މިހާރު ޔޫކްރޭނުގައި ހިނގަމުންދާ ތަޅައިފޮޅުމާއި އަރައިރުމުގެ ސަބަބުން ނަފުސު ދިފާޢުކުރުމަށް ޓަކައި އެތައް ލައްކަ ބަޔަކު އަވައްޓެރި ގައުމުތަކަށް ހިޖުރަކުރުން އިތުރުވެއްޖެއެވެ. އަދި ހަނގުރާމަ ހިނގާ ސަރަހައްދު ދޫކޮށް ގައުމުގެ އެހެން ހިސާބުތަކަށް ބަދަލުވާ މީހުން ވެސް އަންނަނީ އިތުރުވަމުންނެވެ. މި ފަދަ މީސް މީހުންނަށް އެހީވުމަށް ޓަކައި ޔޫކްރޭނުގައި ހިނގަމުންދާ ހަމަނުޖެހުންގަނޑުގެ ތެރެއަށް، އެމެރިކާގައި ޤާއިމުކޮށްފައިވާ އެހީދޭ ޖަމުޢިއްޔާއެއް ކަމަށްވާ "ދަ ސެންޓަރ ފޮރ ޑިޒާސްޓަރ ފިލަންތުރޮޕީ (ސީޑީޕީ)" އިން ވަދެއްޖެއެވެ. އެ މީހުން ބުނާ ގޮތުގައި އެ މީހުންގެ އަމާޒަކީ ދާޚިލީ ގޮތުން ވިއްސިވިހާލިވެފައިވާ މީހުންނާއި ރެފިޔުޖީންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމެވެ. އަދި އެ މީހުން ބުނާ ގޮތުގައި މި އަރައިރުމުގެ ސަބަބުން އާބާދީއަށް ކުރަ އަސަރާއި އެ މީހުންގެ ޙަރަކާތްތަކާއި އަދި އެ މީހުންގެ އިންސާނީ މުހުތާދަށް ބެލުން ފިޔަވައި މި އަރައިރުމުގެ ކަންތައްގަނޑަކަށް އޭގެ ޒާތުގައި އެ މީހުން ސަމާލުކަމެއް ނުދެއެވެ.
އެންމެ ފަހުން ޔޫކްރޭނަށް މި ދެވުނު ޙަމަލާއަކީ 2014 ވަނަ އަހަރަށްވުރެ ކުރީންސުރެ އެ ތައް ޒަމާންތަކަކަށް ދިގުދެމިގެންދިޔަ އެތައް ބައިވަރު އަރައިރުންތަކެއްގެ ބައެކެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ރޫސީންނާއި ޔޫކްރޭނާ ދެމެދުގައި މި އުފެދިފައިވާ އަސްކަރީ އަރައިރުންތައް ވުޖޫދުގައި އޮންނަތާ އެތައް އަހަރެއް ވެއްޖެއެވެ. އަދި އިރުމަތީ ޔޫކްރޭނަކީ ދެގައުމުގެ ދެމެދުގައި ހިނގާ ހަނގުރާމަ މަރުކަޒުވެފައި އޮންނަ ސަރަހައްދެވެ. ދެހާސް ސާދައިގައި ހިނގި ކުރިމަތިލުންތަކުގައި ޔޫކްރެއިންގެ ކްރައިމީއާ ސަރަހައްދު، ރޫސީވިލާތަށް އިތުރުކުރެވުނު ބައެއް ކަމުގައި ހަމަޖެހުނެވެ. ފަހުން ޔޫކްރޭނުން ވަކިވެގަންނާން މަސައްކަތްކޮށް އަމިއްލައަށް މިނިވަންކަން އިޢުލާނުކޮށްފައިވާ ޑާނީސްކް ޖުމްހޫރިއްޔާއި ލުހާންސްކް ޖުމުހޫރިއްޔަތަކީ މިނިވަން ދެ ގައުމު ކަމުގައި ރޫސީން ރަސްމީ ގޮތުން ގަބޫލުކުރިއެވެ. މި ދެ ޖުމުހޫރިއްޔަތަކީ ވެސް ރޫސީ ބަހުން ވާހަކަދައްކާ މީހުން ދިރިއުޅޭ އަދި ރޫސީ ސަގާފަތަށް ލޯބިކުރާ ދެ ސަރަހައްދެވެ.
އޭގެ ފަހުން ޔޫކްރޭނާއި މި ވަކިވެގަތް ދެ ޖުމުހޫރިއްޔަތާ ދެމެދު އެކި މިންވަރަށް ކުރިމަތިލުންތައް އައީ ހިނގަމުންނެވެ. އެހެންކަމުން މި ފަހަރު ރޫސީން ޔޫކްރޭނަށް އެރީ މި ދެންނެވި ދެ ޖުމުހޫރިއްޔަތު ޙިމާޔަތްކޮށްދޭން އެއްބަސްވެފައިވާ އެއްބަސްވުމުގެ ދަށުން އެ ދެ ޖުމްހޫރިއްޔަތު ޙިމާޔަތްކޮށްދިނުމުގެ ބަހަނާގައެވެ.
ދުނިޔޭގެ އާބާދީ ދިރާސާކުރާ ރަސްމީ އިދާރާތައް ބުނާ ގޮތުގައި ޔޫކްރޭނުގެ މިހާރުގެ އާބާދީއަކީ 43.3 މިލިއަން މީހުންނެވެ. އެ މީހުން ބަޔާންކުރާ ގޮތުގައި "1990 ން ފެށިގެން ޔޫކްރޭނުގެ އާބާދީ އަންނަނީ ދަށްވަމުންނެވެ. އެއީ ދަރިމައިވުމުގެ ނިސްބަތް ދަށްވުމާއެކު މީހުން މަރުވާ ނިސްބަތް އިތުރުވުމާއި އަދި މިއާއެކު ގައުމު ދޫކޮށް ހިޖުރަކުރާ މީހުން ވަރަށް ބޮޑަށް އިތުރުވެފައިވާތީއެވެ."

މީހުން ހިޖުރަކުރާ މައިގަނޑު ތިން ސަބަބެއް އެބަ އޮތެވެ. އެއީ ޔޫކްރޭނަކީ މުޅި ވިލާތުގައި ދެވަނައަށް އެންމެ ފަގީރު ގައުމުކަމަށް ވެފައި ގައުމުގެ އިރުމަތީ ފަޅީގައި ރޫސީވިލާތާ ދެމެދު އޮންނަ ދާއިމީ އަރައިރުމުގެ ސަބަބުންނާއި ގައުމުގައި ފެތުރިފައިވާ ފަސާދައާއި ކޮރަޕްޝަންގެ ސަބަބުންނެވެ. މިހާރު އާބާދީ ދަށްވަމުންދަނީ 0.59 އިންސައްތައިގެ ރޭޓުންނެވެ. މި ނިސްބަތް 2015 އިން ފެށިގެން ކޮންމެ އަހަރަކު އަންނަނީ މަތިވަމުންނެވެ. އެހެންކަމުން އދ. އިން ލަފާކުރާ ގޮތުގައި 2050 އާ ހަމައަށް ޔޫކްރޭނުގެ މިހާރުގެ އާބާދީގެ ފަސްބައިކުޅައެއްބައި މަދުވާނެއެވެ.
ރޫސީންނާއި އިރުމަތީ ޔޫކްރޭނާ ދެމެދު މި އަރައިރުމެއް ހިނގާތާ ހަތް އަހަރެއްހާ ދުވަސް ވެފައިވާތީ އެ ގައުމުގެ ގިނަބަޔަކު ވަނީ ހިޔާވަހިކަމާއި ރައްކާތެރިކަމާއި ޞިއްޙީ ޚިދުމަތާއި ބޯފެނާއި ފާޚާނާ ނިޒާމުގެ ޚިދުމަތާއި އަސާސީ ކިތަންމެ ޚިދުމަތަކުން މަޙުރޫމުވެފައެވެ. "ދަ ސެންޓަރ ފޮރ ޑިޒާސްޓަރ ފިލަންތުރޮޕީ (ސީޑީޕީ)" އިން ޔޫކްރޭނަށް ދިޔައީ މި ފަދަ މީސްމީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން ކަމަށް އެ ޖަމުޢިއްޔާއިން ބުނެއެވެ.
މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން އެހެން ގައުމުތަކަށް ހިޖުރަކުރާ މީހުންނާއި ހަނގުރާމަ ހިނގާ ސަރަހައްދު ދޫކޮށް އެހެން ހިސާބުތަކަށް ބަދަލުވާ މީހުންގެ ނިސްބަތް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އދ.ގެ ރެފިޔުޖީންނާ ބެހޭ އިދާރާގެ ހައިކޮމިޝަނަރުގެ ނާއިބު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވާ ގޮތުން، އެއް ހަފުތާއަށްވުރެ ވެސް މަދު ދުވަސްކޮޅެއްގެ ތެރޭގައި ޔޫކްރޭޏް ދޫކޮށް އަވައްޓެރި ގައުމުތަކަށް ހަ ލައްކަ 77 ހާސް މީހުން ހިޖުރަކޮށްފިއެވެ. ދުވާލެއްގެ މައްޗަށް ދޮޅުލައްކަ މީހުން ހިޖުރަކޮށްފައި އެބަހުއްޓެވެ. މީގެ ތެރޭގައި ގައުމުގެ އެތެރޭގައި އެކި ދިމަދިމާއަށް ބަދަލުވި މީހުންނެއް ނުހިމެނެއެވެ.
ފެބްރުވަރީ 28 ވަނަ ދުވަހުން ފެށިގެން ޔޫކްރޭން ދޫކޮށް ހިޖުރަކުރި މީހުންގެ ބޮޑު އަޣުލަބިއްޔަތެއް (ގާތްގަނޑަކަށް ތިންލައްކަ ސާޅީސް ހާސް މީހުން) ހިޖުރަކޮށްފައިވަނީ އަވައްޓެރި ޕޮލަންޑަށެވެ. އެހެން މީހުން ތަފާތު އެކި ގައުމުތަކަށް ހިޖުރަކޮށްފައިވެއެވެ. މީގެ ތެރޭގައި ސްލޯވާކިއާއަށް ހިޖުރަކުރި 30 ހާސް މީހުންނާއި ހަންގޭރީއަށް ދިޔަ 94 ހާސް މީހުންނާއި ރޫމޭނިއާއަށް ހިޖުރަކުރި 34 ހާސް މީހުންނާއި މޯލްޑޯވާއަށް ހިޖުރަކުރި ސާޅީސް ހާސް މީހުންނާއި ރޫސީވިލާތަށް ހިޖުރަކުރި އެއް ލައްކަ އޮނަތިރީސް ހާސް މީހުން ހިމެނެއެވެ. ދެން ތިބި (34 ހާސް) މީހުން ދިޔައީ ވިލާތުގެ އެހެން ދިމަދިމާއަށެވެ. (ނިއުޔޯކް ޓައިމްސް)



advertisment