Support Us

ކޮލަމް މާޒީ: ރަޝިއާއިން ޔޫކްރޭނަށް އަރައިގަނެ އެ ގައުމު ހިފާނެތަ؟

ރަޝިޔާ ކިތަންމެ ބާރު ގަދަޔަސް، ކިތަންމެ ބޮޑަސް، ޔުކްރޭން (ނުވަތަ އެ މީހުންގެ ބަހުން އުކަޔީނާ)އަކީ ވެސް ކުޑަ ގައުމެއް ނޫނެވެ. މުޅި ވިލާތުގައި ވެސް ރަޝިއާ ފިޔަވައި ދެވަނައަށް އެންމެ ބިން ބޮޑު ގައުމަކީ ޔުކްރޭނެވެ. ހަ ލައްކަ އަކަކިލޯމީޓަރަށް ވުރެ އެ ގައުމުގެ ބިން ބޮޑެވެ. އާބާދީއަށް ބެލިކަމުގައި ވިޔަސް 41 މިލިޔަނަށް ވުރެ ގިނަ މީހުން އެ ގައުމުގައި ދިރިއުޅެއެވެ. ނަމަވެސް ބާރުގެ ގޮތުންނާއި ހަތިޔާރުގެ ގޮތުން ބަލާއިރު އެ ގައުމަށް ރަޝިއާއާ ވާދައެއް ނުކުރެވޭނެއެވެ. އެކަމަކު އޭގެ މާނައަކީ، އެ ގައުމަށް ރަޝިއާއިން އަރައި އެ ތަން އިސްތިއުމާރުކުރާއިރު ބަލާން މަޑުން އޮންނާނެ ވާހަކައެއް ނޫނެވެ. އެ މީހުން ވެސް ގައުމުގެ ދިފާއުގައި ނުކުންނާނެއެވެ. ރައްދު ހަމަލާ ދޭނެއެވެ. ޔުކްރޭނުގެ ބޮޑެތި ޝަހަރުތައް ކަމަށްވާ ކްޔިވާއި އޮޑެއްސާއާއި ކަރްކިވް ފަދަ ސަހަރުތައް ހިފާނަމަ ރަޝިއާއަށް ޖެހޭނީ މަގުތަކަށް ނުކުމެ، ލޭ އޮހޮރުވަނިވި ހަމަލާތަކެއް ބަދަލުކުރާށެވެ. ޔުކްރޭނަށް އެއީ އެ މީހުންގެ ބިމެވެ. ރަށު މީދާ ރަށަށް ގަދަވާނޭ ބުނާ އުސޫލުން މި ފަދަ ކުރިމަތިލުމަކަށް ހިނގައްޖެ ނަމަ، ދެ ގައުމަށް ވެސް ލިބޭނީ ގެއްލުމެވެ. ދެ ފަރާތުން އެތައް ސިފައިންނެއް މަރުވާނެއެވެ. ވަރުގަދަ ލޭއޮހޮރުވުމެއް ހިނގާނެއެވެ. އެހެންވީމާ މި ކަމުގައި ރަޝިއާށް ވެސް އަގުދައްކާންޖެހޭނީ އެ ގައުމުގެ އެތައް ސިފައިންނެއްގެ ލެއިންނެވެ. މިއީ ފަސޭހަ ނިންމުމަކަށް ނުވާނެއެވެ.

އަނެއްކޮޅުން މި ފަދަ ކުރިމަތިލުމަކަށް ގޮސް ގެއްލުން ބޮޑު ހަނގުރާމައެއް ކުރުމަކީ ރަޝިއާގެ ވެސް ގިނަ ރައްޔިތުން ރުހޭކަމެއް ނޫނެވެ. މަރުވެފައިވާ ސިފައިންގެ މީހުންގެ ގަބުރުތަކާއެކު ގައުމަށް އެނބުރި އަންނާކަށް ރަޝިއާގެ މީހުން ވެސް ހިތްހަމައެއް ނުޖެހޭނެއެވެ. ދާދި ފަހުން ނެގުނު ޚިޔާލު ހޯދުމުގެ ވޯޓަކުން ދައްކާ ގޮތުގައި ރަޝިއާގެ ގިނަ ޒުވާނުންނާއި ރައްޔިތުން މި ފަދަ ލޭއޮހޮރުން ބޮޑު ހަނގުރާމައަކަށް ތާއީދެއް ނުކުރެއެވެ. އެހެންކަމުން ރައްޔިތުންގެ ޚިޔާލާ ދެކޮޅަށް މި ފަދަ ކަމެއް ކޮށްފިނަމަ ރައީސް ޕޫޓިންގެ މަގުބޫލުކަން ވަރަށް ބޮޑަށް ދަށަށްދާނެއެވެ.

މިހާރު ވެސް ވިލާތުގެ ގައުމުތަކުންނާއި އެމެރިކާއިން ރަޝިއާއަށް އެ ގެންދަނީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރު ދެމުންނެވެ. ޖަރުމަނާއި ހަންގޭރީ ފަދަ ރަޝިއާގެ ގޭހަށް ވަރަށް ބޮޑަށް ބަރޯސާވާ ގައުމުތަކުން ރަޝިއާއާ މާ ބޮޑަށް ދެކޮޅު ނެހެދިޔަސް ރަޝިއާއިން ޔޫކްރޭން ހިފައިފިނަމަ، ވިލާތާއި އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުއަޅާނެއެވެ. އެއީ އެކަމުގެ ދަތިކަން ރަޝިއާ ތަޙައްމަލުކުރާންޖެހޭނެ ކަމެކެވެ. ރަޝިއާގެ އިޤުތިޞާދަށް އެ ކަމުން ވަރަށް ބޮޑު ގެއްލުމެއް ލިބޭނެއެވެ.

ރަޝިއާއިން ޔޫކްރޭނަށް އަރައި މި ފަދަ ބޮޑެތި ލޭއޮރުވުންތަކާއެކު ވެސް ޔޫކްރޭނު އިސްތިޢުމާރުކުރެވިދާނެއެވެ. ނަމަވެސް އެހެން ހަދައިފި ނަމަ ބައިނަލްއަގުވާމީ ދުނިޔޭގައި ރޫސީންނަށް އެކަހެރިކަން ލިބޭނެއެވެ. ރޫސީންގެ އިޤްތިޞާދީ އަދި ސިޔާސީ ބައިވެރިޔެއް ކަމަށްވާ ޗައިނާ ސަރުކާރުން ވެސް ވަނީ ޔޫކްރޭންނަށް އަރައިގަތުމާ ދެކޮޅަށް ބަޔާނެއް ނެރެފައެވެ. ޗައިނާއިން ބުނާ ގޮތުގައި ޔޫކްރޭން ވެސް އިސްތިސްނާ ނުވާ ގޮތުގައި ކޮންމެ ގައުމަކަށް ވެސް އެގައުމެއްގެ އިސްތިގުލާލާއި ސިޔާދަތާއި މިނިވަންކަން ލިބިފައި އޮތުމުގެ ހައްގު އޮންނާންވާނެއެވެ.

ރަޝިއާގެ އިރުމަތީ ފަރާތުން ނޭޓޯ ފުޅާކުރުމަކީ ރަޝިއާގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. ވީމާ ރަޝިއާގެ ބޭނުމަކަށް ވާނީ ޑިޕްލޮމެޓިކް ޙައްލެއް ހޯދައިގެން ނޭޓޯގެ މި ފުޅާކުރުމުން ރަޝިއާ ސަލާމަތްކުރެވޭނެ ގޮތެއް ހޯދުމެވެ. އެ ކަން ދުނިޔޭގެ ސަމާލުކަމަށް ގެނައުމެވެ. މިހާރު އެކަން އެ ވަނީ ކާމިޔާބުވެފައެވެ. ޚުދު ޔޫކްރޭނުން ވެސް ބޭނުންވަނީ ޑިޕްލޮމެޓިކް ހައްލެކެވެ. ވީމާ މިކަމުގެ ސަބަބުން މި ފަދަ މައްސަލަތަކާމެދު ވާހަކަދައްކައި ރަޝިއާއަށް ވެސް ފައިދާ ހުރި ގޮތަކަށް ނޭޓޯގެ ކަންކަން ވެސް ހައްލުކުރާން ފުރުސަތު ހޯދުމަކީ ރަޝިއާގެ އަމާޒަކަށް ވެދާނެއެވެ. މިއީ އަޅުގަނޑުގެ ޚިޔާލެވެ.

އިސްވެ ދެންނެވުނު ސަބަބުތައް އެހެން ހުރުމާއެކު ރަޝިއާއިން ޔޫކްރޭނަށް ހަމަލާ ދީފާނެ ކަމަކަށް އަޅުގަނޑަކަށް ނުފެނެއެވެ. އަދި ރަޝިއާއިން އަބަދު ވެސް ބުނަމުން ގެންދަނީ ހަމަލާއެއް ދޭން ނޫޅޭ ކަމަށެވެ. ވީމާ މި ފަހަރު ރަޝިއާއިން ޔޫކްރޭނަށް ހަމަލާދީފާނެ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *