ގޭސް ބޭރުކުރާ ޤައުމުތަކުގެ ނާދީގެ ހަ ވަނަ ސަމިޓް ޤަޠަރުގެ އަމީރު އައްޝައިޚު ތަމީމު ބިން ޙަމަދު އާލު ޘާނީ މިއަދު ދައުޙާގައި ހުޅުއްވައިދެއްވައިފިއެވެ. މި ސަމިޓްގެ މި އަހަރުގެ ޝިޢާރަކީ "ޠަބީޢީ ގޭސް: ހަކައިތައިގެ ކުރިމަގު ކުރެހުން" އެވެ.
މި ސަމިޓްގައި ބައިވެރިވެ ވަޑައިގަންނަވާ ރައީސުންނަކީ ޖަޒާއިރުގެ ރައީސް ޢަބްދުލްމަޖީދު ތައްބޫނާއި އީރާނުގެ ރައީސް އިބްރާހީމު ރައީސީއާއި މޮޒަމްބީކްގެ ރައީސް ފިލިޕް ނިއޫސީއާއި އިސްތިވާއީ ގިނީގެ ރައީސް ތިޔޮޑޯރޯ އިމްބާސޯގޯއާއި ލީބިޔާގެ ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރުގެ ވެރިޔާ ޢަބްދުލްޙަމީދުއް ދުބައިބާއެވެ. ޔުކްރޭންގެ މަސްއަލައިގެ ސަބަބުން ރަޝިޔާގެ ރައީސް ޕޫޓިން މި ސަމިޓްގައި ބައިވެރިވެވަޑައެއް ނުގަންނަވައެވެ.
މި ސަމިޓްގައި ޢަރަބި ބައެއް ޤައުމުތަކާއި ދުނިޔޭގެ ބައެއް ޤައުމުތަކުގެ ސަރުކާރުތަކުގެ ވެރީންނާއި ހަކަތައިގެ މައިދާނުގެ ތަޖްރިބާކާރުންނާއި އިސް މަސްއޫލުވެރީން ބައިވެރިވެ ވަޑައިގަންނަވައެވެ.
ދުނިޔޭގެ އިޤްތިޞާދު ހަރުދަނާކުރުމަށާއި ތިމާވެށި ރައްކައުތެރިކުރުމަށް ޓަކައި ގޭސް ބޭރުކުރާ ޤައުމުތަކުން މުހިއްމު ދައުރެއް އަދާކުރުމަށް ޤަޠަރުގެ އަމީރު ޝައިޚު ތަމީމު މި ސަމިޓް ހުޅުއްވައިދެއްވަމުން ދެއްވި ޚިޠާބުގައި މެންބަރުންނަށް ގޮވައިލެއްވިއެވެ.ގޭސް ލިބޭނެކަމުގެ ޖާމިނުވުން ކަށަވަރުކޮށްދިނުމަށް ޓަކައި ގޭސް އުފައްދާ ޤައުމުތަކާއި ގޭސް ބޭރުކުރާ ޤައުމުތަކުން އެއްބާރުލުމަށް ވެސް ޝައިޚު ތަމީމު ގޮވައިލެއްވިއެވެ.
ޤަޠަރުގެ އަމީރު ވިދާޅުވިގޮތުގައި ވޭތުވެދިޔަ ދެ ދަހަރުގެ ތެރޭގައި ހަކަތައިގެ ޗާޓަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ގިނަ ސަބަބުތަކަކަށް ޓަކައި ޠަބީޢީ ގޭސް ވަނީ މި ޗާޓުގައި ބޮޑު މަސާޙަތެއް ނަގައިފައިކަމަށް އޭނާ ވިދާޅުވިއެވެ. އެ ކަމުގެ ސަބަބުތަކުގެ ތެރޭގައި ގޭހުގެ ސަބަބުން ތިމާވެށްޓަށް ލިބޭ ގެއްލުން ނިސްބަތުން ކުޑަކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ގޭހުގެ ބާޒާރުގައި އުޅޭ ތަފާތު ފަރާތްތަކުގެ މެދުގައި ބިނާކުރަނިވި އަދި މޭވާ އަޅަނިވި ވާހަކަ ދެއްކުންތަކެއް ބޭއްވުމަށް ޖަޒާއިރުގެ ރައީސް ތައްބޫން އިފްތިތާޙީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ.
އީރާނުގެ ރައީސް އިބްރާހީމު ރައީސީގެ ވާހަކަފުޅުގައި ތިމާވެށި ރައްކައުތެރިކޮށްގެން ހަކަތައިގެ ބޭނުންކުރުން ހަރުދަނާކުރުމަށް ގޮވައިލެއްވިއެވެ. އޭނާ ވިދާޅުވިގޮތުގައި މި ނާދީގެ އެއް އަމާޒަކީ ޤައުމީ ސިޔާދަތީ ޙައްޤުތައް ޙިމާޔަތްކުރުމާއެކު ޠަބީޢީ ގޭސް ހޯދުމުގެ މައިދާނުގައި އެއްބާރުލުން ޤާއިމުކުރުމެވެ.އިބްރާހީމު ރައީސީ ވިދާޅުވިގޮތުގައި އީރާނުގެ އަތުގައި ޠަބީޢީ ގޭހުގެ ވަރަށް ބޮޑު ކަންޒެއް އެބަ އޮތެވެ. އީރާނަކީ ގޭސް ބޭރުކުރާ ޤައުމަކަށް ވާތީ ޠަބީޢީ ގޭހުގެ އަމާންކަމުގެ އަލީގައި އީރާނުގެ މަސްއަލަތައް ޙައްލުކުރުމުގެ ފަހިކަން އިރާނަށް ވަނީ ލިބިފައެވެ. އީރާނާ ދެކޮޅަށް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ބަލައިނުގަތުމަށް ރައީސީ މި ނާދީގެ މެންބަރުންނަށް ގޮވައިލެއްވިއެވެ.
މި ނާދީން މަސައްކަތް ކުރަމުންދަނީ ގޭސް އުފައްދާ ޤައުމުތަކާއި ގޭސް އިސްތިހްލާކު ކުރާ ޤައުމުތަކާ ދެމެދުގައި މިހާރަށްވުރެ ފައިދާކުރަނިވި ގޮތަކަށް ވާހަކަދެއްކުންތައް ބޭއްވުމަށް ބޭނުންވާ ބިނާކުރަނިވި އާލިއްޔަތެއް ޤާއިމުކޮށް ގޭހުގެ ބާޒާރަށް ހަމަޖެހުމާއި އަމާންކަން ގެނައުމަށެވެ.
މި ނާދީގައި ހިމެނެނީ 11 ޤައުމެކެވެ. އެއީ ރަޝިޔާއާއި އީރާނާއި ޤަޠަރާއި ޖަޒާއިރާއި މިޞްރާއި ބޮލީވިޔާއާއި އިސްތިވާއީ ގިނީއާއި ލީބިޔާއާއި ނައިޖީރިޔާއާއި ޓްރިނީޑާޑް އެންޑް ޓޮބޭގޯއާއި ވެނެޒުއޭލާއެވެ. މި ނާދީގައި މުރާޤިބުންގެ ގޮތުގައި ހަތް ޤައުމެއް ވެއެވެ. އެއީ އެންގޯލާއާއި އަޒަރުބައިޖާނާއި ޢިރާޤާއި މެލޭޝިޔާއާއި ނޯރވޭއާއި ޕެރޫއާއި އިމާރާތެވެ.
ދުނިޔޭގެ ގޭހުގެ 70 އިންސައްތައަށްވުރެ ބޮޑު މިންވަރެއް އޮތީ މި ޤައުމުތަކުގެ ގޭސް ވަޅުތަކުގައެވެ.



advertisment