Support Us

ރަޝިޔާއާ ދެކޮޅަށް އެއްވެސް ހަނގުރާމައެއްގައި އެމެރިކާ ބައިވެރިނުވާނެ: ބައިޑްން

ރަޝިޔާއާ ދެކޮޅަށް އެއްވެސް ހަނގުރާމައެއްގައި އެމެރިކާ ބައިވެރިނުވާނެ ކަމަށް އެމެރިކާގެ ރައީސް ބައިޑްން ރޭ ވިދާޅުވެއްޖެއެވެ. އެހެނަސް ހުޅަނގު ޔޫރަޕްގެ އެހެނިހެން ޤައުމުތަކާ ދިމާއަށް ރޫސީ ސިފައިން ދާން ފަށައިފިނަމަ އެ ކަން ހުއްޓުވުމަށް ޓަކައި ވޮޝިންގްޓަނުން ފިޔަވަޅު އަޅާނެކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ބައިޑްން ވިދާޅުވިގޮތުގައި ނޭޓޯގެ މެންބަރު އެއްވެސް ޤައުމެއްގެ ބިމުން އެންމެ ކައިވަތެއް ވެސް ރަޝިޔާއަކަށް ނުލިބޭނެއެވެ. މި ބިންތައް އެމެރިކާއިން ދިފާޢު ކޮށްދޭނެއެވެ.
އެމެރިކާގެ މި ދިޔަ އަހަރުގެ ޙާލަތު ބަޔާންކުރާ ޚިޠާބު ދެއްވަމުން ރައީސް ބައިޑްން ވިދާޅުވި ގޮތުގައި އެމެރިކާއާއި އެމެރިކާގެ ބައިވެރީން މިހާރު ވަނީ ރަޝިޔާއާ ދެކޮޅަށް އެންމެ ހަރުކަށި ފިޔަވަޅުތައް އަޅައިފައެވެ. އެ ޤައުމުތަކުން މިހާރު ވާނީ ރަޝިޔާއަށް ޒަމާނީ ފަންނިއްޔާތާ ހަމައަށް ވާޞިލުވުން މަނާކޮށްފައެވެ. ރައީސް ބައިޑްންގެ ޚިޠާބުގެ ބޮޑުބައި އޮތީ ޔުކްރޭން ހަނގުރާމައަށް ޚާއްޞަކުރެވިފައިކަން ފާހަގަ ކުރެވެއެވެ.

ބައިޑްން ވިދާޅުވިގޮތުގައި "މިނިވަން ދުނިޔެއިންނާއި ޔޫރަޕްގެ ޤައުމުތަކުން މިހާރު ވާނީ ރަޝިޔާއަށް ދަތިކުރުމަށް ޓަކައި ފިޔަވަޅުތައް އަޅައިފައެވެ." އޭނާ ފާހަގަކުރެއްވި ގޮތުގައި ސްވިޒަރލޭންޑް ވެސް މި ކަމުގައި ބައިވެރި ވެއެވެ.
ރައީސް ބައިޑްން ތުހްމަތު ކުރެއްވި ގޮތުގައި "ރަޝިޔާއިން ޔުކްރޭނަށް ދެމުންގެންދާ ޙަމަލާތަކަކީ އެއްވެސް ބަހަނާއެއް ނެތް ކަމެކެވެ. އެއީ ދުރާލައި ރާވައިގެން ކުރަމުންދާ ކަމެކެވެ."

ރައީސް ބައިޑްން ވިދާޅުވިގޮތުގައި "ރައީސް ޕޫޓިނަށް ނިމުތުކުރެއްވިފައި ވަނީ ނުބައިކޮށްނެވެ. ހުޅަނގު މި އޮތީ އެކަތިގަނޑަކަށް ވެގެންނެވެ."

އެމެރިކާގެ ރައީސް ވިދާޅުވިގޮތުގައި ސިޔާސީ މަސައްކަތްތަކާ ދެކޮޅުހެއްދެވީ ޕޫޓިނެވެ. ޕޫޓިން ހީފުޅު ކުރެއްވީ ނޭޓޯއިން ރަޝިޔާއަށް ރައްދު ނުދޭނެކަމަށެވެ.

ރައީސް ބައިޑްން ވިދާޅުވިގޮތުގައި ދުރު ރާސްތާގައި ރައީސް ޕޫޓިނަށް ވަރަށް ބޮޑު އަގެއް ދައްކަވަން ޖެހިވަޑައިގަންނަވާނެއެވެ. ބައިޑްން ވިދާޅުވިއެވެ. "ޕޫޓިން ޔުކްރޭނާ ދެކޮޅަށް ކުރައްވަމުން ގެންދަވާ ހަނގުރާމައިގެ ސަބަބުން އޭނާ އެ ވަނީ ހަރުކަށި ޢަމަލުތަކާއި ގަޑުބަޑުތައް ހިންގަވަން ފަށްޓަވައިފައެވެ."

ރޫސީ ރައީސް މީގެ ހަ ދުވަސް ކުރީން ފަށްޓަވައިފައިވާ މަސައްކަތަކީ ދުނިޔޭގެ ހަމަޖެހުމަށް "ލޮޅުން އަރުވައިލެއްވުމަށް" ކުރައްވާ މަސައްކަތެއްކަމަށް ބައިޑްން ތުހްމަތު ކުރެއްވިއެވެ.
ބައިޑްން ވިދާޅުވިއެވެ. "ތާރީޚުން އަހުރެމެން ދަސްކޮށްފައިވާ ފިލާވަޅަކީ ޙުދްމުޚްތާރުވެރީން ދޭ ޢުދްވާނުގެ އަގު ދައްކަން ނުޖައްސައިފިނަމަ ގަޑުބަޑުތައް އިތުރުވާނެއެވެ."

ރައީސް ބައިޑްން ރޭ ވިދާޅުވިގޮތުގައި ރަޝިޔާގެ މަތިންދާބޯޓުތަކަށް އެމެރިކާގެ ވައިގެ ސަރަޙައްދަށް ދެނެއް ނުވަދެވޭނެއެވެ.
ރައީސް ބައިޑްން ޔުކްރޭން މީހުންނަށް ތާރީފު ކުރައްވަމުން ވިދާޅުވިއެވެ. "ޔުކްރޭންގެ ކޮންމެ މީހަކު މިއަދު ވަނީ ސިފައަކަށް ވެފައެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް