Support Us

އެމެރިކާއިން ސަލާމަތީ ވަފްދެއް ތައިވާނަށް ފޮނުވުމުން ޗައިނާގެ އިންޒާރެއް އެމެރިކާއަށް

އެމެރިކާއިން ތައިވާނަށް ވާގިވެރިވެރިވުމަށް ކުރާ މަސައްކަތްތަކަކީ "ބޭކާރު ފައިދާއެއް ނެތް" މަސައްކަތްތަކެއް ކަމަށް ޗައިނާގެ ޚާރިޖިއްޔާއިން ބުނެފިއެވެ. ޗައިނާއިން އިއްޔެ މިހެން ބުނެ ބަޔާނެއް ނެރުނީ ވޮޝިންގްޓަނުން އެމެރިކާގެ ދިފާޢާއި އަމްނާ ބެހޭ ކުރީގެ އިސް މަސްއޫލުވެރީންގެ ވަފްދެއް ތައިވާނަށް ފޮނުވުމުންނެވެ.

"ތައިވާން ކަނޑުއޮޅި ހުރަސްކޮށް އެމެރިކާގެ ހަނގުރާމަމަތީ އުޅަނދުތައް ފޮނުވަމުން ދިޔުމުގެ މަޤްޞަދަކީ ތައިވާނަކީ މިނިވަން ޤައުމެއްކަން ދައްކަންކަމަށް ވާނަމަ އެމެރިކާގެ މި ސުލޫކުގެ ސަބަބުން ތައިވާނުގެ މިނިވަންކަން ގެއްލިގެން ދިޔުން އަވަސްވާނެކަން ހަނދާނުގައި ބެހެއްޓުން ރަނގަޅުވާނެ" ކަމަށް ޗައިނާގެ ޚާރިޖިއްޔާގެ ބަޔާނުގައި އައިސްފައި ވެއެވެ. އެމެރިކާގެ މި "ނުބައި ޢަމަލުގެ އަގު ވަރަށް ބޮޑުކޮށް އެމެރިކާއަށް ދައްކަން ޖެހޭނެ ކަމަށް ވެސް މި ބަޔާނުގައި އައިސްފައި ވެއެވެ.

ދަގަނޑު ދަގުއިތަކެއް

ޗައިނާގެ ބަޔާން ކުރިއަށް ގެންދަމުން ބުންޏެވެ. "އެމެރިކާއިން މި ގޮތަށް ޗައިނާއަށް ބިރުދައްކައި ފިއްތަން ބޭނުންވާ ކަމަށްވާނަމަ އަހުރެމެންގެ އިންޒާރަކީ ޗައިނާގެ 1.4 ބިލިއަން މީހުންގެ ބޮޑު ދަގަނޑުފާރުގައި ޖެހި އެމެރިކާގެ ހަތިޔާރުތައް ބަދަލުވެގެން ދާނީ ދަގަނޑު ދަގުއިތަކަކަށެވެ."

ޗައިނާއިން ބުންޏެވެ. "އެމެރިކާގެ ބައެއް މަސްއޫލުވެރީން ޔުކްރޭންގެ މަސްއަލައިގައި ޗައިނާގެ ރީތި ނަން ހުތުރުކުރައްވަން އުޅުއްވާތަން ފެނެއެވެ. މިފަދަ ތަޞައްރުފާތުތަކަކީ ޤަބޫލު ކުރެވޭނެ ކަމެއްނޫނެވެ."

ބައިނަލްއަޤްވާމި ނޫސް އޭޖެންސީތައް ބުނާގޮތގައި ރައީސް ބައިޑްން ތައިބޭއަށް އެމެރިކާގެ ރަސްމީ ވަފްދެއް ފޮނުއްވީ ތައިބޭއަށް ހިތްހަމަޖެހުން ދެއްވުމަށެވެ. ރަޝިޔާއިން ޔުކްރޭނަށް އެރި ގޮތަށް ޗައިނާއިން ތައިވާނަށް އެރިޔަނުދެއްވާނެކަން ކަށަވަރުކޮށް ދެއްވުމަށް ޓަކައެވެ.

އެމެރިކާގެ ނިވްސްވީކް މަޖައްލާ ބުނާގޮތުގައި ދުނިޔޭގެ ހުރިހާ މުރާޤިބުން ވެސް ލަފާކުރައްވާ ގޮތުގައި ޗައިނާގެ ރައީސް ޝީ އޭނާގެ އެކުވެރި ރޫސީ ރައީސް ޕޫޓިން ހިންގަވާ މަގުން ހިންގަވައި ތައިވާނަށް ޙަމަލާ ދެއްވާނެއެވެ.

ޗައިނާގެ ޚާރިޖިއްޔާގެ ތަރްޖަމާނު ވާންގް ވޭން ވިދާޅުވިއެވެ. "ޗައިނާގެ ރައްޔިތުން އެމީހުންގެ ވަޠަނުގެ ސިޔާދަތާއި ބިމުގެ އެއްބައިވަންތަކަން ދިފާޢު ކުރުމަށް ކަނޑައަޅައިފައިވާ ޢަޒްމަކީ ސާބިތު އެއްޗެކެވެ." އޭނާ ވިދާޅުވިއެވެ. "އެމެރިކާއިން ކޮންމެ ބަޔަކު ފޮނުވިއަސް އެއިން ކުރާނެ ފައިދާއެއް ނޯންނާނެއެވެ."
އޭނާ ވިދާޅުވިއެވެ. "ތައިވާނުގެ މަސްއަލައިގައި އެމެރިކާ ވަރަށް ވިސްނުންތެރިވާން ޖެހޭނެއެވެ. އެމެރިކާ– ޗައިނާ ގުޅުން އަނދަވަޅަކަށް ވައްޓައިލައިގެން ނުވާނެއެވެ."

އެމެރިކާއިން ތައިވާނަށް ފޮނުވި ވަފްދުގެ ރައީސަކީ ޖޯރޖް ޑަބްލިޔޫ ބުޝްއާއި ބަރަކް އޮބާމާގެ ވެރިކަމުގައި އެމެރިކާގެ ޖޮއިންޓް ޗީފް އޮފް ސްޓާފްގެ މަޤާމުގައި ހުންނެވި މައިކް މެލަންއެވެ. އެ ވަފްދުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ އެމެރިކާގެ ދިފާޢީ ވުޒާރާގެ އިސް ދެ މަސްއޫލުވެރީން ކަމުގައިވާ މިގަން އޮސިލިވާނާއި މިޝޭލް ފްލޮރަންވީއާއި އެމެރިކާގެ ޤައުމީ ސަލާމަތާ ބެހޭ ކުރީގެ ދެ މުޝީރުން ކަމުގައިވާ މައިކް ގްރޭނާއި އިވާން މެޑިރޮސް އެވެ. މި ވަފްދު މިއަދު ތައިވާނުގެ ރައީސާއި ދިފާޢީ ވަޒީރާ ބައްދަލު ކުރައްވާނެއެވެ.

"ޢަސްކަރީ ކޯޅުމެއް" ފެށިދާނެ

އެމެރިކާގައި ހުންނަވާ ޗައިނާގެ ސަފީރު ޗެން ގަންގ މިދިޔަ ހުކުރު ދުވަހު ވިދާޅުވި ގޮތުގައި ތައިވާނުގެ މަސްއަލައިގައި އެމެރިކާއާ ޗައިނާއާ ދެމެދުގައި "ޢަސްކަރީ ކޯޅުމެއް" ފެށިދާނެއެވެ. އޭނާ ތުހްމަތު ކުރެއްވި ގޮތުގައި ތައިވާނުން ހިނގަމުންދަނީ" މިނިވަންކަން ހޯދުމުގެ މަގުންނެވެ. އެމެރިކާއިން ހިތްވަރުދީގެން ތައިވާނުން މި މަގުން ހިނގަމުންދާނަމަ ޗައިނާއާ އެމެރިކާ ޢަސްކަރީ ކޯޅުމެއްގެ ތެރެއަށް ވެއްޓިގެން ހިނގައި ދާނެއެވެ. ޗައިނާ ސަފީރު ވިދާޅުވިގޮތުގައި އެމެރކާއިން މިހާރު އެ "ކުޅެނީ އަލިފާނާ" އެވެ. އޭނާ ސިފަކުރެއްވި ގޮތުގައި ތައިވާނަކީ "އެންމެ ބޮޑު ބާރޫދު ފީފާ" އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *