ޔުކްރޭނުން ވަކިވެގަތުމަށް މަސައްކަތް ކުރާ އެ ޤައުމުގެ އިރުމަތީ ދެ ސަރަޙައްދެއް މިނިވަން ދެ ޖުމްހޫރިއްޔާކަމަށް ރަޝިޔާއިން ޤަބޫލުކުރުމުން ހުޅަނގުގެ ޤައުމުތަކުންނާއި ނޭޓޯއިން ރަޝިޔާ ކުށްވެރިކޮށްފިއެވެ.
މި ކަމާ ގުޅޭގޮތުން ނޭޓޯ ބުނިގޮތުގައި ރަޝިޔާއިން މަސައްކަތް ކުރަނީ ޔުކްރޭނާ ދެކޮޅަށް ހަނގުރާމައެއް ފެށުމަށް ޓަކައި ބަހަނާތަކެއް އުފެއްދުމަށެވެ. ނޭޓޯއިން މި ކަން ކުށްވެރިކުރަމުންދާއިރު ވޮޝިންގްޓަނާއި ލަންޑަނާއި ބްރަސަލުސުން އިން މޮސްކޯއާ ދެކޮޅަށް ވަރަށް އަވަހަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެ ކަމަށް ބުންޏެވެ.
އިރުމަތީ ޔުކްރޭނުގެ ދެ ސަރަޙައްދު ކަމުގައި ހިމެނޭ ހިމެނޭ ޑޮނެސްކް އާއި ލޮޖާންސްކް މިނިވަން ދެ ޖުމްހޫރިއްޔާ ކަމަށް މޮސްކޯއިން ޤަބޫލު ކުރާކަން އިޢުލާން ކުރެއްވީ ރޫސީ ރައީސް ޕޫޓިން ރޭ ދެއްވި ޓީވީ ބަޔާނެއްގައެވެ. ޚަބަރު ފަތުރާ ވަސީލަތްތައް ބުނާގޮތުގައި މި ކަމުގެ ސަބަބުން ޔުކްރޭނުގެ މަސްއަލަ އިތުރަށް ތައުޤީދުވެގެން ހިނގައްޖެއެވެ. މި ކަމުގެ ސަބަބުން އެ ސަރަޙައްދު ކޮންމެ ވަގުތެއްގައި ވެސް ގޮވައިގެން ފަޅައިގެން ހިނގައިދާނެކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.
ރަޝިޔާއަ ދެކޮޅަށް ޢުޤޫބާތްތައް
ވައިޓްހައުސް ބުނާގޮތުގައި ރައީސް ބައިޑްން ޔުކްރޭނުން ވަކިވެގަތް މި ދެ ސަރަޙައްދާއެކު ހުރިހާ ބާވަތެއްގެ ވުނަކުރުމާއި ވިޔަފާރި ކުރުމާއި އައު މަޝްރޫޢުތައް ހިންގުމަށް ފައިސާދިނުން ވަގުތުން މަނާކުރުމާ ބެހޭ ތަންފީޒީ ޤަރާރެއް ނެރުއްވިއެވެ. ވައިޓްހައުސްގެ ތަރްޖަމާނު ޖީން ސާކީ ވިދާޅުވާގޮތުގައި ރައީސް ބައިޑްންގެ މި ތަންފީޒީ އަމުރުގެ ސަބަބުން ޔުކްރޭންގެ މި ދެ ސަރަޙައްދުގައި މަސައްކަތްކުރާ ކޮންމެ މީހަކާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅުތައް ވަގުތުން އެޅޭނެއެވެ.
ސާކީ ވިދާޅުވި ގޮތުގައި އިތުރު އިޖްރާއާތުތައް ވެސް އެބަ އޮތެވެ. އޭނާ ހާމަކުރެއްވި ގޮތުގައި ރަޝިޔާއިން ޔުކްރޭނަށް ޙަމަލާދީފިނަމަ އެމެރިކާއާއި އެމެރިކާގެ އެކުވެރީން ރަޝިޔާއާ ދެކޮޅަށް އަޅަން ހުރި ފިޔަވަޅުތައް މިއަށްވުރެ މާ ގިނަވެފައި ހަރުކަށިވާނެއެވެ.
އަނެއްކޮޅުން ބަލާއިރު ޔޫރަޕިއަން ކަމިޝަންގެ ރައީސާ އުރްސޫލާ ވޮން ޑޭރު ލޭނާއި ޔޫރަޕްގެ މަޖިލީހުގެ ރައީސް ޝަރލް މިޝޭލް ނެރުއްވި ގުޅިފައިވާ ބަޔާނެއް ބުނާގޮތުގައި އިރުމަތީ ޔުކްރޭނުގައި ވަކިވެގަތުމަށް މަސައްކަތްކުރާ ދެ ސަރަޙައްދު މިނިވަން ދެ ޖުމްހޫރިއްޔާކަމަށް މޮސްކޯއިން ބަލައިގަތުމުން މޮސްކޯއާ ދެކޮޅަށް ޔޫރަޕްގެ އިއްތިޙާދުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެއެވެ. މި ބަޔާނުގައި އައިސްފައި ވެއެވެ. "މޮސްކޯގެ މި ފިޔަވަޅަކީ ބައިނަލްއަޤްވާމީ ޤާނޫނާއި މިންސްކް އެއްބަސްވުމާ ޚިލާފު ޢަމަލެކެވެ. މި ޣައިރު ޤާނޫނީ ޢަމަލުގައި ބައިވެރިވާ ފަރާތްތަކާ ދެކޮޅަށް ޔޫރަޕްގެ އިއްތިޙާދުން ދަތި ކުރުމުގެ ފިޔަވަޅު އަޅާނެއެވެ."
ނޭޓޯގެ އަމީން ޢާންމު ޔެންސް ސްޓޮންޓެންބަރގް ވެސް ޔުކްރޭނުން ވަކިވެގަތުމަށް މަސައްކަތް ކުރާ އިރުމަތީ ޔުކްރޭނުގެ ދެ ސަރަޙައްދު މިނިވަން ދެ ޖުމްހޫރިއްޔާ ކަމަށް މޮސްކޯއިން ބަލައިގަތުމުން މޮސްކޯ ކުށްވެރިކުރެއްވިއެވެ. އޭނާ ވިދާޅުވިގޮތުގައި މިއީ އައު ހަނގުރާމައަކަށް މަގުފަހިކުރުމަށް ޓަކައި މޮސްކޯއިން އުފައްދަމުންދާ ބަހަނާއެކެވެ. އޭނާ ވިދާޅުވިއެވެ. "ޔުކްރޭނުން ވަކިވެގަތުމަށް މަސައްކަތް ކުރާ މީހުންނަށް މާލީ އެހީއާއި ޢަސްކަރީ އެހީ މޮސްކޯއިން ދީގެން މޮސްކޯ އިން މަސައްކަތް މި ކުރަނީ ޔުކްރޭނަށް އެރުމަށެވެ."
މި މަސްއަލައާ ބެހޭގޮތުން އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވިއެވެ. "ރަޝިޔާގެ ޤަރާރުން އެނގެނީ ޔުކްރޭނުގެ މަސްއަލަ ކުރިއަށް ދަނީ އިދިކޮޅަށެވެ." އޭނާ ވިދާޅުވިގޮތުގައި "އިރުމަތީ ޔުކްރޭނުގެ ޑޮންސްކާއި ލޮޖާންސްކް މިނިވަން ދެ ޖުމްހޫރިއްޔާކަމުގައި މޮސްކޯއިން ބަލައިގަތުމަކީ ޔުކްރޭނުގެ ބިމުގެ އެއްބައިވަންތަކަމާ ޚިލާފު ޢަމަލެކެވެ."
ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް
މި މަސްއަލައާ ގުޅިގެން ޔުކްރޭނާއި ފަރަންސޭސިވިލާތުން މި މަސްއަލައާ މެދު ބަޙުސްކުރުމަށް ޓަކައި ސަލާމަތީ މަޖިލީހުގެ އަވަސް ބައްދަލުވުމެއް ބޭއްވުމަށް ހުށައަޅައިފިއެވެ.
ސަރަޙައްދީ ރޮނގު ނުތަނަވަސްވެއްޖެ
އަނެއްކޮޅުން، ރޮއިޓަރޒް ބުނާގޮތުގައި ވަކިވެގަތުމަށް މަސައްކަތްކުރާ މީހުން އަތްގަދަކޮށްފައިވާ ޑޮންސްކް ސަހަރުގައި ބާރުގަދަ ދޭއްޗެއް ރޭ ގޮވައިފިއެވެ. މޮސްކޯއިން ބުނާގޮތުގައި ކިއީފުން ޑޮންސްކް ގަނޑުބަޑުކުރުމަށް ޓަކައި ފޮނުވި "ޚަރާބުކުރުވަނިވި" ދެ ޖަމާޢަތަކުން ރޫސީ ބިމަށް ވަދެގަންނަން ރޭ މަސައްކަތް ކޮށްފިއެވެ.
މޮސްކޯއިން ޔުކްރޭނަށް ޙަމަލާދިނުމަށް ތައްޔާރުވަމުންދާ ކަމަށް އެމެރިކާއާއި ހުޅަނގުގެ ޤައުމުތަކުން ދަނީ ތުހްމަތު ކުރަމުންނެވެ. މިއީ މޮސްކޯއިން ނަފީކުރަމުންދާ ތުހްމަތުތަކެކެވެ.



advertisment