Support Us

ވެރިރަށް ކިޔީފް މިރޭ ވެއްޓިދާނެ

ރޫސީ ސިފައިން ޔުކްރޭންގެ ވެރިރަށް ކިޔީފަށް އަމާޒުކޮށް ވައިގެ ޙަމަލާތައް މިރޭ ދޭން ފަށައިފިއެވެ. މިއާ ހަމަ އެއް ވަގުތެއްގައި ރޫސީ ސިފައިންނާއި ޔުކްރޭނުން ވަކިވެގަންފައިވާ ދެ ސަރަޙައްދުގެ ސިފައިން ޔުކްރޭނުގެ އުތުރާއި ދެކުނާއި ހުޅަނގު ސަރަޙައްދީ ރޮގާ ދިމާއިން ކުރިއަށް ޖެހެން ފަށައިފިއެވެ.

ވެރިރަށަށް ޙަމަލާދޭން ފަށައިފި

ހަނގުރާމައިގެ މައިދާނަށް ބަލާއިރު މިހާރު ހަނގުރާމަ ހިނގަމުންދަނީ ވެރިރަށް ކިޔީފުގެ ރަށްބޭރުގައި ކަމަށް ޚަބަރުތައް ބުނެއެވެ. ބޭރުގެ ނޫސް އޭޖެންސީތައް ބުނާގޮތުގައި މިއީ ވެރިރަށް ކިޔީފަށް ވަރުގަދަ ޙަމަލާއެއް ދިނުމަށް ތައްޔާރުވާ ތައްޔާރުވުމެކެވެ. ރޭ ރަޝިޔާއިން ވަނީ ވެރިރަށް ކިޔީފަށާއި ޔުކްރޭނުގެ ބޮޑެތި ސަހަރުތަކަށް ވައިގެ ޙަމަލާތަކެއް ދީފައެވެ.

ޔުކްރޭނުގެ ދިފާޢީ ވުޒާރާ ބުނާގޮތުގައި ރޫސީ ޢަސްކަރީ ބާރުތައް ވެރިރަށް ކިޔީފާ އެންމެ ދިހަވަރަކަށް ކީލޯމީޓަރު ދުރުގައި އޮންނަ އޮބްލޯން ސަރަޙައްދަށް ވަދެއްޖެއެވެ. މި އަވަށުގައި އެކި ހިސާބުގައި ބާރުގަދަ އެއްޗެހިތައް ގޮވަމުން ދާ މަންޒަރުތައް ނޫސްވެރީން ވަނީ ރެކޯޑްކޮށްފައެވެ. ކިޔީފުގެ ހުޅަނގު އުތުރާ ވީ ފަރާތުން ރޫސީ ބާރުތައް ކުރިއަރަމުންދާ ކަމަށް މި ވުޒާރާއިން ބުންޏެވެ. މި ވުޒާރާއިން އިންޓަނެޓްގައި ޝާއިޢު ކުރި ބަޔާނެއްގައި ކިޔީފުގެ ރައްޔިތުންނަށް ރޫސީ ސިފައިންނާ ކުރިމަތިލުމަށް ތައްޔާރުވުމަށް ގޮވައިލައިފާ ވެއެވެ. "ދުޝްމަނުންނާ ކުރިމަތިލުމަށް ޓަކައި" އަލިފާން ބޮން ތައްޔާރު ކުރުމަށް ވެސް މި ބަޔާނުގައި ގޮވައިލައިފައި ވެއެވެ.

އެސޯޝޭޓެޑް ޕްރެސް ބުނާގޮތުގައި ވެރިރަށް ކިޔީފުގެ ސަރުކާރު ސަރަޙައްދު ތެރެއިން ބާރުގަދަ އެއްޗެހިތައް ގޮވަމުން އެބަދެއެވެ. މި ނޫސް އޭޖެންސީ ބުނިގޮތުގައި މި އެއްޗެހިތައް ގޮވި ސަބަބެއް ނޭނގެއެވެ.

ޔުކްރޭން ސަރުކާރުގެ މުޝީރަކު މިއަދު ހާމަކުރެއްވި ގޮތުގައި މިއަދު ނުވަތަ މިރޭ ރޫސީ ސިފައިން ކިޔީފަށް ވަންނާނެ ކަމަށް ލަފާކުރެއްވެއެވެ. ޔުކްރޭން ސަރުކާރުން ކިޔީފުގެ ރައްޔިތުންނަށް ގޮވައިލަމުން ދަނީ ރަޝިޔާގެ ވައިގެ ޙަމަލާތަކުން ރައްކައުތެރިވުމަށް ޓަކައި އަވަހަށް ބިންގަރާސްތަކަށް ދިޔުމަށެވެ. ޔުކްރޭން ސަރުކާރުގެ މުޝީރު ވިދާޅުވިގޮތުގައި މިއަދު ވާނީ ކިޔީފަށް އެންމެ ނުރައްކާތެރިކަން ބޮޑު ދުވަހަށެވެ. އޭނާ ވިދާޅުވިގޮތުގައި ރޫސީ ޢަސްކަރީ ބާރުތައް ކިޔީފަށް އަރާނީ ޓޭންކާއެކުގައެވެ.

ޚާރުކީފް ހަނގުރާމަ

ޔުކްރޭންގެ ދާޚިލީ ވުޒާރާއިން ޚާރުކީފްގައި ރަޝިޔާ ސިފައިންނާ ޔުކްރޭން ސިފައިންނާ ދެމެދުގައި ހިނގި ހަނގުރާމަތަކުގެ ބައެއް ވީޑިއޯތައް މިއަދު ޝާއިޢު ކުރިއެވެ. ރަޝިޔާ ސިފައިންގެ މީހެއްގެ ހަށިގަނޑު މީގެ ވީޑިއޯއަކުން ފެނުނެވެ. އަދި އެހެން ވީޑިއޯއަކުން ރަޝިޔާގެ ބައެއް އާޓިލަރީ އުޅަނދުތައް ހަލާކުކޮށްލެވިފައިވާ ތަން ފެނިފައި ވެއެވެ. މޮސްކޯއިން މި ވީޑިއޯތަކާ ބެހޭގޮތުން އެއްވެސް ކޮމެންޓެއް ކޮށްފައިނުވާކަން ފާހަގަ ކުރެވެއެވެ.

ޔުކްރޭންގެ ނޫސް އޭޖެންސީއެއްކަމުގައިވާ ޔުކްރަނިސްކާ ޕްރާވްޑާ ޔުކްރޭންގެ ދާޚިލިއްޔާގެ އިސް މަސްއޫލުވެރިއަކާ ޙަވާލާދީ ބުނިގޮތުގައި ޚާރުކީފްގައި ހުރި ޔުކްރޭން ސިފައިންގެ މައި މަރްކަޒަށް ރަޝިޔާއިން މިސައިލް ޙަމަލާތަކެއް ދީފިއެވެ. މި ނޫސް އޭޖެންސީ ހާމަކުރި ގޮތުގައި ޔުކްރޭނުގެ ރަށްތަކުގެ ތެރެއިން އެންމެ ބޮޑަށް ގެއްލުން ލިބުނު ރަށަކީ ޚާރްކީފެވެ.

ޔުކްރޭނުން ސިޔާސީ ގުޅުން ކަނޑައިފި

ރަޝިޔާއިން ޔުކްރާނަށް ދެމުންގެންދާ ޢުދްވާނީ ޙަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ޔުކްރޭނުން މިއަދު ރަޝިޔާއާއެކު ސިޔާސީ ގުޅުން ކަނޑައިފިއެވެ. މޮސްކޯއިން ބުނިގޮތުގައި މިއީ ވަރަށް ދެރަ ކަމެކެވެ. މި ކަމުގެ ސަބަބުން ވާހަކަދައްކައިގެން މަސްއަލަ ޙައްލުކުރުމަށް އޮތް ފުރްޞަތު ނެތިގެން ހިނގައްޖެއެވެ.

ޔުކްރޭންގެ ރައީސްގެ އާދޭސް

ރަޝިޔާއިން ޔުކްރޭނަށް ދެމުންގެންދާ ޙަމަލާތައް ދިފާޢު ކުރުމަށް ޓަކައި އެމެރިކާއިންނާ ނޭޓޯއިން އަދިވެސް އެއްވެސް އެހީއެއް ނުދޭކަމަށް ޔުކްރޭނުގެ ރައީސް ޒިލެންސްކީ މިއަދު ވިދާޅުވެ އެ ޤައުމުތަކާ ދެކޮޅަށް ވާހަކަފުޅު ދައްކަވައިފިއެވެ. އޭނާ ވިދާޅުވި ގޮތުގައި "މިއަދަށް ފަހު އަހުރެން ނުފެނިދާނެއެވެ."

ޙައްލަކީ ސިފައިން ވެރިކަމާ ޙަވާލުވުން

މިއަދު މޮސްކޯއިން ޔުކްރޭންގެ ސިފައިންނަށް އެ ޤައުމުގެ ވެރިކަމާ ޙަވާލުވުމަށް ގޮވައިލައިފިއެވެ. މޮސްކޯ ބުނާގޮތުގައި ހަގުރާމަ ފެށުނީ އައު ނާޒީންނާ ހެދިއެވެ. އެމީހުން ބޭރުކުރެވޭނީ ސިފައިން ވެރިކަމާ ޙަވާލުވެ މޮސްކޯއާއެކު ވާހަކަ ދައްކައިގެންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް