޮތުގައި ކްރިމިޔާއަކީ ރަޝިޔާގެ ބައެކެވެ. އެކަމާ ބެހޭގޮތުން ވާހަކަ ދެއްކުމެއް ނޯންނާނެއެވެ. މި ސަރަޙައްދު ޔުކްރޭންގެ ދަށުގައި އޮތްނަމަ މިހާރު އެ ތާނގައި އޮންނާނީ ނޭޓޯގެ ބޭސްތަކެކެވެ. މިއީ ރަޝިޔާއަށް ބަލައިގަނެވޭނެ ކަމެއްނޫނެވެ.
ރޫސީ ވަޒީރު ހާމަކުރެއްވި ގޮތުގައި ރަޝިޔާއިން ޔުކްރޭނަށް ދެމުންގެންދާ ޢަސްކަރީ ޙަމަލާތަކުގެ އަމާޒުތަކުގެ ތެރޭގައި ޔުކްރޭންގެ ހަތިޔާރުތައް ނިގުޅައިގަތުމާއި ޔުކްރޭނުގައި އޮތް އައު ނާޒިއްޔަތު މުލުން ލުހެލުން ވެއެވެ. އޭނާ ވިދާޅުވިގޮތުގައި ޔުކްރޭންގެ ރައީސް ޒިލެންސްކީއަކީ ދޮގުވެރިއެކެވެ. އަދި އޭނާއަކީ ރަޝިޔާއާ ހަތުރުވެރި ބޭފުޅެކެވެ.
ރޫސީ ވަޒީރު ކަށަވަރުކޮށް ދެއްވި ގޮތުގައި ޔުކްރޭން އަތުގައި ނިޔުކްލިއަރ ހަތިޔާރު އުފެއްދުމަށް ބޭނުންވާ ޤާބިލުކަމާއި ފަންނިއްޔާތާއި ވަސީލަތްތައް އެބަ ހުށްޓެވެ. ރަޝިޔާ ސިފައިންނާ ޙަވާލު ކުރެވިފައިވާ އެންމެ މުހިއްމު އެއް މަސައްކަތަކީ ޔުކްރޭން އަތުން ހަތިޔާރުތައް ނިގުޅައިގަތުމާއި ރަޝިޔާގެ އަމްނަށާއި އަމާންކަން ހިރާސްކަމަށް ހުށައަޅައިފާނެ އެއްވެސް ބާވަތެއްގެ ހަތިޔާރެއް އުފެއްދުމާއި ފެތުރުން މަނާކުރުމެވެ.
ޔުކްރޭން- ރަޝިޔާ މަސްއަލައަށް ސިޔާސީ ޙައްލެއް ގެނައުމާބެހޭގޮތުން ރޫސީ ޚާރިޖީ ވަޒީރަށް ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން ވިދާޅުވި ގޮތުގައި އެ ކަން ކުރެވޭނީ ޔުކްރޭނުން ވަކިވެގަންފައިވާ ލޮގަންސްކާއި ޑޮނެސްޓްކް މިނިވަން ދެ ޖުމްހޫރިއްޔާ ކަމަށް ޤަބޫލުކުރުމާއި ރަޝިޔާއަށް އެއިން ބިރުވެރިކަމެއް އޮތް އެއްވެސް ހަތިޔާރެއް ޔުކްރޭންގައި ނުބެހެއްޓުމާއި ނޫފެއްދުމާއި ޔުކްރޭންގެ ކުރިމަގު ދެ ފަރާތުން ވާހަކަދައްކައިގެން ކަނޑައެޅުމެވެ.
ރޫސީ ޚާރިޖީ ވަޒީރު އިޝާރާތް ކުރެއްވި ގޮތުގައި ޔުކްރޭންގެ ރައީސް އެދިވަޑައިގަންނަވާ ޖާމިނުވުންތަކާމެދު ކިޔޭފާއެކު ބަޙުސް ކުރުމަށް މޮސްކޯ އޮތީ ތައްޔާރަށެވެ. އޭނާ ވިދާޅުވިގޮތުގައި ކިޔޭފުން ދަނީ ވާހަކަދެއްކުންތައް ދިގުދަންދަމުންނެވެ.
ތިންވަނަ ބޮޑުހަނގުރާމަ
ރޫސީ ޚާރިޖީވަޒީރު ވިދާޅުވިގޮތުގައި މިހާރު ކުރިއަށް ގެންދެވޭ ޢަސްކަރީ ޢަމަލުތައް ނިމުމުން ޔުކްރޭންގައި ދިރިއުޅޭ ހުރިހާ ޤައުމިއްޔާތުތަކަކަށް ޔުކްރޭން ސަރުކާރުގައި ތަމްސީލު ކުރެވޭނެއެވެ. ޔުކްރޭންގެ އައު ޤަނޫނުއަސާސީގައި މި ހުރިހާ ޤައުމިއްޔާތުތަކެއްގެ ޙައްޤުތައް ޖާމިނުކޮށްދޭން ޖެހޭނެއެވެ.
ތިންވަނަ ބޮޑުހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރާބެހޭގޮތުން ޖަޒީރާއިން ލެފްރޯފާ ސުވާލު ކުރުމުން ޖަވާބުގައި ވިދާޅުވީ ސަލާމަތީ މަޖިލީހުގެ ދާއިމީ ފަސް މެންބަރުން ސޮއިކޮށްފައިވާ އިޢުލާން ބުނާގޮތުގައި ބޮޑު ހަނގުރާމައެއް ހިނގިޔަދީގެން ނުވާނެއެވެ. އޭނާ ވިދާޅުވި ގޮތުގައި "ރައީސް ބައިޑްން ވިދާޅުވިއެވެ. ރަޝިޔާއާ ދެކޮޅަށް އަހުރެމެން އަޅަމުން މިދާ ދަތިކުރުމުގެ ފިޔަވަޅުތަކަކީ ތިންވަނަ ބޮޑުހަނގުރާމައަށް އޮތް ހަމައެކަނި ބަދީލެވެ."
ހުޅަނގުގެ މި ޢުޤޫބާތްތަކާ ކުރިމަތިލުމަށް ރަޝިޔާއަށް ލިބިފައިވާ ޤާބިލުކަމާމެދު ވާހަކަފުޅު ދައްކަވަމުން ރޫސީ ޚާރިޖީ ވިދާޅުވިއެވެ. "ހުރިހާ ބާވަތްތަކެއްގެ ފިއްތުންތަކާ ކުރިމަތިލުމުގެ ޤާބިލުކަން ރަޝިޔާއަށް ލިބިގެން ވެއެވެ. އެ ފިޔަވަޅުތަކުގެ ކުރިމަތީގައި ކޮޅަށް ހުރުމުގެ 100 އިންސައްތަ ބާރު ރަޝިޔާއަށް ލިބިގެން ވެއެވެ. ޔޫރަޕްގެ ޤައުމުތަކާއި ބައެއް އެހެނިހެން ޤައުމުތައް ފަދައިން ރަޝިޔާގެ ރަޙްމަތްތެރީންގެ މިނިވަންކަން ގެއްލިގެނެއް ނުދެއެވެ."
އެމެރިކާއާއި އިނގިރޭސިވިލާތުގެ ސަފީރުން މެދުވެރިކޮށް އެ ދެ ޤައުމުން ދުނިޔެ އެމެރިކާގެ ބާރުގެ ދަށުގައި ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރޫސީ ވަޒީރު ލެފްރޯފް ވިދާޅުވިއެވެ.



advertisment