ޔުކްރޭނުން ވަކިވެގަންފައިވާ ޔުކްރޭންގެ ދެ ސަރަޙައްދަށް ރޫސީ ސިފައިންގެ ފައުޖުތައް ފޮނުވުމާ ވިދިގެން ހުޅަނގުގެ ޤައުމުތަކުންނާއި ޖަޕާނުން މޮސްކޯއާ ދެކޮޅަށް ދަތިކުރުމުގެ އައު ފިޔަވަޅުތަކެއް މިއަދު އަޅައިފިއެވެ. ރަޝިޔާއިން ޔުކްރޭނަށް ޝާމިލު ޙަމަލާއެއް ދީފިނަމަ ދަތިކުރުމުގެ އިތުރު ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ވެސް މި ޤައުމުތަކުން ދިނެވެ.
ރަޝިޔާއާ ދެކޮޅަށް އިސްވެ ފިޔަވަޅުތައް އެޅީ އެމެރިކާއާއި ޔޫރަޕްގެ އިއްތިޙާދުންނާއި އިނގިރޭސިވިލާތާއި އޮސްޓްރޭލިޔާއާއި ޖަޕާނުންނެވެ. މި ޤައުމުތަކުން މި އެޅި ފިޔަވަޅުތަކުގެ އަމާޒަކީ ރަޝިޔާގެ ބައެއް ބޭންކްތަކާއި މުހިއްމު އިސް ބައެއް ބޭފުޅުންނެވެ. ޔުކްރޭނުން ވަކިވެ މިނިވަންކަން އިޢުލާނުކުރި އިރުމަތީ ޔުކްރޭނުގެ ދެ ސަރަޙައްދެއް މޮސްކޯއިން ޤަބޫލު ކުރުމުން ޖަރްމަނުން ވަނީ ރަޝިޔާއިން ހުޅަނގު ޔޫރަޕަށް ލަމުންދާ ތެޔޮ ހޮޅީގެ ބޮޑު މަޝްރޫޢު ކުރިއަށް ގެންދިޔުން ވަގުތީގޮތުން ހުއްޓައިލައިފައެވެ. ހުޅަނގުން ތުހްމަތު ކުރާގޮތުގައި ރަޝިޔާއިން ވަނީ ޔުކްރޭނުގެ ސަރަޙައްދު ކައިރިއަށް 150ހާސް ސިފައިން ޖަމާކޮށްފައެވެ. މޮސްކޯއިން މި ތުހްމަތު ދޮގުކުރެއެވެ.
ރަޝިޔާގެ ރައީސް ޕޫޓިން ވަނީ މި ދެ ޖުމްހޫރިއްޔާގައި ޞުލްޙަ ބެލެހެއްޓުމަށް ޓަކައި ރަޝިޔާ ސިފައިން ފޮނުވައިފައެވެ. ވޮޝިންގްޓަން ސިފަކުރާގޮތުގައި މިއީ "ވަރަށް ހެއްވާ" ކަމެކެވެ.
އެމެރިކާގެ މެކްސްމާރ ކުންފުނި ބުނާގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ހެދި ހަނދުތަކުން ނަގައިފައިވާ ފޮޓޯތައް ދައްކާގޮތުގައި ރަޝިޔާ ސިފައިންނާއި ހަތިޔާރުތައް ދަނީ ހުޅަނގު ރަޝިޔާ ސަރަޙައްދު ކައިރީގައި އިތުރަށް ރުކުރުވަމުންނެވެ. މީގެއިތުރަށް ރަޝިޔާ ސިފައިން ބިލޫރޫސްގެ ދެކުނުގައި އޮންނަ ކުދިކުދި ބޭސްތަކަށް ވަނީ ހަތިޔާރުއެޅި 100 އުޅަނދު ފޮނުވައިފައެވެ.
ޔުކްރޭން މަސްއަލަ ސިޔާސީ ވަސީލަތްތަކުން ޙައްލުކުރެވޭތޯ އެމެރިކާއާއި ފަރަންސޭސިވިލާތުން ރަޝިޔާއާއެކު މަސައްކަތް ކުރިނަމަވެސް މި މަސައްކަތުން ވަނީ ނަތީޖާއެއް ނުނުކުމެފައެވެ. ރޫސީ ޚާރިޖީ ވަޒީރާއެކު ބާއްވަވަން ހަމަޖައްސަވައިފައިވާ ދެ ބައްދަލުން ވަނީ އެމެރިކާއާއި ފަރަންސޭސި ޚާރިޖީ ވަޒީރުން ކެންސަލް ކުރައްވައިފައެވެ. ރައީސް ބައިޑްން ވިދާޅުވިގޮތުގައި ރަޝިޔާއިންމި ވަނީ ޔުކްރޭންގެ ބިމުގެ ބޮޑު ފޮއްޗެއް ކައިލައިފައެވެ.އޭނާ ވިދާޅުވިއެވެ. "މިއީ ރޫސީ ޙަމަލާގެ ފެށުމެވެ."
ރަޝިޔާގެ މަޞްލަޙަތު ޝަރްޠުތަކަށް ބޮލެއް ނުލަނބާނެ
އަނެއްކޮޅުން ކްރެމްލީންގެ ތަރްޖަމާނު ބިސްކޯފު ވިދާޅުވާގޮތުގައި ރައީސް ޕޫޓިން، އެމެރިކާގެ ރައީސްގެ ވާހަކަފުޅަކަށް ނުބައްލަވާނެއެވެ. ރައީސް ޕޫޓިން ބައްލަވާނީ އެމެރިކާއިން އަޅަމުންދާ ފިޔަވަޅުތަކަށެވެ.
އޭނާ ރަޝިޔާގެ ނޫސްވެރީންނާ ބައްދަލުކުރައްވަމުން ވިދާޅުވިގޮތުގައި ރައީސް ޕޫޓިން އެއްވެސް ދޮރެއް ބަންދެއް ނުކުރައްވައެވެ. އެހެނަސް "ރަޝިޔާގެ ޤައުމީ މަޞްލަޙަތާއި ރަޝިޔާގެ ރައްޔިތުންގެ އަމްނާއި އަމާންކަމުގެ ކުރިމަތީގައި އެއްވެސް ޝަރްޠަކަށް ރައީސް ޕޫޓިން އިސްތަށިފުޅު ތިރިއެއް ނުކުރައްވާނެއެވެ."
ރަޝިޔާއިން ގޮވައިލަނީ ޔުކްރޭން ނޭޓޯއަށް ނުވެއްދުމަށާއި ސަލާމަތީ ޖާމިނުވުމެއް ދިނުމަށެވެ. އެމެރިކާއިން މޮސްކޯއަށް ގޮވައިލަނީ އިތުބާރު ބިނާކުރުމަށް ޓަކައި ފިޔަވަޅުތައް އެޅުމަށެވެ.
އިތުރު ފިޔަވަޅު އަޅާނަން
އެމެރިކާގެ ރައީސް ބައިޑްން އިންޒާރު ކުރައްވާގޮތުގައި އެމެރިކާއާއި ހުޅަނގުން މޮސްކޯއާ ދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތައް އަޅާނެއެވެ. އެމެރިކާއިން މިހާރު އަޅައިފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ ރަޝިޔާ ސިފައިންގެ ބޭންކާއި ރަޝިޔާގެ ވީ ޓީ ޕީ ބޭންކާއި ޕްރޮމިސްފިޔާޒާ ކުންފުންޏެވެ. މީގެ އިތރަށް ރަޝިޔާގެ މަތީ ދަރަޖައި ބޭފުޅުންތަކަކާއި އެބޭފުޅުންގެ ޢާއިލާތަކާ ދެކޮޅަށް ވެސް މިއަދު ފިޔަވަޅު އަޅާނެއެވެ. ފިޔަވަޅުތަކުގެ އަގެއްނެތް
ޓާސް ނޫސް އޭޖެންސީ ޕްރޮމިސްފިޔާޒާ ޙަވާލާދީ ބުނިގޮތުގައި މި ކުންފުނިން ވަނީ އެމެރިކާއާ ހުޅަނގުން މި ކުންފުންޏާ ދެކޮޅަށް ފިޔަވަޅު އަޅާނެކަމަށް ނިމުތުކޮށް ރައްކައުތެރިކަމުގެ ފިޔަވަޅުތައް އަޅައިފަ އެވެ.
ހުޅަނގާ ބައިވެރިވެ އެއްބާރުލުމުގެ ގޮތުން ކެނެޑާއިން ވެސް މިއަދުވަނީ މޮސްކޯއާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅައިފައެވެ. ކެނެޑާ ބުނާގޮތުގައި ޔުކްރޭންގެ އިރުމަތީ ދެ ސަރަޙައްދެއް ވަކިވެގަތުމަށް ތާއީދު ކުރެއްވި ރަޝިޔާގެ ބަރްލަމާނުގެ މެންބަރުންނާ ދެކޮޅަށް ކެނެޑާއިން ފިޔަވަޅު އަޅާނެއެވެ.
ނޫސްވެރީން ބުނާގޮތުގައި ރަޝިޔާއާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އެޅުމުގައި އެމެރިކާއާއި ހުޅަނގު ވަނީ ފަސްޖެހިފައެވެ. ނޫސްވެރީން ބުނާގޮތުގައި މި ބޭންކްތަކަކީ ހުޅަނގާއެކު މާ ގިނަ މުޢާމަލާތުތަކެއް ކުރާ ބޭންކް ތަކެއްނޫނެވެ.
ހުޅަނގުގެ މި ފިޔަވަޅުތަކާ ދެކޮޅަށް ރޫސީ ޚާރިޖީ ވަޒީރު ލެވްރޯފް ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. "ޔީރަޕާއި އެމެރިކާއާއި އިނގިރޭސިވިލާތުގައި ތިބި އަހުރެމެންގެ އެކުވެރީން ގޮތް ހުސްވާންދެން ރަޝިޔާއާ ދެކޮޅަށް ފިޔަވަޅު އެޅޭތޯ ބަލާނެއެވެ."
ގޭހުގެ ބާޒާރުތައް ކަންބޮޑުވެއްޖެ
ޔުކްރޭނުގެ މަސްއަލައިގެ ސަބަބުން ގޭހުގެ އަގު ބާޒާރުގައި ބޮޑުވެދާނެތީ ބާޒާރުތައް ވަރަށް ކަންބޮޑުވެއްޖެއެވެ.
ޖުމްލަ 11 ބިލިއަން ޑޮލަރުގެ ގޭސް މަޝްރޫޢުގެ މަސައްކަތް ޖަރްމަނުން ވަގުތީގޮތުން ހުއްޓައިލުމުން ޔޫރަޕްގައި ގޭހުގެ އަގު މި ފިނި މޫސުމުގައި މައްޗަށްދާނެކަމަށް ލަފާކުރެވެއެވެ. މި މަޝްރޫޢާ ދެކޮޅު ހަދާ އެމެރިކާ ފަދަ ޤައުމުތައް ފާޑުކިޔަމުން ބުނާގޮތުގައި މި މަޝްރޫޢުގެ ސަބަބުން ޔޫރަޕް ރަޝިޔާގެ ގޭހަށް ބަރޯސާވާ މިންވަރު ކުރިމަގުގައި އިތުރުވެގެންދާނެއެވެ. ޖަރްމަނުގެ އިޤްތިޞާދާ ބެހޭ ވަޒީރު ވިދާޅުވާގޮތުގައި ގޭހުގެ އަގު މައްޗަށްދާނީ ކުރު މުއްދަތަކަށެވެ.



advertisment
One Response
އެމެރިކާއާއި ޔޫރަޕުން އިރާނަށް ވެސްވަނީ ތިވިދާޅުވާ ކަހަލައެއްޗެ އަޅާފައި ވަނީ އިރާނުވެސް އެއުޅެނީ ރަޝިއާއަށް އަޅާފިއަވަޅަކުން އެމީހުނަށް ކުރެވޭނީ ކޮންކަމެއް