Support Us

ރޫސީ- ޔޫކްރޭން ވާހަކަތައް ކުރިއަށްދަނީ

ބެލަރޫސްގައި ރޫސީންނާއި ޔޫކްރޭންގެ މަތީ ފެންވަރުގެ ވަފުދުގެ މެދުގައި ބާއްވާ ވާހަކަތައް މިއަދު ވަނީ ފަށައިފައެވެ. މި ވާހަކަތައް ފެށިފައި މިވަނީ ބެލަރޫސްގެ ސަރަހައްދުގައި މި ވާހަކަތައް ބާއްވާން ޔޫކްރޭނުން ކުރީން އިޢުތިރާޒުކޮށްފައިވަނިކޮށެވެ. އަދި މި ވާހަކަތައް ފަށައިފައި މިވަނީ މި ވާހަކަތަކުން އެދެވޭ ނަތީޖާއެއް ނުކުމެދާނެ ކަމަށް އުންމީދު ނުކުރައްވާ ކަމަށާއި ޔޫކްރޭނުން އަމާން ނުދޭނެ ކަމަށް ޔޫކްރޭނުގެ ރައީސް ވޮލޮޑީމީރ ޒެލެންސްކީ މީގެ ކުރީން ވިދާޅުވެފައި ވެސް ވަނިކޮށެވެ.

ރޫސީންނާއި ޔޫކްރޭނުން ވެސް މި ވާހަކަތައް ފެށުމުގެ ބޭނުމަކީ ދެ ގައުމުގެ މެދުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމެވެ. ރޫސީން މި ދިޔަ ހަފުތާގެ ބުރާސްފަތިދުވަހު ފުރިހަމަ ޙަމަލާއެއް ޔޫކްރޭނަށްދީ މިހާރުވަނީ ވެރިރަށް ކްޔީވްގެ ރަށްބޭރުގައި ފައުޖުތައް ބަނޑަހަޖަހައިފައެވެ.

ބެލަރޫސް ސަރަހައްދުގައި ހަރުކުރެވިފައިވާ ކެމެރާތަކުން ފެންނަ ގޮތުގައި މިއަދުގެ ވަގުތެއްގައި ޔޫކްރޭނުގެ ދެ ހެލިކޮޕްޓަރެއް އެ ގައުމުގެ ސަރަހައްދީ ރޮނގު ކައިރީގައި އޮންނަ ބެލަރޫސްގެ ގޮމެލް ސަރަހައްދަށް ވަނީ ގޮސްފައެވެ.

ޔޫކްރޭނުގެ ރައީސް އޮފީހުން މައުލޫމާތު ދޭ ގޮތުގައި ދެ ގައުމުގެ ދެމެދުގައި ދެކެވޭ ވާހަކަތަކަށް ޓަކައި ދިޔަ އެ ގައުމުގެ ވަފުދުގައި ހިމެނެނީ ދިފާޢީ ވަޒީރު އެލެގްޒޭ ރެޒްނިކޯފާއި ވެރިކަންކުރާ "ސަރވަންޓް އޮފް ދަ ޕީޕަލް"ގެ ވެރިޔާ ދާއޫދު އަރަޚްމިއާއާއި ޚާރިޖީ ވަޒީރުގެ ނާއިބު ޑިކޮލައި ތަޗިޓްސްކީއާއި އިތުރު އެހެން ބައެއް ބޭފުޅުންނެވެ.

ޔުކްރޭނުގެ ރައީސް އޮފީހުގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި މި އުނދަގޫ ވާހަކަތަކުގައި ރޫސީންނާއެކު ބައިވެރިވާން އެ މީހުން ނިންމި މައިގަނޑު އަމާޒަކީ އަވަހަށް ހަނގުރާމަ ހުއްޓުމާއި ރޫސީ ފައުޖުތައް ޔޫކްރޭނުން ބޭރުކުރުމެވެ.

ޔޫކްރޭންގެ ރައީސް ވޮލޮޑީމީރ ޒެލެންސްކީއަކީ 2021 ވަނަ އަހަރު އިސްރާއީލުން ފަލަސްޠީނަށް ޙަމަލާދީ ކުށެއް ނެތް އެތައް ކުޑަކުދީންނެއް މަރައިލުމުން އޭގެ ބަދަލުގައި ހަމާސުން ދިން ރައްދު ޙަމަލާގައި އިސްރާއީލްގެ ދެތިން ކުޑަކުދީން މަރުވުމާ ގުޅިގެން ހަމްދަރުދީ ފާޅުކޮށް ފަލަޞްޠީނުގެ ޙަމަލާއަކީ ޓެރަރިޒަމްގެ ޙަމަލާއެއް ކަމަށް ސިފަކުރެއްވި ބޭފުޅެކެވެ. އަދި ފަލަޞްޠީނުން ޝަހީދުވި އެތައް ސަތޭކަ މީހަކާއި ކުޑަކުދީންނަށް ހަމްދަރުދީގެ ޝުޢޫރެއް ފާޅުކުރައްވާން ދެކޮޅުހައްދަވައި ހަމައެކަނި އިސްރާއީލީ ކުޑަކުދީންނަށް ހަމްދަރުދީ ފާޅުކުރެއްވި ބޭފުޅެކެވެ.

ރޫސީން ޔުކްރޭނަށް ދިން ޙަމަލާއަކީ ޖަރީމާއެއް ކަމަށް ވާ ފަދައިން އިސްރާއީލުން ފަލަޞްޠީނަށް ދޭ ޙަމަލާތަކަކީ ވެސް އަދި އެމެރިކާއިން އިރާޤު ތަޅައި ސުންނާފަތިކޮށްލި ކޮށްލުމަކީ ވެސް ޖަރީމާކަމަށް ވާންޖެހޭނެއެވެ. ނަމަވެސް ހިތާމައަކީ ދުނިޔޭގައި މުސްލިމު ޤައުމުތަކަށް ޙަމަލާދީ ސުންނާފަތިކުރުން މައްސަލައަކަށް ނުވެފައި ވިލާތުގެ ޤައުމަކަށް ޙަމަލާ ދިނުން އެކަނި މައްސަލައަކަށް ވާކަމެވެ. އިސްލާމީ ނަޒަރުން ބަލާއިރު، ނުހައްގުން މީހަކު މަރައިގެން ނުވަތަ ބިމުގައި ފަސާދަ އުފައްދައިގެން ނޫން ސަބަބަކާހުރެ، އެންމެ އިންސާނެއްގެ ފުރާނަދުއްވައިލުމަކީ ވެސް މުޅި އިންސާނިއްޔަތު ނައްތައިލުން ފަދަ ކަމެކެވެ. ވީމާ ކަންކަމުގައި ދެ މިންގަނޑު ނުގެންގުޅުއްވައި ހަމައާއި އިންސާފަށް ލޯބިކުރައްވާން ވޮލޮޑީމީރ ޒެލެންސްކީއަށް ވެސް ދަސްފުޅުވެ ރޫސީ ޔޫކްރޭނުގެ ޙަމަލާތައް އަވަހަށް ނިމުމަކަށް އައުމަކީ އަޅުގަނޑުގެ ދުޢާއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
41
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *