އީރާނުގެ އިސްލާމީ އިންޤިލާބަށް ލިބުނު ނަޞްރަކީ އިސްލާމީ އަދި އަރަބި އުންމަތަށް ލިބުނު ވަރަށް ބޮޑު ނަޞްރެއް ކަމަށް އީރާނުގައި ހުންނަވާ ފަލަސްޠީނުގެ ސަފީރާ ސަލާމުއްޒަވާވީ ވިދާޅުވެ އީރާނުން ފަލަސްޠީނުގެ ރައްޔިތުންނަށް ވެދޭ އެހީތަކަށް ތާރީފު ކުރައްވައިފިއެވެ.
އީރާނުގެ ނޫސް އޭޖެންސީތަކާއި ފަލަސްޠީނުގެ ޚަބަރުފަތުރާ ވަސީލަތްތަކުން ސަފީރާ ޒަވާވީގެ މި ބަޔާން ދުރަށް ފެތުރުމުން މީސްމީޑިޔާގައި އޭނާއަށް ފާޑުކިޔުންތައް އިތުރުވެގެން ދިޔައެވެ. އީރާނުގެ ރައީސަށް އޭނާ ސަފީރުކަމުގެ ފަތްކޮޅު އަރުއްވަމުން ވިދާޅުވިއެވެ. ޒަޔޮނިސްޓް ސަރުކާރާއެކު ގުޅުންތައް ޠަބީޢީ ކުރަމުންދާ ޢަރަބި ޤައުމުތަކާއި އިސްލާމީ ބައެއް ޤައުމުތަކުން ފަލަސްޠީނު ރައްޔިތުންގެ ޙައްޤުތަކާއި މި ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ ޤަރާރުތަކަށް ވަނީ ބީރު ކަންފަތެއް ދީފައެވެ. އެ ސަރުކާރުތަކުން ފަލަސްޠީނުގެ މަސްއަލައަށް ފުރަގަސްދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިނިވަން ފަލަސްޠީނު ދައުލަތް ޤާއިމު ކުރުން
ފަލަސްޠީނުގެ އައު ސަފީރާ ވިދާޅުވިއެވެ. "އެންމެފަހުގެ ނަޞްރާއެކު އަޅުގަނޑުމެން އުންމީދު ކުރަނީ ފަލަސްޠީނުގެ މިނިވަން ދައުލަތް ޤާއިމު ކުރެވި މި ދައުލަތުގެ ވެރިރަށް ކަމުގައި ޤުދުސް ވުމަށެވެ. އަދި އެއާއެކު އާޔަތުﷲ ޚާމަނައީގެ ޒަޢާމަތުގެ ދަށުގައި އަޤްޞާގައި ނަމާދު ކުރުމުގެ ޤާބިލުކަން ލިބިގެން ދިޔުމަށެވެ." ސަފީރާ ޒަވާވީ މިހެން ވިދާޅުވުމުން ފަލަސްޠީނުގެ މަގުތައް ކެކި އުތުރިގެން ދިޔަކަމަށް ފަލަސްޠީނުގެ ނޫސް އޭޖެންސީތައް ބުންޏެވެ. ބައެއް ޓްވީޓްތައް ސިފަކުރިގޮތުގައި ސަފީރާއަކީ އީރާނުގެ އޭޖެންޓެކެވެ.
އީރާނުގެ ރައީސް އިބްރާހީމު ރައީސީ ޖަވާބުގައި ވިދާޅުވިއެވެ. "ޒަޔޮނިސްޓް ޢަދުއްވުން މައްޗަށް ނަޞްރު ހޯދާދޭނޭ ތަޅުދަނޑިއަކީ ފަލަސްޠީނުގެ ތަފާތު އޮއިވަރުތަކާއި ސިޔާސީ ޖަމާޢަތްތައް އެކަތިގަނޑަކަށް ވެ އަތުގުޅައިލުމެވެ." އޭނާ ވިދާޅުވިގޮތުގައި ޤުދުސް މިނިވަން ކުރެވޭނީ ފަލަސްޠީނުގެ އެންމެން އެކަތިގަނޑަކަށް ވެގެންނެވެ. އީރާނުގެ ރައީސް އިބްރާހީމު ރައީސީ ވިދާޅުވިގޮތުގައި ޢަރަބި ބައެއް ޤައުމުތަކުން އިސްރާއީލާއެކު ގުޅުންތައް ޤާއިމުކުރުމުގެ ސަބަބުން އިސްލާމީ ދުނިޔެއާއި ޢަރަބި ދުނިޔެއާއި ސަރަޙައްދީ މަސްއަލަތައް ވަނީ އޮޅުންބޮޅުންވެ ތަޢުޤީދުވެފައެވެ.



advertisment