Support Us

ސުން ގަޑި ކައިރިވާތީ ކިޔީފުގައި ހުންނަ އެމެރިކާ އެންބެސީ ބަންދުކޮށްފި

ޔުކްރޭންގެ ވެރިރަށް ކިޔީފުގައި ހުންނަ އެމެރިކާ އެންބެސީގެ މަސައްކަތްތައް ޔުކްރޭނުގެ ހުޅަނގު ސަރަޙައްދުގެ ރަށަކަށް ވަގުތީގޮތުން ބަދަލުކުރެވިއްޖެ ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ބްލިންކެން ހާމަކުރައްވައިފިއެވެ. އެމެރިކާގެ މީޑީއާތައް ބުނާގޮތުގައި ރަޝިޔާއިން ޔުކްރޭނަށް ދޭން ތައްޔާރުވަމުންދާ ޙަމަލާ މިހާރު ވަނީ އޭގެ ސުންގަޑިއާ އަރާ ހަމަކޮށްފައެވެ.

އެމެރިކާއިން ޔުކްރޭނަށް ދީފައިވާ މަޢުލޫމާތުތައް ބުނާގޮތގައި ރަޝިޔާއިން ޔުކްރޭނަށް މިއަދު ޙަމަލާދޭން ފަށާނެއެވެ. އެމެރިކާގެ ސީބީއެސް ޗެނެލް ރޭ އެމެރިކާގެ މަސްއޫލުވެރިއަކާ ޙަވާލާދީ ބުނިގޮތުގައި އެމެރިކާއަށް އެންމެ ފަހުން ލިބުނު ހެދި ހަނދުގެ ފޮޓޯތައް ދައްކާގޮތުގައި ރަޝިޔާގެ ބޮޑު ބަޑިއާއި ރޮކެޓް ބެޓެރީތަކުގެ ޔުނިޓްތަކެއް މިހާރު ވަނީ ޙަމަލާ ފަށަން ހަމަޖައްސައިފައިވާ ހިސާބަށް ގެންގޮސްފައެވެ.

އެމެރިކާގެ ސީއެންއެން ވިއުގަ ބުނާގޮތުގައި ރޫސީ ސިފައިން އެންމެ ފަހުގެ ތައްޔާރީތަކުގެ މަރްޙަލާއަށް ވަދެއްޖެއެވެ. ޔުކްރޭންގެ ސަރަޙައްދު ކައިރިއަށް ރަޝިޔާގެ ޚާއްޞަ ފައުޖުތައް ޖަމާކޮށްފިއެވެ.
އެމެރިކާ ބުނާގޮތުގައި ކިޔީފުގައި ހުރި އެ ޤައުމުގެ އެންބެސީ ބަންދުކޮށް އެ އެންބެސީގައި ތިއްބެވި މަދު ޑިޕްލޮމެޓުންކޮޅު މިހާރު ވަނީ ޔުކްރޭނުގެ ހުޅަނގުގެ ރަށެއް ކަމުގައި ލެވީވަށް ގެންދެވިފައެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު ބްލިންކެން ވިދާޅުވިގޮތުގައި "ދުނިޔޭގެ ކަންކޮޅުތަކުގައި ތިބި އެމެރިކާގެ ރައްޔިތުން ސަލާމަތް ކުރުމަށްވުރެ އިސްކަންދޭ އެއްވެސް ކަމެއް ނޯންނާނެއެވެ." އޭނާ ވިދާޅުވިގޮތުގައި ޔުކްރޭން ސަރުކާރާ ގުޅިގެން ޔުކްރޭނުގައި ހުންނަ އެމެރިކާ އެންބެސީ މަސައްކަތް ކުރާނެއެވެ. އޭނާ ވިދާޅުވިގޮތގައި ވޮޝިންގްޓަނުން މަސައްކަތް ކުރަމުން ދަނީ މަސްރަޙު ހިހޫ ކުރެވޭތޯއެވެ. ބްލިންކެންގެ މި ބަޔާނުގައި ޔުކްރޭނުގައި ތިބި އެމެރިކާ ރައްޔިތުން ޔުކްރޭނުން އަވަހަށް ފޭބުމަށް ގޮވައިލެއްވިއެވެ.

ރަޝިޔާގެ ކުލީ ސިފައިން ޔުކްރޭނުގައި

ރޮއިޓަރޒުން ރޭ ހާމަކުރިގޮތުގައި މޮސްކޯގެ ޖާސޫސުންނާ ގުޅުން ހުރި ރަޝިޔާގެ ކުލީ ސިފައިން މިހާރު ވަނީ ޔުކްރޭނަށް ވަދެ އެމީހުންގެ ވުޖޫދު ވަރުގަދަކޮށްފައެވެ. އެމެރިކާއިން ތުހްމަތު ކުރާގޮތުގައި ރަޝިޔާގެ ކުލީސިފައިން ޔުކްރޭނަށް ވަދެ "ބިލާހީ" ޙަމަލާތަކެއް ދޭނެއެވެ. މި ކަމުގެ ސަބަބުން ރޫސީ ސިފައިންނަށް ޔުކްރޭނަށް އެރުމަށް ބަހަނާތަކެއް ލިބިގެންދާނެއެވެ. އެމެރިކާ ބުނާގޮތުގައި ރަޝިޔާގެ ކުލީ ސިފައިންނަކީ ރަޝިޔާ ޢަސްކަރީ ކުންފުނިތަކާ ގުޅިފައިވާ ބައެކެވެ. މި ކުންފުނިތަކަކީ ރަޝިޔާގެ ޤައުމީ ސަލާމަތާ ބެހޭ އިދާރާއާއި ރަޝިޔާގެ ޢަސްކަރީ ޖާސޫސީ އިދާރާ ޖީ އާރު ޔޫއާ ގުޅުން އޮތް ކުންފުނިތަކެކެވެ.

އެމެރިކާގެ މި ތުހްމަތުތައް މޮސްކޯއިން ދޮގު ކުރެއެވެ. މޮސްކޯ ބުނާގޮތުގައި ޔުކްރޭނަށް ޙަމަލާއެއް ދިނުމަށް މޮސްކޯއިން އެއްވެސް ކަމެއް ރާވައިފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް