Support Us

ޔުކްރޭން ހަނގުރާމަ ނިމޭނީ ކިހާ ހިސާބަކުން؟ ލަފާކުރެވޭ 4 ސީނާރިއޯއެއް

ރޫސީ ސިފައިންނާއި ހަތިޔާރުތައް ޔުކްރޭން ސަރަޙައްދު ކައިރިއަށް ޖަމާކުރަމުންދާތާ މަސްތަކެއްވީއެވެ. އެއަށްފަހު ދެ ފަރާތުގެ ދެމެދުގައި މީޑިއާގައި ހަނގުރާމަ ފެށުނީއެވެ. ދެން ފެނުނީ 24 ފެބްރުވަރީ ވީ ބުރާސްފަތި ވިލޭރޭ ފަތިހު ރައީސް ޕޫޓިން ޔުކްރޭނާ ދެކޮޅަށް ޚާއްޞަ ޢަސްކަރީ އަމަލުތަކެއް ފަށަން އަމުރުކުރެއްވި ތަނެވެ. ޚާއްޞަ ގޮތެއްގައި ޔުކްރޭނުގެ އިރުމަތީ ސަރަޙައްދެއް ކަމުގައިވާ ޑޮންބާސްގައެވެ. ޔުކްރޭންގެ ޚާރިޖީ ވަޒީރު ޑިމިޓްރޯ ކޮލީބާ ޓްވީޓް ކުރައްވައި ރަޝިޔާއިން ވަރަށް ފުޅައު ދާއިރާއެއްގައި ޔުކްރޭނަށް ޙަމަލާދޭން ފަށައިފި ކަމަށް ވިދާޅުވިއެވެ. ރަޝިޔާ ބުނާގޮތުގައި އެ ޤައުމުގެ އަމާޒަކީ ޔުކްރޭން ހަތިޔާރުނެތް ޤައުމަކަށް ހެދުމެވެ.

ޔުކްރޭނާ ދެކޮޅަށް ރަޝިޔާއިން ފެށި ހަނގުރާމައިގެ ސީނާރިއޯތައް

ރޫސީ ރައީސް ޕޫޓިން 21 ފެބްރުވަރީގައި ޑޮންބާސް ސަރަޙައްދުގައި ހިމެނޭ ޑޮނެސްކާއި ލޮގަންސްކް މިނިވަން ދެ ޖުމްހޫރިއްޔާކަމަށް ޤަބޫލުކުރައްވައި އެކަން އިޢުލާން ކުރެއްވުމުން ރަޝިޔާއިން މި ދެ ޖުމްހޫރިއްޔާގައި ޞުލްޙަ ޤާއިމު ކުރުމަށް ޓަކައި ރޫސީ ސިފައިން ފޮނުއްވާނެކަމުގެ ބިރު ފެތުރިގެން ދިޔައެވެ. އެއަށްފަހު އެ ދެ ޖުމްހޫރިއްޔާ ރަޝިޔާގެ ތަންތަން ކަމުގައި ހައްދަވާނެއެވެ. ކްރިމިޔާއަށް 2014 ގައި ރޫސީ ސިފައިން އެ ޖަޒީރާ ހިފައި އެ ތަން ރަޝިޔާގެ ބަޔަކަށް ހެއްދެވި ގޮތަށެވެ.

މި ސީނާރިއޯގެ ފުރަތަމަ ފިޔަވަޅު ރައީސް ޕޫޓިން މި ފެށްޓެވީ ބުރާސްފަތި ވިލޭރޭ ފަތިހުއެވެ. ރަޝިޔާ ސްޕްޓްނިކް ނޫސް އޭޖެންސީ ބުނާގޮތުގައި ރަޝިޔާއާ ޔުކްރޭނާ ދެމެދުގައި ކުރިމަތިލުންތަކެއް ހިނގާނެއެވެ. އެހެނަސް އެއީ ދުވަސްކޮޅެއްގެ ކަމެކެވެ.

ނަމަވެސް ފެންނަ ފެނުމުގައި ރޫސީ ސިފައިން ޑޮންބާސާ ހަމައިން ހުއްޓޭނެހެނެއް ހީއެއް ނުވެއެވެ. ބުރާސްފަތި ދުވަހުން ފެށިގެން ރޫސީ ސިފައިން ޔުކްރޭނަށް ދެމުންދާ ޙަމަލާތައް އެއަށްވުރެ މާ ފުޅަލެވެ. ވެރިރަށް ކިޔީފްގެ އެތައް ސަރަޙައްދުތަކަކަށް ރޫސީ ސިފައިން ވަނީ ޙަމަލާތައް ދީފައެވެ. ރޫސީ ސިފައިން މަސައްކަތް ކުރަމުންދަނީ ޔުކްރޭންގެ އިރު އުތުރުގެ ސަހަރެއް ކަމުގައިވާ ޚާރުކީފް ހިފުމަށް ކަމަށް ފެނެއެވެ.

1- ފުރަތަމަ ސީނާރިއޯ: ޑޮންސްކާއި ލޮގަންސްކް އެއްކޮށް ހިފައި ހުޅަނގު ފަރާތަށް ފުޅައުކުރުން: މި ސީނާރިއޯ ދަނީ ކާމިޔާބު ކުރަމުންނެވެ. ރަޝިޔާއިން މި މަސައްކަތް ވަންހަނާ ގޮތެއްގައި ކުރަމުންދާތާ ހަތް އަހަރު ވެއްޖެއެވެ. ރަޝިޔާއިން 2008ގައި އަޕްޚާޒިޔާއާއި ދެކުނު އޮސްޓިޔާ ސަރަޙައްދު ޖޯރޖިޔާއިން ވަކިކޮށްލި ގޮތަށް ޑޮންސްކާއި ލޮގަންސްކް ޔުކްރޭނުން ވަކިކޮށް ރަޝިޔާގެ ބަޔަކަށް ހެދުމަށް ޓަކައެވެ. ޑޮންބާސް ސަރަޙައްދުގެ ބޮޑު މިނަކީ 52.3 ހާސް އަކަ ކީލޯމީޓަރެވެ. ޑޮންސްކާއި ލޮގަންސަކީ މި ސަރަޙައްދުގެ ތިން ބައި ކުޅަ އެއް ބަޔެވެ. ވަކިވެގަނެ މިނިވަންކަން އިޢުލާންކޮށްފައިވާ މީހުންނާއި ޔުކްރޭން ސިފައިން ތިބީ މި ސަރަޙައްދުގައި އެއްބަޔަކު އަނެއްބަޔަކާ ކުރިމަތިލައިގެންނެވެ. އެއީ 2015ގައި އެއްބަސްވެވުނު މިންސްކް އެއްބަސްވުމާ އެއްގޮތްވާ ގޮތުގެ މަތީން ހަނގުރާމަ ހުއްޓުން އިޢުލާންކޮށްފައިވާ ސަރަޙައްދެކެވެ.

ރައީސް ޕޫޓިން 2019ވަނަ އަހަރު ވަނީ މި ދެ ސަރަޙައްދުގެ މީހުންގެ ތެރެއިން ރަޝިޔާ މީހުންނަށް ވާން ބޭނުންވާ މީހުންނަށް ރޫސީ ޕާސްޕޯޓު ދިނުމާ ބެހޭ ޤަރާރެއް ނެރުއްވައިފައެވެ. މި ޤަރާރުގެ ދަށުން މި ދެ ސަރަޙައްދުން 720 ހާސް މީހަކަށް ވަނީ ރަޝިޔާގެ ރައްޔިތުކަން ލިބިފައެވެ. އެހެންކަމުން އެމީހުންނަކީ ޑޮންބާސް ސަރަޙައްދުގައި ދިރިއުޅޭ ރޫސީވިލާތުގެ ރައްޔިތުންތަކެކެވެ.

ވަކިވެގަންފައިވާ ދެ ސަރަޙައްދުގައި 2020ގައި ވަނީ ރޫސީ ބަސް އެ ދެ ސަރަޙައްދުގެ ރަސްމީ ބަސްކަމުގައި ހަދައިފައެވެ. މި ދެ ސަރަޙައްދުގެ މަދަރުސާތަކުގައި ވަނީ ޔުކްރޭން ބަސް ކިޔަވާދިނުން މަނާކޮށްފައެވެ. އަދި މީގެ އިތުރަށް ޔުކްރޭން ދިދައިގެ ބަދަލުގައި ވަނީ ރޫސީ ދިދަ ނަގަން ފަށައިފައެވެ.

2- ދެވަނަ ސީނާރިއޯ: ރަޝިޔާއާއި ކްރެމިޔާ އެއްގަމު މަގުން ގުޅައިލުމަށް ޓަކައި ދެކުނު ޔުކްރޭނުގެ ބިމުން 300 ކީލޯމީޓަރުގެ ބިމަށް ވެރިވެގަތުން : މި ސީނާރިއޯއަކީ ހުޅަނގުގެ ޖާސޫސީ އިދާރާތަކުގައި ބަހުސްކުރެވިފައިވާ ސީނާރިއޯއެކެވެ.

އިނގިރޭސިވިލާތުގެ އިކޮނޮމިސްޓް މަޖައްލާ ބުނާގޮތުގައި 2014ގައި ރަޝިޔާގެ ބަޔަކަށް ހެދި ކްރެމިއާ ރަޝިޔާއާ ގުޅައިލުމަށް ޓަކައި އެއްގަމުން ބިންކޮޅެއް ބޭނުން ވެއެވެ. މި ކަން ކުރެވޭނީ ޔުކްރޭންގެ އާޒޯފް ކަނޑުގެ އައްސޭރިފަށުން 300 ކީލޯމީޓަރުގެ ބިންކޮޅެއް ރަޝިޔާއަށް ލިބިގެންނެވެ. މި ކަމުގެ ސަބަބުން ރަޝިޔާގެ އަތްގަދަކުރުން ފުޅައުކުރެވޭނެއެވެ. އަދި މިއީ ރައީސް ޕޫޓިން ބިނާކުރައްވަން ބޭނުންފުޅުވާ ނޮވޯރޫސިޔާ (އައު ރަޝިޔާ) ބިނާކުރުމަށް ބޭނުންވާ ކަމެކެވެ. މިއީ ރަޝިޔާ އިމްބަރާޠޫރިއްޔަތުގެ ދަށުގައި އޮތް ތާރީޚީ ސަރަޙައްދެކެވެ. މި ސަރަޙައްދު ލިބުމުން ކްރެމިއާއަށް ބޭނުންވާ ފެނުގެ ދަތިކަން ފިލައިގެން ދާނެއެވެ.
ރަޝިޔާއިން އެ ޤައުމުގެ ހުޅަނގު ފަރާތަށް ޖަމާކޮށްފައިވާ ޢަސްކަރީ ބާރުތަކަށް މި މަސައްކަތް ކުރެވޭނެ ކަމަށް ހުޅަނގުގެ ޖާސޫސީ އިދާރާތަކުން ބުނެއެވެ.

3- ތިންވަނަ ސީނާރިއޯ: ޔުކްރޭންގެ ވެރިރަށް ހިފައި މިހާރުގެ ސަރުކާރު ވައްޓައިލުން: ތިންވަނަ ސީނާރިއޯއަކީ ޔުކްރޭނުގެ ވެރިރަށް ކިޔީފް އެކަށް ހިފުމަށްފަހު ޔުކްރޭނުގެ މިހާރުގެ ސަރުކާރު ވައްޓައިލުމެވެ. މި ސަރުކާރު ވައްޓައިލުމަށްފަހު ޔުކްރޭނުގައި ޤާއިމު ކުރެވޭނީ މޮސްކޯއަށް ވަފާތެރި ސަރުކާރެކެވެ. މިއީ "ބޯ ކަނޑައިލުމުގެ" ސީނާރިއޯއެވެ. މި ކަން ރަޝިޔާއަށް ކުރެވޭނީ ބުރަތަކަކާއި ތަކްލީފުތަކެއް އުފުއްލައިގެންނެވެ. ޔުކްރޭންގެ ބޮޑު ސަރަޙައްދެއް ހިފައިގެންނެވެ. ޔުކްރޭންގެ ޢަސްކަރީ ބިނާރުތައް ފުޑުފުޑުކޮށްލައިގެންނެވެ. ހުޅަނގާއެކު ގުޅުން ކަނޑަން އެއްބަސްކުރެވޭނީ މި ފަދަ ޢަމަލުތަކަކުންނެވެ.

އިނގިރޭސިވިލާތުގެ ގާރޑިއަން ނޫސް ބުނާގޮތުގައި ކިޔީފް ހިފޭނީ ބިލަރޫސްގެ އެހީ ލިބިގެންނެވެ. ކިޔީފަކީ ބިލަރޫސާ ކައިރީގައި އޮންނަ ރަށަކަށް ވާތީއެވެ. ބިލަރޫސް ތެރެއިން ލައިފައި ޔުކްރޭނަށް ވަދެ ރޫސީ ސިފައިންނަށް ކިޔީފް ޙީޞާރު ކުރެވިދާނެއެވެ.

ވޭތުވެދިޔާ ދެތިން ހަފުތާގައި ރަޝިޔާއާއި ބިލޫރޫސް ގުޅިގެން ޢަސްކަރީ ތަމްރީނުތަކެއް ވަނީ ބާއްވައިފައެވެ. މީގެއިތުރަށް ރަޝިޔާ- ބިލަރޫސް ސަރަޙައްދު ކައިރީގައި ރޫސީން ވަނީ ދިފާޢީ މިސައިލްގެ ނިޒާމުތައް ބަހައްޓައިފައެވެ. ދާރިސުން ލަފާކުރިގޮތަށް ރޫސީ ސިފައިން ކިޔީފަށް ވަދެފައިވަނީ ބިލަރޫސް ތެރެއިންނެވެ. ރޫސީ ސިފައިން މިހާރު ވަނީ ޗަރްނޯބަލް ނިޔުކްލިއަރ ސްޓޭޝަން ހިފައިފައެވެ.

ދާރިސުން ވިދާޅުވާގޮތުގައި މީސް ބޯ ސަހަރުތައް ހިފުމަކީ ރަޝިޔާއަށް ވަރަށް ނުރައްކާތެރި ކަމަކަށް ވާނެއެވެ. ކިޔީފަކީ ތިން މިލިޔަން މީހުން އުޅޭ ސަހަރެކެވެ. ދެވަނައަށް އެންމެ ބޮޑު ސަހަރު ޚާރުކީފަކީ 1.5 މިލިއަން މީހުން އުޅޭ ރަށެކެވެ.ދާރިސުން ވިދާޅުވާ ގޮތުގައި ރޫސީ ސިފައިން ފުރަތަމަ ޙިޞާރު ކުރާނީ ޚަރުކީފެވެ. މި ސަހަރު ޙިޞާރު ކުރުމަށްފަހު ވެރިރަށް ކިޔީފުން މަދަދު ނުފޮނުވޭ ގޮތަށް ހަދައިލުމުން ޚާރުކީފު އަމާން ދޭނެއެވެ. އެއަށްފަހު އަންނާނީ ކިޔީފުގެ ދައުރެވެ.ރަޝިޔާ ސިފައިން ބިލަރޫސްގައި ދާއިމީ ސިފައެއްގައި ތިބެވޭނެ ގޮތް ތަނަވަސްވުމުން ނޭޓޯގެ އިރުމަތީ ސަރަޙައްދުގެ ޖައްވީ ބާރު ކަނޑުވައިލުމަށް ބޭނުންވާ ވަސީލަތްތައް ތަނަވަސްވެގެން ދާނެއެވެ.

4- ޔުކްރޭންގެ ސަރުކާރު ކުޑަކަކޫ ޖެއްސުމަށް ޓަކައި ދިގު މުއްދަތަކަށް ޔުކްރޭން ފެލައިލުން: މި ސީނާރިޔޯގައި ހިމެނެނީ ޔުކްރޭން އެކަށް ނުހިފައި ޔުކްރޭނުގެ ސަރުކާރު ބަލިކަށިކޮށްލުމެވެ. މި ސީނާރިޔޯގައި ރަޝިޔާއިން މަސައްކަތް ކުރާނީ އެ ޤައުމުގެ ސިފައިންނަށް މާ ބޮޑު ގެއްލުމަކާ ނުލައި ޔުކްރޭންގެ ހުރިހާ ބިނާރުތަކެއް ހަލާކޮށްލައި ޚިދްމަތް ނުދެވޭގޮތް ހަދައި ވާކޮށްލުމެވެ.ރަޝިޔާއިން ޗަރްނޯބަލް ހަކަތަ ސްޓޭޝަން ހިފުން މި ހިމެނެނީ މި ރޭވުމުގެ ތެރޭގައެވެ. ރަޝިޔާއިން މި ސީނާރިއޯގައި ބޭނުން ކުރާނީ 1999ގައި ނޭޓޯއިން ސަރބިޔާއަށް ޙަމަލާދިނުމުގައި ބޭނުންކުރި އުކުޅުތަކެވެ. ރަޝިޔާގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުންނާއި ކްރޫޒް މިސައިލްތަކުން ދޭ ޙަމަލާތަކުންނާއި ރަޝިޔާގެ ސައިބަރާނީ ޙަމަލާތަކުން މި މަސައްކަތްތައް ކާމިޔާބު ކުރެވިދާނެ ކަމަށް ދާރިސުން ވިދާޅުވެއެވެ.

މިހާރު ހިނގަމުންދާ ހަނގުރާމައަށް ބަލާއިރު ރަޝިޔާގެ ޢަސްކަރީ މަސައްކަތުގެ ތެރޭގައި މި ހަތަރު ސީނާރިއޯވެސް ހިމެނިފައިވާ ތަން ފެނެއެވެ. އެމެރިކާގެ ނޫސްތަކާއި ޚަބަރު ފަތުރާ ވަސީލަތްތައް ނިމުތު ކުރާގޮތުގައި ކުރިއަށް އޮތް ހަތަރުފަސްދުވަހުގެ ތެރޭގައި ރަޝިޔާއިން ބޭނުންކަންތައް ކޮށް ނިންމައިލާނެއެވެ. އެމެރިކާއާއި ހުޅަނގުން ޔުކްރޭނަށް އެހީވުމަށް ޓަކައި މާ ބޮޑު ކަމެއް ކުރަމުންދާ ތަނެއް ނުފެނެއެވެ. ދަތި ކުރުމުގެ ފިޔަވަޅުތަކުން މި ޒަމާނުގައި މާބޮޑު ފައިދާއެއް ނުކުރާނެކަން އެންމެން ވެސް ދަނެއެވެ. އެންމެ ރަނގަޅު މިސާލަކީ އީރާނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް