ރަޝިޔާއިން މާދަމާ ނިޔުކްލިއަރ ތަމްރީނުތަކެއް ފަށާނެކަން އިޢުލާންކޮށްފިއެވެ. މި ތަމްރީނުތަކުގައި ރޫސީ ރައީސް ޕޫޓިން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ވެސް މޮސްކޯއިން ބުންޏެވެ.
މި ތަމްރީނުތަކުގައި ރަޝިޔާގެ ބޮލިސްޓިކް މިސައިލާއި ކްރޫޒު މިސައިލް ކަނޑައެޅިފައިވާ އަމާޒުތަކަކަށް ފޮނުވާލެވޭނެ ކަމަށް ވެސް ބުންޏެވެ. އެހެނަސް ޔުކްރޫނުގެ ދިފާޢީ ވަޒީރު ވިދާޅުވާ ގޮތުގައި ނުތަނަވަސްކަން އިތުރުވަމުން ދިޔަސް ކަންތައްތައް އިތުރަށް ހޫނުވެގެން ދާނެކަމަކަށް ނުބެލެވެއެވެ.
އިންޓަރފެކްސް ނޫސް އޭޖެންސީ ރަޝިޔާގެ ދިފާޢީ ވުޒާރާއާ ޙަވާލާދީ ބުނާގޮތުގައި ރަޝިޔާއިން މި ބާއްވާ ޢަސްކަރީ ތަމްރީނުތައް ބޭއްވޭނީ ރައީސް ޕޫޓިންގެ ބެއްލެވުމުގެ ދަށުންނެވެ.
މޮސްކޯއަށް ޔޫރަޕްގެ ޙަމަލާތައް
އަނެއްކޮޅުން ބަލާއިރު ރަޝިޔާއިން ޔޫރަޕް ނުރައްކަލަށް ހާސާކުރަމުންދާ ކަމަށް ޖަރްމަނުގެ ޚާރިޖީ ވަޒީރާ އަނާލީނާ ބަރބޮކް މިއަދު ތުހްމަތު ކުރައްވައިފިއެވެ. އޭނާ ސިފަކުރެއްވި ގޮތުގައި މޮސްކޯގެ އެދުންތަކަކީ "ފިނި ހަނގުރާމައިގެ ޒަމާނާ ގުޅޭ އެދުންތަކެކެވެ."
ހަމަ މި މަސްއަލައާ ބެހޭގޮތުން އިނގިރޭސިވިލާތުގެ ޚާރިޖިއްޔާގެ ރަސްމީ ޓްވިޓަރ ޞަފްޙާ ބުނާގޮތުގައި ރަޝިޔާއިން ޔުކްރޭނަށް ދިނުމަށް ރާވަމުންދާ ޙަމަލާތައް ބަހައިފައި ވަނީ ދެ ފިޔަވައްސަކަށެވެ. އިނގިރޭސި ޚާރިޖިއްޔާ ބުނާގޮތުގައި ޢަސްކަރީ ތަމްރީނުތަކަށްފަހު ރޫސީ ސިފައިންގެ ބައެއް ފައުޖުތައް އެ ފައުޖުތަކުގެ ކޮށިތަކަށް ގެންދާނެކަމުގެ އެއްވެސް ހިލަމެއް ނުފެނެއެވެ. އިނގިރޭސި ޚާރިޖިއްޔާއިން ތުހްމަތުކުރާ ގޮތުގައި އިސްވެ އިންޒާރެއް ދިނުމެއްނެތި މޮސްކޯއިން ޔުކްރޭނަށް އަރައިފާނެއެވެ. އިނގިރޭސި ޚާރިޖިއްޔާއިން ދުރަށް ދެއްކި މި ޓްވީޓްގައި ރަޝިޔާއިން ޙަމަލާ ދިނުމަށް ރާވަމުންދާ ގޮތާބެހޭ ޗާޓެއް ހާމަކުރިއެވެ. މި ޗާޓުން ފެންނަގޮތުގައި މި ޙަމަލާގެ ފުރަތަމަ ފިޔަވަހި އޮންނާނީ ބިލޯރޫސް ތެރެއިންލައިފައެވެ. ކިޔީފަށް ރަޝިޔާއިން ޙަމަލާދޭނީ ދެ ނާރެހަކުންނެވެ. މި ޙަމަލާއަށް ޔުކްރޭންގެ އިރު އުތުރުގައި ތިބި ރޫސީ ސިފައިން އެހީއާއި މަދަދު ފޯރުކޮށްދޭނެއެވެ.
އިނގިރޭސި ޚާރިޖިއްޔާ ބުނާގޮތުގައި ދެވަނަ ފިޔަވަހގެ ހަމަލަތައް ފަށާނީ މޯލްޑާވާއާ 130 ކީލޯ މީޓަރު ދުރު ހިސާބަކުންނާއި ކްރިމިޔާއިން އޮޑީސާ ސަހަރަށެވެ.
މޮސްކޯއިން ދުލެއް ނުދޭ
ޔޫރަޕުން މަސްރަޙު ހޫނުކުރަމުންދާއިރު މޮސްކޯއިން ދޫދެމުންދާތަނެއް ނުފެނެއެވެ. ރަޝިޔާއިން އެމެރިކާއަށް މި ދިޔަ ބުރާސްފަތިދުވަހު އެންގިގޮތުގައި މޮސްކޯއަށް ޢަސްކަރީގޮތުން ރައްދުދޭން މަޖްބޫރުވެދާނެއެވެ. މި ޢަސްކަރީ ރައްދުގައި ޒަމާނީ ފަންނިއްޔާތު ވެސް ހިމަނަން ޖެހިދާނެކަމަށް މޮސްކޯއިން ބުންޏެވެ. މޮސްކޯއަށް ބޭނުންވާ ސަލާމަތީ ޖާމިނުވުންތަކާ ބެހޭގޮތުން ވާހަކަދެއްކުމަށް މޭޒުދޮށަށް އައުމާ ދެކޮޅު ހަދާނަމަ މޮސްކޯއަށް އިތުރު ފިޔަވަޅުތައް އަޅަން މަޖްބޫރުވެދާނެ ކަމަށް ވެސް މޮސްކޯއިން ބުންޏެވެ.
ރަޝިޔާއިން ޔުކްރޭނަށް ޙަމަލާދޭން އުޅޭކަމަށް ރައީސް ބައިޑްން ތުހްމަތު ކުރައްވަމުން ގެންދަވާތީ މޮސްކޯއިން ބައިޑްނާ ދެކޮޅަށް ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ސަލާމަތީ ކަންކަމާ ބެހޭގޮތުން އެމެރިކާއިން ހުށައެޅި ހުށައެޅުމަށް ރަޝިޔާއިން ލިޔުމުން ދިން ރައްދާ ހަވާލާދީ ޓާސް ބުނާގޮތުގައި ރަޝިޔާގެ ރަތް ރޮނގުތައް ވޮޝިންގްޓަނަށް އެނގޭކަމަށް ހަދައިފައިނުވާތީ މޮސްކޯ ކަންބޮޑުވެއެވެ. ރަޝިޔާގެ ސަރަޙައްދު ކައިރީގައި އެމެރިކާއާއި ނޭޓޯއިން ޙަރަކާތްތައް އިތުރު ކުރަމުންދާތީ މޮސްކޯ ހިތްހަމަ ނުޖެހޭކަމަށް ވެސް މި ރައްދުގައި ބުނެފައި ވެއެވެ.
ރަޝިޔާގެ ދިފާޢީ ވުޒާރާ ބުނާގޮތުގައި ރައީސް ޕޫޓިން އެ ވިދާޅުވާ "ފަންނިއްޔާތީ ޢަސްކަރީ" ރައްދުގެ ތެރޭގައި އިލެކްޓްރޯނިކް ހަނގުރާމައިގެ ވަސީލަތްތަކުން އެހީ ހޯދާ ޢަސްކަރީ ބާރުތަކާއި ބޮލިސްޓިކް މިސައލްތައް ހިމެނޭނެއެވެ. އަދި މީގެތެރޭގައި ހަވާއީ ހަތިޔާރުގެ ނިޒާމުތައް ވެސް ހިމެނިދާނެއެވެ.



advertisment