Support Us

ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުން

ރަޝިޔާގެ "ޢުދްވާނީ ޙަމަލާއަށް" އެމެރިކާ ވަރުގަދައަށް ރައްދުދޭނަން: ބައިޑްން

ރަޝިޔާއިން ޔުކްރޭނާ ދެކޮޅަށް ދެމުންގެންދާ "ޢުދްވާނީ ޙަމަލާއަށް" އެމެރިކާއާއި އެމެރިކާގެ އެކުވެރީން ވަރުގަދައަށް ރައްދު ދޭނެ ކަމަށް ރައީސް ބައިޑްން ވިދާޅުވެއްޖެއެވެ. މި ޙަމަލާ ސިފަކުރައްވައި ޖަރްމަނުގެ މުސްތަޝާރު ވިދާޅުވި ގޮތުގައި "މިއީ ޔޫރަޕަށް ކަޅު ދުވަހެކެވެ."

ރަޝިޔާއިން ޔުކްރޭނާ ދެކޮޅަށް ޢަސްކަރީ ޢަމަލުތަކެއް ފަށައިފިކަން ރައީސް ޕޫޓިން އިޢުލާން ކުރެއްވުމުން ރައީސް ބައިޑްން ވިދާޅުވިއެވެ. "އެމެރިކާއާއި އެމެރިކާގެ ބައިވެރީން އެއްބަސްކިޔައިގެން އެއް ވާނަކަށް މޮސްކޯއާ ދެކޮޅަށް ފިޔަވަޅު އަޅާނެއެވެ."

ބައިޑްން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "ރަޝިޔާއިން ހަނގުރާމަ އިޚްތިޔާރު މި ކުރީ ދުރާލައި ރާވައިގެންނެވެ. މި ކަމުގެ ސަބަބުން އިންސާނީ އެތައް މުޞީބާތްތަކެއް ކުރިމަތިވާނެއެވެ. އެތައް ފުރާނަތަކެއް މަރުވެގެންދާނެއެވެ." ބައިޑްން ސިފަކުރެއްވި ގޮތުގައި ރަޝިޔާގެ މި ޢަމަލަކީ އެއްވެސް ބަހަނާއެއް އޮތް ކަމެއްނޫނެވެ.

ވައިޓްހައުސް ބުނިގޮތުގައި ރައީސް ބައިޑްން ދަނީ އޭނާގެ އިސް މުޝީރުންގެ އަރިހުން މަޢުލޫމާތު ހޯއްދަވަމުންނެވެ. އަދި ޔުކްރޭނުގެ ކަންތައްތައް ދަނީ ވަރަށް ގާތުން ބައްލަވަމުންނެވެ.

ރައީސް ބައިޑްން މިއަދު ހެނދުނު ޔުކްރޭންގެ ރައީސް ޒިލެންސްކީއާ ފޯނުން ގުޅުއްވާ ކަންތައްތައް ހިނގަމުންދާ ގޮތާ ބެހޭ ގޮތުން މަޢުލޫމާތު ހޯއްދެވިއެވެ. ޔުކްރޭންގެ ސަރުކާރަށާއި ރައްޔިތުންނަށް އެމެރިކާއިން އެހީއާއި މަދަދު ދޭނެކަމުގެ ޔަޤީންކަން ރައީސް ބައިޑްން ދެއްވިއެވެ.

ހަތް ޤައުމުގެ (އެމެރިކާއާއި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ޖަރްމަނާއި އިޓަލީއާއި ކެނެޑާއާއި ޖަޕާނު) ވެރީންނާއެކު މިރޭ ރައީސް ބައިޑްން މި މަސްއަލައާ ބެހޭގޮތުން ބަޙުސް ކުރައްވާނެއެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު ބްލިންކެން ހާމަކުރެއްވި ގޮތުގައި ރަޝިޔާއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ހުޅަނގުގެ ބާރުތައް އޮތީ ޢަޒްމު ކަނޑައަޅައިގެންނެވެ. ސީބީއެސް އާ ބައްދަލު ކުރައްވަމުން ބްލިންކެން ވިދާޅުވިއެވެ. "ރަޝިޔާއިން ހޫނުކުރަމުންދާ ވަރަކަށް އެމެރިކާއިން ވެސް ހޫނުކުރަމުންދާނެއެވެ."

ޔުކްރޭނުން ވަކިވެގަންފައިވާ ދެ ސަރަޙައްދުގެ މިނިވަންކަން މޮސްކޯއިން ޤަބޫލު ކުރުމުން އެމެރިކާއާއި ހުޅަނގާއި ޖަޕާނުން ވަނީ ރަޝިޔާއާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅައިފައެވެ.

ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުން

އެމެރިކާގެ މަޝްރޫޢެއް

އެމެރިކާއިން ބުނާގޮތުގައި ރަޝިޔާ ކުށްވެރިކުރާ ޤަރާރެއް ސަލާމަތީ މަޖިލީހަށް އެމެރިކާއިން މިއަދު ހުށައަޅާނެއެވެ. އަދި މި ޤަރާރަށް މާދަމާ (ހުކުރުދުވަހު) ވޯޓަށް އެހޭނެއެވެ. ސަލާމަތީ މަޖިލީހުގައި ރަޝިޔާއަށް ވީޓޯ ކުރުމުގެ ބާރު ލިބިފައިވާތީ ސަލާމަތީ މަޖިލީހުން ރަޝިޔާއާ ދެކޮޅަށް އެއްވެސް ޤަރާރެއް ފާހެއް ނުކުރެވޭނެކަން އެމެރިކާއަށް އެނގެއެވެ. ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވުމަށް އެދުނީ ޔުކްރޭނުންނެވެ.

މި މަސްއަލައާމެދު ވާހަކަފުޅު ދައްކަވަމުން އެމެރިކާގެ ސަފީރާ ލިންޑާ ތޯމަސް ގްރީންފީލްޑް ވިދާޅުވި ގޮތުގައި ރަޝިޔާއިން ޔުކްރޭނަށް ދިން ޢުދްވާނަކީ އދ މަޖިލީހަށާއި ސަލާމަތީ މަޖިލީހަށް ދިން ޢުދްވާނެކެވެ.

ރަޝިޔާއިން ޔުކްރޭނަށް ދެމުންގެންދާ ޙަމަލާތައް އިނގިރޭސިވިލާތުންނާއި ފަރަންސޭސި ވިލާތުންނާއި ޖަރްމަނުން ކުށްވެރި ކުރިއެވެ. މޮސްކޯއިން މި ކަމުގެ މަސްއޫލިއްޔަތު ތަޙައްމުލުކުރާން ޖެހޭނެކަމަށް މި ތިން ޤައުމުން ބުންޏެވެ. އދގެ އަމީން ޢާންމު ގުޓަރެސް ވަގުތުން މި އަރާރުން ހުއްޓައިލުމަށް ގޮވައިލެއްވިއެވެ.

ރަޝިޔާގެ މަންދޫބު ވިދާޅުވިގޮތުގައި ރަޝިޔާއިން ޔުކްރޭނުގެ ރައްޔިތުންނަށް ޙަމަލާއެއް ނުދެއެވެ. ރަޝިޔާ މި ދޭ ޙަމަލާއަކީ ޔުކްރޭންގެ އަނިޔާވެރި ސަރުކާރާ ދެކޮޅަށް ދޭން ޖެހުނު ޙަމަލާއެކެވެ.

ޗައިނާގެ ސަފީރު ވިދާޅުވި ގޮތުގައި ޑިޕްލޮމެޓިކް ޙައްލެއް ގެނައުމަށް ބޭނުންވާ ދޮރު އަދިވެސް ހުރީ ހުޅުވިފައެވެ.

ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް

ޔޫރަޕްގެ އިއްތިޙާދުން ސިފަކުރިގޮތުގައި ރަޝިޔާގެ މި ޙަމަލާއަކީ ވަރަށް އިންސާނިއްޔަތުކަމެއް ނެތް ވަލުޖަނަވާރީ ޙަމަލާއެކެވެ. މި އިއްތިޙާދުގެ ވެރީންގެ ކުއްލި ބައްދަލުވުމެއް މި ރޭ ބޭއްވޭނެއެވެ. ޔޫރަޕްގެ އިއްތިޙާދުގެ ޚާރިޖީ ސިޔާސަތާއި ސަލާމަތާ ބެހޭ މަސްއޫލުވެރިޔާ ޖޯޒިޕް ބޮރިލް ރަޝިޔާ ކުށްވެރި ކުރައްވަމުން ވިދާޅުވިއެވެ. "މީގެ ކުރިން ދުވަހަކު ވެސް އަޅައިފައިނުވާފަދަ  ދަތި ކުރުމުގެ ފިޔަވަޅުތަކެއް ރަޝިޔާއާ ދެކޮޅަށް އަހުރެމެން އަޅާނަމެވެ." އޭނާ ވިދާޅުވިގޮތުގައި ޔޫރަޕްގެ އިއްތިޙާދުން ރަޝިޔާގެ ޙަމަލާތަކާ ކުރިމަތިލުމަށް ޓަކައި ޔުކްރޭނަށް އަވަސް އެހީ ފޮނުވާނެއެވެ.

ޗައިނާގެ ޚާރިޖިއްޔާގެ ތަރްޖަމާނު

ރުޅިމަޑުކުރުމަށް ޗައިނާއިން ގޮވައިލައިފި

އަނެއްކޮޅުން ބަލާއިރު މި މަސްއަލާގައި ޗައިނާއިން ގެންގުޅެނީ ދޭތެރެމެދުގެ ސިޔާސަތެކެވެ. ޗައިނާގެ ޚާރިޖިއްޔާއިން ބުނިގޮތުގައި އެމެރިކާ ގޮތަށް ޗައިނާއިން މި މަސްއަލައިގެ އެއްވެސް ފަރާތަކަށް ހަތިޔާރެއް ނުދޭނެއެވެ. ޗައިނާއިން އެދެނީ ނަފްސު ހިފަހައްޓައިގެން އޮވެ ވާހަކަ ދައްކައިގެން މަސްއަލަ ޙައްލު ކުރުމަށެވެ. އެ ޤައުމުން މި ދަނީ މަސްއަލަ ވަރަށް ގާތުން ބަލަމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *