...

Support Us

ކަބާ ޒިޔާރަތް: ކަބާ ޢައިޝާ ރަނިކިލެގެފާނުގެ މަހާނަގަލާއި ޒިޔާރަތުގެ ބެރީގައިވާ ލިޔުމުގެ ތަފާތު

ފާދިއްޕޮޅު މާފިލާފުށީ ޚަތީބު ޢަލީ ކޮށަލި ކިލެގެއާއި މާފިލާފުށީ މުޙައްމަދު ފާށަނާކަލޯގެ ދި ސިއްތި ބޮޑުކަމަނާގެ ދަރިކަނބަލުން ކަބާ ޢައިޝާ ރަނިކިލެގެފާނު އަވަހާރަވީ ހިޖުރައިން 1076 ވަނަ އަހަރުގެ ޝަޢުބާންމަހުގެ 9 ވީ އާދިއްތަ ދުވަހުއެވެ. އެއީ މީލާދީން 14 ފެބުރުވަރީ 1666 އެވެ.

އިސްކަންދަރު ރަސްގެފާނުގެ މަންމާފުޅު ކަބާ ޢައިޝާ ފަސްދާނު ލައިފައިވަނީ ހުކުރު މިސްކިތުގެ ގޯތިތެރޭގައި ހުންނަ ކަބާ ޒިޔާރަތުގައެވެ. އެ ޒިޔާރަތުގައި އެ ކަމަނާގެ މަހާނަފުޅުގެ އިތުރުން އިސްކަންދަރު ރަސްގެފާނުގެ އަނބިކަނބަލުން ކަބާ އާމިނާ ރަނިކިލަގެފާނާއި ދަރިކަނބަލުން ޢައިޝާ ރަނިކިލަގެފާނާއި ދޮންބަންޑާރައިންގެ ދަރިކަލުން ޙަސަން ނޫރައްދީނު ރަދުންގެ ދަރިކަނބަލުން އައިޝާ ރަނިކިލަގެފާނު ގެ މަހާނަފުޅު ހުންނަ ޒިޔާރަތެވެ.

އިސްކަންދަރު ރަސްގެފާނުގެ ދަރިކަނބަލުން ޢައިޝާ ރަނިކިލެގެފާނު ފަސްދާނު ލެވިފައިވަނީ މަންމާފުޅު ކަނބާ އާމިނާ ރަނިކިލަގެފާނުންގެ މަހާނަފުޅު މަތީގައެވެ.

ކަބާ ޢައިޝާގެ މަހާނަފުޅުގައި ޖަހާފައިވާ ގަލުގެ އުސްމިނުގައި ފަސް ފޫޓު ހުރެއެވެ. ފުޅާމިނުގައި ދެ ފޫޓު 3.5 އިންޗި ހުރެއެވެ. ބޯމިނުގައި ނުވަ އިންޗި ހުރެއެވެ. މި ގަލުގެ ގޮޑިގަލުގެ ދިގުމިނުގައި ހުންނަނީ 28 އިންޗިއެވެ. އުސް މިނުގައި ހަތް އިންޗިއެވެ. ބޯ މިނުގައި 16 އިންޗިއެވެ.

މަހާނަގަލުގައިވާ ލިޔުން

ކަބާ ޢައިޝާ ރަނިކިލެގެފާނުގެ މަހާނަގަލުގައި ދިވެސް އަކުރުން ލިޔެފައިވާ ލިޔުން ޙަސަން އަޙުމަދު މަނިކު (1979) ނަކަލު ކުރައްވާފައި ވެއެވެ.

"ހިޖުރައިން 70 (1076) މިވަނައި ސިރީ ކުލަ ސުންދުރަ ކައްތިރި ބޮވަނަ މަހާރަދުންނަށަ މި ކަބާފާނު ރާދަ ކިހުނު ފަން ސިރީ ކުލަ ރަން މީބަ ކައްތިރި ބޮވަނަ މަހާރަދުންގެ ސމ (18) މިވަނަ އަހަރު ޝަޢުބާންމަހު 2 (9) މި ވަނަ އާދިއްތަ ދާ މ (5) މިވަނަ ސާޢަތު މި މާފިލާފުށީ ޚަތީބު އަލިކޮށަލި ކިލަގޮއް ސިއްތި ބޮޑުކަމަނާ ކިހުނު ފަން ސާސްކަ ފުރަދާނަ ކަބާ ޢައިޝާ ރަނި ކިލެގެ ޢުމުރުފުޅު އާހި އަހަރުން ބައި މިތައް އަހަރު ރަދުންގެ ސިންގާ ސަމިޔާ ރެދަ ވޮޑިގެން މި ސަރިދާރަ ލައްސަ މަތީ ފުރަ އަންބަވެ ފަސްދާނައަށް ވޮޑިގަތްކަމު ހަދާން"

ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން ނެރުއްވި "މާލޭ ހުކުރު މިސްކިތް" މި ފޮތުގައި މި މަހާނަ ގަލުގައިވާ ލިޔުން ނަކަލުކުރެއްވިއިރު ޙަސަން އަޙްމަދު މަނިކު (1979) ނަކަލު ކުރައްވާފައިވާ ގޮތާ ކުދިކުދި ތަފާތުތައް ހުރެއެވެ. ޙަސަން އަޙްމަދު މަނިކު (1979) ގެ ނަކަލުގައި ގަލުގައި އޮތް ނުވަ ފޮޅުވަތް ނަކަލު ކުރައްވާފައިވަނީ ވަކިވަކިން ފޮޅުވަތުގެ އަދަދު ވެސް ދެއްވައިގެންނެވެ.

ކަބާ ޒިޔާރަތުގައިހުރި މަހާނަގަލުގައިވާ ލިޔުމާއި ޒިޔާރަތުގެ ބެރީގައި ލިޔެފައިވާ ލިޔުމަކީ ތަފާތު ދެ ލިޔުމެކެވެ. ބެރީގައިވާ ލިޔުން ތަފުސީލުވެފައި ސާފެވެ. ގަލުގައިވާ ލިޔުމުގެ ބައެއް ތަންތަން އެހާ ސާފެއް ނޫނެވެ. އެންމެ ބޮޑު ތަފާތަކީ ތާރީޚުގައިހުރި ތަފާތުތަކެކެވެ. ދިވެސް އަކުރުން ލިޔެފައިވާ އެ ލިޔުމުގައި ވެއެވެ.

"ހިޖުރައިން އެކު ސާސްތުރަ ސަހަތްތަރި ވަނައި ސުވަސްތީ ސިރީ މަތަމަހާސިރީ ބުރިކުސަ ފުރަދާނަ ސިރީ ކުލަރަންމީބަ ދަނާލަވީރަ ސިންގަ ނަވަރަންނަ ކީރިތި އައުދާނަ ކައްތިރި ބަވަނަ މަހާރަދުންގެ އަށާރަވަނަ އަވެރުދު ޝަޢުބާންމަހު ނުވަ ދުވަސްވީ އާދިއްތަ ދުވަހު ފަސްވަނަ ސާޢަތު މާފިލާފުށީ ޚަތީބު ކޮށަލި ކިލަގޮށް މާފިލާފުށީ މުޙައްމަދު ފާށަނާއިކަލޯގެ ދި ސިއްތި ބޮޑުކަމަނާ ރާދަކިހުނުފަން ނަވަރަންނަ ސާސްކަ ފުރަދާނަ ކަބާ ޢައިޝާ ރަނިކިލެގެ ޢުމުރުފުޅުން ހިޔަ އަހަރުން ތޭހައްޓި އަހަރު ރަނިކަން ކުރައްވާ ފައި މި ސަރިދާލޭއްސަ ދާންމަތީމެ ފުރައަންމަވި ހިދު މި އިސްކަންދަރު މަހާރަދުން ހެއްދެވި މި ދަނާރު ދަނާމަތީ ރަނިކަމުގެ ޒީނަތުގައި ފަސްދާނައަށް ވޮޑިގެން އައްމަސް ދުވަހު ޤުރުއާން ކިޔަވައި، އަދާރައްބަ ޚައިރާތުކުރައްވައިފައި ހަތިކޮޅުހުށެ ކާށިދުވަށް ދާދެން މިދެ މެދުނައި އަންހެން ފިރިހެން އެންމެ އަޅުތަކުނަށް މާކެއިން ކާންދެއްވައި ޒިޔާރަތު ފަރަހަރަ ދަނާވަތީ ހައްދަވައި ފަސް ކިޔަވަނީން ލައްވައި މިކިއަލަނީންމެދުން މި ދަނާރު ފަސް ވަގުތު ބަންގިދޭ މުދިމަކު އިސްކުރައްވައި ދަރުމަކުރައްވައި އައި ޒިޔާރަތް ފަންގެއަށް މާލެ އަތޮޅު ހިންމަފުށީން ސަތޭކަރުއް ލައްވައި މި ޒިޔާރަތު ބޯގަކަމަށް ކޮވަންދިންމަޑުލު މިކަބާފާނު އަމިއްލަކޮޅުދޫ ރިހާކިއާ ފުށިގަނޑާއި މުތްގަރިހާ (ނުވަތަ ނުމޮރިހާ) ކިޔާ ފުށިގަނޑާއި ދެގަޑު ރަށް ލައްވައި ދަރުމަކުރައްވައިފީކޮށު. މިތަކެތީގެ މަންފާއިން ޒިޔާރަތު ފަންގެހާއި މި ރަނިކިލެގެފާނާއި މިރަދުންގެ ފާނާއި މި ކަބާފާނު ރާދަކިހުނު ފަންމެ ވަޒީރު ޙަސަން ފާށިނާއިކިލެއާއި މިތިން މައިކަނބަލުންނަށް ދަރުމަވަނިކޮށް މި ޒިޔާރަތް ދޮށުތިބެ ކިޔަވަން ނިކުމެ އެކި ފަހަރު ކޮންމެ ދުވަހަކު ޔާސީން ސޫރަތް ކިއެއްވުމާއި އަހަރުން އައުނަހަ ފަސްދާނަ މިތިން މައިކަނބަލުންނަށް ޒިޔާރަތް ފަރިއޮޅު ނެރުނުމާއި މިކަންތައް މިމަގުން ކުރަނީކޮށު. މި ވިދާޅު ބަސްފުޅާއެކު މިކިއަވަނީން ރުހި ބަލައިގެންފި ކަމާއި"

މި ދެ ލިޔުމުގައި ހުރި ތަފާތުތައް ދިރާސާކުރައްވައި މި ދެ ލިޔުމުގެ ތެރެއިން ރަނގަޅު ތާރީޚުތައް ލިޔެފައިވަނީ ބެރީގައިވާ ލިޔުމުގައި ކަމަށް ޙަސަން އަޙުމަދު މަނިކު (1979) ބުރަވެވަޑައިގަންނަވައެވެ. ގަލުގައިވާ ލިޔުމުގައި ކަބާ ޢައިޝާ އަވަހާރަވީއިރު އުމުރުފުޅެއް ކަމަށް ލިޔެފައިވަނީ "އާހި އަހަރުން ބައި" ކަމަށެވެ. އެއީ 86 އަހަރުފުޅެވެ. ކަބާ ޢައިޝާ އަވަހާރަވީ ކަމަށް ބެރީގައިވާ ލިޔުމުގައި ވަނީ "ހިޔަ އަހަރުން ތޭހައްޓި އަހަރު ރަނިކަން ކުރައްވާފައި" ކަމަށެވެ. ހިޔައަކީ 96 އެވެ. ތޭހައްޓިއަކީ 63 އެވެ. މި ތަނުގައި ލިޔެފައި މިވަނީ އެކަމަނާގެ ޢުމުރުފުޅާއި ރަނިކަން ކުރެއްވި މުއްދަތުކަމަށް ބެލެވެއެވެ.

ކަބާ އައިޝާއަކީ ދިވެހި ތިން ރަސްކަލެއްގެ އަނބިކަނބަލުންނަށް ވެވަޑައިގެން މަހާރެހެންދިއެކެވެ. އެއް ރަސްކަލެއްގެ މައިކަނބަލަކަށްވުމުގެ ޝަރަފު ވެސް ލިބިވަޑައިގަތެވެ. އެހެން ދެ ރަސްކަލެއްގެ މާމާފުޅެކެވެ.

ކަބާ ޢައިޝާ ރަނިކިލެގެފާނަށް މާމަ ވިދާޅުވާ އައްސުލްޠާން ކުޑަ މުޙައްމަދު ސިރީމަނިރަން ލޯކަ މަހާރަދުން (1687 އިން 1691 އަށް) އަވަހާރަވީ ބަޑި ބޭސްތަކެއްގައި އަލިފާން ރޯވެގެން ހިނގި ހާދިސާއެއްގައި މަންމާފުޅު މަރިޔަމް ކަބާ (ތާރީޚުގައި މަޝްހޫރު އެނދި މަރިޔަބު) އާއެކުގައެވެ. އޭގެ އަނެއް ދުވަހު ކަން ހިނގިގޮތް އަލްޤާޟީ ޙަސަން ތާޖުއްދީނުގެ ތާރީޚުގައި ލިޔުއްވައެވެ.

"ހެނދުނު އެންމެ ގަނޑުވަރަށް އެއްވެ ބުނެފޫއެވެ. ކަބާ ޢައިޝާގެ ދަރިކޮޅު މީހަކަށް ނޫނީ ރަސްކަން ނުދޭނޫއެވެ. އެ ދަރިކޮޅުގެ ފިރިހެން ބޭފުޅަކު ތަސައްރަފު ފުދިފައި އެބަ ހުންނެވިއެވެ. އެއީ ކަބާފާނުންގެ ފުތް ޙަސަން ފާށަނާ ކިލެގެފާނުގެ ފުތް މުޙައްމަދު މަނިކުފާނެވެ. ދެން އެ މަނިކުފާނުން ގެނެސް ރަސްކަމުގެ ތަޚުތުގައި ވެޑުވިއެވެ." މި ހާދިސާއިން ވެސް އެ ކަމަނާ ދިވެހިރައްޔިތުންގެ ލޯބި ހޯއްދަވާފައިވާވަރު ތަސައްވުރު ކުރެވެއެވެ.

މަޢުލޫމާތު

  • ޙަސަން އަޙްމަދު މަނިކު (1979) ދިވެހިތާރީޚުގެ ޝަޚްސިއްޔަތެއް ކަމަށްވާ ކަބާ ޢައިޝާ. ފަތްތޫރަ 9، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު
  • މާލޭ ހުކުރު މިސްކިތް (ތނ) ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.

 

  • މައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން ނަގައިފައި

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.