ރަޝިޔާއިން ޔުކްރޭނަށް ފުރަތަމަ ދުވަހު ދިން ޙަމަލާތައް ކަނޑައަޅައިފައިވާ ގޮތަށް ކާމިޔާބުކަމާއެކު ކުރިއަށް ގޮސްފައިވާ ކަމަށް މޮސްކޯއިން ބުނެފިއެވެ.
ރަޝިޔާއިން ޔުކްރޭނުގައި ހިންގަމުންދާ ޢަސްކަރީ ޢަމަލުތައް ފުޅައުވަމުން ދާތީ ރޫސީ ރައީސް ޕޫޓިން ރޭ ވަނީ އެ ޤައުމުގައި ޢާންމު މޮބިލައިޒޭޝަން އިޢުލާނު ކުރައްވައިފިއެވެ. ހަމަ އެފަދައިން ޔުކްރޭންގެ ރައީސް ޒިލެންސްކީ ވެސް ވަނީ އެ ޤައުމުގައި އިއްޔެ ޢާންމު މޮބިލައިޒޭޝަން އިޢުލާން ކުރައްވައިފިއެވެ. އަދި ހަނގުރާމައިގައި ބައިވެރިވުމުގެ ޤާބިލުކަމާއި ދުޅަހެޔޮކަން ލިބިފައިވާ ކުރީގެ ސިފައިން ހަނގުރާމައަށް ތައްޔާރުވުމަށް ވަނީ ގޮވައިލައްވައިފައެވެ.
ރަޝިޔާއިން ޔުކްރޭނަށް ޢަސްކަރީ ޙަމަލާތައް ދެމުން ގެންދާތީ ހުޅަނގުގެ ޤައުމުތަކުގައްޔާއި ދުނިޔޭގެ އެތަންމިތާނގައި ރަޝިޔާ އާއި ރައީސް ޕޫޓިނާ ދެކޮޅަށް އިއްޔެ ވަނީ މުޒާހަރާތައް ކުރަން ފަށައިފައެވެ. ޔޫރަޕްގެ ޤައުމުތަކުގެ އިތުރަށް އިސްތަންބޯލުގައްޔާއި ލުބްނާނުގައްޔާއި ޓައިވާނާއި ޖަޕާނު ފަދަ ޤައުމުތަކުގައި ވެސް ރަޝިޔާ ކުށްވެރިކުރާ ބޮޑެތި މުޒާހަރާތައް ރޭ ވަނީ ބާއްވައިފައެވެ.
މަސައްކަތް ކާމިޔާބު
ރަޝިޔާގެ ދިފާޢީ ވުޒާރާގެ ތަރްޖަމާނު އީގޯރު ކޮޝްނަކޯފު ރޭ ނޫސްވެރީންނަށް ހާމަކުރެއްވި ގޮތުގައި "ރަޝިޔާ އިއްތިޙާދުގެ ޢަސްކަރީ ބާރުތަކަށް ކުރާން ޙަވާލުކުރެވުނު ހުރިހާ މަސައްކަތްތަކެއް އެމީހުން ވަނީ ކާމިޔާބުކަމާއެކު ކޮށް ނިންމައިފައެވެ."
ރަޝިޔާއިން ޔުކްރޭނުގެ ހުރިހާ ހިސާބުތަކަކަށް ދިން ވައިގެ ޙަމަލާތަކުގެސަބަބުން އެތައް ބަޔަކު މަރުވެ އެތައް ބަޔަކު ޒަޚަމުވެފައިވާ ކަމަށް ޔުކްރޭނުން ބުންޏެވެ. ޔުކްރޭން ބުނާގޮތުގައި އިއްޔެގެ ޙަމަލާތަކުގައި 57 މީހަކު މަރުވިއެވެ. ޔުކްރޭނުގެ ޞިއްޙަތާ ބެހޭ ވަޒީރު އުލޭ ލިޔާޝްކޯ ވިދާޅުވި ގޮތުގައި 167 މީހަކު ޒަޚަމުވެގެން ހަސްފަތާލުތަކަށް ގެންދެވުނެވެ.
ރަޝިޔާގެ އިންޒާރު
އެމެރިކާއާއި ހުޅަނގުގެ ޤައުމުތަކުން ރަޝިޔާ ކުށްވެރިކޮށް އެ ޤައުމާ ދެކޮޅަށް ތަފާތު ބާވަތްބާވަތުގެ ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންދާތީ ރަޝިޔާއިން މި ކަން ކުށްވެރިކޮށްފިއެވެ. ޔޫރަޕްގެ މި ފިޔަވަޅުތަކަށް ރަޝިޔާއިން "ހަރުކަށި" ރައްދެއް ދޭނެކަމަށް ރަޝިޔާގެ ޚާރިޖިއްޔާއިން ބުންޏެވެ. އިރުމަތީ ޔުކްރޭނުގައި ވަކިވެގަންފައިވާ ދެ ސަރަޙައްދަށް އެހީވުމާއި މި ދެ ސަރަޙައްދު ޙިމާޔަތް ކުރުމަށް ބޭނުންވާ އެހީ ދިނުން ހުއްޓައިނުލާނެ" ކަމަށް އެ ވުޒާރާއިން ބުންޏެވެ.
ރަޝިޔާގެ ޚާރިޖިއްޔާގެ ބަޔާނުގައި އައިސްފައި ވެއެވެ. "ބައިނަލް އަޤްވާމީ ޤާނޫނުގައިވާ ފަދައިން ތެޔޮ ހަމަކަށް ތެޔޮ ހަމެއް ދޭނަމެވެ. އެމީހުން އަޅާ ކޮންމެ ފިޔަވަޅަކަށް އަހުރެމެން ވެސް ފިޔަވަޅެއް އަޅާނަމެވެ."
ޔޫރަޕްގެ އިއްތިޙާދުގެ ޤައުމުތަކުންނާއި އިޤްތިޞާދީ އެންމެ ބޮޑު ހަތް ބާރުން ރޭ ވަނީ ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ އެތައް ފިޔަވަޅުތަކެއް އަޅަން ނިންމައިފައެވެ. އެ ޤައުމުތަކުން ބުނާގޮތުގައި "މި ފިޔަވަޅުތަކުގެ ސަބަބުން ރަޝިޔާގެ އިޤްތިޞާދަށް ނައްސި އަސަރުތަކެއް ކުރާނެއެވެ."
ފުނޑައިލުމުގެ ހަނގުރާމަތަކެއް
ޔުކްރޭނުން ރޭ ހާމަކުރިގޮތުގައި ކިޔީފު ސަރަޙައްދުގައި އޮންނަ ހޮސްޓޯމީލް ވައިގެ ބަނދަރު ޔުކްރޭން ސިފައިން ރޭ ރަޝިޔާ ސިފައިންގެ އަތުން އަތުލައިފިއެވެ. އެހެނަސް ރަޝިޔާ ސިފައިން އެތައް ގަޑިއިރެއްގެ ހަނގުރާމައަކަށް ފަހު ޗަރްނޯބަލް ނިޔުކްލިޔަރ ސްޓޭޝަން ރަޝިޔާއިން ރޭ ހިފައިފިއެވެ. ޔުކްރޭނުގެ ދާޚިލިއްޔާއިން ބުނާގޮތުގައި ރޫސީ ސިފައިން ޗަރްނޯބަލް ސްޓޭޝަން ހިފީ ބިލޯރޫސް މަގުން ވަދެގެންނެވެ.



advertisment