ކީރިތި ރަސޫލާ ﷺ ގެ އިސްރާއާއި މިޢުރާޖު ދަތުރުފުޅަކީ ޙަޤީޤަތެއް ނެތް "ވަހްމީ ދަތުރެއް" ކަމަށް ބުނި މީހެއްގެ މަައްސަލަ މިޞްރުގެ ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހުން ތަޙްޤީޤު ކުރަން ފަށައިފިއެވެ. މިޞްރުގެ މަޝްހޫރު ނޫސްވެރިއެއް ކަމުގައިވާ އިބްރާހީމު ޢީސާ އިސްލާންދީނަށް ފުރައްސާރަކޮށް މިފަދަ ވާހަކަތައް ދައްކަމުންދާ ކަމަށް މިޞްރުގެ މީސްމީޑިޔާތައް ބުނެއެވެ. އެކަމާ ހެދި މިޞްރުގެ ރައްޔިތުން ދަނީ އޭނާ ކުށްވެރިކޮށް ކޯޓަށް ހުށަހެޅުމަށް ގޮވައިލަމުންނެވެ.
މިޞްރުގެ ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހުން މިއަދު ނެރުނު ބަޔާނެއް ބުނާގޮތުގައި މިޞްރުގެ ޕީޖީ ޙަމާދާ އައްޞާވީ ވަނީ މި މަސްއަލަ ބެލުމަށް އަމުރު ކުރައްވައިފައެވެ. އޭނާ މި ކަމަށް އަމުރު ކުރެއްވީ މިޞްރުގެ ޢާންމު ރައްޔިތުންގެ އެތައް ބަޔަކު މި ނޫސްވެރިޔާއާ ދެކޮޅަށް މަސްއަލަ ހުށައެޅުމުންނެވެ.
މިޞްރުގެ ޕީޖީ އޮފީސް ބުނާގޮތުގައި ތަޙްޤީޤުތަކުން އެނގޭ މަޢުލޫމާތުތައް ޕީޖީގެ އޮފީހުން ވަރަށް އަވަހަށް އިޢުލާނު ކުރާނެއެވެ. އޭނާއާ ދެކޮޅަށް ކޮށްފައިވާ ޝަކުވާގައި ހިމެނޭ އެއްވެސް އެއްޗެއް ޕީޖީ އޮފީހުން ހާމައެއް ނުކުރެއެވެ. މިޞްރުގެ މީޑިއާތައް ބުނާގޮތުގައި އިބްރާހީމު ޢީސާއާ ދެކޮޅަށް ވަރަށް ގިނަ ރިޕޯޓުތައް ވަނީ ހުށައެޅިފައެވެ. މި ރިޕޯޓުތައް ބުނާގޮތުގައި އިބްރާހީމު ޢީސާއަކީ އިސްލާންދީނަށް ފުރައްސާރަކޮށް މަލާމާތް ކުރާ ނޫސްވެރިއެކެވެ. އިސްލާމީ ސަވާބިތުތަކާ ދެކޮޅު ހެދުމުގެ އިތުރަށް އޭނާއަކީ ދީން ޤަބޫލު ކުރާ މީހެއް ވެސް ނޫނެވެ.
"އަލްޤާހިރާ ވައްނާސު" ނަމަކަށް ޕްރޮގްރާމެއް ޢީސާ ހަދައި އިއްޔެ ދުރަށް ދެއްކިއެވެ. މި ޕްރޮފްރާމުގައި އޭނާ ބުނިގޮތުގައި މިޢުރާޖޭ ކިޔާ ދަތުރުފުޅެއް ރަސޫލާ ކުރައްވައިފައެއް ނުވެއެވެ. އޭނާ ބުނިގޮތުގައި އެއީ ސީރަތު ފޮތްތަކާއި އިސްލާމީ ތާރީޚާއި ޙަދީޘް ފޮތްތަކުގައި ހަދައިފައިވާ ޙަޤީޤަތެއް ނެތް ވާހަކައެކެވެ.
އޭނާގެ މި ވާހަކަތަކަށް ރައްދުދީ މިޞްރުގެ ދާރުލްއިފްތާއިން އިއްޔެ ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާން ބުނާގޮތުގައި ކީރިތި ރަސޫލާގެ އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅަކީ ކީރިތި ޤުރްއާނުންނާއި ކީރިތި ރަސޫލާ ﷺ ޠާހިރު ސުންނަތުން އެނގި ސާބިތުވެފައިވާ ޙަޤީޤީ ދަތުރުފުޅެކެވެ. އެއީ މާތް ﷲ އެކަލޭގެފާނަށް ދެއްވި މުޢުޖިޒާތެކެވެ. މި ދަތުރުފުޅާމެދު އިންކާރުކުރުން ހުއްދަވެގެން ނުވާކަމަށް މިޞްރުގެ ދާރުލްއިފްތާއުން ނެރުނު ބަޔާނުގައި އައިސްފައި ވެއެވެ.
މިއީ މުސްލިމުން އެކަމަށް އިޖްމާޢުވެފައިވާ ކަމެއް ކަމަށް މިޞްރުގެ އިފްތާއު މަޖިލީހުން ބުނެފައިވެއެވެ. މުސްލިމުންގެ މައްޗަށް މާތްﷲ ފަރްޟު ފަސްނަމާދު ވާޖިބު ކުރެއްވީ މި ދަތުރުފުޅުގައި ކީރިތި ރަސޫލާ ﷺ ﷲ ސުބްޙާނަހޫ ވަ ތަޢާލާގެ ޙަޟްރަތަށް ގެންދަވައެވެ.
މިކަމާ ވިދިގެން މިޞްރުގެ މި ނޫސްވެރިޔާއާ ދެކޮޅަށް މިޞްރުގެ މީސްމީޑިއާތަކުން ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. މިޞްރުގެ މީސްމީޑިއާ ބުނާގޮތުގައި މީނާއަކީ މީސްތަކުންނަށް އޮޅުވައިލުމަށް ޓަކައި ވާހަކަތަކުގެ ދެ ބައިކުޅަ އެއްބައި ގެނެސްދޭ މީހެކެވެ. ރައީސް ހުސްނީ މުބާރަކުގެ ޒަމާނުގައި މީނާއަކީ ރައީސް މުބާރަކާ އިދިކޮޅު މީހެކެވެ. އެހެނަސް ރައީސް މުބާރަކުގެ ޝަރީޢަތުގައި މީނާ ހެކިބަސް ދީފައި ވަނީ މުބާރަކާ އެއްކޮޅަށެވެ.
އިބްރާހީމު ޢީސާއާ ދެކޮޅަށް މަސްއަލަ ޕީޖީއަށް ހުށައެޅުއްވި ޤާނޫނީ ވަކީލެއް ކަމުގައިވާ ޢަމްރު ޢަބްދުއްސަލާމު ވިދާޅުވާގޮތުގައި "ޢީސާއަކީ އޭނާގެ ޚިޔާލުތައް ފެތުރުމަށް ޓަކައި ދީނުގެ ބޭނުން ނާޖާއިޒުގޮތުގައި ހިފަމުންދާ މީހެކެވެ. އޭނާގެ ބޭނުމަކީ އިސްލާންދީނުގެ ސަވާބިތުތަކާމެދު ޝައްކު އުފެއްދުމާއި ޢާންމުންގެ ތެރޭގައި ދީނީ ފިތުނަވެރިކަން އުފެއްދުމެވެ. މުޖްތަމަޢުގެ ހަމަޖެހުން ކިލަނބުކުރުމާއި އިޖްތިމާޢީ ސުލްޙަ މަސަލަސްކަމާއި ދީނީ ހަމަޖެހުން ގަނޑުބަޑު ކުރުމެވެ."
އޭނާއާ ދެކޮޅަށް މަސްއަލަ ހުށައެޅި ފަރާތްތަކުން އެދިފައިވަނީ ދީނަށް ފުރައްސާރަކުރުމާއި އިހާނެތިކޮށް ހިތުމާއި މީސްތަކުންގެ މެދުގައި ފިތުނަފަސާދަ އުފެއްދުމުގެ ކުށުގައި އޭނާ ޖިނާއީ ކޯޓަށް ހުށައެޅުމަށެވެ.



advertisment