ރަޝިޔާއިން ޔުކްރޭނާ ދެކޮޅަށް ރޭ ފަތިހު ޢަސްކަރީ ޙަމަލާތައް ފަށައިފި ކަމަށް ރޫސީ ރައީސް ޕޫޓިން އިޢުލާން ކުރައްވައިފިއެވެ.
ރަޝިޔާއިން މި ޙަމަލާތައް ފެށީ މިސައިލް ޙަމަލާތަކުންނެވެ. ޔުކްރޭންގެ ވެރިރަށް ކިޔީފުގައި އިންޒާރުގެ ކަށިގަނޑުތައް އެޅެމުންދާއިރު އެ ސަހަރުގެ އެތައް ހިސާބެއްގައި ބާރުގަދަ ގޮވުންތައް ގޮވަމުންދާ ކަމަށް ކިޔީފުން ބުންޏެވެ. ކިޔީފު ބުނާގޮތުގައި ރަޝިޔާ ސަރަޙައްދު ކައިރީގައި އޮންނަ ރަށްތަކަށާއި ޔުކްރޭންގެ އައްސޭރިފަށުގެ ރަށްތަކަށް ރަޝިޔާއިން ދަނީ ޙަމަލާދެމުންނެވެ. އެމެރިކާގެ ވޯލް ސްޓްރީޓް ޖަރނަލް ޔުކްރޭނުގެ މަސްއޫލުވެރިއަކާ ޙަވާލާދީ ބުނިގޮތުގައި ރަޝިޔާގެ ވައިގެ ޙަމަލާތަކާއި މިސައިލް ޙަމަލާތަކުގެ ސަބަބުން ޔުކްރޭންގެ އެތައް ސަތޭކަ ސިފައިންނެއް މަރުވިއެވެ.
ޖަޒީރާ ބުނާގޮތުގައި ޔުކްރޭންގެ ވެރިރަށް ކިޔީފުގެ ބޮޑެތި ޢިމާރާތްތަކަށާއި ޢާއްމު ޚިދްމަތްދޭ އެތައް ވަސީލަތްތަކަކަށް ރަޝިޔާއިން ޙަމަލާދިނެވެ. ޔުކްރޭންގެ ދާޚިލިއްޔާއިން ބުނާގޮތުގައި ރަޝިޔާގެ ޙަމަލާގެ ސަބަބުން ކިޔީފުން އެކަކު މަރުވެ އެތައް ބަޔަކު ޒަޚަމުވިއެވެ. އޭގެފަހުން ބުނިގޮތުގައި ރަޝިޔާގެ ވައިގެ ޙަމަލާތަކުގެ ސަބަބުން ހަތް މީހަކުވެ މަރުވެ ނުވަ މީހަކު ޒަޚަމުވިއެވެ.
ޖަޒީރާ ބުނާގޮތުގައި ޔުކްރޭނުގެ ދެވަނައަށް އެންމެ ބޮޑު ސަހަރު ޚާރުކީފުން ގޮވާ އެއްޗެހިތައް ގޮވަމުންދާ އަޑު އިވުނެވެ. އަދި ޔުކްރޭނުގެ އިރުމަތީ ސަރަޙައްދުގެ މުހިއްމު ރަށެއް ކަމުގައިވާ ކްރަމަޓޯސްކް ގައި ބާރުގަދަ ހަތަރު އެއްޗެއް ގޮވި އަޑު އިވުނެވެ.
ކަޅު ކަނޑުގެ އައްސޭރީގައި އޮންނަ ޔުކްރޭންގެ އޮޑީސާގައި އެމްބިޔުލެންސްތައް ސައިރަން އަޅަމުން ކޮޅުކޮޅަށް ދާ ތަން ފެނުނެވެ. އަދި ރަށުގެ އެކި ހިސާބުގައި ބާރުގަދަ އެއްޗެހިތައް ގޮވަމުންދާ އަޑު ވެސް އިވުނެވެ. އޮޑީސާއަކީ ރަޝިޔާގެ ސަރަޙައްދީ ރޮނގާ ކައިރީގައި އޮންނަ ރަށެކެވެ.
ޔުކްރޭން ބުނާގޮތުގައި ރަޝިޔާއަށް ތާއީދު ކުރާ ޑޮންބާސް ސަހަރުގައި ރޫސީ ސިފައިން ޢަސްކަރީ މަސައްކަތްތަކެއް ފަށައިފިކަން ރައީސް ޕޫޓިން އިޢުލާން ކުރެއްވުމާއެކު ރަޝިޔާއިން ދަނީ ފުޅައު ދާއިރާއެއްގައި ޔުކްރޭނަށް ޙަމަލާތައް ދެމުންނެވެ.
ޔުކްރޭނުގެ ރައީސް ޒިލެންސްކީ ވިދާޅުވިގޮތުގައި ޔުކްރޭންގެ ބިނާރުތަކަށާއި ސަރަޙައްދީ ފާރަވެރީންނަށް ރަޝިޔާއިން ދަނީ ޙަމަލާތައް ދެމުންނެވެ. އޭނާ ހާމަކުރެއްވި ގޮތުގައި ޔުކްރޭންގެ ވަރަށް ގިނަ ސަހަރުތައް މިހާރު ދަނީ ގޮވަމުންނެވެ. އޭނާ ހާމަކުރެއްވި ގޮތުގައި ޔުކްރޭނުގައި މިހާރުވަނީ މާޝައްލޯ އިޢުލާން ކުރެވިފައެވެ. މި ޢުދްވާނާ ބެހޭގޮތުން އެމެރިކާގެ ރައީސް ބައިޑްނާއެކު ފޯނުން ގުޅުއްވި ކަމަށް ވެސް ރައީސް ޒިލިސެންކީ ވިދާޅުވިއެވެ.
ވައިގެ ޙަމަލާތައް
ޔުކްރޭނުގެ އިންޓަރފެކްސް ނޫސް އޭޖެންސީ ބުނާގޮތުގައި ޔުކްރޭނުގެ އެންމެހާ ހިސާބުތަކެއްގައި ހުރި ޢަސްކަރީ މަރްކަޒުތަކަށް ރަޝިޔާއިން މިސައިލް ޙަމަލާތައް ވަނީ ދީފައެވެ. އަދި ރަޝިޔާ ސިފައިން ޔުކްރޭނުގެ އޮޑީސާ ސަހަރަށާއި މާރިޔޯޕޯލް ސަހަރަށް ވަނީ ބާލައިފައެވެ. މި ނޫސް އޭޖެންސީ ބުނާގޮތުގައި ކިޔީފުގެ ވައިގެ ބަނދަރު މިހާރު ވަނީ ބަންދު ކޮށްފައެވެ.
އެކަމަކު ޔުކްރޭން ސިފައިން ބުނާގޮތުގައި ރަޝިޔާ ސިފައިން އޮޑީސާ ސަހަރަކަށް ނުފައިބައެވެ. ޔުކްރޭނުގެ ވައިގެ ބާރުތަކުން ދަނީ ރަޝިޔާގެ ޙަމަލާތައް މައިތިރި ކުރެވޭތޯ ބަލަމުންނެވެ. ޔުކްރޭންގެ ދިފާޢީ ވަޒީރު ހާމަކުރެއްވި ގޮތުގައި ޔުކްރޭނުގެ އިރުމަތީ ސަރަޙައްދުގެ ވައިގެ ބަނދަރުތަކަށާއި ޢަސްކަރީ މަރްކަޒުތަކަށާއި ސިފައިންގެ ކޮށިތަކަށް ރަޝިޔާއިން ދަނީ ޙަމަލާދެމުންނެވެ.
ޔުކްރޭނުގެ ދާޚިލީ ވުޒާރާގެ މަސްއޫލުވެރިޔަކާ ޙަވަލާދީ ޔުކްރަނިސްކާ ޕްރާވްޑާ ނޫސް އޭޖެންސީ ބުނާގޮތުގައި ކިޔީފާއި ޚާރުކީފުގައި ހުންނަ ސިފައިންގެ މައި މަރްކަޒުތަކަށް ރަޝިޔާގެ މިސައިލްތަކުން ޙަމަލާދިނެވެ.
އިންޓަރފެކްސް ބުނާގޮތުގައި ވަކިވެގަންފައިވާ ސަރަޙައްދުތަކުގެ ސިފައިން ރޫސީންގެ އެހީގައި މިހާރު ދަނީ ލޮގަންސްކް ސަރަޙައްދުގައި އޮންނަ ޝްޝާސްޓިޔާ ސަހަރަށް ޙަމަލާ ދެމުންނެވެ. އެމީހުން ބުނާގޮތުގައި ލޮގާންސްކްގެ ދެ ރަށެއް މިހާރު ވަނީ ހިފައިފައެވެ.
ވައިގެ ސަރަޙައްދު ބަންދުކޮށްފި
އަނެއްކޮޅުން ރަޝިޔާ ބުނާގޮތުގައި ޔުކްރޭނިޔާއާއި ބިލޯރޫސާ އިންވެގެން އޮންނަ ރަޝިޔާ ސަރަޙައްދު މިހާރު ވަނީ މަދަނީ މަތިންދާބޯޓުތަކަށް ބަންދު ކޮށްފައެވެ. ޢަސްކަރީ ޙަމަލާތަކެއް ރަޝިޔާއިން ފަށައިފައިވާތީ އެ ސަރަޙައްދަކީ އަމާން ސަރަޙައްދެއްނޫންކަމަށް މޮސްކޯއިން ބުންޏެވެ.
ތެލުގެ އަގު މައްޗަށް
ރަޝިޔާއިން ޢަސްކަރީ ޢަމަލުތަކެއް ރޭ ފަތިހު ފަށައިފިކަން ރައީސް ޕޫޓިން އިޢުލާން ކުރެއްވުމާ ވިދިގެން ބާޒާރުގައި ތެޔޮ ވަނީ ވަރަށް މައްޗަށް ގޮސްފައެވެ. މިއަދު ތެޔޮ ފީފާއެއްގެ އަގު ވަނީ 100 ޑޮލަރަށް މައްޗަށް ގޮސްފައެވެ. މިއީ ހަތް އަހަރުގެ ތެރޭގައި ތެލުގެ އަގު މިހާ މައްޗަށް އުފުލުނު ފުރަތަމަ ފަހަރެވެ.
ޕޫޓިން: ހަތިޔާރު ނެތް ސަރަޙައްދަކަށް ޔުކްރޭން ހެދުން
ރަޝިޔާއިން ޔުކްރޭނަށް ދެމުންގެންދާ ޙަމަލާތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރަޝިޔާގެ ރައީސް ޕޫޓިން ވިދާޅުވިއެވެ. "މޮސްކޯ އިން ބޭނުން ވަނީ ހަތިޔާރު ގެންގުޅުން މަނާ ސަރަޙައްދަކަށް ޔުކްރޭން ހަދައި ޔުކްރޭންގެ ނާޒީ އައު ޒަޢަމާތު ނައްތައިލުމަށެވެ." އޭނާ ވިދާޅުވި ގޮތުގައި ޔުކްރޭންގެ ބިން ހިފުމުގެ އެއްވެސް ގަސްތެއް ނެތެވެ. އޭނާ ވިދާޅުވިއެވެ. "ލޭ އޮހޮރުވުމުގެ ހުރިހާ ޒިންމާއެއް އުފުލަން ޖެހޭނީ ޔުކްރޭނަށެވެ." ރޫސީ ރައީސް އިންޒާރު ކުރައްވަމުން ވިދާޅުވިއެވެ. "ބިދޭސީ އެއްވެސް ބާރެއް ޔުކްރޭނަށް އަތުވެއްޖެނަމަ ރަޝިޔާއިން ވަރުގަދައަށް ރައްދު ދޭނެއެވެ."
ކުރީން އިޢުލާނު ނުކުރައްވައި ރޭ ފަތިހު ޕޫޓިން ދެއްވި ޓީވީ ބަޔާނުގައި ވިދާޅުވިއެވެ. "އަހުރެމެން ޢަސްކަރީ ޢަމަލުތަކެއް މި ފަށައިގަތީ ޔުކްރޭނުން ވަކިވެފައިވާ ދެ ސަރަޙައްދުން އެހީއަށާއި މަދަދަށް ރޭ އެދުމުންނެވެ. އަދި މިއީ ނޭޓޯއިން ރަޝިޔާއާ ދެކޮޅަށް ގެންގުޅޭ ޢުދްވާނީ ސިޔާސަތަށް ދޭ ރައްދެކެވެ. ޔުކްރޭނަކީ މި ސިޔާސަތު ތަންފީޒު ކުރުމަށް ނޭޓޯއިން ބޭނުންކުރާ ވަސީލަތެކެވެ."
ޕޫޓިންގެ ޓީވީ ޚިޠާބުގައި ޔުކްރޭންގެ ސިފައިންނަށް ހަތިޔާރު ބަހައްޓާފައި އެނބުރި ގެއަށް ދިޔުމަށް ގޮވައިލެއްވިއެވެ. ރައީސް ޕޫޓިން ވިދާޅުވިއެވެ. "އެއްވެސް ހުރަހެއްނެތި ޔުކްރޭން ސިފައިންނަށް ހަތިޔާރު ބަހައްޓައިފައި މައިދާނުން ބޭރަށް ދެވިދާނެއެވެ."
ރަޝިޔާގެ ބަޔާން
ރަޝިޔާއިން ބުނާގޮތުގައި ޔުކްރޭންގެ ވައިގެ ދިފާޢީ ނިޒާމުތަކާއި ބޭސްތައް ވަނީ ހަލާކުކޮށްލައިފައެވެ. ޔުކްރޭންގެ ވައިގެ ބާރުތަކުގެ ބިނާރުތައް ވަނީ ޚިދްމަތް ނުދެވޭ ވަރަށް ހަލާކުކޮށްލައިފައެވެ.
ރަޝިޔާގެ ދިފާޢީ ވުޒާރާ ބުނާގޮތުގައި ރަޝިޔާގެ ޙަމަލާގެ އަމާޒުތަކަކީ ޔުކްރޭންގެ ސިފައިންނާއި ވައިގެ ދިފާޢުތަކާއި ޖައްވީ ބާރުތަކުގެ ބިނާރުތައް ހަލާކުކޮށްލުމެވެ. މި ކަމަށް ރަޝިޔާއިން ބޭނުންކޮށްފައިވާނީ ވަރަށް ވިސްނުން ތޫނު، އަމާޒަށް ވާޞިލުވުމުގައި ކުށެއް ނަހަދާ ހަތިޔާރެވެ.



advertisment