Support Us

ބެލަރޫސްގައި ރޫސީންނާއެކު ވާހަކަދައްކާން ޔޫކްރެއިނުން އެއްބަސްވެއްޖެ: މޮސްކޯ

މިހާރު ޔޫކްރެއިނުގައި ހިނގަމުންދާ ހަނގުރާމައާ ބެހޭ ގޮތުން ބެލަރޫސްގެ ސަރަހައްދުގައި ރޫސީންނާއެކު ވާހަކަދައްކާން މީގެ ކުރީން ޔޫކްރޭނުން ދެކޮޅު ހެދިޔަސް މިހާރު އެކަމަށް އެއްބަސްވެފައިވާ ކަމަށް ރޫސީ-ޔޫކްރޭން ސަރަހައްދީ ރޮނގު ކައިރީން ޚަބަރު ލިބއްޖެއެވެ.

ޔޫކްރޭނުގައި ހިނގަމުންދާ އަސްކަރީ ކުރިމަތިލުމުގައި އެތައް ދުވަހެއް ވޭތުވުމަށްފަހު، ރޫސީވިލާތުން ޔޫކްރޭނުގައި ހިންގަމުން ގެންދާ "އަސްކަރީ ކެންޕޭނު" ހުއްޓުމާބެހޭ ގޮތުން ރޫސީންނާއެކު ވާހަކަދައްކާނެ ވަފުދެއް ބެލަރޫސަށް ފޮނުވާން ޔޫކްރޭނުން އެއްބަސްވެއްޖެ ކަމަށް ރޫސީ ތަރުޖަމާނު ވްލެޑިމީރ މެންޑިންސްކީ ވިދާޅުވެއްޖެއެވެ. އޭނާ ޔަގީންކަން ދެއްވި ގޮތުގައި ރޫސީވިލާތާއި ޔޫކްރޭނާ ވެސް ކައިރި ސަރަހައްދެއްކަމުގައިވާ ބެލަރޫސްގެ ގޮމެލްގައި މި ވާހަކަތައް ބާއްވާން ޔޫކްރޭންގެ ވެރިރަށް ކްޔީވް (ކީވް)އިން ވަނީ ކަށަވަރުކަން ދީފައެވެ. ކުރީން ސަގާފަތާ ބެހޭ ވަޒީރުކަންކުރައްވައިފައިވާ އަދި މިހާރު ޕޫޓިންގެ އެހީތެރިއެއްގެ މަގާމުގައި ހުންނެވި މެންޑިންސްކީ ނޫސްވެރީންނަށް އިތުރު ތަފްސީލު ދެއްވަމުން ވިދާޅުވެފައިވަނީ މިހާރު ކުރިއަށް ދަނީ މި ސަމިޓް ބާއްވާނެ ސީދާ ތަނަކާއި ރައްކާތެރިކަން ކަށަވަރުކުރުމާއި ދެ ފަރާތުގެ ވަފުދު ގޮމެލްއަށް ދަތުރުކުރުމުގެ އިދާރީ ކަންކަމެވެ.
"ދަތުރުކުރާ މަގު ސައްތައިންސައްތަ ސަލާމަތްތެރިވާނެކަމުގެ ކަށަވަރުކަން އަޅުގަނޑުމެންދެމެވެ. މިހާރު އަޅުގަނޑުމެން މި އިންތިޒާރުކުރަނީ ޔޫކްރޭނުގެ ވަފުދު އަންނާނެ ވަގުތަކަށެވެ."

ޔޫކްރޭނާއެކު ވާހަކަތައް ބާއްވާ ސަރަހައްދުކަމަށްވާ ގޮމެލްއަށް ރޫސީ ވަފުދު އިއްޔެ ވަނީ ގޮސްފައެވެ. ކްޔީވުން ފަހުން ބުނެފައި ވަނީ އެ މީހުން ބޭނުންވަނީ ވަކި ފަރާތަކަށް ނުޖެހޭ ސަރަހައްދެއްގައި ވާހަކަތައް ބާއްވާށެވެ. ކްޔީވުން ތުހުމަތުކުރާ ގޮތުގައި ބެލަރުސްގެ ސަރަހައްދުގެ ތެރެއިން ރޫސީ ފައުޖުތައް ޔޫކްރޭނަށް ހަމަލާ އެބަދެއެވެ. އެހެން ނަމަވެސް ބެލަރޫސް އިން މިކަން ދޮގުކުރެއެވެ.
ރޫސީ ވަފުދުން ފުރަތަމަ ބުނެފައިވަނީ ރޫސީ ވަފުދު ބެލަރޫސްގައި މަޑުކުރާނީ އެތާގެ ގަޑިން މިއަދު މެންދުރުފަހު ތިނެއް ޖަހަންދެން ކަމަށެވެ. ނަމަވެސް ޔޫކްރޭނުގެ ރައީސް ވޮލޮޑީމީ ޒެކެންސްކީ ބެލަރޫސްގެ ރައީސަށް ފޯނުން ގުޅުއްވައި އެދިވަޑައިގެންފައިވަނީ ކަނޑައަޅައިފައިވާ ސުންގަޑި ކެންސަލްކޮށްދޭށެވެ. ބެލަރޫސްގެ ރައީސް އެލެގްޒެންޑާރ ލުކަޝެންކޯގެ ތަރުޖަމާނު ނަތާލިއާ އެއިސްމޮންޓް ޔަގީންކަން ދީފައިވާ ގޮތުގައި ބެލަރޫސްގެ ރައީސް ރޫސީ ރައީސަށް ގުޅުއްވައި މިހާރު ވަނީ ސުންގަޑި ފަސްކުރައްވައިފައެވެ. ޒެލެންސްކީގެ އޮފީހުން ފަހުން ޔަގީންކަންދީފައިވާ ގޮތުގައި "ޔޫކްރޭނާއި ރޫސީ ވަފުދުން މިހާރު އެއްބަސް ވެފައިވަނީ ކުރީން އެއްވެސް ޝަރުޠެއް ކަނޑައެޅުމެއް ނެތި ޔުކްރޭނާއި ބެލަރޫސްގެ ސަރަހައްދީ ރޮނގުގެ ކައިރީގައި ޕްރިޕްޔާތު ކޯރުގެ އައްސޭރީގައި ބައްދަލުވުން ބާއްވާ ގޮތަށެވެ."

ރޫސީން އެ ބައިމީހުންގެ އަވައްޓެރި ޔޫކްރޭނަށް ހަމަލާދިނީ މި ދިޔަ ހަފުތާ ނިމެމުންދަނިކޮށެވެ. ޔުކްރޭނުން ވަކިވެ މިނިވަންކަން އިޢުލާނުކޮށް އެ ދެ ގައުމުގެ މިނިވަންކަނ ރޫސީން ބަލައިގެންފައިވާ ޑާނީސްކް ޖުމްހޫރިއްޔަތާއި ލުގަންސްކް ޖުމްހޫރިއްޔަތު ޙިމާޔްތަކުރުމަށް އެއްބަސްވެފައިވާ އެއްބަސްވުމުގެ ދަށުން އެ ދެ ޖުމުހޫރިއަޔަތު ޙިމާޔަތްކުރުމުގެ ނަމުގައެވެ. ޔޫކްރޭނުން އެ ދެ ގައުމު ދެކެނީ ބަޣާވާތްކޮށްގެން ވަކިވެގަނެފައިވާ ދެ ސަރަހައްދުކަމުގައެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *